މަޝްހޫރު ފިލްމީތަރި އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ޕްރޮޑަކްޝަން ހައުސް ’ޔޫއްޕެ ޕްރޮޑަކްޝަނުން‘ އުފައްދާފައިވާ ދިވެހި އަސަރުގަދަ ލޯބީގެ ފިލްމު ”ނަފްރަތުވުމުން“ގެ ރަސްމީ ޓްރެއިލަރ މިރޭ ރިލީޒްކޮށްފި އެވެ.
ދެ މިނެޓް ފަންސާސް އެެއް ސިކުންތުގެ ދިގު ޓްރެއިލަރ އިން”ނަފްރަތުވުމުން“ގެ އަސަރުގަދަކަމާއި ލޯތްބާއި ކެކުޅުމުގެ ރިހުންތައް ވަރަށް ވަރުގަދައަށް ގެނެސްދީފައި ވެއެވެ. ހިތުގެ އެންމެ ފުންމިނަށް ފުން އަސަރު ކުރުވާފަދަ ޖަޒްބާތީ އިޙްސާސްތަކެއް ވަރަށް މޮޅަށް ސިފަކޮށްދީފައި ވެއެވެ. ލޯބީގެ ފިލްމު ބެލުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެންމެ ކަމުދާނެ ފަދަ ހުރިހައި ރަހަތަކެއް ޓްރެއިލަރ އިން އެކަނިވެސް ފެނިގެންދެއެވެ. ޓްރެއިލަރ އެކަނިވެސް ބަލާ ފޫހިނުވާހާ އަސަރުގަދަ އެވެ.
ފިލްމުގެ ތަރިންގެ އެކްޓިންއާމެދު މުނިއަވަސް އަށް ޔޫއްޕެ ދިން ޚާއްޞަ އިންޓަވިއުގައި ބުނިބުނުން ޓްރެއިލަރ އިން އެކަނިވެސް މާބޮޑަށްވެސް ސާފުވެއްޖެއެވެ.
ލޯތްބަކީ ހިތާ ހިތުގެ ގުޅުމެއްކަން އެނގިގެންދިއުމަށް ދެން އޮތީ ފަސް ދުވަހެވެ. އޭޕްރީލް 09 ގައި ރިލީޒްކުރުމަށް ކުޑަތަން ވެފައިވާ ތިނެސްކަން ލޯބީގެ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ ގިނަ ދުވަސްތަކެއް ފަހުން ލޯބީގެ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ޔޫއްޕެ ގެނެސްދޭ ފިލްމެކެވެ.
”ފޯޓީ ޕްލަސް“ގެ ބޮޑު ކާމިޔާބީއާއި ވިއްދައިގެން ސިނަމާއަށް ޔޫއްޕެ މިފަހަރު ދޫކޮށްލާ ”ނަފްރަތުވުމުން“ އަކީ ޔޫއްޕެ ލިޔެފައިވާ އަސަރުގަދަ ލޯބީގެ ވާހަކަ އަކަށް ޔޫއްޕެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.
ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ”ނަފްރަތުވުމުން“ ގެ ލީޑު ރޯލުން ފެންނާނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ)ގެ އިތުރުން އަހުމަދު އީސަ(އާނަންދު) އެވެ. މީގެ އިތުރުން މި ފިލްމުގައި ޔޫއްޕެ ވެސް މުހިންމު ރޯލެއް ކުޅެފައިވެއެވެ.
ޔޫއްޕެ ބުނީ މި ފިލްމަކީ ފިލްމުގެ ތަރިންނާއި ފިލްމުގެ ވާހަކަ ބެލުންތެރިންނަށް ދޫކޮށްލާ ފިލްމެއް ކަމަށެވެ.
“ފިލްމަކީ ހަމަ މިބުނާހެން ތިނެސްކަން ލޯބީގެ އަސަރުގަދަ ފިލްމެއް. އެހެންނަމަވެސް އޭގެތެރޭގަ ބޮޑު ސަސްޕެންސެއް ހިމެނޭ އިޝޫ އެއް އިންނާނެ ލާފަ. އެ އިޝޫއަށް ބެލުންތެރިންގެ ސަމާލުކަން ގެނެސްދިނުމަށްޓަކައި.” ފިލްމު ”ނަފްރަތުވުމުން“ އާމެދު ޔޫއްޕެ ބުންޏެވެ.
މާރިޗް އެކެއްގައި ”ނަފްރަތުވުމުން“ގެ ފަސްޓްލުކް އާއްމުކޮށްފައިވާއިރު ފަސްޓްލުކް ވީޑިއޯއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ހަމަ އެހެންމެ ފަސްޓްލުކް އިން ފެނިގެންދިޔަ ލަވައަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ވެސް ޔޫއްޕެ ބުނެއެވެ.
މިހާރު ޓިކެޓް ވިކެމުންދާއިރު، ޓިކެޓް ނެގުމަށް 7384040 އަށް ގުޅުމަށް ފިލްމުގެ ޓީމުން އެދެއެވެ.
”ނަފްރަތުވުމުން“ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