8 މާރޗް 2019 އާއި ގުޅޭ…
“ދެން ދަނީ. ހީކުރަން ކޮންމެވެސް ދުވަހަކުން ދިމާވާނެކަމަށް. މަ ޒީ ދެކެ ލޯބިވިއަސް ޒީގެ ދިރިއުޅުމަށް ވަންނާކަށް ނެތިން. މަ ކޮންމެ ތާކު އުޅުނަސް ޒީގެ ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބަލާނަން. މަ ޒީ ދެކެ ލޯބިވުން އެއީ ހަޔާތުގައިވެސް ކުރެވުނު އެންމެ އުފާވާ ކަންތައް. މިވާހަކަ ދައްކަން ބޭނުންވިއަސް ނުވިއަސް އަބަދުވެސް ޒީ ދެކެ މަ ލޯބިވާނަން. ޒީ ނޫން އެއްވެސް ކުއްޖެއް މަގޭ ދިރިއުޅުމަކަށް ނާންނާނެ.” ޒުހުރީ އިތުރަށް އެތަނުގައި މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ބުނަން ބޭނުން ހުރިހާ ވާހަކަތަކެއް ބުނެލިއެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ޒީނާ އަށް ބަލަން ހުރުމަށްފަހު އޭނަގެ ޖީބުން ފޯނުނެގިއެވެ.
“ސްމައިލް ޕްލީޒް..” ފޯނުން ކެމެރާ އިން ޒީނާގެ ހަނދާނަކަށް ފޮޓޯއެއް ނެގިއެވެ. ޒީނާ ހިނިތުންވުން ފޮޓޯއިން ފެނުނު ކަމުގައި ނުވިއަސް ޒުހުރީއަށް އެވަރުންވެސް ފުދިގެން ދިޔައެވެ. ޒީނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޒުހުރީގެ ހިތަށް ކުރަމުން ދިޔަ އަސަރު އޭނަގެ ދެލޮލުންވެސް ފާޅުވަމުން ދިޔައެވެ. ޒީނާދެކެ ޒުހުރީއަށް ވެވުނީ ހަޤީގީ ލޯތްބެވެ. ޒީނާއަށް އެންމެ ފަހު ނަޒަރަކުން ބަލާލަމުން ޒުހުރީ އެގެއިން ނުކުތެވެ. އޭނަ ބަލައިގޮތުން ހީވަނީ މުޅި އުމުރަށްވެސް އެސޫރައާއި ވަކިވެގެން ދަނީ ހެންނެވެ. ޒީނާއަށް ހުރެވުނީއެވެ. ޒުހުރީއަށް ލޯބި ހައްޤު ނުވިއަސް ހިތުގެ އަޑިން ޒީނާއަކީ އޭނަގެ މީހެއްކަމަށް ޤަބޫލުކުރިއެވެ.
***
ޒުހުރީ އުޅުނީ ކޮޓަރީގައި ވަރަށް އަވަދިނެތިއެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އަވަދިނެތި ފޮއްޓަށް އެއްޗެހިތައް އެޅުމުގައެވެ. ހީވަނީ ކޮންމެވެސް ތަނަކަށް ދާން އުޅެނީހެންނެވެ. ކޮޓަރިއަށް ނަޒަރު ހިންގާލުމަށްފަހު ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެނދުމަތީގައި އޭނަގެ ޕާސްޕޯޓާއި ޓިކެޓްވެސް ބާއްވާފައި އޮތެވެ. ޖީބުން ފޯނު ނެގުމަށްފަހު ޓެކްސީއަށް ގުޅިއެވެ. ފޮށި ހިފައިގެން ތިރިއަށް ދަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމަށްފަހު ކޮޓަރިން ނުކުތެވެ. ފޮށިހިފައިގެން މަގުމައްޗަށް ނުކުމެވުނީ ހައުލާގެ ކުރިމައްޗަށެވެ.
“ތަނަކަށް ފުރަނީތަ؟” ހައިރާންވެފައި ހުރެ ހައުލާއަށް އަހާލެވުނެވެ. ޒުހުރީގެ މޫނުމަތިން ފެންނަމުންދިޔައީ މާޔޫސްކަމެވެ. އޭނަގެ މޫނުމަތިން އެއްވެސް ތާޒާކަމެއް ނެތެވެ.
“ފުރަން މިއުޅެނީ.. ރާއްޖެ ދޫކޮށްފައި މަންމަމެން ގާތަށް މެލޭއަށް” ޒުހުރީ މަޑުމައިރިކަމާއެކު ޖަވާބު ދިނެވެ. ހައުލާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ޒުހުރީއަށް އެވަރުގެ ބޮޑު ނިންމުމެއް ނިންމީ ކީއްވެބާއޭ ހައުލާގެ ހިތަށް އެރިއެވެ.
