16 މާރޗް 2019 ދުވަހުގެ ބަޔާއި ގުޅޭ…

“އާފްޓާ ލޯންގް ޓައިމް.. ޗުއްޓީ އަށްވެސް މިކޮޅަށް އަންނަން ހިޔާލު ކުރީތީ ވަރަށް އުފާވެއްޖެ..” އިޒުވާނު އޭނަގެ އެކުވެރިޔާ އަތުން ޓްރޮލީ އަތުލަމުން ހިނގައިގަތެވެ.

“އައްސު ނުވޭ މިކޮޅަށް އަންނަ ހިތެއް. އެކޮޅުގަ މާ މަޖާގަޅާފަ އުޅެވޭ. ކްލާސް ނިންމާފަ ރޭގަނޑު ނައިޓްލައިފް. ނުލާހިކު ފްރީ.. ޗިކުން އެހާ ގިނަ. ޔޫކޭ އެއީ ޗިލް ތަނެއް. ކުލަބިންވެސް އެހާ ފައްކާ. މިތާ ކޮންކަމެއް އޮތީ. ޤައުމު ސިޔާސީވެ ހަލާކުވެފަ. މިނިވަންކަމެއް ނެތް. މަ ކިޔަވާ ނިމުނަސް އައި ޑޯން ވޮނަ ކަމް ބެކް ބްރޯ.. އައި ވިލް ސްޓޭ ދެއަ.. މިތާގަ ޖޮބަށް ގޮއްސަ އައިސް ހަތަރު ގަޑިއިރުވަންދެން ކޮފީއަށްއަރާ މީހުންގެ މަސްކައިގެން ނިދުން… މީ ހަމަ ކަޑަ ތަނެކޭ..” ރާއްޖެއިން ބޭރުގައި އުޅެމުންދާ މަޖާގޮތުގެ ވާހަކަ ޖުމާން ކިޔައިދެމުން ދިޔައިރު އިޒުވާން ހެވިފައި އެވާހަކަތައް އަޑުއަހަމުން ދިޔައެވެ. އެއީ ޖުމާންގެ އާދައެވެ. ކޮންމެވެސް ފޮނި ވާހަކަތަކެއް އަބަދުވެސް ދައްކާނެއެވެ.

މާލެ ދިއުމަށް ޓިކެޓް ކައުންޓަރަށް ގޮސް ޓިކެޓް ނަގައިގެން އިޒުވާނާއި ޖުމާން ފެރީއަންނަދެން މަޑުކޮށްލައިގެން ތިއްބެވެ. އެއަރޕޯޓާށް އަންނަމުންދާ ތަރައްޤީގެ ކުލަވަރު ފެނި އަންތަރީސްވެފައި ބަލަން ޖުމާނަށް ހުރެވުނެވެ.

“މިކުޑަ ރާއްޖެވެސް ފާޑަކަށް ތަރައްޤީ ވޭދޯ..” މަލާމާތުގެ ރާގަކަށް ޖުމާން ހުރެފައި ބުންޏެވެ. އިޒުވާނު ފާޑަކަށް ހެވިފައި ޖުމާނަށް ބަލަން ހުއްޓެވެ.

“ދެން ތިއެއްނޫނޭ.. ނެތްތަ މިރޭ ތަޅާލަން ރަނގަޅު ޗިކެއް.؟” ޖުމާންގެ ސުވާލުން އިޒުވާނުގެ މޫނުމަތިން ވިހަ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ނޫނޭ. ޗިކުން އެބަތިބި.. ޖުމާނަށް ކުރަން ކެރުނު ވަރެއް..” އިޒުވާނު ޖަވާބުދިނެވެ.

“މިރޭ ނޫނަސް އޯކޭވާނެ. މިރޭ ދެން ރެސްޓް ކޮށްލާނީ. އެގޮތް އޯކޭ އެންނު.. ފެރީ ވެސް އެ އައީ. މަ ކަމެއް ބަލާފަ ކައެއަށް ހަބަރެއް ވާނަން..” ޖުމާން ފެރީ ކައިރިކޮށްލުމުން އެދިމާއަށް ހިނގައިގަންނަމުން ޖަވާބު ދިނެވެ. ފެރީ މަޑުކޮށްލުމުން އިޒުވާނުވެސް ޓްރޮލީ ހިފައިގެން އެދިމާއަށް ހިނގައިގަތެވެ.

