ތާރީޚާއި ބަހާ ބެހޭ ތަފާތު މައުޟޫޢުތަކާއި ޅެންވެރިކަމުގެ ތަފާތު ބާވަތްތައްވެސް ހިމެނޭ ގޮތަށް މަހަކު އެއްފަހަރު ނެރެމުން އަންނަ “ފަތްތޫރަ” މަޖައްލާއަށް 40 އަހަރު ފުރިއްޖެ އެވެ. ފަތްތޫރައިގެ ފުރަތަމަ ޢަދަދު ނެރުނީ 01 އޭޕްރީލް 1979 ގައެވެ.

ފަތްތޫރަ އަށް 40 އަހަރު ފުރުމުގެ މުނާސަބާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ވަނީ ފަތްތޫރައިގެ މުހައްރިރުންނަށާއި ލިޔުންތެރީންނަށާއި ކިޔުންތެރީންނަށް ތަހުނިިޔާއާއި މުބާރިކުބާދީ އަރިސްކުރައްވާފަ އެވެ.

ފަތްތޫރަ އަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުން މަހަކު އެއްފަހަރު ނެރެމުން އައި މަޖައްލާއެކެވެ. މި މަޖައްލާގައި ތާރީޚާއި ބަހާ ބެހޭ ތަފާތު މައުޟޫޢުތަކަށް މަޒުމޫނު ލިޔެވިފައި ހުރެއެވެ.

ފަތްތޫރަ ފުރަތަމަ ޝާއިޢުކުރެވުނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން އުފައްދަވާފައި އޮތް ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރާ މަޖްލިސް އިންނެވެ. މިމަޖައްލާ ނެރެން ފެށުނީ ބަހާއި ބަހުގެ އަދަބަށް ޚިދުމަތް ކުރުމަށެވެ. ފަހުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު އުފެދުމުން، މިމަޖައްލާގެ މަޤްޞަދަކަށް ވެފައިވަނީ މަރުކަޒުގެ ވެސް މަޤްޞަދެވެ. އެއީ ދިވެހި ބަހަށާއި، އަދަބިއްޔާތަށާއި، ދިވެހި ތާރީޚާއި، ޘަޤާފަތަށް ޚިދުމަތް ކުރުމެވެ.

ފަތްރޫރަ ފުރަތަމަ ޢަދަދުގެ ފޮޓޯއެއް – ފޮޓޯ: މުޙައްމަދު ރަޝީދު

ދިވެހިބަހުގެ އެކެޑަމީ އުފެދުނުފަހުން މި މަޖައްލާ ނެރެމުން އަންނަނީ އެ އެކެޑަމީން ނެވެ. މިހައިތަނަށް ފަތްތޫރަ މަޖައްލާގެ 431 ޢަދަދު ނެރެފައިވާކަމަށް ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތު ދެއްވައެވެ.

ފަތްތޫރަ މިބަސް ނެގިފައިވަނީ ވަރަށް އިހުގެ ލިޔުމަކުންނެވެ. އޭރު މިބަސް ލިޔެއުޅުނީ ފަތްތޫރާ މިހެންނެވެ. މާނައަކީ ފަތުވާ ކަމެވެ. ފަތުވާއަކީ ކަންއޮތްގޮތް ބުނެދީ ބަޔާންކޮށް ފާޅުކޮށް ހެދުމެވެ.

ފަތްރޫރައިގެ ފުރަތަމަ މުޙައްރިރު އެ މަޖައްލާއާމެދު ލިޔުއްވާފައިވާ ލިޔުންކޮޅެއް

ފަތްތޫރައިގެ ޚިދުމަތްތެރިންގެ ލިސްޓްގެ އެންމެ ކުރީ ސަފުގައި އަލްއުސްތާޛް މުޙައްމަދު ޖަމީލުދީދީ ހިމެނިވަޑައިގަންނަވައެވެ. އެމަނިކުފާނަކީ ފަތްތޫރައިގެ އެންމެ ފުރަތަމަ މުޙައްރިރެވެ.

ފަތްތޫރައިގެ ކޮންމެ ޢަދަދެއްގައި އަލްއުސްތާޛް މަޢުމޫނު ޢަބްދުލް ޤައްޔޫމުގެ ހިނގާ ގަލަންކޮޅުން ލިޔުއްވާފައިވާ އަގުހުރި މަޒުމޫނުތަކަކީވެސް ފަތްތޫރައިގެ ދިރުމަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ބާރުކަމުގައި ނޫނީ ނުވާނެއެވެ.

ފަތްތޫރަ މަޖައްލާގެ އެންޑްރޮއިޑް އެޕެއްވެސް މިހާރު ބޭނުންކުރެވެމުންދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.