ދިވެހިރާއްޖޭގެ ނެޝަނަލް ހެލްތު ލެބޯޓަރީއިން ހަދަން ބޭނުންވާ ޓެސްޓުތައް ހެދުމުގައި އެހީތެރިކަން ހޯދުމުގެ ގޮތުން ސިންގަޕޫރުގެ “ތުވްފް  ޒޫޓް” (TÜV SÜD PSB Pte. Ltd) ކުންފުންޏާއިއެކު މިނިސްޓްރީ އޮފް ހެލްތުން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާއަކީ ރާއްޖޭގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު ދުނިޔޭގެ ފެންވަރުގެ އިތުބާރު ލިބިފައިވާ ބޭސް ކަމުގައި ހެދުމުގެ ގޮތުން ފުޑް އެންޑް ޑްރަގްސްއޮތޯރިޓީގެ އުސޫލުތައް ހަރުދަނާކޮށް ރާއްޖެ އެތެރެކުރާ ބޭސް މޮނިޓަރކުރުމަށް މިސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ވެފައިވާ ވައުދު ހާސިލް ކުރުމަށް ސޮއިކުރެވިފައިވާ ފަހުމުނާމާއެއް ކަމަށް ހެލްތުން ވިދާޅުވެއެވެ. މިފަހުމުނާމާގެ ދަށުން ބޭހުގެ އިތުރުން ކާބޯތަކެތީގައި ޕެސްޓިސައިޑް ހުންނަ މިންވަރު ބެލުމަށް ޓެސްޓު ހެދުމަށްވެސް ފަސޭހަވެގެންދާނެކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ސިންގަޕޯރގެ “ތުވްފް ޒޫޓް” ކުންފުންޏަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ 1000 އަށް ވުރެ ގިނަ ތަނުގައި ލެބޯޓަރީގެ ޚިދުމަތްދޭ ތަޖްރިބާކާރު ކުންފުންޏެކެވެ.

މިނިސްޓްރީ އޮފް ހެލްތުން ސޮއިކުރި މި ފަހުމުނާމާގެ ސަބަބުން ނެޝަނަލް ހެލްތު ލެބޯޓަރީން ކުރެވޭ މަސައްކަތް އިތުރަށް ފުޅާވެ ނެޝަނަލް ހެލްތު ލެބޯޓަރީން ހެދެން ނުހުންނަ ޓެސްޓްތައް ހެދުމަށް ވަރަށް ބޮޑެތި ފަސޭހަ ތަކެއް ވެގެންދާނެކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތު ދެއްވަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.