‘ހަވަލި’ގެ ނަމުގައި ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

މި ފެއަރ އަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ގުޅިގެން މާރިޗު މަހުގެ 16 އިން 18 އަށް ކުރިޔަށް ގެންދާ ފެއަރ އެކެވެ. މި ފެއަރއަކީ ވިޔަފާރިތަކާއި، މަދަނީ ޖަމްޢިއްޔާތަށް ގުޅުވައިދިނުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދާ ފެއަރ އެކެވެ. މި ފެއަރގައި 100 އަށް ވުރެ ގިނަ ޖަމްޢިއްޔާއިން ވަނީ ބައިވެރިވެފައެވެ.

ރައީސް ޞާލިޙްގެ އަރިހުގައި ފިޝަރީޒް މިނިސްޓަރ އަދި މިވަގުތު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެ ހުންނެވި ޢަލީ ވަޙީދުވެސް ބައިވެރިވެލެއްވިއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މި ފެއަރފެއަރގެ އެއް ދުވަސް ޚާއްސަކޮށްފައި ވަނީ ބޮޑެތި ވިޔަފާރިތައް ތަމްސީލު ކުރާ ފަރާތްތަކަށެވެ. އަނެއް ދެ ދުވަސް ޚާއްސަކުރެވިފައި ވަނީ ސުކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ ދަރިވަރުންނަށެވެ.

މި ފެއަރ ކުރިއަށް ދާނީ ކޮންމެ ދުވަހަކު މެންދުރު 1300 އިން 1800 އަށް އަދި 2000 އަކުން 2230 އަށެވެ. ފެއަރގެ ތެރެއިން ހެނދުނާއި މެންދުރުފަހު ތަމްރީނު ޕްރޮގްރާމްތަކާއި، ނެޓްވޯކިންގ ސެޝަންތައް އަދި ކީނޯޓް ސެޝަންތައް ކުރިއަށްދާނެއެވެ.

ޖަމިއްޔާތަކުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ފެއަރގައި ބައިވެރިވި ބައެއް ޖަމިއްޔާތަކުން ބުނީ މިކަހަލަ ފެއަރ އަކީ ވަރަށް މުހިންމު ފެއަރއެއް ކަމަށާއި މި ފެއަރގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކާއި ބައްދަލުވެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މިފަދަ ފެއަރއެއް ބޭއްވުމުގެ މައިގަނޑު މަގްޞަދަކީ ޖަމިއްޔާތަކުން ރާވައި ހިންގުމަށް ކަނޑައަޅާ ޕްރޮގްރާމްތައް ހިންގުމަށް ފަންޑު ހޯދޭނެ ވަސީލަތެއް ޤާއިމްކޮށް، ޕްރޮޖެކްޓްތައް ސްޕޮންސަރ ކުރާނެ ފަރާތްތައް ދެނެގަނެ އެހީހޯދުމަށް މަގުފަހިކުރުމާއި، މެންބަރޝިޕް އިތުރުކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއެކު ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ މާހައުލެއް ޤާއިމުކުުން ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

އެކި ދާއިރާތަކުން މަސައްކަތްކުރާ ޖަމިއްޔާތައް ގުޅުން ބަދަހި ކުރުވުމާއި، ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ފަހިކޮށްދިނުމާއި، ވިޔަފާރިވެރިންނާއި އެހިދޭ ފަރާތްތަކާ ގުޅުވައިދިނުމާއި، ދަރުމަވެރިން އިތުރުކުރުމާއި، ޖަމްޢިއްޔާތަކާ މީޑިއާތަކާ ދެމެދު ގުޅުން ޤާއިމުކުރުންވެސް މި ފެއަރގެ ތެރޭގައި ކުރިއަށްދާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.