“އޯކޭ ބޮރޯ.. ކައެ ގުޅާ. އެކަމް ފައްކާ ޗިކެއް ބޭނުންވާނީ އިނގޭ..” ކުޑަވަގުތުކޮޅަކަށް އަލްވަދާއު ކިޔަމުން ޖުމާން ގޮސް ފެރީއަށް އެރިއެވެ.

***

ހަވީރުގެ ހިތްގައިމު ވަގުތު ޖުމާނާއި އިޒުވާނު ކޮފީ އެއްބޯލަން ތިބީ ފާން ރެސްޓޯރަންޓް އަތިރިމަތީ ސަރަހައްދުގައެވެ. ދެމީހުންވެސް ތިބީ ވަރަށް އޮލަ ވާހަކައެއްގައެވެ. އެ މަންޒަރު ބަލަން ހައުލާ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްކައިރީގައި އިނެވެ. ހައުލާގެ ކަމަކަށްވެފައި އޮންނަނީ އިޒުވާނަށް ފާރަލުމެވެ. އޭނަ އުޅެމުންދާ ހުރިހާ ގޮތެއް ހައުލާ ދިޔައީ ވަރަށް ގާތުން ބަލަމުންނެވެ. އިޒުވާނުގެ ކޮންމެ ހަރަކާތަކަށް އަޅާ ފިޔަވަޅަކަށް ހައުލާގެ ދުވަސްތައް ދެމިގެން ދެއެވެ. ބަދަލު ހިފުމަށް ހައުލާ ދަނީ ކެނޑިނޭޅި މަސައްކަތް ކުރަންނެވެ. ހައުލާ އަށް ވިސްނޭގޮތުގައި ކޮންމެވެސް ދުވަހަކުން އެކަން ކާމިޔާބުވާނެއެވެ. އެކަން ހައުލާ އަބަދުވެސް ދިޔައީ ގަބޫލުކުރަމުންނެވެ.

“އޭތް މިތާ މަޑުކުރައްޗޭ. މަ އަންނާނަން ޒީ ޑިއުޓީއަށްދާން ބަހަށް ވައްޓާލާފަ. އޭނަ ޑިއުޓީއަށް ދާން ގަޑި ޖެހޭތީ މެސެޖްކޮށްފި..” އިޒުވާނު ތެދުވިތަން ހައުލާއަށް ފެނުނެވެ. ޖުމާން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. އިޒުވާނު ސައިކަލުގައި ދުއްވާލިތަން ފެނުމާއެކު ހައުލާ ގޮޑިން ތެދުވިއެވެ. ރަނގަޅަށް ކޮޅުކޮޅަށް ނަޒަރު ހިންގާލުމަށްފަހު ތެދުވެގެން ޖުމާން އިން މޭޒާއި ދިމާއަށް ހިނގައިގަތެވެ. ޖުމާން ސިނގިރޭޓެއް ދަމާލުމަށްފަހު ފޯނާއި ކުޅެން މަސްއޫލުވެގެން އިނެވެ.

“ޖުމާ…” ކޮންއިރަކު މާލެ އައީ..؟ އަންގާވެސް ނުލާ..” ހައުލާ މޭޒުކައިރީގައި ހުރި ގޮޑި ދުރައްޖައްސާލަމުން ޖުމާނަށް ގޮވާލިއެވެ. ޖުމާން ސިހިފައި ކަހަލަ ގޮތަކަށް ހައުލާއަށް ބަލައިލިއެވެ. ހައުލާ އެ ގޮޑީގައި އިށީނެވެ.

“ވަޓް ދަ.. ހައު ދޯ.. ނުވެސް އެނގުނު. ހާދަ ހިއްކާލާފަ…” ހައުލާ ފެނުމުން ޖުމާން ފޯނު މޭޒުމަތީގައި ބާއްވަމުން ވާހަކަ ދައްކަން ފެށިއެވެ. ހައުލާ ކުރިން ހުރިގޮތާއި ތަފާތުކަމެއް ފެންނަން ހުރުމުން ޖުމާނަށްވެސް ބުނެލެވުނީ އެވާހަކައެވެ. އިޒުވާނާއި ހައުލާ ރައްޓެހިވެގެން އުޅުނު އިރު ޖުމާނާއި ހައުލާވެސް ގާތްގުޅުމެއް އޮތެވެ. ނަމަވެސް ކަންތައް ހިނގާދިޔަ ގޮތުން އެދެމީހުންގެ ގުޅުން ވެސް ދުވަސްކޮޅަކަށް މެދުކެނޑިގެން ދިޔައީއެވެ.

