އޭޕްރީލް 09 ގައި ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ޔޫއްޕެ ޕްރޮޑަކްޝަން އިން އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމު “ނަފްރަތުވުމުން”ގެ ތަރިންގެ މަސައްކަތާއި ހުނަރަށް، ފިލްމުގެ ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) ވަރަށް ބޮޑަށް ތަޢުރީފު ކޮށްފިއެވެ.

“ފަހުން މި ނިކުތް ތަރިންނަށް ބަލާފަ ރާއްޖޭގަ މިވަގުތު ތިބި އެންމެ ރަނގަޅު ތަރިން މި ފިލުމުގަ މި އުޅެނީ.” ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެ ބުންޏެވެ.

ފިލްމުގައި ހަރަކާތްތެރިވަނީ މިވަގުތު ރާއްޖޭގެ ސްކްރީންތަކުން އެންމެ އާއްމުކޮށް ފެންނަ، ހުރިހައި ރޯލަކަށްވެސް ފިޓް ޢަލީ އާޒިމް (ދޮން އައްޔަ) އާއި އެންމެ ޑިމާންޑްބޮޑު އެއް ބަޠަލާ މަރިޔަމް އައްޒަ އާއި ލޯބީގެ ރޯލުތައް ކުޅުމަށް ހުނަރުވެރި އަޙްމަދު އީސާ (އާނަންދު) އެވެ.

“ދޮން އައްޔަ. އެދެން ހަމަ ހުރިހައި ރޯލަކަށް ފިޓް އެކަކު. ދެން އާނަންދު. އާނަންދަކީ ‘ލައިލާ’އިން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާފަ އެހެން ނަމަވެސް ކުޑަ ބްރޭކެއް އައީ އޭނަގެ. ފިލުމުތަކުން ނުފެނި ހުރެފަ އަނެއްކާވެސް ހަމަ އަހަރުމެންގެ ފިލުމަކުން އަނެއްކާވެސް ތަޢާރަފުވެގެން މިދިޔައީ. ޚާއްޞަ ގޮތެއްގަ އޭނަގެ ލޯބީގެ ފިލުމަތަކަށް ވަރަށް ބޮޑު ތަރުހީބެއްދޭ ބެލުންތެރިން. ދެން ހުރީ އައްޒަ. ދެން އައްޒަ އަކީ މިވަގުތު ރާއްޖޭގަ ހުރި އެންމެ ޤާބިލް އެކަކު. އެ ރޭންޖުގަ ހުރި. އެހެންވީމަ ޢައްޒަގެ ސަޕޯޓަރުންނަށްވެސް މި ފިލްމު ވަރަށް ބޮޑު ފިލްމަކަށް ވާނެ. އޭނަގެ ފޭން ބޭސްވެސް ބޮޑުވާނެ.” ފިލްމު “ނަފްރަތުވުމުން”ގައި ހަރަކާތްތެރިވާ މައިގަނޑު ތިން ތަރިންނާމެދު ޔޫއްޕެ ދެކެނީ މިހެންނެވެ.

މި ތަރިންގެ އިތުރަށް ފިލްމުގައި ވަރަށް މުހިންމު ރޯލަކުން ޔޫއްޕެވެސް ފެނިގެންދާނެއެވެ.

“އައްޒަ ވެސް، ދޮން އައްޔަ ވެސް އާނަންދު ވެސް، އެ ތިން މީހުންނަކީވެސް އެއީ މުޅިއަކުން އާބައެއް ނޫން. މިއީ މިހާރު ޓޮޕް ލެވެލްގެ ގިންތީގަ ގުނާލެވޭ ތަރިންތަކެއް މިހާރުވެސް މިއުޅެނީ.”

ހުރިހައި ތަރިންނަށް ޔޫއްޕެ ވަރަށް ބޮޑަށް ތަޢުރީފުކުރިއެވެ.

“ދޮން އައްޔަ އަކީ ދެން ހުރިހައި ގޮތަކުން މިހާރު އެންމެ އުއްމީދީ ތަރި. ހުރިހައި ކެރެކްޓަރ ރޯލެއް އޭނައަށް ކުޅެވޭނެ. ކޮންމެ ސްޓައިލެއް ދިނަސް އޭނަ ކުޅޭނެ މޮޅަށް ހަމަ އެރޯލެއް.”

“ދެން އާނަންދަކީ ޚާއްޞަކޮށް ލޯބީގެ ފިލުމުތަކަށް، ވަކިން ޚާއްޞަކޮށް ‘ލައިލާ’ އިން ފާހަގަކޮށްލެވޭ. އެއީ ހާމިދު ހެދި ފިލުމެއް. ދެން ބެލުންތެރިން އެ ފިލުމުގަ އޭނަގެ ލޯބީގެ ކެރެކްޓަރ ވަރަށް ބޮޑަށް ނަގައިގަތް. އެހެންވީމަ އޭނަގެ އެފަދަ އެއްޗެއް އަނެއްކާވެސް މި ރިލީޒްވަނީ.”

“ދެން އައްޒަ އަކީވެސް މިބުނާހެން ހަމަ ކޮންމެ ރޯލެއް ދިނަސް ކުޅޭ ވަރަށް މޮޅު ތަރިއެއް.” ހުރިހައި ތަރިންގެ މަސައްކަތާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައިހުރެ ޔޫއްޕެ ބުންޏެވެ. ޔޫއްޕެ ބުނީ ހުރިހައި ތަރިންގެވެސް މަސައްކަތް މި ފިލްމުގައި ވަރަށް މޮޅުވާނެ ކަމަށެވެ.

“މީގަ ޑައިރެކްޓަރ ބޭނުންވާގޮތަށް ތަރިންގެ ޕާފޮމަންސް އެބަހުރި ގެނެސްދީފަ. އެކަމަކު ބެލުންތެރިންނަށް މި ދޫކޮށްލަނީ އެ ފަންނާނުންގެ ހުނަރާ މި ފިލުމުގެ ސްޓޯރީ.” ދުވަސްތަކަކަށްފަހު ލޯބީގެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ “ނަފްރަތުވުމުން” އާމެދު ޔޫއްޕެ ދެކެނީ ވަރަށް ޕޮޒިޓިވްކޮށެވެ.

“ނަފްރަތުވުމުން” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 09 ގައެވެ. މިވަގުތަށް ހަމަޖެހިފައިވަނީ ފިލްމުގެ 10 ޝޯ އޮލިމްޕަހުގައި ދެއްކުމަށެވެ.

ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުންދާއިރު ޓިކެޓް ގަތުމަށް 7384040 އަށް ގުޅުމަށް ޔޫއްޕެ ޕްރޮޑަކްޝަން އިން އެދެއެވެ.

“ނަފްރަތުވުމުން”ގެ ރަސްމީ އޮންލައިން މީޑީއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.