ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން އިން އުފައްދައި މިމަހު ފަހެއްގައި ރިލީޒްކޮށް މިހާރު ދައްކަމުންދާ މެގަހިޓް ފިލްމު “ފޯޓީ ޕްލަސް” ކުރިނބީގައި އެޅުވުމަށްޓަކައި ފިލްމުގައި އެންމެ މަޖާ އެއް ކެރެކްޓަރއިން ފެނިގެންދާ ޢަލީ އާޒިމް (ދޮން އައްޔަ) ކުރިނބީއަށް ދިއުމަށް ހަމަޖެހިއްޖެއެވެ.

ރަށްރަށުގައި “ފޯޓީ ޕްލަސް” ސްކްރީން ކުރުމުގެ މަސައްކަތާ ހަވާލުވެހުރި ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނީ، ކުރިނބީގައި “ފޯޓީ ޕްލަސް” މިރޭ ސްކްރީން ކޮށްދިނުމަށް އެ ރަށަށް ދާނީ ދޮން އައްޔަ ކަމަށެވެ.

އަލީ އާޒިމް (ދޮން އައްޔަ) މިއަދު މެންދުރުފަހު މުނިއަވަސް އަށް ބުނީ މިހާރު ކުރިނބީއަށް ދިއުމަށްޓަކައި ދަތުރަށް ފުރަން ތައްޔާރުވެއްޖެ ކަމަށާއި ހަތަރެއް ޖަހާކަންހާއިރަށް އެރަށް ފޯރާނެ ކަމަށެވެ.

ރަށްރަށުގައި “ފޯޓީ ޕްލަސް” ޕްރިމިއާކުރުމަށް ފިލްމުގައި ހަރަކާތްތެރިވާ ތަރިންނާއި ފިލްމު ކްރޫގެ ބައެއް މެންބަރުން ފޮނުވަމުންދާއިރު، ކުރިނބީގެ އިތުރަށް ހދ. ނާވައިދު އާއި ހަނިމާދުއަށް ފިލްމު ޕްރިމިއާކުރުމަށް ދިއުމަށް ހަމަޖެހިފައިވަނީ ދޮން އައްޔަ އެވެ.

މިރޭ ކުރިނބީގައި “ފޯޓީ ޕްލަސް” ދައްކާއިރު، މިމަހުގެ 14 އާއި 15 ވަނަ ދުވަހު ކުޅުދުއްފުށީގައި މި ފިލްމު ދައްކާފައި ވެއެވެ. ހދ. އަތޮޅުގެ އިތުރުން އައްޑު އަތޮޅު މަރަދޫ އާއި، ރ. ދުވާފަރުގައި މިމަހު 22 އަދި 23ގައި “ފޯޓީ ޕްލަސް” ދައްކާނެއެވެ. އައްޑޫގައި މި ފިލްމު ޕްރިމިއާކުރުމަށް ދަނީ ފައިސަލް އެވެ. ދުވާފަރަށް ދަނީ މުޙައްމަދު މަނިކް (މަނިކް) އެވެ.

މާލޭގައި “ފޯޓީ ޕްލަސް”ގެ އެންމެ ފަހު ތިން ޝޯ ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހު 22 ،23 އަދި 24 ގައެވެ. އެއަށްފަހު އަންނަ އޭޕްރީލް މަހުން ފެށިގެން ހުޅުމާލޭގައި މި ފިލްމު ދައްކަން ފަށާނެއެވެ. އޮލިމްޕަހުގައި މި ފިލްމުގެ 16 ޝޯ ދައްކާފައިވާއިރު 13 ޝޯ ހައުސްފުލް ކަމަށް މަޢުލޫމާތު ލިބެއެވެ.

އަހަރުގެ ބޮޑު ފިލްމުގެ ނަމުގައި ޕްރޮމޯޓްކުރަމުން އައިސް ފިލްމުގެ ފުރަތަމަ ޝޯ އެޅުވުމާއެކުހެން ފިލްމު މިވަނީ މިހައިތަނަށް މިއަހަރު ދެއްކި އެންމެ ބޮޑު، އެންމެ މޮޅު ފިލްމަށް ވެފައެވެ. ފިލްމުގެ ޓީމުން ބުނަނީ މިވަރުގެ ކޮމެޑީ ފިލްމެއް މިއަހަރު ނުނިކުންނާނެ ކަމަށެވެ.

”ފޯޓީ ޕްލަސް“ އަކީ ހަމަ މި ޕްރޮޑަކްޝަން ހައުސްއިން އުފެއްދި ”ނޯޓީ ފޯޓީ“ގެ ސީކުއަލްގެ ގޮތުގައި އުފައްދާފައިވާ މޮޅު ފިލްމެކެވެ. މިއީ ރާއްޖޭގައި މިހައިތަނަށް އުފެއްދި ފުރަތަމަ ހޮރޯ ކޮމެޑީއެވެ.

“ފޯޓީ ޕްލަސް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.