މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ޕްރޮޑަކްޝަން ހައުސް ’ޔޫއްޕެ ޕްރޮޑަކްޝަނުން‘ އުފައްދާފައިވާ ދިވެހި ފިލްމު “ނަފްރަތުވުމުން” އަންނަ އޭޕްރީލް 09 ގައި ރިލީޒްކުރާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެ ބުނެފިއެވެ.

މުނިއަވަސް އަށް އެކްސްކްލޫސިވްކޮށް ޔޫއްޕެ ދިން އިންޓަވިއުއެއްގައި ބުނީ، މިއަދު މެންދުރުފަހު 0200 ން ފެށިގެން ޓިކެޓް ބްކިން ހެދޭނެކަމަށާއި މިމަހުގެ 29 ވާ ހުކުރު ދުވަހު މެންދުރުފަހު 0230 ން ފެށިގެން ޓިކެޓް ވިއްކަން ފަށާނެކަމަށެވެ. ޓިކެޓް ބްކިން ހެދުމަށް ގުޅަން ޚާއްޞަކޮށްފައިވާ ނަންބަރަކީ މިހާރު ކާމިޔާބުކަމާއެކު ސިނަމާތަކުގައި ދައްކަމުންދާ “ފޯޓީ ޕްލަސް” އަށް ޚާއްޞަކޮށްފައިވާ ނަންބަރު 7384040 އެވެ.

އޭޕްރީލް 04 ގައި ރިލީޒްކުރަން ކުރިން ނިންމާފައިވާ ނިންމުން އޭޕްރީލް 09 އަށް ބަދަލުކުރީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނާތީ އެ އިންތިޚާބުގެ ފަހުން ފިލްމު އެޅުވުމަށްކަމަށް ޔޫއްޕެ ބުންޏެވެ.

“ކުޑަތަންކޮޅެއް މި ޑިލޭކޮށްލީ. މިހާރު 09 ގަ ރިލީޒްކުރަނީ. ހަތަރެއް ފަހެއްވީމަ، ހައެއްގަ އިންތިޚާބު އޮންނާތީ. އެކަމަކު އޭގެ ފަހުން އަޅުގަނޑުމެންނަށް މި ލިބެނީ ބަރާބަރު 10 ދުވަހަށް އޮލިމްޕަސް. އެ ދުވަސްތައް ތެރޭގަ ފިލްމު ބެލުނު ބަޔަކަށް ބެލޭނެ.” ޔޫއްޕެ ބުނީ އޭޕްރީލް 19 ގެ ފަހުން އެހެން ބަޔަކު އޮލިމްޕަސް ބްކްކޮށްފައިވުމުން ފިލްމު އަޅުވަން ލިބެނީ ދިހަ ދުވަސް ކަމަށެވެ.

“ފޯޓީ ޕްލަސް”ގެ ބޮޑު ކާމިޔާބީއާއި ވިއްދައިގެން ސިނަމާއަށް ޔޫއްޕެ މިފަހަރު ދޫކޮށްލާ “ނަފްރަތުވުމުން” އަކީ އަސަރުގަދަ ލޯބީގެ ވާހަކަ އަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުން ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ކަމަށް ޔޫއްޕެ ބުންޏެވެ.

ދިވެހި ފިލްމީ އޯޑިއަންސްގެ ބޮޑު އިންސައްތައަކީ ލޯބީގެ ފިލްމަށް ލޯބިކުރާ އޯޑިއަންސަކަށް ވީހިނދު، ސިނަމާތަކަށް ލޯބީގެ އަސަރުގަދަ ފިލްމެއް ނާންނަތާ ދެ އަހަރު ފަހުން އޭޕްރީލް 09 ގައި ރިލީޒްކުރާ “ނަފްރަތުވުމުން” އަކީ އެ އޯޑިއަންސަށް ބޮޑަށް އަމާޒުކޮށް ގެނެސްދޭ ފިލްމެއް ކަަމަށް ޔޫއްޕެ ބުންޏެވެ.

“ޚާއްޞަގޮތެއްގަ މި ފިލްމަކީ ދިވެހި މުޖުތަމަޢަށް ވަރަށް ބޮޑަށް އަމާޒުކުރެވިފަ އޮތް ފިލްމެއް. ޚާއްޞަގޮތެއްގަ ދެމަފިރިންގެ ދިރިއުޅުން ބައްޓަންކުރެވިގެންދާ ގޮތުގެ ސަބަބުން ދިމާވާ ކުދިކުދި ކަންތައްތަކަށް ސަމާލުކަން ނުދެވި، އޭތި ގޯހުން ގޯހަށް  ގޮސްގެން ބޮޑުވެގެން ދިއުން.” ޔޫއްޕެ ބުނީ މިފަދަ އިޝޫ އެއް ނަގައިގެން ދިވެހިންގެ ސަމާލުކަމަށް އެކަން ގެނައުމަށް މި ފިލްމުން ބާރުއަޅާނެ ކަމަށެވެ.