“ދެން މިހެންވެސް ވާނެ ދޯ. ހުޅުމާލެގަ ކޮންކަމެއް؟’ ހަޤީގަތް އެނގިހުރެވެސް ހައުލާކޮށްލީ ސުވާލެކެވެ. ދަބަހުން ސިނގިރޭޓް ފޮށި ނަގައި ސިނގިރޭޓެއް ރޯކޮށްލަމުން ޖުމާނަށް ބަލައިލިއެވެ.

“މިހާރު ފެގުވެސް ދަމަންތަ؟” ހައުލާ ސިނގިރޭޓް ރޯކޮށްލުމުން ޖުމާންކޮށްލީ ސުވާލެކެވެ.

“ކަމޯން. ލައިފް އިޒް ސޯ ހާޑް. ޖަސްޓް ލައިކް ދެޓް ޔޫ ނޯ ދޯ.. ފެގް ކީއްކުރަން ދެން ހުރި ކަންތައްވެސް..” ހައުލާ ބޭނުންވި ދިމާއަށް މައުޟޫއު ބަދަލުކޮށްލިއެވެ.

“މަވެސް މިއައީ އިޒޭ މިކޮޅުގަ އުޅޭތީ.. އޭނަ ދިޔައީ ބިޓު ބަހައް ވައްޓާލަން.” ޖުމާން އެހެން ބުނުމުން ހައުލާ މޫނަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ. އެމަންޒަރު ޖުމާނަށްވެސް ފެނުނެވެ.

“އެހެންވީމާ ނުބައި ގަޑިއެއްދޯ މީ.. މިރޭ ފްރީތަ؟’ ހައުލާ ވިސްނާލަން އިނުމަށްފަހު ބުންޏެވެ.

******************

“މަންމައަށް ފެންނަނީ ދަރިފުޅު އެކޮޅަށް ދާން. ކުއްޔަށް އުޅޭ މީހުންނަށްވެސް ވަރަށް އުނދަގޫވާނެ އެކޮޅުގަ އެއްވެސް މީހަކު ނެތީއްޔާ. ދަރިފުޅަށް ހަމަ ރަނގަޅަށް އެނގޭނެއެކަން. މަންމަ ބޭނުމެއްނުވޭ ދަރިފުޅު މިތަނަށް އައިސް ތިހެން އޮންނާކަށް. ދަރިފުޅުވެސް ދެން ރަނގަޅު ކުއްޖެއް ހޯދައިގެން ދިރިއުޅުމެއްފަށައިގެން މާލޭގައި އުޅެންވީ އެންނު. މަންމަ ބޭނުމެއް ނުވޭ ރާއްޖޭގައި ދިރިއުޅެންދާކަށް. އެހެން ނޫނަސް ބައްޕަ ކަންތައް ކުރިގޮތުން އެފަސްގަނޑުދެކެ ވެސް މަންމަ ފޫހިވެއްޖެ..” އެނދުމަތީގައި އޮށޯވެލައިގެން އޮތް ޒުހުރީ އަށް ނަސޭހަތް ދިނުމުގެ ގޮތުން އޭނަގެ މަންމަ ވާހަކަ ދައްކަމުންދިޔައެވެ. ޒުހުރީ ބަނޑުވަތަށް އޮށޯވެލައިގެން އޮތްއިރު މީހަކު ކައިރީގައި އިނދެ އެއްޗެކޭ ކިޔާހެންވެސް އޭނައަށް ހީނުވާ ކަހަލައެވެ. ޒުހުރީގެ އަމަލުތައް ހުރި ގޮތުން އޭނަގެ މަންމަ އޭނައަށް ނަސޭހަތްތެރި ވަމުން ދިޔައެވެ.

