ހަނދުމަވަނީ

ފެށުން

‘ހަނދުމަވަނީ’ މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައިވާ މީހުންނާއި، އެންމެހައި ޙާދިޘާތަކާއި، ކަންކަމަކީ ޚިޔާލަށް އުފައްދާފައިވާ މީހުންނާއި، ކަންކަމާއި، ޙާދިޘާ އެވެ. މިއިން މީހަކާއި މިހާރު ދިރިހުރި ނުވަތަ ކުރިން ދިރިއުޅުނު މީހަކާއި ނުވަތަ ޙާދިޘާއަކާއި ގުޅުމެއް ވާނަމަ، އަދި މީގައިވާ އެއްވެސް ކަމަކާއި މިހާރު ހިނގަމުންދާ ނުވަތަ ހިނގާފައިވާ ކަމަކާއި ގުޅުމެއް ވާނަމަވެސް އެއީ އިއްތިފާޤުން ދިމާވެފައިވާ ގޮތެކެވެ.

އަޙްމަދު ރަޝީދު

ރިކާޒު – ލ. ފޮނަދޫ

ވަށައިގެން އަނދިރިކަން : ފަސްއަހަރު ކުރިން

އިސްދޫގެ ހިތްގައިމު ބަނދަރުގައި، ބަނދަރުކޮށްފައި އޮތް ބޮޑު ސަފާރީ؛ ‘ޢަރަޤު’ ހީވަނީ އައު ކައިވެންޏަކަށް ތައްޔާރުކޮށްލާފައިވާ އަރޫޝާއެއް ހެންނެވެ. ތަފާތު ކުލަކުލައިގެ ފޮތިން ހަދާފައިވާ ދިދަފަތިތަކާއި، އެކި ކުލަކުލައިގެ ފުއްޕާހަމާއި ޕޮންޕޮން ކަރުދާހާއި ބެނާ ފޮތިތަކާއި ނިވިދިއްލޭ ކުލަބޮކިތަކުން، ވިއްސަކަށް އަހަރުވެފައިވާ އެ ސަފާރީއަށްވަނީ ޒުވާންކަން ގެނެސްދީފައެވެ. އިރު އޮއްސި އަނދިރިވަމުންދިޔަޔަސް އުޑުމަތީގައި ލާފައިވާ ރަތްވިލާތަކުގެ ސަބަބުން މާހައުލަށްވަނީ ރަތް އަލިކަމެއް ފެތުރިފައެވެ. ސަފާރީ ތެރޭގައި ދެ ޖިންސުގެ ޒުވާނުން ހޭވައްޓާފައި މަޖާނަގަނީއެވެ. ބައެއް ޖޯޑުތައް ބޯޓްގެ ދިރުނބާކޮޅުގައާއި ބޯޓްގެ ޑެކް މަތީގައި ފޮޅުވަންފެށީ އޮއްސޭ އިރާއިއެކު ފޮޅޭ، މޫން ފްލާވަރ ފޮޅި އޭގެ ތާޒާކަމުން މާހައުލު އުޖާލާކޮށްލާ ފަދައިންނެވެ. ޚާއްޞަގޮތެއްގައި މި ދަތުރު އެބަޔަކަށް ޚާއްޞަވެފައިވާ އަނާރާ އާއި އާފާޤް ފާހަގަކޮށްލެވެއެވެ. އެމީހުންތިބީ ބޯޓްގައި ދެބުރިއަށް ހަދާފައިވާ ހިޔާގަނޑުގެ ފުރަތަމަބުރީގެ ޑެކްގައި ބަހައްޓާފައިހުރި ޕްލާސްޓިކް ސަރަންފީ ގޮނޑިއެއްގައެވެ. އެހެން މީހެއްގެ ހިލަމެއް އެތަނަށް ނުވާނެކަން އެމީހުންނަށް އެނގެއެވެ.