“އަހަރެން ނެތަސް އަހަރެން މަތިން ހަނދާންކުރާތި. އަބަދުވެސް ހައު އަށް ހިތްހެޔޮ ކުރާނަން. ކުށެއް ކުރެވިފައިވާނަމަ މާފަށް އެދެން. އަހަރެމެން ދެމީހުންގެ މެދުގައި ހިނގާދިޔަ ކަންތައް އެއީ އަހަރެމެންގެ ކުށް.. މަ ވަރަށް ކެތްކޮށްފިން މިތާ އުޅެވޭތޯ.. އެކަމަކު ދެން ނޫޅެވޭނެ…” ޒުހުރީގެ ވާހަކަތަކުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ހައުލާއަށް ވިސްނުނެވެ.
“އަހަލެވީދާނެތަ ޒުޒުއަށް ތިވަރުގެ ބޮޑު ޗޭންޖެއް އައީ ކީއްވެކަން.؟ މަށަށް އެނގޭހާވެސް ކަމަކީ ޒުޒު ޒީނާދެކެ ލޯބިވާކަށް. އެކަމަކު ތިވަރުގެ ބޮޑު ޑިސިޝަނެއް ނަގަންޖެހުނު އެއްވެސް ރީޒަންއެއް ނޭންގުނު..” ޒުހުރީ އެވަރުގެ ބޮޑުކަމެއް ނިންމައިގެން ރާއްޖެ ދޫކޮށްލާފައި ދާން ޖެހޭނީ ކޮންމެވެސް ބޮޑުކަމެއް ވެގެންނެވެ. ހައުލާއަށް އެނގޭހާވެސް ކަމަކީ ޒުހުރީއަށް ބަދަލުތަކެއް އައިކަމެވެ.
“ޒީނާ ލޯބިވަނީ އެހެން މީހަކުދެކެ. މިހާރު އެދެމީހުން އުޅެނީ އެކަކު އަނެކާއެކު ނުލާހިކު ލޯބިން.. ޒީނާ އުފަލުގައި އުޅެންޏާ އަހަރެންވެސް އުޅޭނީ އުފަލުގައި..” ޒުހުރީގެ ހިތުގައި އަލަމުންދިޔަ ވޭނަކަށް ޒުހުރީއަށް ކެތެއްނުކުރެވުނެވެ. އޭނަގެ ދެލޯ ފެންކަޅިވިއެވެ. ވެވުނު ލޯބިމަތިން ހަނދާން ނައްތާލަން އޭނައަށް ގޮތެއް ނިންމާލެވުނީ ވަރަށް ވިސްނުމަށްފަހުގައެވެ. އެއީ ފަސްގަނޑު ދޫކޮށްލާފައި ފުރައިގެން ދިއުމެވެ. ބައެއްގެ ދިރިއުޅުމަށް ވަންނާކަށް ޒުހުރީއެއް ބޭނުމެއް ނުވިއެވެ.
“އޭނަ ލޯބިވަނީ އިޒުވާނު ދެކެ. ހައުލާ އޭނަގެ ދިރިއުޅުން ހަލާލުކޮށްނުލާތި. އަހަރެންގެ ވަރަށް ބޮޑު އެދުމެއް. އެދެނީވެސް އެކަހަލަ ކަމެއް ހައުގެ ފަރާތުން ނުފެންނާނެ ކަމަށް. ހައު ވެސް ހައުގެ ދިރިއުޅުމާއިގެން ކުރިއަށް ދޭ..” ޒުހުރީ ވާހަކަދައްކައި ނިމުނު އިރު ޓެކްސީވެސް އައިސް މަޑުކޮށްލިއެވެ. ހައުލާއާއި ސަލާމްކޮށްލުމަށްފަހު ގޮސް ޓެކްސީއަށް އެރިއެވެ. އޭރުވެސް އޭނަގެ ލޮލުން ކަރުނަތައް ޖަމާވަމުން ދިޔައެވެ.
