ވެރިކަމަށް ވަޑައިގަތުމަށްފަހު މިހާތަނަށް ރައްޔިތުންނާއެކު ފަސްދޮޅަސް ހާހަށްވުރެ ގިނަ “ސެލްފީ” ނަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށްފަހު މިހައިތަނަށް ރަށްރަށް ގިނަ ދަތުރުތަކެއް ކުރެވިފައި ނުވާކަމަށާއި، އެހެންނަމަވެސް މިހާތަނަށް ކުރެއްވި ދަތުރުތަކުގައި ރައްޔިތުންނާއެކު ނެންގެވި “ސެލްފީ”ގެ ޢަދަދު ފަސްދޮޅަސް ހާހަށްވުރެ މައްޗަށް އަރާނެކަމަށެވެ.

ވެރިކަމަށް ވަޑައިގަތުމުގެކުރިން ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ދެ ލައްކައަށް ވުރެ ގިނަ “ސެލްފީ” ނަންގަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

“ޢަންމުންނާ ބައްދަލުވާ ކޮންމެ ބައްދަލުވުމެއްގައި އެބަ ސެލްފީ ނެގޭ. އަދި ކޮންމެ ބައްދަލުވުމެއްގައި ޢާންމުންވެސް ވަރަށް އެދޭ. އެހެންވީމަ ގާތްގަނޑަކަށް ބަލާއިރުގައި ވެރިކަމަށް އައިފަހުން ނެގިއްޖެ ފަސްދޮޅަސް ހާހަށްވުރެ ގިނަ ސެލްފީ. ކެމްޕެއިން ތެރޭގައި ދެލައްކައަށް ވުރެ ގިނަ ވާނެ އަޅުގަނޑު ކުރިން ދެންނެވިން ދެއްތޯ.” ރައީސް ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ “ފަށާއިރު” ޕްރޮގްރާމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ޕްރޮގްރާމްގެ އިސް ޕްރެސެންޓަރު އާމިރު – ފޮތޯ ރައީސް އޮފީސް

ރައީސް ޞާލިޙް ރަށްރަށްކުރައްވާ ދަތުރފުޅުތަކުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށާއި، ސަލާން ކުރައްވަން ދިގު ސަފުތަކުގައި ތިއްބަވާ ޢާންމުންގެ ފަރާތުންނާއި ރައްޔިތުންނާއި ބައްދަލުކުރައްވާ ބައްދަލުވުންތަކުގައި “ސެލްފީ” ނެންގެވުމަށް ގިނަ ބަޔަކު ދަންނަވައެވެ. އެއިން އެއްވެސް ހުށައެޅުމަކަށް އެމަނިކުފާނު ދެކޮޅު ހައްދަވާފައިނުވާކަންވެސް ގިނަބަޔަކު ފާހަގަކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.