މެލޭޝިޔާއަށް އައިސްސުރެ ޒުހުރީގެ ކަމަކީ ކޮޓަރީގައި އޮތުމެވެ. ބޭރަށް ދިއުމެއް މީހަކާ ވާހަކަދެއްކުމެއް ނެތެވެ. އޭނަގެ މަންމަ  ވިސްނައިދެވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ޒުހުރީއަށް އެހާ ބޮޑު ބަދަލުތަކެއް އައިސްފައިވާތީ އެކަމާ ޒަމީރާވެސް އަޖައިބުވިއެވެ. ނަމަވެސް ޒަމީރާގެ ހުރިހާ ވާހަކަތަކެއް ނަސޭހަތްތަކެއް ވެގެން ދަނީ ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަ ކަމެއްގެ ގޮތުގައެވެ.

“ދަރިފުޅާ. މަންމަ މިވާހަކަ ދައްކަނީ މިހިރަ ބާލީސްތަކާއެއްނޫނޭ. މަންމައަށް އެނގޭ މިތަނަށް ތިއައީ އަންނަން ބޭނުންވެގެންނޫންކަން. އެންމެ ފުރަތަމަ ދުވަހުވެސް މެލޭއަށް އަންނަން ބުނީމަ ނައިސް މިހާރު … ދަރިފުޅު މަންމައަށް ކަމެއް ސިއްރު ކުރަނީތަ؟” ޒަމީރާ ވާހަކަ ދެއްކުމުންވެސް ޒުހުރީ އެއްވެސް ޖަވާބެއް ނުދިނެވެ. އޭރުވެސް ޒުހުރީގެ ލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. ޒުހުރީ ކަމެއް ސިއްރު ކުރާކަށް ޒަމީރާއަށް އެނގުނު ނަމަވެސް އެވާހަކަތައް އިތުރަށް ދައްކާކަށް  ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ޒަމީރާ ކޮޓަރިން ނުކުމެގެން ދިޔައީ ޒުހުރީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ.

ޒަމީރާ ވެސް މެލޭޝިއާ އަށް ދިރިއުޅުން ބަދަލުކުރީ ފިރިމީހާގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކަށް ކެތްނުކުރެވިގެން ރާއްޖޭގައި ދިރިއުޅެން ފޫހިވެ އެ އަނިޔާތަކުން ސަލާމަތް ވުމުގެ ގޮތުންނެވެ. ޒަމީރާ ކޮޓަރިން ނުކުމެގެން ދިއުމުން ޒުހުރީ އޭނަގެ ފޯނުގައިވާ ޒީނާގެ ތަސްވީރަށް ބަލައިލިއެވެ. ޒުހުރީގެ ހުރިހާވެސް އުފަލަކީ އެތަސްވީރެވެ. ހިތްހަމަ ޖެހުމަކީވެސް އުފަލަކީވެސް އެފޯނުގައި ރައްކާކުރެވިފައިވާ ޒީނާގެ ތަސްވީރެވެ.

******

“މިރޭ ފްރީ ވާނެ. ގުޅާލަބަލަ..” ޖުމާން ސިނގިރޭޓް ބިންމައްޗަށް ވައްޓާލަމުން ބުންޏެވެ.

“މިރޭ ގުޅާނަން. އިޒުވާނުއަތުވެއްޖެއްޔާ މަންޒަރު މާ ރީއްޗެއް ނުވާނެ… ދެން ދަނީ..” ހައުލާ ގޮޑިން ތެދުވަމުން ބުންޏެވެ.

“ޖުމާންގެ ނަމްބަރު ގެނޭ. އޭރުންދޯ ހަބަރެއްވެސް ވެވޭނީ…..” ހައުލާ ތެދުވަމުން ޖުމާންގެ ނަމްބަރު ދިނުމަށް އެދުނެވެ. ޖުމާން ނަމްބަރު ކިޔާލުމުން ހައުލާ އޭނަގެ ފޯނުގައި ނަމަބަރު ރައްކާކޮށްލިއެވެ. ވިހަ ޒާތަކަށް ޖުމާން ބަލާލުމަށްފަހު ހައުލާ އެތަނުން ދިއުމަށް ހިނގައިގަތެވެ.

