ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް މިދިޔަ ފެބްރުއަރީ މަހުގެ 22 ވީ ހުކުރު ދުވަހުގެ ރޭ ޑިންގީ އެއް ބަންޑުން ޖަހާލައިގެން ގެއްލުނުކަމަށް ބުނާ ޝިމާ ނާފިޒް ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނަކީ، އެމްއެންޑީއެފް ކޯސްޓްގާޑްގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން އިތުރަށް ބުނީ ބުނީ މި އޮޕަރޭޝަން މިހާރު ތްރީ ޑައިމެންޝަން އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށްގެންދާކަމަށެވެ.

ކޯސްޓްގާޑުގެ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޭޖަރ އަޙުމަދު މުޖުތަބާ ވިދާޅުވީ، 22 ފެބްރުއަރީން ފެށިގެން މިހާތަނަށް، ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.

އެގޮތުން ގއ.ވިލިގިލީގައި ޤާއިމުކޮށްފައިވާ ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ކޯޑިނޭޓްކޮށްގެން ކޯސްޓްގާޑްގެ ޝިޕާއި، ހެލިކޮޕްޓަރާއި އަންޑަރވޯޓަރ އާރްއޯވީ ބޭނުންކޮށްގެން ޝިމާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަން މޭޖަރ އަހުމަދު މުޖުތަބާ ފާހަގަކުރެއްވިއެވެ.

“22 ފެބްރުއަރީއިން ފެށިގެން މިހާތަނާ ހަމައަށް ވެސް ޝިމާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް އެބަގެންދަން. އެގޮތުން ވިލިގިލީގައި ޤާއިމުކޮށްފައިވާ ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ކޯޑިނޭޓްކޮށްގެން ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުރަމުންމިދަނީ.” މޭޖަރ އަޙުމަދު މުޖުތަބާ ވިދާޅުވިއެވެ.

ޢުމުރުން 19 އަހަރުގެ ޝިމާ ނާފިޒް ގެއްލުނީ ލ.ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫއަށް ޑިންގީއެއްގައި ދަތުކުރަމުންދަނިކޮށް ޑިންގީ ބަންޑުން ޖަހާލައިގެންކަމަށް ޝިމާއާ އެންމެފަހުން ބައްދަލުވި އިބްރާހީމް ފަޒީލު ބުނެއެވެ. ފަޒީލް މިހެން ބުނާއިރު، މިވަގުތު ފަޒީލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ފަޒީލް ހައްޔަރުކުރީ ގެއްލިފައިވާ ޝިމާގެ ކޮއްކޮއެއް ގޮވައިގެން ޑިންގީއެއްގައި ފިލަން އުޅެނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.