ދުނިޔެ ހޫނު ވުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާ މެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުވުމުގެ ގޮތުން މުޅި ދުނިޔޭގައި ފާހަގަ ކުރާ “ބިން ގަޑި” (އާތު އަވަރ) ކެމްޕެއިންގެ ދަށުން މިރޭ ދެ ގަޑިއިރަށް މުޅި ރާއްޖޭގެ ހުރިހާ ދިއްލުންތަކެއް ނިއްވައިލުމުގެ އިތުރުން ގިނަ ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.

“ދުނިޔެއަށްޓަކައި އެއްގަޑިއިރު” ނުވަތަ ބިން ގަޑިއަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް މީހުން ހޭލުންތެރިކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ އެންމެ ފަހު ހޮނިހިރު ދުވަހު ބާއްވަމުން އަންނަ ހަރަކާތެކެވެ.

‘އާތު އަވާ މޯލްޑިވްސް’ގެ ފަރާތުން މައީދް މުހައްމަދު ޒާހިރު ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި، އެޑިޔުކޭޝަން މިނިސްޓްރީއާއި އަދި އާތް އަވާ މޯލްޑިވްސް ގުޅިގެން އަންނަ ބުރާސްފަތި ދުވަހާއި، ހުކުރު އަދި ހޮނިހިރު ދުވަހު އާތު އަވާ ފަހަގަކުރަން ނިންމާފައިވާ ކަމަށެވެ.

އެދުވަސް ފާހަކުރުމަށްޓަކައި ދަނީ ދުރާލާ މަސައްކަތް ކުރަމުންކަން ފާހަގަކުރައްވާ މައީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ދައްކައިދިނުމަށް އާޓިސްޓް ކޮމިއުނިޓީގެ އެހީތެރިކަމާއެކު މާލޭގެ ދެ ސަރަހައްދެއްގައި މިހާރު ގެންދަނީ ކުރެހުންތަކެއް ކުރަހަމުން ކަމަށެވެ. ކުރަހަން ބޭނުންވާ ފަރާތްތަކުން ރޭގަނޑުގެ ވަގުތުތަކުގައި މި ސަރަހަށްދުތަކަށް ޒިޔާރަތްކޮށް މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މައީދު ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ކޮންމެ ސުކޫލެއްގައި މާދަމާ ހާއްސަ އެސެމްބްލީއެއް ބޭއްވުމަށް މަޝްވަރާކޮށް އެކަމާ ބެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

“އާތު އަވާ ކްލީންއަޕް”ގެ ނަމުގައި މާލޭގައި އަންނަ ހުކުރު ދުވަހުގެ ހެނދުނު 6:30 އިން 8:30 އަށް މާލެ ސާފު ކުރުމުގެ ހަރަކާތެއް ހިންގަން ނިންމާފައިވާ ކަމަށްވެސް މައީދު މައުލޫމާތު ދެއްވި އެވެ. މާލޭ ސްވިމިން ޓްރެކް ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި ވިހާވެސް ގިނަ އާންމު ރައްޔިތުންނާއި، ސަރުކާރު މުއައްސަސާތަކުން އަދި ސުކޫލުތަކުގެ ދަރިވަރުން މި ހަރަކާތުގައި ބައިވެރިވުމަށް މައީދު ވަނީ އެދިވަޑައިގެންގފަ އެވެ.

މީގެއިތުރުން ބިން ގަޑި ފާހަގަކުރުމަށް ބާއްވާ ބޮޑު ހަރަކާތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ހުކުރު ދުވަހުގެ ހަވީރު މާލޭގައި އާންމުކޮށް މީހުން އެއްވާ ބައެއް ސަރަހައްދުތަކުގައި، ޓީޝާޓް ވިއްކުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށްވެސް މައީދު ވިދާޅުވި އެވެ. އަމިއްލަ ޓީޝާޓެއް ގެނައުމުން ހިލޭ ބިން ގަޑީގެ އާޓްވޯކް، ޓީޝާޓް ތަކުގައި ޖެހޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

މައީދު ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ރަސްރަނި ބަގީޗާގައި ސުކޫލުކުދިންނަށާއި ޒުވާނުންނަށް ހާއްސަކޮށްގެން “މޭކް ޔުރާ އޯން ބޭގް”ގެ ނަމުގައި ހަރަކާތެއް ކުރިއަށް ދާނެ ކަމަށެވެ. މިހަރަކާތަކީ ޕްލާސްޓިކް މަދުކުރުމަށް ކުރިއަށްދާ ކެމްޕޭނާ ގުޅިގެން ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގޮތުން މޯލްޑިވްސް ވިމެންސް އޮސޯސިއޭޝަނާއި ގުޅިގެން ބޭނުންކޮށްފައިވާ ބާފޮތި ބޭނުންކޮށްގެން އަމިއްލައަށް ކޮތަޅު ހަދަން ދަސްކޮށްދޭ ހަރަކާތެއް ކަމަށްވެސް ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅިގެން ހޮނިހިރު ދުވަހު ބާއްވާ “ކްލައިމެޓް މާޗް”ގެ ނަމުގައި ވެސް ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މައީދު ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ ސުކޫލު ތަކެއްގައިވެސް މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާއިރު މާލޭގައި މި ހަރަކާތް ކުރިއަށްދާނީ ހިރިޔާ ސުކޫލު ކުރިމަތިން ކަމަށްވެސް ވިދާޅުވި އެވެ.

ބިން ގަޑި ފާހަގަކުރުމަށް މިއަހަރު ބާއްވާ ރަސްމީ ހަރަކާތް އޮންނާނީ ހދ. ކުޅުދުއްފުށީގަ އެވެ. އެހެންނަމަވެސް ހޮނިހިރު ދުވަހުގެ ރޭ 8:00 އިން 10:00 އަށް ކަރަންޓް މަދުން ބެނުންކުރާ މިއުޒިކް ޝޯ އަކާ އެކު ބިން ގަޑީގެ ހަރަކާތްތަކެއް މާލޭގެ ދުވާ ޓްރެކް ސަރަހައްދުގައި ކުރިއަށްދާނެ ކަމަށްވެސް މައީދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ހަރަކާތްތައް މޮނިޓާކޮށް ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެއްވެސް ފަރާތަކުން ބިން ގަޑިއާ ގުޅުވައިގެން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދާނަމަ އެ މައުލޫމާތު ހިއްސާ ކޮށްދެއްވުމަށްވެސް އާތު އަވަ މޯލްޑިވްސްއިން ވަނީ އެދިފަ އެވެ.

ޚަބަރަށް މަޢުލޫމާތު ނެގީ: ވީނިއުސް އިން

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.