މުނިފޫހިފިލުވުމުގެ ހުރިހާ އެއްޗެއް އެއްތަނަކުން ބަލައިލެވޭ ގޮތަށް ހަދާފައިވާ މޯބައިލް އެޕް “ބައިސްކޯފު” އެޕް ސަބްސްކްރައިބް ކުރަން ޖެހުމުން ރުޅިގަދަ ނުވެ، ވިސްނައިލުމަށް ކާމިޔާބު ޕްރޮޑިއުސަރ، ފިލްމު ޑައިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) އެދިއްޖެއެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު ރިލީޒްކުރިފަހުން މި އަހަރުގެ މާރިޗު މަހާއި ހަމައަށް ހިލޭ ބެލޭނެ ގޮތަށް މިހައިދުވަސް ވާންދެން ބެހެއްޓުމަށްފަހު ސަބްސްކްރައިބްކޮށް، ފައިސާ ދައްކައިގެން ނޫނީ ހުރިހައި އެއްޗެއް ނުބެލޭނެގޮތް ހެދުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ނަހޫ ފޭސްބްކްގައި ކޮށްފައިވާ ދިގު ޕޯސްޓެއްގައި ބުނީ ބައިސްކޯފު އެޕް ސަބްސްކްރައިބް ކުރަން ޖެހުނީމަ ރުޅިގަދަ ނުވެ ވިސްނައިލުމަށެވެ.

“ބައިސްކޯފު އެޕް ސަބްސްކްރައިބް ކުރަން ޖެހުނީމަ ރުޅިގަދަ ނުވޭ، ވިސްނާލާ. ބައިސްކޯފު އަކީ އިންޓަނޭޝަނަލް ފެންވަރުގަ ހަދާފަވާ ވިޔަފާރި އެޕެއް. ބައިސްކޯފު އެޕަށް ކޮންމެ މަހަކު އެތައް ޚަރަދެއް ހިނގާ.

“ހުވާ” ގައި އެހާ ގިނަ ބަޔަކު ބައިވެރިކޮށްގެން ދޮޅުއަހަރުގެ މަސައްކަތެއް ކުރިއިރު ބައިސްކޯފުން “ހުވާ” އަށް އެކަނިވެސް މިލިޔަނުން ޚަރަދުކުރަން ޖެހުނު. އަޅުގަނޑު މި އެޕަށް ސީރީޒް ހަދައިދިނީ މީ އަޅުގަނޑުމެންގެ ޕްރޮޑަކްޓްސްތައް ރާއްޖޭގެ ކޮންމެ ތަނެއްގައި ތިބެގެންވެސް ތި ފަރާތްތަކަށް ބަލައިލެވޭނެ ފުރުޞަތަކަށް ވާތީ. ބައިސްކޯފުން މި ހުޅުވައިލި ފުރުޞަތަށް ޝުކުރުވެރިވުމަށްޓަކައި. އަދި ރާއްޖޭގެ ގާތްގަނޑަކަށް ހުރިހައި ދިވެހި ފިލްމުތަކެއް މި އެޕަށް އަންނައިރު އެ ހުރިހައި އެއްޗަކީވެސް ބައިސްކޯފުން ޕޭކުރަން ޖެހޭ އެއްޗެއް. މީގެ އިތުރުން “ހުވާ” ނޫން ކިތަންމެ ސީރީޒެއް ބައިސްކޯފަށް އަންނަން އެބަ ތައްޔާރުވޭ.

ބައިސްކޯފު އަކީ ހަތަރު ވަރަކަށް މަސްފަހުން ސަބްކްރައިބް ކުރަން ޖެހޭނެ އެޕެއްކަން ކުރީންވެސް އިޢުލާނު ކުރަމުން ދިޔައީ. ވިސްނައިލީމަވެސް އެނގޭނެ މިވަރުގެ ބޮޑު ޚަރަދެއް އެއްވެސް ބަޔަކަށް ފްރީކޮށް ނުކުރެވޭނެކަން. ބައިސްކޯފު ސަބްސްކްރައިބް ކުރަން މަންތަކު އެ ނަގާ-/69 ނުވަތަ-/99 ރުފިޔާ އަކީ މީގެ ކޮންޓެންޓަށް ބަލާއިރު ވަރަށް ވަރަށް ކުޑަ އެއްޗެއް. ހުރިހައި ފަރާތްތަކުންވެސް މިކަމާ ރުޅިގަދަ ނުވެ ވިސްނައިލުން އެދެން.

މީ ތިބޭފުޅުންނަށް އަޅުގަނޑުމެންގެ މަސައްކަތްތައް ފަސޭހަ ގޮތެއްގަ ހެޔޮ އަގަކަށް ގެނެސްދެވެން ރާއްޖޭގައި އޮތް ހަމައެކަނި ފުރުޞަތުކަމަށް އަޅުގަނޑު ޤަބޫލުކުރަން. ބައިސްކޯފު ސަބްސްކްރައިބް ކުރަން އެހީއެއް ބޭނުންވާނަމަ ހެލްޕް ލައިން 7983863 އަށް ވައިބަރކޮށްލުން އެދެން.”