އާފާޤަކީ ލ. ގަމުގެ އެއްމެ މަޝްހޫރު ވިޔަފާރިވެރިޔާ ވާފިރުގެ ފިރިހެން ދަރިފުޅެކެވެ. މި ދަތުރަކީ އާފާޤް ކައިވެނިކުރި ކުއްޖާ ބަލާދިއުމަށް އިސްދުއަށް އެދުވަހު ހެނދުނު ކުރި ދަތުރެކެވެ. ‘ކައިވެނި މައްޗަށް’ އިސްދުއަށް ދިޔައީ ވިއްސަކަށް މީހުންނެއް ނޫނެވެ. ވާފިރުގެ މަޝްހޫރުކަމާއި އޭނާގެ ހިތްހެޔޮ މިޒާޖުގެ ސަބަބުން ގަމު ތިން އަވަށުގެ ކުދިބޮޑު އެންމެންވެސް ދެކެނީ ވާފިރަކީ ވަރަށް ގާތް މީހެއްގެ ގޮތުގައެވެ. ހަމަ އެހެންމެ އާފާޤަކީވެސް ގަމުގެ ޒުވާނުންގެ މެދުގައި ނުހަނު މަޤުބޫލު މީހެކެވެ. އާފާޤްގެ އަވަށް ކަމަށްވާ ތުނޑީ އަވަށުގައި އެންމެ ވަރުގަދައަށް ހިންގަމުން އަންނަ ޖަމުޢިއްޔާ – ޔޫތުސް ފޮރ ޑިވެލޮޕްމެންޓްގެ އެންމެ އިސް އެކަކީވެސް އޭނާއެވެ. އެހެންކަމުން 150 އާއި 175 އާއި ދެމެދުގެ ޢަދަދަކަށް މީހުން މި ދަތުރުގައި ބައިވެރިވެއެވެ. އަނެއްކޮޅުން އާފާޤް ކައިވެނިކުރީ އިސްދުއަށް، އަދި މުޅި އަތޮޅަށް މަޝްހޫރު ‘އިސްދޫ ސަޢީދު ކަލޭފާނުގެ ދަރިފުޅު’ އަނާރާ ސަޢީދު އާއެވެ. އެހެންކަމުން ވާފިރުވެސް ބޭނުންވީ އިސްދޫ މީހުން ހައިރާންވާވަރުގެ ގްރޫޕެއް ގޮވައިގެން އެރަށަށް ދިއުމަށެވެ.

ސަފާރީ އެރޭ އެރަށުގައި ބަނދަރުކުރީ މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފައިިވާ ރީނދޫ އިންޒާރަށް ބަލާފައެވެ. ސަފާރީގެ ކައްޕިއަކީ ޕްރޮފެޝަނަލް ކައްޕިއެއްކަމުން އެންމެބޮޑު އަހައްމިއްޔަތުކަމެއް ދެނީ ފަސިންޖަރުންގެ ރައްކާތެރިކަމަށެވެ. އެހެންނޫނަސް މި ދަތުރަކީ އާދައިގެ ދަތުރެއްވެސް ނޫނެވެ. އޭނާގެ ބޮސްގެ ޢާއިލާއިން ރާވާފައިވާ ރަސްމީ ދަތުރެކެވެ. އެހެންވެ ވާފިރުގެވެސް ބަހަށް، ކައްޕި ނިންމީ އަނެއްދުވަހު ހެނދުނު ދަތުރުފެށުމަށް މިރޭ އެރަށުގައި މަޑުކުރުމަށެވެ.

ސަފާރީތެރޭގައި ލަވަބާޒީ ކުޅުމާއި ބޮޑުބެރުޖެހުމާއި މަޖާކުރުން އިންތިހާއަށް ކުރިއަށްދިޔައެވެ. ޖައްސާފައިވާ ޑީޖޭ ލައިޓްތަކުގެ ސަބަބުން، ދުރުން އެ ސަފާރީ ފެންނަ ބަޔަކަށް ހީވާނީ ޑީޖޭއެއް ޖައްސައިގެން އުޅެނީ ކަމަށެވެ. އިސްދޫގައި ތިބޭ ފުލުހުންވެސް ދެ ފަހަރަކު ބަނދަރުމަތިން ބުރެއްޖެހީ އެހެން ހީވެގެންކަމަށްވެސް ވެދާނެއެވެ. އެކަމަކު މިފަދަ ދަތުރެއްގައި، އެގޮތަށް އެހާގިނަބަޔަކު މަޑުކުރަން ޖެހުމުން މަޖާވެސް ނަގާނެތާއެވެ.

