މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ވިދައިލުމަށްފަހު ލަވަކިޔުމުގައި މިހާރު އެންމެ ވަރުގަދައަށް ފައިތިލަ ސާބިތުކޮށްފައިވާ ޒުވާން ލަވަކިޔުންތެރިޔާ ހަމޫދު އަޙްމަދު، ޑާކްރެއިން އެންޓަޓެއިންމެންޓުން އަންނަ ޖުލައި މަހު އަޅުވާ “މާމުއި”ގެ ފޮނިކަމުގެ ތެރެއިން އެކްޓިންއަށް އަށް ނުކުންނަން ނިންމައިފިއެވެ.

މޯލްޑިވިއަން އައިޑަލްގެ ތިން ސީޒަން މިހައިތަނަށް ބާއްވާފައިވާއިރު ލަވައިގެ ދުނިޔޭގައި ހަމޫދުގެ ނުފޫޒު އޮތީ ގަދަކޮށްލާފަ އެވެ. ޑާކްރެއިން އެންޓަޓެއިންމަންޓުގެ “ވަކިން ލޯބިން” އަށް ކިޔައިދިން “ހިތުގައި ނަށާ ރާނީ” އަދި ފާތުމަތު ނަހުލާގެ “ބޮސް”ގެ “މިހިތް އެދޭގޮތް ނުވަނީ” ވެގެން ދިޔައީ އެންމެނަށްވެސް ކަމުދިޔަ ލަވަޔަކަށެވެ.

ފިލްމުތަކަށް ލަވަކިޔުމާއި ހަމައިން ހުއްޓާލާކަށް ހަމޫދު ބޭނުމެއް ނުވިއެވެ. “މާމުއި”ގެ ކާސްޓުގައި ހަމޫދު ހިމަނާފައިވާކަމަށް މިއަދު ޑާކް ރެއިން އެންޓަޓެއިންމެންޓުން ހާމަކޮށްފައިވާއިރު، ހަމޫދު ވެސް ވަނީ މުނިއަވަސް އަށް އެކަން ކަށަވަރުކޮށްދީފައެވެ.


ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނީ “މާމުއި”ގެ ކާސްޓް ފުބޫ، ނުޒުހަތު ޝުއައިބް، އަމާން، ސަމާހަތު، އަލީ ޝަޒްލީމް ގެ އިތުރަށް ހަމޫދު އާއި ޗައްނަ ވެސް ހިމަނާފައިވާކަމަށެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓަކީ ރާއްޖޭގެ ސެލެބްރިޓީންނާއި މިއުޒީޝަނުން، އެ ޕްރޮޑަކްޝަން ހައުސްގެ އުފެއްދުންތަކުގައި ބައިވެރިކޮށް، ފިލްމީ ދުނިޔެއަށް އާ ތަރިންތަކެއްގެ ގޮތުގައި ތަޢާރަފުކޮށްދެމުން އަންނަ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުން ޑާކްރެއިން އެންޓަޓެއިންމެންޓުން އުފެއްދި “ގޮށްރާޅު” ފިލްމުން ލަވަކިޔުންތެރިޔާ ޢަލީ އިރުފާން (ޒަކިއްޓެ) ތަޢާރަފުކޮށް، އެންމެން ހައިރާންވާފަދަ ހުށައެޅުމެއް ވަނީ ދައްކާފައެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަހަރު ކުރިއަށްހުރި ބައެއް ޕްރޮޖެކްތައް ވެސް މިއަދު ކުރި ޓްވީޓަކުން ހާމަކޮށްފައިވެއެވެ.

ޑާކް ރެއިން އިން ބުނީ އިތުރު ދެ ޕްރޮޖެކްޓް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ލޯބީގެ ވާހަކައަކަށް ހަދާ ފިލްމު “ނޮވެމްބަރ” ޑައިރެކްޓް ކުރާނީ ޢަލީ ޝިފާޢު (ޗިއްޕެ) ކަމަށާއި އަދި ނަމެއް ކަނޑައަޅާފައިނުވާ ބިރުވެރި ފިލްމު ޑައިރެކްޓް ކުރާނީ އަޙްމަދު ޝިނާން ކަމަށް ބުނެފައިވެއެވެ. އަދި މި އަހަރު ޖުލައި އެއްވަނަ ދުވަހުން ފެށިގެން ފިލްމު “މާމުއި” ބަލަން ތައްޔާރުވުމަށް ވެސް ބެލުންތެރިންނަށް ހަނދާންކޮށްދީފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.