ނަހޫގެ ވާހަކައަށް ތާއިދުކޮށް ގިނަބަޔަކު ކޮމެންޓްކޮށްފައިވާއިރު، ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. ނަމަވެސް ނަހޫ ފާހަގަކުރެއްވިފަދައިން މިއީ ހަމަ ހަޤީޤަތުގައިވެސް ދިވެހިން ވިސްނައިލަން ރަނގަޅު ވާހަކަތަކެކެވެ. ނަހޫ ފާހަގަކުރެއްވި ކޮންމެ ޕޮއިންޓަކީ މިކަމާމެދު އެއްޗެއް ލިޔަން ވިސްނައިލާއިރު، ގެނެވެންހުރި އެންމެ ރަނގަޅު ކަންތައްތަކެވެ.

ދިވެހި ސިޓިންގްރޫމްތަކުގައި ހިންދީ އަދި އިނގިރޭސި ސީރީޒްތައް ބެލުމަށް މަހަކު ހޭދަކުރަނީ ކިތައް ރުފިޔާތޯ ވިސްނައިލުން ރަނގަޅެވެ. ކޭބަލް ޓީވީގެ ޚިދުމަތްދޭ ފަރާތްތަކާއި އިންޓަނެޓް ޓީވީގެ ޚިދުމަތްދޭ ފަރާތްތަކުން ނަގަމުން އަންނަ ފީ އާއި އަޅައި ބަލާއިރު، ބައިސްކޯފުން ނަގާ ރޭޓް މިނެކިރައިލަން އެބަޖެހެއެވެ.

ނަހޫ ފާހަގަކުރެއްވި ފަދައިން، ދިވެހި ފިލްމީ ފަންނާނުންވެސް ފިލްމު އުފައްދަނީ ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. ވަގުތުތަކެއް ހޭދަކޮށްގެންނެވެ. އިހުޒަމާނުގައި އާސޫރާދުވަހު ހިލޭ ކަނދިބަހާ އުސޫލުން މި ޒަމާނުގައި ޚިދުމަތްދީ އުޅެނީ ކޮންބައެއްތޯ ވިސްނައިލަން އެބަޖެހެއެވެ. ބިދޭސީ ޓީޗަރަކު ނުވަތަ ދިވެހި ޓީޗަރަކު، އަޅުގަނޑުމެންގެ ދަރިންނަށް ހަފުތާއަކު ދެ ދުވަހު، ދުވާލަކު1 ގަޑިއިރު ޓިއުޝަން ނަގައިދެނީ ހަމަ ގައިމުވެސް މަހަކު ފައްސަތޭކަ އަށްވުރެން މަތީ އަދަދަކަށެވެ. ބިދޭސީއަކު، މަސައްކަތެއް ކޮށްދެނީ ދުވަހު މުސާރައަށް މަދުވެގެން ދުއިސައްތައެއްހައި ރުފިޔާ ދިނީމައެވެ. ރަށްރަށުގައި، އޭފޯ ސައިޒްގެ ކަރުދާހަކަށް ކުލަ ޕްރިންޓެއް ކޮށްދެނީ ވިއްސަކަށް ރުފިޔާ އަށެވެ. މިހެންގޮސް ކިތަންމެ މިސާލެއް ނެގިދާނެއެވެ.

ބައިސްކޯފު އެޕަކީ ވިޔަފާރި އުސޫލުން ބޭނުންކުރުމަށް ފެށި ޚިދުމަތެވެ. ބައިސްކޯފު އެޕްގައި ފްރީ ކޮންޓޭންޓްސް ބެލުމަށް ސަބްސްކްރައިބް ކުރާކަށް ނުޖެހެެެއެވެ. ނަމަވެސް ޕްރިމިއަމް ކޮންޓެންޓް ބަލާހިތްވާނަމަ، ސަބްސްކްރައިބްކޮށްގެން ބަލަންޖެހޭނެކަން އެއީ މިއަދު އަލަށް ދެކެވުނު ވާހަކައެއް ނޫނެވެ.

ބައިސްކޯފު އެޕަކީ ހަމަ ހަޤީޤަތުގައިވެސް މިފަދަ މަންސަ (ޕްލެޓްފޯމް) އަކަށް ދިވެހިން ބޭނުންޖެހިފައިވަނިކޮށް އެކަން ފަހިކޮށްދިން މަންސަ އެވެ. ނަހޫގެ ވާހަކައަށް އަޅުގަނޑު ތާއިދެވެ. ތިބޭފުޅުންގެ ޚިޔާލު ތަފާތުވެސް ވެދާނެއެވެ.

ބައިސްކޯފު ގައި ނަހޫގެ ‘ހުވާ” ސީރީޒް އަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މިވަގުތު ބައިސްކޯފު ސަބްސްކްރައިބް ކުރަން ޖެހުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ގިނަބައެއްގެ ކަންބޮޑުވުމަކީވެސް “ހުވާ” ސީރީޒް ބެލޭގޮތް ނުވުންކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.