ގަމު ތުނޑީ ބަނދަރުމަތީގައިވެސް ފޯރި ވަކިން ކުޑައެއް ނޫނެވެ. ކައިވެނިމައްޗަށް ދިޔަ މީހުން އަންނަންވާއިރަށް އެމީހުންނަށް މަރުޙަބާ ކިޔުމަށް އެންމެ ފަހުގެ ތައްޔާރީތައްވަމުންދަނީއެވެ. ވާފިރުގެ އަންހެނުން ގަމަރިއްޔާ އިސްދުއަށް ނުގޮސް ރަށުގައި މަޑުކުރީ އެހެންވެގެންނެވެ. ވާފިރަށް ގުޅަމުން ބޯޓްގެ ޚަބަރުދަބަރު ބަލަމުން، ގަމަރިއްޔާގެންދިޔައެވެ.

“ކޮބާތަ މަގޭ އާފާޤާ، އަނާރާ؟” ކެތްމަދުވެފައިވާ ގަމަރިއްޔާ ވާފިރުކައިރީ އަނެއްކާވެސް އެހިއެވެ.

“އެކުދިން އެބަތިއްބޭ ގެގަނޑުމަތީގަ. ގަމަރިއްޔާ ނިކަން ހަމަޖެހިލައިގެން އުޅެބަލަ! އެހެންނޫނީ މާދަމާރެޔަށް-” ވާފިރު ސަމާސާ ރާގަކަށް ބުނެލިއެވެ.

“ހޫމް. ދެން ވާފިރު އުޅޭގޮތެއްދޯ. އަމުދަކުން މާދަމާރެޔަކު ނުވެސްވާނެ. ހާދަ ވަރުބައްޔެއް ވެފައޭ މާދަންރެއަށް ހުންނާނީ. ދެފައި އެއްތާ ނުޖަހާ މިއަދުވެސް މިއުޅެނީ. އަދި މާދަމާވެސް އޮތީ!”

“ކޮބާ ރަށަށް ވިއްސާރަތަ މިހާރުވެސް؟” ނިތްކުރީގައި އަތްޖައްސާލައި އުދަރެހަށް ބަލައިލަމުން ވާފިރު އެހިއެވެ.

“މިވަގުތު އޮތީ ކެރި ކަނޑާލާފަ. އެހެންވެތާ ބަނދަރަށް މި އެރުނީވެސް. މިވެރިން މިތަން ޒީނަތްތެރިކުރަން މިހާ ވިއްސާރައިގަ އުޅޭއިރު ޖެހޭނެއެއްނު ބަލައިލަން އެރެން.” ގަމަރިއްޔާ ހުރީ ކަންބޮޑުވެފައެވެ. ކެތްމަދުވެފައެވެ. އޭނާގެ ޅީދަރިފުޅު ދެކިލުމަށް ކެތްމަދުވެފައެވެ.

“ދެން ބާއްވަނީ. އަދި އެސޮރަށްވެސް ގުޅާލަން ވާނެއެއްނު.” ގަމަރިއްޔާ އަބަދުވެސް އާފާޤްގެ ވާހަކަ އެހެންމީހެއްކައިރީ ދައްކަންޏާ މުޚާތަބުކުރަނީ އެސޮރު ކިޔައިގެންނެވެ.

ގަމަރިއްޔާ އާފާޤްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ދެފަހަރަކު ރިންގްވީއިރަށް އާފާޤް ފޯނުނަގައިފިއެވެ.

“ހޭލޯ މަންމާ. ވަރަށް ދެރަދޯ މިރޭ ނުދެވުނީމަ. އެކަމަކު މަންމާ މިރޭ ވަރަށް މަޖާވާނެހެން ހީވަނީ. މިހާރުވެސް އެންމެން މަޖާނަގާއިރު ހީވަނީ އެހެންފަދަ ކަމެއްހެން.” އާފާޤް ގެ މަންމައަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ފައްޗަކަށް ވާހަކަތައް އަމުނަންފެށިއެވެ.