ބ. ދަރަވަންދޫގައި މަންޒަރުތައް ނަގާފައިވާ “ނަފްރަތުވުމުން” ގެ ލީޑު ރޯލުން ފެންނާނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ)ގެ އިތުރުން މުހިއްމު ރޯލަކުން އަހުމަދު އީސަ(އާނަންދު) އެވެ.

ތިނެސްކަން ލޯބީގެ މި ފިލްމުގެ ކާސްޓުންގެ މަސައްކަތްތައް ޔޫއްޕެ ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.

“ދޮން އައްޔަ އަކީ ހުރިހައި ރޯލަކަށް ފިޓް އެކަކު. ދެން އާނަންދު. އާނަންދަކީ ލައިލާ އިން ބެލުންތެރިންގެ މަޤްބޫލުކަން ވަރަށް ބޮޑަށް ހޯދާފަވާފަންނާނެއް. ޚާއްޞަ ގޮތެއްގަ އޭނަގެ ލޯބީގެ ފިލްމުތަކަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ދޭ. ދެން އައްޒަ އަކީ މިވަގުތު ރާއްޖޭގަހުރި އެންމެ ޤާބިލު އެކަކު. އެހެންވީމަ އައްޒަގެ ސަޕޯޓަރުންނަށްވެސް މިއީ ވަރަށް ޚާއްޞަ ފިލްމަކަށް ވާނެ.” ކާސްޓުންގެ މަސައްކަތާމެދު ކުރުގޮތަކަށް ޔޫއްޕެ ބުންޏެވެ.

ޔޫއްޕެ ބުނީ މި ފިލްމަކީ ފިލްމުގެ ތަރިންނާއި ބެލުންތެރިންނަށް ބޮޑަށް ދޫކޮށްލާ ފިލްމެއް ކަމަށެވެ. “ފިލްމަކީ ހަމަ މިބުނާހެން ތިނެސްކަން ލޯބީގެ އަސަރުގަދަ ފިލްމެއް. އެހެންނަމަވެސް އޭގެތެރޭގަ ބޮޑު ސަސްޕެންސެއް ހިމެނޭ އިޝޫ އެއް އިންނާނެ ލާފަ. އެ އިޝޫއަށް ބެލުންތެރިންގެ ސަމާލުކަން ގެނެސްދިނުމަށްޓަކައި.”

މި ފިލްމަކީ ޔޫއްޕެ އަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާ ފިލްމެއްގެ ވާހަކައިން ލިބުނު އިންސްޕިރޭޝަނުން އަމިއްލަ ސްޓައިލަށް، ދިވެހި އޮޑިއަންސަށް ފިޓްވާގޮތަށް ތައްޔާރުކޮށްފާ ފިލްމެއްކަމަށް ޔޫއްޕެ ބުނެއެވެ.

“ނަފްރަތުވުމުން” އަކީ ލޯބީގެ ފިލްމެއް ނަމަވެސް ޔޫއްޕެ އެދެނީ “ފޯޓީ ޕްލަސް” އާއިމެދު ބެލުންތެރިން ދީފައިވާ އަދި ދެމުންދާ އިތުބާރުދީ މި ފިލްމަށްވެސް އެފަދަ ތަރުހީބެއް ލިބިގެންދިއުމެވެ.

“ނަފްރަތުވުމުން” އާބެހޭ ގިނަ ވާހަކަތަކެއް މުނިއަވަސްއަށް މިއަދު ޔޫއްޕެ ހިއްސާކޮށްފައިވެއެވެ. ޚާއްޞަކޮށް، ފިލްމުގެ ތަރިންގެ މަސައްކަތްތަކާމެދު ޔޫއްޕެ ހިތްހަމަޖެހޭ މިންވަރާއި އެ ތަރިންގެ ކުޅަދާނަކަމުގެ ވާހަކަތައް ތަފްޞީލުކޮށް ހިއްސާކުރިއެވެ.

ކުރިއަށްހުރި އާޓިކަލްތަކުން ފިލްމާބެހޭ އިތުރު ވާހަކަތައް ހިއްސާކޮށްލާނަމެވެ.

ފިލްމު “ނަފްރަތުވުމުން”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.