ޒުހުރީ ޓެކްސީއަށް އެރުމާއެކު ޓެކްސީވެސް އޭނަގެ ދަތުރުގެ މަންޒިލަށް މިސްރާބު ފެށިއެވެ. ޒީނާ ދެކެ ވެވެނު ލޯބި ރާއްޖެ ފަސްގަނޑަށް ކަފުން ކުރުމަށްފަހު ޒުހުރީ ފުރައިގެން ދަނީ ޒީނާމަތިން ހަނދާންނައްތާލެވޭތޯއެވެ. ޒީނާ ނޫން އެހެން އަންހެންކުއްޖެއް އޭނަގެ ދިރިއުޅުމަށް ގެންނާކަށް ޒުހުރީ ބޭނުމެއް ނޫނެވެ. ޒުހުރީގެ އުއްމީދަކީ ކޮންމެވެސް ދުވަހަކުން ޒީނާއާ ބައްދަލުވުމެވެ. އޭނަގެ މީހަކަށް ވުމެވެ.
“ބަކަރ. ކަލޭ ހީކުރީ އެ އިޒުވާނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެކަމަށްތަ؟ މަ ހަށީގަ ނޭވާ ހިންގާހާ ހިނދަކު އޭނައަށް ކުޑަނަމަވެސް އުފަލެއް ލިބޭކަށް މަ ބޭނުމެއްނޫން. ލޯތްބަކީ ކިހާ ވޭނެއް ހުރިކަމެއްކަން ދައްކާލަފަ ނޫނީ ލޮލުފިޔައެއްވެސް ޖަހާނުލާނަން..” ޒުހުރީ ދިއުމުން ހައުލާ އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން ދިޔައެވެ. ހައުލާގެ މަޤުސަދަކީ އަދިވެސް އިޒުވާނަށް ލޯތްބަކީ ކޮބައިކަން އޭގެ އެންމެ ހިތިގޮތުގައި ދައްކާލުމެވެ.
ފެރީއިން ފައިބައިގެން ދަބަސް ދަމަމުން ޓާރަމިނަލް ތެރެއަށް ހިނގަމުން ދިޔައެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. ހިތާމައެވެ. ޒުހުރީ ދަނީ ދުވަހަކުވެސް ރާއްޖެ ފަސްގަނޑަށް ނާރަން އަޒުމު ކަނޑައަޅައިގެންނެވެ. ޒީނާގެ ލޯތްބާއި ދުރަށް ފުރައިގެން ދަނީ ދިވެހި ފަސްގަނޑުގައި އުޅެން ކެތް ނުކުރެވޭނެތީއެވެ. ރާއްޖޭގައި އުޅެންނާއި ޒީނާ ފެންނަން ހިސާބަށް ޒުހުރީއަށް ދެވޭނެތީއެވެ.
ޒުހުރީ ހިނގަމުންދިޔައީ ފުންވިސްނުމެއްގެ ތެރޭގައި ހުރެގެންނެވެ. ޒުހުރީ ހުއްޓުނީ މީހަކު އޭނަގެ އަތުގައި ހިފުމުންނެވެ. ފަސް އެނބުރިފައި ބަލާލެވުނެވެ.
“ޒީ” ޒުހުރީއަށް ޒީނާ ފެނުމާއެކު ޒީނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިތް ބާރު ބާރަށް ތެޅިގަތެވެ. އެންމެ ފަހުވަގުތުގައިވެސް ޒީނާގެ ސޫރަފެނުނީއެވެ.
“ޒުހުރީ ދަނީތަ؟” ކޮންތާކަށް؟” ސުވާލުން ފުރިގެންވާ ގޮތަކަށް ޒީނާ ބަލަހައްޓައިގެން ހުރެފައި ބުންޏެވެ. ޒުހުރީއަށް ދޭނެ ޖަވާބެއްވެސް ނޭންގުނެވެ. ޒީނާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެންމެ ފަހުވަގުތުވެސް ޒީނާގެ ސޫރަ ފެނުމުން ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް މިއަދު އޭނަ އެދަނީ އޭނަގެ ހިތުގައި ޒީނާގެ ސޫރަ ރައްކާކޮށްފޮރުވައިގެން އެ ލޯތްބާއިވެސް ދުރަށެވެ. މުޅިން އެހެން މަންޒިލަކަށް ދާށެވެ. މުޅިން އެހެން ދިރިއުޅުމެއް ލިބޭނެ ކަމަށް އުއްމީދުކޮށްގެންނެވެ.