“ދަރިފުޅުގެ ވާހަކަތައް ނިމުނީތަ؟ ކިހާރަނގަޅު. މަންމަ ގުޅާހިތުން ގުޅާލީމަވެސް މަންމަ ބަހެއް ބުނާނެ ވަގުތެއްނުދީ ދަރިފުޅު ތިހިރީ އަރުވާލިވަރު!” ގަމަރިއްޔާ ސަމާސާ ރާގަކަށް ބުނެލިއެވެ.

“ސޮރީ މަންމާ، އާނ ކީކޭ މަންމާ.” ކިތައްމެ ކުޑަކަމެއްވިޔަސް އާފާޤް އޭނާގެ މަންމަގެ ކިބައިން މަޢާފަށް އެދޭ ބީދައިން މިފަހަރުވެސް މަޢާފަށް އެދުނެވެ.

“ދަރިފުޅާ، ކޮބައިތަ މަންމަގެ އަނާރާ؟ އެ މަންޖެ އެކަނިކޮށްލާފަ ރައްޓެހިންނާއެކު މަޖާނަގަން ސަފާރީގަދޯ ތި އުޅެނީ؟” ގަމަރިއްޔާ ކަންބޮޑުވުން ފާޅުކުރިއެވެ.

“ނޫން މަންމާ. އަނާ މީނދީއޭ އަހަރެން ކައިރީގަ. އެހެން ނޫނަސް އަހަރުމެން މިރޭ ސަފާރީގައި ނިދަން އަނާގެ މަންމަމެންވެސް ހިތްހަމައެއް ނުޖެހޭނެއެއްނު. އަނާގެ ބައްޕަ ބުނުއްވި މިރޭ ނިދަންވާނީ އެގޭގަ ކަމަށްވެސް. ދޯ އަނާ.” އާފާޤްގެ އުނގުތެރޭގައި އިން އަނާރާއަށް ދޯ އަޅައިލިއެވެ.

*********************

ދަންވަރުގެ ވަގުތެވެ. އޮއްސުނު އިރާއިއެކު ސަފާރީ ތެރޭގައި ސަކަރާތްޖެހުމާއި މަޖާނެގުމަށް އުޅުނު އެންމެން ނިދައިފިއެވެ. ސަފާރީގެ ޑެގް މަތީގައި ނުނިދާ ތިބީ އަނާރާ އާއި އާފާޤް އަދި އޭނާގެ 20 އަހަރަށްދާ ކޮއްކޮ އާފިޤް އާއި ގާތް ދެ އެކުވެރިންނާއި އެކުދިން ރައްޓެހިވެގެންއުޅޭ ކުދިން އެކަންޏެވެ. އެމީހުން ތިބީ ކޮންމެވެސް ކަމެއް ރާވާށެވެ. ކޮންމެވެސް ވަރުގަދަ ކަމެއްކަން އެމީހުންގެ ވާހަކަތަކުން އެނގެއެވެ.

*********************

އެއްގަޑިއިރު ފަސް – އިސްދޫ ބޭރުން، ހުވަދޫ ކަނޑުތެރެ

އާފާޤް ނޭވައެއްލުމަށް އަނގަ ހުޅުވާލިވަގުތު އޭނާގެ އަނގައަށް ލޮނުއެޅި ފުރިއްޖެއެވެ. އަނެއްކާވެސް ލޮނު ބޮވިއްޖެއެވެ. ލޯންޗްގެ އިންޖީނުގެ އަޑާއި ބިންދަމުންދިޔަ ގަދަ ރާޅުތަކުގެ އަޑުގެ ތެރެއިންވެސް އަންހެންކުދިންތަކެއްގެ ރުއިމުގެ އަޑު އިވެމުންދިޔައެވެ. އެހެންކަމުން އެކުދިން މަރުނުވެ ދިރިތިބިކަން އޭނާއަށް އެނގިއްޖެއެވެ. އުޑުމަތީގައިވާ ބޯ ވިލާތަކުގެ ތެރެއަށް ހަނދުވެސްވަދެ ފިލައިފިއެވެ. އާފާޤްގެ ލޯމަތި ފޮހެލިއެވެ. އެ އަނދިރިކަމުގެ ތެރެއިން އެއްޗެއް ފެނޭތޯ ތަންމިނަށް ދެލޯހުޅުވައިގެން ބަލަންފެށިއެވެ.

