ރާއްޖޭގެ ފިލްމީ މަޝްރަހަށް މުޅިން އަލަށް ތަޢާރަފުވާ ޕްރޮޑަކްޝަން ހައުސް ‘އައި ފިލްމްސް’ގެ އަލަތު ފިލްމު “ބަވަތި“ގެ މޯޝަން ޕޯސްޓަރާއެކު ފިލްމުގެ ފޭސްބްކް ޕޭޖް އާއްމުކޮށްފިއެވެ.

ފިލްމު “ބަވަތި” ގެ މަޢުލޫމާތު ފުރަތަމަ ފަހަރަށް މީޑިއާކަށް ހިއްސާކުރަމުން ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު މުނިއަވަސް އަށް މިރޭ ބުނީ މިއީ ތްރިލާ ފިލްމެއް ކަމަށެވެ.

ގެނބެމުންދާ އަންހެން ކުއްޖެއް ސަލާމާތްވުމަށް މަސައްކަތް ކުރަމުންދާ މަންޒަރެއް ފެނިގެންދާ މޯޝަން ޕޯސްޓަރުން ފިލްމުގެ މައިގަނޑު ކޮންސެޕްޓް ބުނެދެއެވެ.

“ފިލްމުން ފެނިގެންދާނީ މާލޭ ފިރިހެން ކުއްޖެއް، އަތޮޅުތެރޭގެ ރަށަކަށް ގޮސް އެރަށުން ކުއްޖަކާ ކައިވެނިކޮށްގެން މާލެ ގެނައުމަށްފަހު އެ ކުއްޖާއަށް އެ ގޭތެރެއިން ކުރިމަތިވާ އާދަޔާޚިލާފު ކަންތައްތަކެއް.” ފިލްމު “ބަވަތި“ގެ ވާހަކަ އާއި ސްކްރިޕްޓް ވެސް ލިޔުނު އިލްޔާސް ވަހީދު ބުންޏެވެ.

ފިލްމު “ބަވަތި” ގެ ލީޑަކީ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ކުޅަދާނަ އެކްޓްރެސް ނުޒުހަތު ޝުޢަބު އެވެ. ފިރިހެން ލީޑެއްގެ ގޮތުގައި ފެނިގެންދާނީ ބައެއް ވީޑިއޯ އިޝްތިހާރުތަކުން ފެންނަ، ދިޓީވީ އަދި ވީޓީގައި ޕްރެޒެންޓަރެއްގެ ގޮތުގައި ފެނިފައިވާ އެކްޓިން އަށް ހުނަރުވެރި އަޙްމަދު އިފްނާޒް ފިރާޤް އެވެ. ނަމަވެސް ފިލްމު “ބަވަތި” މިއީ ފިލްމީ ދާއިރާއަށް އިފްނާޒް ތަޢާރަފްވާ ފިލްމެވެ.

ފިލްމުގައި މަންމައެއްގެ ރޯލުން ފެނިގެންދާނީ އާ ފަންނާނެއް ކަމަށާއި ނުޒޫ ފިޔަވައި މުޅިންވެސް ފެންނާނީ ފިލްމީ ދާއިރާއަށް އާ ތަރިންކަމަށް އިލްޔާސް ބުންޏެވެ.

ބަވަތި” ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިލްޔާސާއެކު އާސިމް ޢަލީ އާއި އަޙްމަދު ވަހީދު ހަރަކާތްތެރިވާއިރު، ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ‘ކަރުހަކުރު’ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ‘އޯކޭޒް އިންކް” އެވެ.

މިހާރު ޝޫޓިން އެއްކޮށް ނިމިފައިވާ ފިލްމު “ބަވަތި“ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ‘ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ.

ވީޓީވީގައި އަށް އަހަރަށްވުރެން ގިނަ ދުވަހު މަސައްކަތްކޮށްފައިވާ އިލްޔާސް ވަހީދަކީ ވީޑިއޯ ޕްރަޑްކްޝަންގެ މަސައްކަތަށް އާ ބޭފުޅެއް ނޫނެވެ. ވީޓީވީން ގެނެސްދިން ‘ކުށުގެ ހަފަރާތް’ ސީރީޒް އާއި ބައެއް ވީޑިއޯ އުފައްދައި މި ދާއިރާގެ ގިނަ ތަޖްރިބާތަކެއް ލިބިފައިވާ އިލްޔާސްގެ ޕްރޮޑަކްޝަން ހައުސް އިން އަލަށް އުފައްދަނީ ވަރުގަދަ، ތަފާތު ނަމެއް ކިޔާ ތްރިލާ އެކެވެ.

“ބަވަތި” މި ލަފުޒުގެ މާނައަކީ ‘ދެރަކަމެއް ވާން އުޅޭކަމަށް ފެންނަ ޢަލާމާތް ނުވަތަ ނިޝާން’ މި މާނައާއި ‘ކަމެއް ވުމުން އެކަމާ ގުޅިގެން ފަހުން ވާނޭ ކަމަކާމެދު ކުރެވޭ ލަފާ’ އެވެ.

ފިލްމު “ބަވަތި” ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.