“ފުރަން މިދަނީ. ޒީ އުޅޭ ތަނެއްގައި އުޅޭނެހާ ހިތްވަރެއް ނެތް. ޒީ ދެކެ ލޯބިވެވުނީ. އެއީ މަށަށް ކުރެވުނު ކުށެއް ނަމަވެސް އެކަމާ އުފާކުރަން. މަ ފުރައިގެން މިދަނީ ޒީގެ ދިރިއުޅުމާއި މިފަސްގަނޑާއި ދުރަށް. ޒީގެ ކޮންމެ އުފަލަކީވެސް ހަމަ އަހަރެންގެ އުފަލެއް ގޮތުގައި ދެކޭނަން.. ކޮންމެ ހިތްހަމަ ޖެހުމަކީ ހަމަ އަހަރެންގެ ވެސް ހިތްހަމަ ޖެހުމެއްކަމުގައި ބަލައިގަންނާނަން. ޒީ ދެކެ ވެވުނު ލޯބި މަތިން ހަނދާން ނައްތާލެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރާނަން…” އިތުރު އެއްވެސް ވާހަކަތަކެއް ނުދައްކާ ޒީނާގެ އަތުގައި މަޑުމަޑުން ހިފާލަމުން ސަލާމްކޮށްލިއެވެ. ޒުހުރީ ފަސްއެނބުރިބަލައިވެސް ނުލާ ހިނގައިގަތެވެ. އޭނަގެ ހިތަށް ކުރަމުންދާ އަސަރު އޭނަ ނޫން ދެވަނަ އެހެން މީހަކަށް އިހްސާސްވެސް ނުކުރެވޭނެއެވެ. އޭރުވެސް އޭނަގެ ލޮލުގައި ކަރުނަތައް ޖަމާވަމުން ދިޔައެވެ. ޒީނާއަށް ޒުހުރީއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒުހުރީ ފަސްއެނބުރި ބަލައިވެސް ނުލާ އެތެރެއަށް ވަދެގެން ދިޔައީއެވެ.
ޒީނާއަށް ކޮންމެ ގޮތެއްވިއަސް ޒުހުރީ ގެއްލުނީއެވެ. ޒީނާގެ ހިތަށްވެސް އަސަރު ކުރުވައިފިއެވެ. އެކަން އޭނަގެ މޫނުމަތިން ހާމަ ވަމުން ދިޔައެވެ. ޒުހުރީ އޭނަ ދެކެ ލޯބިވުން އެއީ އޭނަގެ ކުށެއް ނޫނެވެ. ލޯތްބަކީ ބުނެދޭންވެސް ނޭންގޭ ޖަޒުބާތެކެވެ. ޒުހުރީއަކީ ގޯސް އިންސާނެއް ނޫނެވެ. ހިތްހެޔޮ އޯގާތެރި މީހެކެވެ. ނަމަވެސް ޒުހުރީ ވަކިވެގެން ދިޔައީއެވެ. ޒުހުރީ ވަކިވެގެން ދިއުންވެސް އެއީ ޒީނާގެ ހަޔާތަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެކެވެ.
***
ސަމާއާއި ޒީނާ ހަވީރުގެ ހިތްގައިމު ވަގުތު ސެންޓްރަލް ޕާރކުގައި ހުރި ގޮނޑިއެއްގައި ހަމަ ޖެހިލައިގެން ތިއްބެވެ. ޒީނާގެ މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމެވެ. ޕާރކު ތެރޭގައި ކުޑަކުއްޖަކު ކުޅެ ދުވެ އުޅެމުންދާ މަންޒަރު ބަލަން ސަމާ އިނީ ރީތި ހިނިތުންވުމަކާއެކުގައެވެ.
“މިހާރު ދެން މަވެސް ހިތްހަމަ ޖެހިއްޖެ.. އަޒުލީމު ހުންނާނެ އޭނަގެ ކުރި ކުށުގެ އިހްސާސްކުރެވިފަ. ވަރި ވެވުނީތީ މިހާރު އުފާކުރަން. އެހެން އަންހެނުންހެން މަށެއް ނުހުންނާނަން.” ސަމާ ފުންނޭވާއެއްލަމުން ވާހަކަ ދެއްކިއެވެ.