*****

ހައުލާއާއި އޭނަގެ މަންމަ ތިބީ ޓީވީއަށް ގެއްލިފައިއެވެ. އޭރު މަޣްރިބް ނަމާދު ބަންގިއަށް ވަގުތު ކައިރުވަމުންދިޔައެވެ. ބަންގި ވަގުތު ޖެހުމާއެކު ހައުލާގެ މަންމަ ގޮސް ކޮޓަރިއަށް ވަނެވެ.  ވަގުވަގަށް އޭނަގެ މަންމަ ކަންތައް ކުރަންއުޅުނު ގޮތް ބަލަން އިނެވެ. މަންމަ ގޮސް ކޮޓަރިއަށް ވަނުމާއެކު ތަންވަޅު ބަލާފައި ފޯނުން ޖުމާނަށް ގުޅިއެވެ.

“ފްރީތަ؟” ޖުމާން ފޯނު ނެގުމާއެކު ހައުލާ ކޮށްލީ ސުވާލެކެވެ.

‘އާން ދެން ފްރީ..” ޖުމާން ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ. އޭރު އޭނަ އިނީ އިޒުވާނު ދިރިއުޅޭ އެޕާރޓްމަންޓުގައި އިޒުވާނާއި ވާހަކަ ދައްކާށެވެ.

“އާދޭ މިގެއަށް.. ހައުލާ އެގެއަށް އައުމަށް ދައުވަތު ދެމުން އަންނަންވިތަނާއި ހިސާބުގަނޑު ކިޔައިދެމުން ފޯނު ކަނޑައިލިއެވެ.

“ކާކު؟” ޖުމާން ފޯނު ކަނޑައިލުމުން އިޒުވާނު އަހައިލިއެވެ.

 “ބިޓެއް. އޭތް މަ އަންނާނަން އިނގޭ. ކައެއަށްމަ ގުޅާނަން ނިންމާލާފަ..” އިޒުވާނަށް ދޮގުހަދަމުން ޖުމާން ނުކުތީ ހައުލާގާތަށް ދިއުމަށެވެ.

ސައިކަލަށް އެރުމަށްފަހު ޖުމާން މިސްރާބު ޖެހީ ހައުލާގާތަށް ދިއުމަށެވެ. ހައުލާ ބުނި ހިސާބަށްދެވުމާއެކު ޖީބުން ފޯނު ނެގުމަށްފަހު  ގުޅާލިއެވެ. ޖުމާން ވާހަކަ ދެއްކުމަފަހު ފޯނު ކަނޑައިލިއެވެ.

ހައުލާ ދޮރޮހުޅުވާލިއެވެ. އޭރު ޖުމާން ހުރީ އެގޭ ދޮރުމަތީގައެވެ. އަވަސް އަވަހަށް ޖުމާން އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ. ކޮޓަރީގެ ދޮރު ތަޅުލުށްފަހު ޖުމާން ބަލައިލިއެވެ. ޖުމާން ހުރީ ހަދާނެ ގޮތެއް ނޭންގިފައެވެ. ހައުލާ ގެ ބެލުމުގައި ވަހުޝީ ގޮތެއް ހުއްޓެވެ. މާ ގިނައިރުވަންދެން ބަލާކަށް ހައުލާއަށް ނުހުރެވުނެވެ. އަވަސް ފިޔަވަޅުތަކާއެކު ޖުމާންގެ މޭގައި އަތްއަޅާ ކޮށްޕާލިއެވެ. ޖުމާން ބާރަކަށްގޮސް އެނދުމައްޗަށް ޖެހުނެވެ. ވާހަކަ ދައްކަން ޖުމާނަށް ފުރުސަތެއްވެސް ނުދީ ހައުލާ ގޮސް ޖުމާންގެ ގައިމައްޗަށް ޖެހިގަތެވެ. ތެދުވަން މަސައްކަތް ކުރި ނަމަވެސް އެފުރުސަތުވެސް ޖުމާނަކަށް ނުލިބުނެވެ. ޖުމާނަށް ހައުލާގެ އަވަސް ހަރަކާތުން އެނދުން ބޯ ހިއްލާލަންވެސް ވަގުތުކޮޅެއް ނުލިބުނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓާއިގެން އޮވެވުނީވެސް މަދު ސިކުންތުކޮޅަކަށެވެ.  ބަލަން ނޯވެ ޖުމާންގެ ތުންފަތުގައި އަނގަޖެހިއެވެ. ޖުމާނަށް އެކަމުގެ ލައްޒަތު ލިބެން ފެށުމުން ހައުލާގެ ގައިގައި ދެއަތްވަށާލުމާއެކު އެނދަށްވެސް ލޮޅުން އަރައިގެން ދިޔައެވެ.