އާފާޤް ފައިން ފަލިޖަހަމުން އެ ފިނި ކަނޑުގެ ވަށައިގެން ހޯދާ ބަލަމުންދިޔައެވެ. އޭނާގެ ކޮއްކޮ އާއި މީގެ އިރުކޮޅެއްކުރިން ކުރިމަތިވި ހާދިސާ ހިނގުމުގެ ކުރިން ފަތަފަތާއޮތް އަންހެންކުއްޖާ ފެނޭތޯއެވެ. އޭނާއަށް ހަމައެކަނި ސާފުކޮށް ފެންނަނީ އެމީހުން ދަތުރުކުރި ކުޑަ ލޯންޗްގެ ފަށަނެވެ. ފުއްޓަރަށް ބިންދަމުންދިޔަ ބިޔަ ރާޅުތަކާއެކު ދެބުރިއަށް ބިންދައިގެންގޮސްފައިވާ އެ ފައިބަރު ލޯންޗްގެ ހުދު ފަށަނެވެ.

“އާފިޤޫ!” އާފާޤް އެ އަނދިރިކަމުގެ ތެރެއިން ހަޅޭއްލަވަން ފެށިއެވެ.

އާފާޤްގެ ކޮއްކޮ، އާފިޤްގެ އެއްވެސް ހިލަމެއް ނުވިއެވެ. އާފާޤް އަނެއްކާވެސް އޭނާގެ ކޮއްކޮއަށް ގޮވަންފެށިއެވެ. ކުރިއަށްވުރެން ބާރަށެވެ. އާފިޤްގެ ހިލަމެއް ނުވުމުން، އާފާޤް ކަނޑުތެރެއަށް ފީނާލިއެވެ. އެ އަނދިރި ކަނޑުގެ ތެރެއިން އޭނާގެ ކޮއްކޮގެ ހިލަމެއްވޭތޯ އެވެ.

އެ ކަޅު އަނދިރިކަމުގެ ތެރެއިން ކޮންމެވެސް ވަރެއްގެ އަލިކަންފުޅެއް ފެނުނުހެން އޭނާއަށް ހީވިއެވެ. ކުޑަކުޑަ އަލިކަމެކެވެ. ގޭސް ލައިޓަރެއްގެ ހުޅުކޮޅުފަދަ އަލިކަމެކެވެ. އޭނާ އެ އަލިކޮޅާއި ދިމާއަށް ފީނަންފެށިއެވެ. އޭނާގެ ކޮއްކޮގެ ކަރުގައި އަޅާފައިވާ ރިހި ޗޭނުފަށަށް ހަނދުވަރުގެ އަލިކަން އެޅިގެން ވިދަނީކަމުގެ އުއްމީދުގައެވެ.

އާފާޤް އެ އާދަޔާޚިލާފް އަލިކޮޅުގެ ފަހަތުން ފީނަމުން ދިޔައެވެ. އޭނާގެ ނޭވާކޮޅުވެ މޭ ފަޅައިގެންދާހާވަރުވުމުން މައްޗަށް އެރިއެވެ. ލޮނުގަނޑުން ބޯ އުފުލާލާ ފުން ނޭވާއެއްލިވަގުތު އޭނާގެ ގައިގައި ކޮންމެވެސް އެއްޗަކުން ޖެހިއްޖެއެވެ. ހަމައެއާއެކު އޭނާގެ ކޮނޑަށް ދިލަ ތަދެއް އިހްސާސްވިއެވެ. އެވަގުތު އޭނާގެ މޫނުމައްޗަށް އެއްކޮށް އަނދިރިވެއްޖެއެވެ.

ވަކަރު ކޮށާރު

ލީނާ އޭނާގެ މާމަގެ ގޭގެ ދޮރުހުޅުވާލިއެވެ. ދޮރުގެ ހުޅުތަކުން ތޫލި އަޑުފަށްގަނޑެއް އިވިގެންދިޔައެވެ. ފަރުވާކުޑަ ގޮތަކަށް އޭނާގެ ކޮނޑުގައި އަޅުފާފައި އޮތް ދަބަސް، މުށިގަނޑުމައްޗަށް ވައްޓާލިއެވެ. ލީނާ ދެކޭގޮތުން އޭނާއަކީ އޭނާގެ ކުލާހުގެ ހުރިހައި ކުދިންނަށްވުރެން ކުރީގައި އުޅޭ ކުއްޖެކެވެ. މިހާރުގެގޮތަށް ބުނާނަމަ މާ ގައްޑާ ނުވަތަ ކޫލް ކުއްޖެކެވެ. އެކަމަކުވެސް އޭނާއާއެކު ޙަމަދު ބިން ޚަލީފާ އާލްޘާނީ ސްކޫލްގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ އެހެންކުދިންނާ ޚިލާފަށް މާމަގެ ގެއަށް އަންނާނީ ނޯޓްނަގަން އެހެންކުދިންގެ ފޮތްތައް ހިފައިގެންނެވެ.

“މާމާ؟” ގޭގެ ދޮރުހުޅުވިއަޑަށް މާމަގެ ހިލަމެއް ނުވުމުން ލީނާ މާމައަށް ގޮވަންފެށިއެވެ. “އަހަރެން އައިސްފީމޯމޯމޯމޯ!!” ޅަވެލަމުން ލީނާ ގޮވަންފެށިއެވެ.

ލީނާ ގެއަށްވަދެގެން އައިއިރު ބަގީޗާތެރޭގައި މާމަ ދުއްވަން ގެންގުޅޭ އަންހެން ރެލީ ބައިސްކަލުގަނޑު ހުއްޓެވެ. އެހެންކަމުން މާމަ ގޭގައި އުޅޭކަން އޭނާއަށް އެނގެއެވެ. އެކަމަކުވެސް މާމަގެ ޖަވާބެއް ނުލިބުމުން ގޭތެރެ ބަލަންފެށިއެވެ. އެއްދޮރުން އަނެއްދޮރަށް ބޯދެމުން މާމައަށް ގޮވަމުންދިޔައެވެ.

ސިޓިންގރޫމްވަނީ އިހުޒަމާނުގެ އޭތިމީތިން ފުރި ތޮއްޖެހިފައެވެ. ލީނާ، މާމަގެ ގެއަށް އަންނަ ކޮންމެފަހަރަކުހެން ކުރިން އެތާނގައި ނުހުންނަ ހަތަރު ފަސް އެއްޗެއް ހުންނަކަން އޭނާއަށް ޔަޤީންވެއެވެ. އެއީ އޭނާގެ މާމަގެ އާދަޔާޚިލާފް ކަލެކްޝަނެކެވެ.

ސިޓިންގރޫމްގެ އެއް ބިތުގައި އާދަޔާޚިލާފް ލޯގަނޑެއް އަޅުވާފައި ހުރިތަން ލީނާގެ ލޮލުގައި އަޅައިގަތެވެ. ކާނިވާތަކުގައި މަޖާގޮތްގޮތަށް މީހުން ފެންނަ ލޯގަނޑުތައް ބަހައްޓާފައި ހުންނަ ސްޓޯލްތަކުގައި ހުންނަ ވައްތަރުގެ ލޯގަނޑެކެވެ. އެ ލޯގަނޑުން ލީނާގެ ނޭފަތް ފެންނަނީ އިންތިހާއަށް ދިގުކޮށް ހުއްޓައެވެ. ތުންފަތް ފެންނަނީ ގޮން މަހެއްގެ ތުން ގޮތަށެވެ. އެކަމަކު ލީނާގެ ސަމާލުކަން އެ ލޯގަނޑަށް ދެވުނީ ހަމައެކަނި އެހެންވެގެނެއް ނޫނެވެ.