“އިޒުވާނުގެ މައްސަލަވެސް މިހާރު ނިމިއްޖެ. ސަމާ އަށް އެނގޭތަ؟ އިޒުވާނަށް އަހަރެން މައާފު ދިނީތީ އޭނަވެސް ސަލާމަތް ވެއްޖެ. އެއްވެސް ހާލެއްގައި މަ އެގޮތަށް ކަންތައްކުރީ އިޒުވާނު ދެކެ ލޯބިވާތީއޭ ކިޔާފައެއްނޫން. އީމާގެ މަރު އިޒުވާނު އަތުންވެގެން ދިޔައީ.. މިއަދު އަހަރެންނަށް އެހެންވީ ނަމަވެސް އީމާ ކަންތައްކުރާނީ ހަމަ މިހެންކަން ޔަޤީން. އީމާއަކީ ދުވަހަކުވެސް މީހަކަށް ދެރަގޮތެއްވާން އެދުނު ކުއްޖެއްނޫން. އިޒުވާން އޭނަގެ ކުށްވެސް ޤަބޫލުކުރި. އީމާގެ ހުރި މީހަކީވެސް އަހަރެން. އަހަރެން ބަޔާން އަނބުރާ ގެނައީ އިޒުވާނަށްވެސް ރަނގަޅަކަށް. މައްސަލަތަކެއް ކްރިއޭޓްކޮށްގެން ކޯޓުތަކަށް ގޮސް އުޅޭނެ ހިތްވަރެއް ނެތް. ކުށް ކުރެވޭނީވެސް އިންސާނުންނަށް. މާފު ދިނަސް ބަދަލު ނުވާނެ މީހުން ދުނިޔޭގައި އުޅޭނެ. މަންމަ އަބަދުވެސް ބުނާނެ އެމީހަކު ކުރިކަމެއް އެމީހަކަށޭ. މައާފު ކުރައްޗޭ..” ޒީނާގެ ވާހަކަތަކުން ސަމާގެ ދެލޯ ފެންކަޅިވިއެވެ. ޒީނާ ކަހަލަ ހެޔޮ ވިސްނޭ ކުއްޖަކު އޭނަގެ ދިރިއުޅުމުގައި ލިބުނު ކަމަށްޓަކައި ﷲއަށް ޙަމްދު ކުރެވުނެވެ.
“ދެން މިހާރު ލައިފްވެސް ސަޅިއެއްނު. އިޒުވާނުވެސް ޒީގެ މީހަކަށްވީ. މަވެސް ކުޑަދުވަސްކޮޅަކު މިހެން ހުންނާނީ. މީހަކާ ރައްޓެހިވިއަސް ދެން ވަރަށް ވިސްނާފަ ނޫނީ ނުވާނަން. ލައިފް އިޒްސޯ ސްޓްރޭންޖު ދޯ..” ޒީނާގެ މޫނަށް ބަލާލަމުން ސަމާ ހިނިތުން ވެލިއެވެ.
***
ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ފާއިތުވަމުންނެވެ. މީހުންގެ ދިރިއުޅުމާއި އިހްސާސްތައް ވެސް އެއީ ބަދަލުވަމުންދާ ކަމެކެވެ. ސަމާއަށްވެސް އަޒުލީމުގެ ކިބައިން މިނިވަންވެ ދިރިއުޅުމައިގެން އާ ހަޔާތަކަށް ދަތުރުކުރަން ފެށިއެވެ. ޒީނާއާއި އިޒުވާނު ލޯބީގެ ސަފްހާތަކެއް އަމާން އޮމާންކަމާއެކު ކަޑައްތު ކުރަމުން ދިޔައެވެ. ނަމަވެސް ހައުލާ އަކީ އޭނަގެ ގޮތުގައި ބަދަލުވުމެއްނެތި ދިރިއުޅުމައިގެން ދަތުރުކުރަމުންދާ ހަމަ އެކަނި މަޙްލޫޤަށްވުން އެކަށީގެން ވެއެވެ. އަދިވެސް ހައުލާގެ މަންޒިލަކީ އަމާން އޮމާން ފަސްގަނޑަކަށް ވާސިލުވުމެވެ. އެދިމާއަށް ދަތުރު ކުރަމުންދަނީ ވަރަށް ބޮޑު މަޤްސަދެއް އޮވެގެންނެވެ.
މެންދުރުގެ ހޫނުގަދަ ވަގުތެކެވެ. ހައުލާ އިނީ އާންމުކޮށް އޭނަ ކޮފީބޯން އައިސް އިންނަ ޕޮއިންޓް ކެފޭ އަތިރިމަތީގައި ހުންނަ މޭޒެއްކައިރީގައެވެ. ކޮފީ އަކީ ޒުވާނުންގެ ދިރިއުޅުމާއި ގުޅިފައިވާ އެއްބައެވެ. އަތުގައި އޮތް ކެމަލް ލައިޓް ސިނގިރޭޓް ދަމާލުމަށްފަހު މައްޗަށް ދުންތައް ފޮނުވާލަމުން ދިޔައެވެ. މޭޒުމަތީގައި ސިނގިރޭޓް ފޮއްޓާއި ލައިޓަރުވެސް އެއްފަރާތެއްގައި ބާއްވާލާފައި އޮތެވެ. ޖެހިގެން ހުރި ގޮނޑިމަތީގައި ގެންގުޅޭ އަތްދަބަސް ބާއްވާލާފައި އޮތެވެ. ޖެހެމުންދާ ވައިރޯޅިން ހައުލާގެ އިސްތަށިގަނޑު ކޮޅުކޮޅަށް ވަޔާ ކުޅެމުން ދިޔައެވެ.
