ވަރަށް ބާރަށް ފެތުރެމުން އަންނަ ފަންގަސް ބައްޔެެއްގެ ސަބަބުން ހުރިހައި ސަރަހައްދެއްގައި ދިރިއުޅެމުންދާ ބޮއްތައް މަރުވެ، މި އެމްފީބިއަން ޖަނަވާރުގެ ދިރުމަށް ނުރައްކާވެފައިވާކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ.

‘އޮންލައިން ފްރައިޑޭ’ މަޖައްލާގައި ޝާއިޢުކޮށްފައިވާ ލިޔުމެއް ބުނާގޮތުން “ޗިޓްރޮޑިއޯމިކޯސިސް” ބަލީގެ ސަބަބުން އެތަކެއް ބޮކެއް މަރުވަމުން އެބަދެއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔެއިން ފާހަގަކޮށްލެވޭ މިންވަރަށް ބޮއްމަދުވެ، ބޮކަކީ ވެސް ނެތިގެން ހިނގައިދާނެކަމުގެ ބިރު ހީވާ ހިސާބަށް ދިއުން ގާތް ޖަނަވާރެކެވެ. މި ލިޔުމުގައި ބުނާގޮތުން ވޭތިވެދިޔަ 50 އަހަރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 501 އެމްފީބިއަން ޖަނަވާރުގެ ދަރިފަސްކޮޅު މަރުވެފައި ވެއެވެ. އޭގެތެރެއިން 90 އެއްހައި އެމްފީބިއަންސް އެއްކޮށް ނެތިގެން ގޮސްފައިވާކަމަށް މި ދިރާސާގައި ބުނެއެވެ.

“ޗިޓްރޮޑިއޯމިކޯސިސް” ޖެހެނީ ފަސްގަސްގެ ދެ ދަރިކޮޅެއްގެ ސަބަބުންނެވެ. މިއީ އޭޝިޔާ ބައްރުން އޭގެ އަސްލު އައިސްފައިވާ ދެ ދަރިކޮޅުގެ ފަންގަސް އެކެވެ. އެއީ ‘ބަޓްރާކޮޗިޓްރިއަމް ޑެންޑްރޯބަޓިޑިސް (ހޯދިފައިވަނީ 1998) އާއި ‘ބީ. ސަލަމަންޑްރިވޯރަންސް (ހޯދިފައިވަނީ 2013) އެވެ. މި ފަންގަސް ބޮކުގައި ޖެހުމުން، ބޮކުގެ ހަންގަނޑު ކައި ހުސްކުރެއެވެ. ފަންގަސްގެ ސަބަބުން ބޮއްތައް މަރުވަމުން އަންނަކަން އެނގޭތާ ދަހަރަކަށް ވުރެން ގިނަދުވަސް ވެފައިވާއިރު، މި ބަލި ފެތުރުން ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވަނީ ދާދި ފަހުންނެވެ.

ދިރާސާ ލިޔުނު ލިޔުންތެރިން ބުނާގޮތުން މިހާރު ފެތުރިގެން އުޅޭ ބަލިމަޑުމަޑުކަމުގެ ސަބަބުން ‘ގިނަ ޢަދަދެއްގެ ޖަނަވާރު ނެތިގެން ދިއުން ރެކޯޑުކުރެވޭ ހަވަނަ ފަހަރަށް’ މިކަން ވެގެން ދާނެއެވެ. ބޮކައް މި ބަލި ޖެހުމުން އެސޮރުމެން މަރުވުން އެންމެ ބޮޑަށް ފާހަގަކުރެވެނީ އެމެރިކާ އާއި އޮސްޓްރޭލިޔާ އަށް އަންނަ ތެތް މޫސުމުގައެވެ.

މި ބަލިޖެހުން ހުއްޓުވުމަށް އާ ފަރުވާތަކެއް ހޯދަން ޖެހިފައިވާކަމަށް ދިރާސާކުރާ މީހުންބުނެ އެކަމަށް ގޮވާލާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.