އެކުވެރި ޢަރަބި އިމާރާތުގެ އަލް ޢައިން ސިޓީ އާއި ދިމާ މަތިން އާދަޔާޚިލާފު ވިލާގަނޑެއް މިމަހު ފެނި، އޭލިއަންތަކެއް ދުނިޔެއަށް އައީކަމުގެ ބިރުވެރިކަން ކޮންސިޕިރެސީ ތިއަރިސްޓުންގެ މެދުގައި އުފެދިއްޖެއެވެ.

އޭލިއަން ޝިޕެއްގެ ބައްޓަމަށް ވަށްކޮށް އޮތް އެ ވިލާގަނޑު ފެނިފައިވަނީ އިބްރާހިމް އަލް ޖަރްވާން ނަމަކަށް ކިޔާ މީހަކަށެވެ. އެ ވިލާގަނޑުގެ ވީޑިއޯކޮށް އޭނާ ވަނީ ޓްވީޓްވެސް ކޮށްފައެވެ.

ޔޫއެފްއޯ ސައިޓިންގްސް ޑެއިލީ ހިންގަމުންގެންދާ ސްކޮޓް ސީ ވޮރިންގ ބުނާގޮތުން ފެނިފައިވާ ވިލާގަނޑު ހުރީ އޭލިއަން އުޅަނދެއްގެ ވަށްބުރަށެވެ.

“ލޯވަޅެއްހެން ހުރި ވިލާގަނޑަށް ފަރުވާތެރިކަމާއެކު ބަލައިލުމުން ފެންނާނެ އެތެރެއަށް އިންނަ ބުރަކާއި ބޭރަށް އިންނަ ބުރެއް. އޭގެ މާނައަކީ މި ފޮޓޯ ނެގިއިރުވެސް އެތަނުގައި ޔޫއެފްއޯ އޮތްކަން.” ސްކޮޓް ސީ ވޮރިންގ ބުންޏެވެ.


ސްކޮޓް ސީ ވޮރިންގ ބުނާގޮތުން އެ ޔޫއެފްއޯ، އެކުވެރި ޢަރަބި އިމާރާތަށް އައީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ޤައުމުގައިވާ މުއްސަނދިކަމާއި ތެޔޮ ބަލައިލުމަށެވެ.

“އެސޮރުމެން އަހަރުމެންނަށް ބަލަމުން ދަނީ، ރިކޯޑްކޮށް މަޢުލޫމާތުތައް އެއްކުރަމުން ދަނީ އަހަރުމެން ހީވެސް ނުކުރާހާ މިންވަރަށް.” ވޮރިންގ ބުންޏެވެ.”އެ ހުރިހައި ކަމެއް އެސޮރުމެން ހިންގަމުންދަނީ އިންސާނުންގެ ހުއްދައެއް ނެތި. އެއީ އެތަކެއް ހާސް އަހަރުތަކެއް ވާންދެން އެސޮރުމެން ހިންގަމުންދާ ޖަރީމާއެއް. އަހަރެން ބުނާނީ އެއީ އިންސާނިއްޔަތާ ދެކޮޅަށް އެސޮރުމެން ހިންގަމުންދާ ޖަރީމާއެކޭ.”

ވޮރިންގ އަށް ޔަޤީންވާ ގޮތުން އެއީ ޔޫއެފްއޯ އެއް ނަމަވެސް، ޙަޤީޤަތުގައި އެއީ ވިލާގަނޑެއްގައި ލޯވަޅެއް އެޅިފައިވާ މަންޒަރެކެވެ. ވިލާގަނޑުގެ ތެރެއިން ލޯވަޅެއް އެޅިފައިވާ ވިލާގަނޑު ނުވަތަ ‘ފޯލްސްޓްރީކް ކްލައުޑް’ އުފެދެނީ ފްރީޒިންގ ޕޮއިންޓަށް ވުރެން ދަށަށް ފިނިހޫނުމިން ދިއުމުންނާއި ވިލާގަނޑުގައި ހުންނަ ކުދި ފެންތިކިތައް ގަނޑުވުމަށް ވަގުތުނަގާއިރު އެވެ.

އެހެންކަމުން މިއީ އެއްވެސް ހާލެއްގައި އޭލިއަން އުޅަނދެއްގެ ސަބަބުން އުފެދުނު ވިލާގަނޑެއް ނޫންކަން ޔަޤީންކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.