ރިޝްވަތާއި ކޮރެޕްޝަނުގެ މައްސަލަތަކަކީ މިރާއްޖޭގައި އާއްމު ރޯގާއެއް ފެތުރިގެން އުޅޭފަދައިން އަބަދުވެސް ފެންމަތިވެގެން އުޅޭ ކަމެކެވެ. މިކަންތައްތައް މިކުރާމީހުންނަށް ރިޝްވަތު ހިފުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭގުމަކީ ފަހަރެއްގައި ވެދާނެކަމެވެ. އެހެންކަމަށް ވާނަމަ މިފަދަކަންތައް ނުކުރުމަށް އެފަދަ ފަރާތްތަކަށް ހަނދާންކޮށްދިނުމަކީ ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.

ދަންނަވަންތޯއެވެ. ޤަވާއިދާ ޚިލާފަށް ކަމެއްކޮށްދިނުމުގެ ގޮތުން އެކަމެއް ކުރުމުގެ ބާރު ލިބިގެންވާ ފަރާތަކަށް ދެވޭކޮންމެ އެއްޗަކީ ރިޝްވަތުގެ މާނައިގައި ހިމެނޭ އެއްޗެކެވެ. މިމައްސަލައާއި މެދު ވިސްނާފިކުކުރުމުން އެގޭއެއްޗަކީ ރިޝްވަތު ހިފާމީހާގެ ނިކަމެތިކަމާއި ގޮތްކުޑަކަމާއި ނުބައިކަން އެންމެފުރަތަމަ ޤަބޫލު ކުރާނެ މީހަކީ ރިޝްވަތުދޭ މީހާކަމެވެ. އެހެނީ ރިޝްވަތުދީގެން ބޭނުންވާ ކަންތައްތައް ކުރަންޖެހުމަކީ ރިޝްވަތު ހިފި މީހާގެ ކިބައިގައި އެއްވެސް އިންސާނިއްޔަތުކަމެއް ނެތުމާއި އަމާނާތްތެރިކަމާއި ދީންވެރިކަމެއް ނެތުމެވެ.

އަޅުގަނޑު ވަކިބަޔެއްގެ ބޮލުގައި މިތުހުމަތު އަޅުވަނީއެއް ނޫނެވެ. އެހެންނަމަވެސް ދިވެހިރައްޔިތުންނަށް މިއަދު މިފަދަ މީހުން ވަކިކުރަން ވަރަށް ރަނގަޅަށް އެނގޭނެކަމަށް ހީކުރަމެވެ. ކެނޑިނޭޅި ރާއްޖޭގެ އިދިކޮޅުފަރާތްތަކުން މިސަރުކާރުގެ ބޮލުގައި އަޅުވާ އެއްތުހުމަތަކީ ލާދީނީ ސަރުކަރެއްކަމަށާއި ޔަހުދީންގެ ސަރުކާރެއްކަމަށް ބުނެ އެކުރާ ދަޢުވާއެވެ. ކަންމިހެންއޮއްވާ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި އެމީހުންނަށް ވާގިވެރިވާ ފަރާތްތަކުން ރިޝްވަތުގެ ހުތުރު ޢަމަލު ހިންގަމުން ގެންދަނީ ދީންވެރިކަން ބޮޑުކަމުންތޯއެވެ.

ރިޝްވަތުގެ ހުތުރު ފައިސާ ބަހަމުން، އަނެކުންގެ ބޮލުގައި ލާދީނީ އަޅުވާ ބޭފުޅުނަން ދޭން ބޭނުންވާ ނަސޭހަތަކީ ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ބޮޑުވައްކަމުގެ ތެރޭގައި ހިމެނޭ ބޮޑުފާފައެކެވެ. އަދި ރިޝްވަތުހިފުމަކީ ޔަހޫދީންގެ އަމަލުތަކުގެ ތެރެއިން އަމަލެކެވެ. އޭގައި ހިފާމީހުންނަކީ ދޮގުވެރިންކަމުގައި ނޫނީ ނުވާނެއެވެ. ހަމައެހެންމެ އެބައި މީހުންނަކީ އަބުރާއި އިއްޒަތް ގެއްލިގެންދާނެ ބަޔެކެވެ. މިކަމުގެ ސަބަބުން ރުޅިވެރިކަމާއި ފިތުނަވެރިކަން މިޤަމުގައި އުފެދިދާނެއެވެ. ރިޝްވަތުދޭމީހާއާއި ރިޝްވަތުގައި ހިފާ މީހާއަށް މާތްﷲގެ ލައުނަތް ހުއްޓެވެ.

ދިވެހިރާއްޖޭގައި މާދަމާ ބޭއްވޭ މަޖިލިސް 19 އިންތިޚާބަށް ވަގުތު ކުޑަތަން ވެއްޖެ އެވެ. ވާދަވެރި ސިޔާސީ ފަރަތްތަކުންވެސް މިއިންތިޚާބް ކާމިޔާބުކުރުމަށް ބޭނުންވާނެކަން ކަށަވަރެވެ. އެހެންނަމަވެސް ހިތާމަޔަކީ ޤާނޫނުން ބޭރުން ރިޝްވަތު ދީގެން ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާކަމެވެ. ތިމާމެން ހާސިލްކުރުމަށް ބޭނުން ކިތަންމެ ބޮޑުކަމެއް އޮތަސް އެކަމެއް ހާސިލްކުރުމަށް ރިޝްވަތުނުދީ ވާދަވެރި ސިޔާސީ ނިޒާމެއްގައި އުޅެން ދަސްކުރުން މާ ބުއްދިވެރިވާނެ އެވެ.

ކޮރެޕްޝަނާއި އެއްކޮޅަށް ޤާނޫނީ ވަކީލުން ވަކީލުކަން ކުރައްވައި ރިޝްވަތު ހަލާލުކުރުމަށް ދައްކާނެ އެއްވެސް ބަހަނާއެއް ނެތެވެ. އާދޭހެވެ. ކަލަކު ވޮޑިގެންވުމާއި، އާޚިރަތްދުވަހާއި އެދުވަހުގެ ހިސާބު ބެއްލެވުމާއި، އަޒާބާއި ޘަވާބަކީ އަފްސާނާއެއް ކަމަށް ހަދައިފިނަމަ ހަރާމާއި ހަލާލުގެ ވާހަކައަކީ ބޭކާރުވާހަކައެކެވެ. ދޫކޮށްލެވިފައިވާ ޖަނަވާރުތަކެއް ފެހިކަން ގަދަ ދަނޑަކަށްވަދެ ވިނަ ކާ ފަދައިން ހަރާމާއި ހަލާލެއް ބެލުމެއްނެތި ކެއުމުގައި ތިބޭ ބަޔަކަށް ނުވުމަށްވެސް ނަސޭހަތްތެރިވަމެވެ. މިގޮތަށް ކަންތައްތައް ކުރާނަމަ ނުކިޔަމެންތެރިވާ ހިމާރު، ދަނޑުގެ އެއްފަރާތުގައި އެކަހެރިކޮށް، ބަނދެފައި ބާއްވާހެން ބަނދެފައި ބާއްވަންޖެހިދާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.