“ހައު. ކިހިނެއް ތި ހެދީ.. އިޒޭ އެއީ ހާދަ ކަޑަ ޅ އެކޭ ދޯ..” ބޮކްސާލަމުން ޖުމާން ބުންޏެވެ. ހައުލާ އޮތީ އެނދުމަތީގައި ބެޑްޝީޓުން އަޅައި ހަށިގަނޑު ނިވާކޮށްލައިގެންނެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ވިހަ ހިނިތުންވުމެކެވެ. ޖުމާން އެއްޗެހިލައިގެން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އޭރުވެސް ހައުލާ ވިހަ ގޮތަކަށް ހެވިފައި ޖުމާނަށް ބަލަން އޮތެވެ.

“ދެން ދަނީ. އަދި އަންނާނަން ހައު އެއްކޮށް…. ބެޑަށް ހަމަ އެއްވަނަ..” ޖުމާން އެއްލޯ މަރާލަމުން ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. އޭރުވެސް ހައުލާ ޒާތަކަށް ހެވިފައި އޮތެވެ. ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ސިޓންރޫމަށް ނަޒަރު ހިންގާލުމަށްފަހު މީހަކު ފެންނަންނެތުމުން ވަރަށް ސިއްރުން އެގެއިން ނުކުތެވެ.

“ހައުލާ ބެޑްޝީޓް ހޫރާލަމުން ކަހަލަ ގޮތަކަށް އެނދުން ތެދުވިއެވެ. ހަމަ އެވަގުތު އޭނަގެ ރީތި ހަށިގަނޑުގެ ފަރުދާ ކެހިގެން ދިޔައެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ކުއްލިއަކަށް ހައުލާއަށް ނުބައި ޒާތަކަށް ހޭންފެށިއެވެ. މުޅި ކޮޓަރިއަށް ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ. ހީވަނީ ކުރަންބޭނުންވި ވަރަށް ބޮޑު މަޤުސަދެއް ހާސިލްވީހެންނެވެ.

***

“އަދިވެސް ކައެ މަށަށް ޗިކެއް ހޯދާ ނުދެމެންނު. މިހާރު އޭގެ ފަހުންވެސް ތިން ދުވަސް ފާއިތުވެގެން މިދިޔައީ. ރަނގަޅު ރައްޓެއްސެއް ތިއީ އިނގޭ. މަ މިހާރު ބޮލަށް އަރާފަ މިހުންނަނީ.. ކައެ މިހާރު މިކުޅިގަނޑު ހުއްޓާލީތަ؟ ޖުމާން ވާހަކަ ދެއްކީ އިޒުވާނުގާތުގައެވެ. އެ ދެމީހުން ތިބީ ތަޕާސްގައި ކޮފީއެއް ބޯލާށެވެ. ވަގުތަކީ ހަވީރު ވަގުތުކަމުން ފުދޭވަރަކަށް މީހުންވެސް އެތަނުގައި ތިއްބެވެ.

“ހާސްނުވެބަލަ. އަދި ކަމެއް ނުވެފައެއް ނެތެއްނު” އިޒުވާނު ހިނިތުންވެލަމުން ބުންޏެވެ.
***

ހައުލާ އުޅުނީ ލާނެ ހެދުމެއް އިސްތިރިކުރާށެވެ. އެނދުމަތީގައި އިސްތިރިކޮށްފައި ބާއްވާފައި އޮތް ޖީސްވެސް އޮތެވެ. އެނދުގެ އެއްފަރާތެއްގައި ފޯނުވެސް އޮތެވެ. ފޯނު ރިންގްވާން ފެށުމުން ހައުލާ ގޮސް ފޯނު ބަލައިލިއެވެ. ޔަގީންކޮށްލުމުގެ ގޮތުން ހައިރާންކަމާއެކު ފޯނަށް ބަލަހައްޓައިގެން ހުރެވުނެވެ. އަތަށް ފޯނު ނެގުމަށްފަހު ވިސްނާލިއެވެ. ކުޑަވަގުތުކޮޅަކު ވިސްނާލަން ހުރުމަށްފަހު ފޯނަށް ޖަވާބުދިނެވެ.

