ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ތެރެއިން “ޞިއްޙަތަށް ރަނގަޅު ނޫން ބާވަތްތަކާމެދު ހޭލުންތެރި ކުރުމަށް ކުރެވޭ ހޭދަ އިތުރު ކުރުން” މި ވަޢުދާ ގުޅުވައިގެން “ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑެއް” ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައިފި އެވެ.

މި ބޯޑުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ އެއްމެހައި ފަރުދުންގެ ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ އެކިއެކި މަސައްކަތްތައް ހަރުދަނާގޮތެއްގައި ހިންގުމަށް ބާރުއެޅުން ކަމަށް މިނިސްޓްރީ އޮފް ހެލްތުން ވިދާޅުވެއެވެ. މީގެ އިތުރުން، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާއި މިފަދަ ބަލިތައް ޖެހޭ މިންވަރު  މަދު ކުރުމަށް މިފަދަ ބަލިތަކުގެ ހިރާސްތަކަށް ހުށަހެޅޭ އާދަތައް މަދުކުރުމަށްޓަކައި ކުރަންހުރި ކަންތައްތައްކުރުމަށް މަގުފަހިކޮށްދިނުމާއި ދުޅަހެޔޮ އާދަތަކަށް ޒުވާނުންނާއި އާންމު ރައްޔިތުން އަހުލުވެރިކުރުމަށް މީޑިއާއާއި އެހެނިހެން ވަޞީލަތަކުގެ ޒަރީއާއިން ޞިއްޙީ މެސެޖްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ލަފަޔާއި އިރުޝާދު ދިނުމަކީވެސް މި ބޯޑު އެކްލަވައިލެއްވުމުގެ މަޤްޞަދެއް ކަމަށް މަޢުލޫމާތު ދެއްވައެވެ.

މިނިސްޓްރީ އޮފް ހެލްތުން އިތުރަށް ވިދާޅުވީ ބޯޑުގެ ބައްދަލުވުންތައް ފެށިގެން ޤަވާއިދުން ކުރިއަށް ގެންދެވޭއިރު ބޯޑުގެ ލަފައާއެކު ރަގަޅު މަސައްކަތްތަކެއް ކުރިއަށް ގެންދެވިފައިވާކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓުން ކުރިޔަށް ގެންދަވާ ރަށްރަށުގެ ސްޕޯޓްސް ކައުންސިލަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި ކުޅިވަރާއި ކަސްރަތުކުރުމުގެ މުހިންމުކަމުގެ މައުލޫމާތުދީ 200 ސްޕޯރޓްސް ކައުންސިލަރުންނަށް ސެޝަންތަކެއް  ކުރިޔަށް ގެންދެވިފައިވެއެވެ. ހަމަ އެހެންމެ ސްޕޯރޓްސް ކައުންސިލަރުންގެ ރޯލު އަދާކުރުމުގައި ގެންގުޅެން ޖެހޭނެ އުޞޫލުތަކާއި ޝަރުތުތަކާއި ޞިއްޙީކަންކަމަށް އަހުލުވެރި ބަޔަކަށް ވުމާބެހޭގޮތުން ތަމްރީނުކުރެވިފައި ވާނޭކަމަށް ހެލްތުން ވިދާޅުވެއެވެ.

މީގެ އިތުރުން މާރޗް މަހުގެ އަށް ވަނަ ދުވަހު އައި-ރަނާޒް ގެ ފަރާތުން ހިންގެވި އިންޓަރނޭޝަނަލް މެރަތަންއާ ގުޅިގެން ބޭއްވި ފިޓްނަސް އެކްސްޕޯ ފޯރަމްގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު އާއްމުންނަށް ފޯރުކޮށްދީފައި ވެއެވެ. އެ ފޯރަމްގައި ނަފްސާނީ ދުޅަހެޔޮކަމަށާއި، ޞިއްޙަތަށް ފައިދާހުރި ކާނާކެއުމުމުގެ މުހިއްމުކަމަށް އަލިއަޅުވާލާފައި ވާނޭކަމަށް ހެލްތުން މަޢުލޫމާތު ދެއްވައެވެ. ދުންފަތުގެ ނުރައްކަލާއި ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ޖެހޭ އެކިއެކި ބަލިތަކުން ރައްކާތެރިވުމަށް އާއްމުންނަށް މަޢުލޫމާތު ޙިއްސާކޮށްފައި ވާނޭކަމަށްވެސް ހެލްތުން ވިދާޅުވެއެވެ.

ޢާއްމު ޞިއްޙަތާ ގުޅުންހުރި ޕްރޮގްރާމްތައް ހިންގުމުގައާއި ޤަވާޢިދުތައް ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ތަންފީޒީ އިދާރާތަކާއެކު މަޝްވަރާކުރުމަށް ބޯޑުން ނިންމާފައިވެއެވެ.

މީގެ އިތުރުން ސްކޫލް މާހައުލުގައި ޞިއްޙީ އާދަތައް އަށަގެންނެވުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށް މަޝްވަރާކޮށް ލަފާ ދެއްވާފައި ވެއެވެ.

ޞިއްޙީ މަޢުލޫމާތުތައް މިހާރަށް ވުރެ އިތުރަށް މީޑިއާތަކުން ގެނެސްދިނުމަށް ބާރުއެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރުމަށް ރޭގެ ބައްދަލުވުމުގައި ނިންމާފައިވާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.