މޭޒުމަތީގައި ބާއްވާފައި އޮތް އައިނު ނަގާ މޫނަށް ހެޔޮވަރުކޮށްލަމުން ވެއިޓަރު މީހާއަށް އިޝާރާތްކޮށްލިއެވެ. ހަމަ އެވަގުތު އެމީހާ އާދައިގެ ހިނިތުންވުމަކާއެކު އައިސް އެތަނުގައި ހުއްޓުނެވެ. އެމީހާ އަމަލުތައް ހުރިގޮތުން ހައުލާ އާ އެމީހާ ހުންނަ ގާތްކަމެއް ފާހަގަކުރެވުނެވެ. އެތަނަށް އާންމުކޮށް އެމީހުން އައިސް އުޅޭތީ ހައުލާއަށް ކުރި އިހްތިރާމު އެމީހާ އުޅުނުގޮތުންވެސް ހާމަ ވެގެން ދިޔައެވެ.
ހައުލާ ކޮންމެވެސް އެއްޗެކޭ ބުނުމުން އެމީހާ ހިނގައިގަތެވެ. ދެން އައިސް ހުއްޓުނީ ބޭންކް އޮފް މޯލްޑިވްސް ކާރޑު މެޝިން ހިފައިގެންނެވެ. ބިލަށް ފައިސާ ކެނޑުމަށްފަހު އެމީހާ އަތަށް ސަތޭކަ ރުފިޔާ ވޮލެޓުން ނަގައި ދިނުމަށްފަހު އެމީހާއަށް ހިނިތުންވުމެއް ފޮނުވާލަމުން ގޮޑިން ތެދުވިއެވެ. ހައުލާ ހިނގާލާފައި ދިޔަ ގޮތުން އޭނަ ހުރީ ހަމައިގައިނޫންކަންވެސް އެނގިގެންދިޔައެވެ. މަސްކިރާ ބޯޓެއް ހޫރެމުންދާހެން ހޫރެމުން ދިޔައެވެ. ދެއަތަށް ފާޑަކަށް ކިރެމުންގޮސް މަގުމައްޗަށް ވާގޮތަށް މަޑުކޮށްލިއެވެ.
ޒީނާއާއި އިޒުވާނު އަތާއި އަތް ގުޅުވާލައިގެން ހެމުން ސަކަރާތް ޖަހަމުން އަންނަ މަންޒަރު ހައުލާގެ ލޮލުގައި އަޅައިގަތެވެ. އިޒުވާނު ފެނުމާއެކު ލޮލުގައި އަޅާފައިވާ އައިނު ނަގާ ލައިގެން ހުރި ހެދުމުގެ ކަރުގައި އަޅުވާލިއެވެ. ދެލޯ ކުޑަކޮށްލުމަށްފަހު ޔަޤީން ކޮށްލުމުގެ ގޮތުން ފާޑަކަށް ބަލާލުމަށްފަހު އެއްމިޔަކަނުން ހީލިއެވެ. އަނެއްކާވެސް އައިނު ނަގައި މޫނަށް ހެޔޮވަރުކޮށްލިއެވެ.
ޖާހިލު ގޮތަކަށް އެމަންޒަރު ބަލަން ހައުލާ ހުއްޓެވެ. އިޒުވާނާއި ޒީނާ އެހިސާބަށް އަރައި ހަމަވަންދެން ހައުލާ މަޑުކޮށްލައިގެން ހުއްޓެވެ. އެމީހުން އެހިސާބަށް އަރައި ހަމަވުމާއެކު ހައުލާ ގަސްތުގައި ގޮސް އިޒުވާނުގެ ގައިގައި ބާރަށް ޖެހިގަތެވެ. މީހަކު ޖެހުނުލެއް ބާރުކަމުން އިޒުވާނަށް ބަލައިލެވުނެވެ. ޒީނާއަށްވެސް ސިހިފައި ބަލައިލެވުނެވެ.