***

“އަދި ތިކަން ނުވެފަ ނެތެއްނު.. ތިކަން ކޮށްދޭނަމޭ. އަދިވެސް މަ މިހުރީ މަގޭ ގޮތުގަ. އަޒުމަކަށް ހިތްވަރަކަށް ބަދަލެއް ނޭދޭ..” އިޒުވާނު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އިޒުވާނު ޖަވާބުދިން ގޮތުން ޖުމާނަށް ލާނެއް ގޮތަކަށް އިޒުވާނަށް ބަލާލެވުނެވެ.

“އޯކޭ ޗިލް. އެކަމަކު މިރޭ ވާނެ ޗިކެއް ހޯދަން..” ޖުމާން ޖަވާބުދެމުން އަތުގައި އޮތް ސިނގިރޭޓް ދަމައިލިއެވެ. އިޒުވާނުގެ ވާހަކަ ތަކުން އަދިވެސް އޭނަގެ އުޅުމަށް މާބޮޑު ބަދަލުތަކެއް އައިކަމެއް ފާހަގައެއް ނުކުރެވުނެވެ.

ޑިއުޓީ ނިންމާލުމަށްފަހު ޒީނާއަށް ބަހުގައި ހުޅުމާލެއަށް އާދެވުނީ ރޭގަނޑު އެކެއްވެސް ޖަހާ ބޮޑުވިފަހުންނެވެ. ބަސް އައިސް ބަސްހުއްޓިއަށް މަޑުކޮށްލުމުން ޒީނާ ފޯނު ނަގައި އިޒުވާނަށް ގުޅައިލީ ބަލާ އާދެވޭނެތޯ ބަލާލުމަށެވެ.

“ހަލޯ. ބަސް ސްޓޮޕް ކައިރީގައި..” ޒީނާ ފޯނުކުރުމުން އިޒުވާނު ފޯނު ނެގުމަށްފަހު ފޯނަށް ޖަވާބުދިނެވެ. ޒީނާ ލުއި ހިނިތުންވުމަކާއެކު އުނގުމަތީގައި އޮތް ދަބަސް ތެރެއަށް އޭނަގެ ފޯނު ލިއެވެ. ބަހުން ފޭބިއިރު އޭނަގެ އިންތިޒާރުގައި އިޒުވާނު ސައިކަލުގައި އައިސް އިނެވެ. ޒީނާ އިސްތަށިގަނޑު ނިއުޅާލަމުންގޮސް އިޒުވާނުގައި ސައިކަލު ފަހަތަށް އެރުމަށްފަހު އިޒުވާނުގެ އުނަގަނޑުގައި އަތްވަށާލިއެވެ.

އިޒުވާނު ސައިކަލު ދުއްވާލިއެވެ. ވަކި ހިސާބަކުން އޭނަގެ ފަހަތުން އެހެން ދެ ސައިކަލަކުވެސް ދުއްވަމުން ދިޔައެވެ. އެމީހުންގެ ސައިކަލުގެ މިސްރާބުވެސް ހުރީ ހަމަ އިޒުވާނުގެ ސައިކަލު ހުރި މިސްރާބަށެވެ.  ސައިކަލު ދުއްވަމުން ގޮސް މަޑުކޮށްލީ ޒިނާ ދިރިއުޅޭ ފްލެޓްކައިރިއަށެވެ. ސައިކަލު މަޑުކޮށްލުމުން ޒިނާ ސައިކަލުން ފޭބިއެވެ. އިޒުވާނުވެސް ސައިކަލުގެ ލައިޓް ނިއްވާލަމުން ތަޅުދަނޑި ޖީބަށް ލަމުން ސައިކަލުން ފޭބިއެވެ.

“ގޭގަ ނެތްތަ ކާއެއްޗެއް؟ ވަރަށް ބަނޑުހައި.” އިޒުވާނު ބަނޑުގައި އަތްކާއްތާލަމުން ބުންޏެވެ. ލުއި ހިނިތުންވުމެއް ފޮނުވާލަމުން އިޒުވާނުގެ އަތުގައި ހިފިއެވެ.

“ހުންނާނެ މެންދުރު ކެއްކި މަސްބަތާއި ރިހާކުރު ވެސް. ހިނގާ ދާން ކާން..” ޒީނާ އިޒުވާނުގެ އަތުގައި ހިފައިގެން އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް