މެގަހިޓް ފިލްމު “ފޯޓީ ޕްލަސް” ރ. އަތޮޅު އިންނަމާދޫގައި މިރޭ އަޅުވާނެއެވެ. އިންނަމާދޫ ރައްޔިތުން ހެއްވައިލުމަށް “ފޯޓީ ޕްލަސް” އެރަށުގައި ޕްރިމިއާކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. ހަމަގައިމުވެސް ބެލުންތެރިންނަށް މިއީ ވަރަށް ފައްކާ ގޮތަކަށް ވާނެއެވެ. އިންނަމާދޫން މިރޭ “ފޯޓީ ޕްލަސް” ބަލައިލަން އަތުން ލޯ ލާރިއެއްވެސް ހޭދަކުރާކަށް ނުޖެހޭނެއެވެ.

އާނއެކެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. “ފޯޓީ ޕްލަސް”ގައި ދައްކާ ކަހަލަ ‘ނޯޓީ’ ވާހަކައެއްވެސް ނޫނެވެ. އިންނަމާދޫ ޒުވާނުން އިސްނަގައިގެން އިންނަމާދޫ ރައްޔިތުންނަށް މިރޭ “ފޯޓީ ޕްލަސް” ދައްކައިދެނީ މުޅިން ހިލޭސާބަހަށެވެ.

އަތޮޅު ތެރޭގައި “ފޯޓީ ޕްލަސް” ދެއްކުމުގެ ކަންތައްތަކާއި ހަވާލުވެގެން ހުންނެވި ޢަލީ ޝާހިދު (ސްޓެޕް އައްޔަ) މުނިއަވަސް އަށް ބުނީ މިއީ ހަމަ ކޮންމެ ފަރާތަކަށްވެސް ލިބިފައިވާ ފުރުޞަތެއް ކަމަށެވެ.

ރަށެއްގެ ޕަބްލިކަށް ހުޅުވާލައިގެން ފިލްމު ދެއްކުމަށް ބޭނުންވާ ފަރާތްތަކުން ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި މަޝްވަރާކޮށް، އެކަމަށް ކަނޑައެޅިފައިވާ އަގު ދެއްކުމުން އެ ރަށެއްގައި އާއްމުކޮށް ހުޅުވާލައިގެން ފިލްމު ދެއްކުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާކަމަށް “ފޯޓީ ޕްލަސް”ގެ ޓީމުން ބުނެއެވެ.

“ޕަބްލިކަށް ހުޅުވާލައިގެން ފިލްމު ދެއްކުމަށް، އަޅުގަނޑުމެން ކަނޑައަޅާފައިވާ އަގު ދެއްކުމުން ހަމަ ކޮންމެ ފަރާތަކަށްވެސް މި ފުރުޞަތު އޮންނާނެ.” މުނިއަވަސް އަށް ސްޓެޕް އައްޔަ ބުންޏެވެ.

ރ. އިންނަމާދޫގެ އިތުރުން، އިތުރު ހަތަރު ރަށެއްގައި މިގޮތަށް ފިލްމު ދެއްކުމަށް މިހާރު ވާހަކަދެކެވެމުންދާ ކަމަށްވެސް “ފޯޓީ ޕްލަސް”ގެ ޓީމުން މަޢުލޫމާތު ދެއެވެ.

“ފޯޓީ ޕްލަސް”ގެ ޝޯތައް ވަރަށް ކާމިޔާބުކަމާއެކު އޮލިމްޕަހުގައި ދައްކަމުން އަންނައިރު މިހާރު ދައްކަމުންދަނީ އޮލިމްޕަހުގައި ދައްކާ ވަދާޢީ ޝޯތަކެވެ. އެއަށްފަހު އަންނަ އޭޕްރީލް މަހު ހުޅުމާލޭގައި ދައްކަން ފަށާނެއެވެ.

އަތޮޅު ތެރޭގައިވެސް “ފޯޓީ ޕްލަސް”ގެ ފޯރި ވަރަށް ގަދައަށްވަނީ ހިފާފައެވެ. އެގޮތުން މި ހަފުތާ ބަންދުގައި އައްޑޫގައިވެސް މި ފިލްމު ދައްކާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.