“ބޮއެގެން ހޭބަލިވެގެން އުޅެވޭ ނޫޅެވޭގޮތެއްވެސް ނޭންގޭދޯ.. ބަލައިގެން އުޅެބަލަ. ކަލޭމެން ނޫނަސް އެހެން މީހުން އުޅޭކަން ދަނެގެން ހިނގާބަލަ..” އިޒުވާނު އެ ހުރިހާއެއްޗެއް ކިޔަމުން ދިޔައިރުވެސް ހައުލާ ހުރީ އެމީހުންނަށް ފުރަގަސްދީގެންނެވެ. އިޒުވާނު ވާހަކަ ދެއްކިގޮތުން ހައުލާގެ މޫނުމަތިން ވިހަ ހިނިތުންވުމެއް ފާޅުވަމުންދިޔައެވެ. ހައުލާ އިސްތަށިގަނޑު އެއްފަރާތަކަށް އަތުން ރީތިކޮށްލަމުން އެމީހުންނާއި ދިމާއަށް މޫނު ހަރަކާތްކޮށްލިއެވެ. ވިހަ ހިނިތުންވުމަކާއެކުގައެވެ. ޒީނާއަށާއި އިޒުވާނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެންމެ ބޮޑު ސިހުމެއް ލިބިގެން ދިޔައީ އިޒުވާނަށެވެ. ދުވަސްތަކަކަށްފަހު ހައުލާ ފެނުމުންނެވެ.
“އޫޕްސް. ސޮރީ.. އަހާން. އިޒުވާނުތަ؟” ހައުލާ ކުރިއަށް ފިޔަވަޅެއް އަޅާލަމުން އިޒުވާނާއި ގާތްވެލިއެވެ. ޗޮކެއް ކަނޑާލުމަށްފަހު އަނެއްކާވެސް ހައުލާ ވާހަކަ ދައްކަން ފެށިއެވެ.
“އެއްޗެކޭ ދޯ ތިބުނެލީ.. ޗީ ޗީ. ތިގޮތަށް ވާހަކަ ދައްކަން މާ ރަނގަޅުމީހެއްނޫން ތިއީ. ނުވެސް ގުޅޭ ތިބަހުރުވަތަކުން ވާހަކަ ދައްކާކަށް. ބަލަ އެހެންމީހުންވެސް ދުނިޔޭގައި އުޅޭކަން ދަނެގެން މަ އުޅެނީ.. ކަލޭ ތިއުޅެނީ ވޯލްޑް ރެކޯޑެއް ހަދަންތަ؟ ސޯ މަޗް ލަވް… ޒީނާގެ ބޭނުން ފުދެންދެން ކަލޭ އުޅޭނެ ތިހެން. ބޭނުން ފުދުނީމަ އަނެއްކާވެސް އެހެން މަންޒިލެއް. ތީ އިންސާނެއްވެސް ނޫންތާ ދޯ! ކުއްތާއެއް. ކުއްތާގެ ވެސް ނަގޫ. ގައިމު މުސްކުޅިންބުނޭ ކުއްތާގެ ނަގޫ ސަންފާ އޮނަކަށްލާފަ ތެދު ކުރަން އުޅުނަސް އެ ތެދެއްނުވާނެޔޭ. އެ އޮންނާނީ ބަޅަށޭ. ތީ އޭގެ އެއްޗެއް..” އިޒުވާނަށް ފާޑަކަށް ހައުލާއަށް ބަލައިލެވުނެވެ. ހައުލާ ހިތަން އެރިހާ އެއްޗެއް ގޮވާލީ ޒީނާއަށްވެސް އިއްވާލުމުގެ ނިޔަތުގައެވެ. ބަދަލު ހިފާލުމަށް އެއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ހައުލާއަށް ނުލިބޭނެއެވެ. ވަގުތުގެ ބޭނުން ހައުލާ ހިފާލީ ވަރަށް ފުރިހަމައަށެވެ.
“ހައު ދަންނަތަ އިޒުވާނު؟” ޒީނާއަށް ކޮށްލެވުނީ ސުވާލެކެވެ. ހައުލާ އޭނަގެ ލޮލުގައި އަޅާފައިވާއައިނު ނަގާ ބޮލަށް ހެޔޮވަރުކޮށްލަމުން ޒީނާއަށް ބަލައިލިއެވެ. އަނެއްކާވެސް އިޒުވާނުގެ މޫނަށް ކަޅިއެއްލިއެވެ.
“އާން. ތެދެއް ދަންނަތަ؟” އިޒުވާނަން ބަލާލަމުން ހައުލާ ބުންޏެވެ.
“ވަރަށް ރަނގަޅަށް ދަންނަން. އޭނަގެ ބޮލުގެ އެހެރަ ހެލެނީ އެންނު އިސްތަށިކޮޅެއް.. އެ ހިސާބުން ފެށިގެން އަރައިގެން ހުރި ފައިވާނުގަ މިހާރު ތަތްވެފައި ހުރި ވެލިތަކަށްދާންދެން މަ ތި އިޒުވާނު ދަންނަން..” ބޮއިގެން ހުރެވެސް ހައުލާ ބެލީ އަމިއްލަ ނަފްސު ކޮންޓްރޯލު ކުރެވޭތޯއެވެ. ހައުލާގެ ވާހަކަތަށް ހުރިގޮތުން ޒީނާއަށް ހުރެވުނީ ބުނާނެ އެއްޗެއްނޭންގިފައި ހައުލާއަށް ބަލާށެވެ.
އިޒުވާނު އެއްވެސް ވާހަކައެއް ޒީއަށް ކިޔައެއް ނުދޭތަ؟ އަދި އެނގޭނެ. ބާއީ…” ހައުލާ ލާނެއް ގޮތަކަށް ހިނިގަނޑެއް ޖަހާލަމުން ހިނގައިގަތެވެ. ޒީނާއަށް ހުރެވުނީ ވާނުވާ ނޭންގިފައެވެ. ހައުލާ ދިޔަ އިރު އިޒުވާނަށް ހުރެވުނީ ފާޑަކަށް މޫނު ކުނިކޮށްގެން ހައުލާއަށް ބަލަހައްޓައިގެންނެވެ. ހައުލާ ދެއްކި ވާހަކަތަށް ޒީނާއަށް އުނދަގޫކުރަމުން ދިޔައެވެ. ވިސްނާލަން ހުރުމަށްފަހު ޒީނާ ހިނގައިގަތުމުން އިޒުވާނުވެސް އޭނަގެ ފަސްފަހަތުން ހިނގައިގަތެވެ. ޒީނާ އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކިއެވެ. އޭނަ ބޭނުންވީ އިޒުވާނު އަމިއްލައަށް ފެނިގެން އެވާހަކަތައް އޭނައަށް ކިޔައިދޭނެ ވަގުތަކަށެވެ. ހިތްހަމަ ނުޖެހުނަސް ޒީނާ އެއްވެސް ވާހަކައެއް އޮޅުން ފިލުވާކަށް ބޭނުމެއް ނުވިއެވެ.
***
ޑިއުޓީގައި އުޅުމަށްފަހު ފަސިންޖަރުން އަންނަ ސަރަހައްދުގައި މަޑުކޮށްލައިގެން އިޒުވާނު ހުއްޓެވެ. ހީވަނީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައި ހުރި ހެންނެވެ. އަވަސް އަވަހަށް އެދިމާއަށް ބަލައިލައެވެ. ދޮރާށި ހުޅުވުމާއެކު ރާއްޖެއިން މާލެއައި ގިނަ މީހުން ނުކުންނަންފެށިއެވެ. ދިވެހިންނާއި އެކި ޤައުމުތަކުގެ މީހުން ހެވިލާފައި ދިމަ ދިމާލަށް މިސްރާބު ޖަހަމުން ދިޔައެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ މުއައްޒަފުން އެމީހުންގެ ބެލުމުގެ ދަށުގައި ޒިޔާރަތްކުރި ފަތުރުވެރިނަން މަރުހަބާ ކިޔުމުގައި ރިސޯޓްގެ ނަންބޯޑު ހިފައިގެން އެމީހުންގެ އިސްތިޤުބާލުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
އަނެއްކާވެސް ދޮރާށި ހުޅުވުމާއެކު އިޒުވާނު ކުރަމުން ދިޔަ އިންތިޒާރުގެ ނިމުންއައީކަން އޭނަގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުމުން ހާމަވެގެން ދިޔައެވެ. ދޮރާށިން ޓްރޮލީއެއް ހިފައިގެން ޖުމާން ނުކުތްތަން ފެނުމުން އިޒުވާނު އުފަލުން ހުރެ ޖުމާނަށް އަތް ހޫރާލިއެވެ. ޖުމާން އައިސް އޭނަގާތުގައި މަޑުކޮށްލިއެވެ. ދެމީހުން އެކަކު އަނެކަކާއި އަތާއި އަތް ޖޯޑުކޮށްލަމުން ސަލާމްކޮށްލިއެވެ. ކޮނޑާއި ކޮނޑު ޖައްސާލަމުން އެކަކު އަނެކަކަށް ބަލާލަމުން ހިނިތުން ވެލިއެވެ. ދުވަސްތަކަކަށްފަހު ބައްދަލުވީތީ ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ.
“އާފްޓާ ލޯންގް ޓައިމް.. ޗުއްޓީ އަށްވެސް މިކޮޅަށް އަންނަން ހިޔާލު ކުރީތީ ވަރަށް އުފާވެއްޖެ..” އިޒުވާނު އޭނަގެ އެކުވެރިޔާ އަތުން ޓްރޮލީ އަތުލަމުން ހިނގައިގަތެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23