އެ ލޯގަނޑުގެ ތެރެއިން ކޮންމެވެސް އެއްޗެއް ހަރަކާތްކުރާހެން އޭނާއަށް ހީވިއެވެ. ލޯގަނޑުގެ ބިއްލޫރިގަނޑުގެ ތެރޭގައި ކޮންމެވެސް އެއްޗެއް ފަތަމުންދާހެންނެވެ. ޖެހިލުންވެ ހުރެ ލޯގަނޑުގައި އިނގިޖައްސައިލިއެވެ. ބިއްލޫރީގައި އެއްވެސް ހަރުކަމެއް ނެތެވެ. ލޯގަނޑު ހުރީ ހަލުވިދާގޮތަށް ނުވަތަ ޖެލީގޮތަށް މަޑުކޮށްނެވެ.

ލޯގަނޑުގައި އޭނާގެ އިނގިލީގެ ނިޝާން ފެންނަންހުއްޓެވެ. އިނގިލި ޖައްސާލިތަން ހުރިގޮތަށް އަޑިވެފައެވެ. ބިންވަޅުނެގިފައިވާ އެ ނިޝާނުގެ ވަށައިގެން ހުދުކުލައާއި ދަނބުކުލައިގެ ދުމެއް އަރަމުންދިޔައެވެ. އިރުކޮޅެއްފަހުން އެ ލޯގަނޑުގެ ތެރެއިން މޫނެއްގެ ސިފަ އުފެދުނުތަން ފެނިގެންދިޔައެވެ. ހީވީ ލޯގަނޑުގެ ތެރޭގައި ތާށިވެފައި އިން މީހަކު ނުކުމެގެން އޭނާއާއި ދިމާއަށް އަންނަން މަސައްކަތްކުރާހެންނެވެ. އެމީހާގެ އަނގަވަނީ ތައްމިނަށް ހުޅުވިފައެވެ.

“ކާ… ކާ.. ކާކު؟” ބިރުން ތުރުތުރު އަޅަމުން ލީނާ ސުވާލުކުރިއެވެ. “ކަ.. ކަ… ކަލެ… ކަލެއަށް ވާހަކަދެއްކޭތަ؟”

އޮލަ ފުށް އެއްޗެއްގެ ތެރޭގައި އޮތް ދިރޭއެއްޗެއް އޭގެ ތެރެއިން ނުކުންނަން މަސައްކަތްކުރާހެން ސިފަވަމުންދާ އެ ސޫރަ ލޯގަނޑުގެ ތެރެއިން ނުކުތުމަށް އިރުކޮޅެއް ވަންދެން މަސައްކަތްކުރަމުންދިޔައެވެ. އޭގެ އަނގައިން އެއްވެސް އަޑެއް ބޭރެއް ނުވެއެވެ. އެއަށްފަހު ކުއްލިއަކަށް ދުންގަނޑެއް އާރާފައި ލޯގަނޑުން ބިންވަޅުނެގި ބޭރަށް ނުކުމެފައިވާ އެ ސޫރަ ގެއްލިއްޖެއެވެ.

“ވާހަކައެއް ނުދެއްކޭދޯ؟” ވަރަށް ހިތްވަރުކުރަމުން ލީނާ ބުނެލިއެވެ. އެއަށްފަހު އޭނާގެ އަތް ތިރިކޮށްލަމުން ތިވީގޮތެއް އަދި ބަލާނަމޭ ބުނެލިއެވެ.

އޭނާ ކުޑައިރު މާމަކައިރީ އުޅެފައިވުމުން އެފަދަ އާދަޔާޚިލާފު ކަންކަމަށް އޭނާވަނީ ކޮންމެވެސް ވަރަކަށް ހޭނިފައެވެ. އޭނާގެ މާމަ އަބަދުވެސް ބުނެއެވެ. މި ދުނިޔޭގައި އަހަރުމެންގެ ލޮލަށް ނުފެންނަ އެތައް މަޚްލޫޤުންނެއް ހުރިހައިތަނެއްގައިވެސް އުޅޭނެއެވެ. އެސޮރުމެން އިންސާނީ ޢާލަމަށް ފާޅުވުމަށް ކޮންމެވެސް މެދުވެރިއެއް އަބަދުވެސް ބޭނުންކުރާނެއެވެ. ގިނަފަހަރަށް އިންސާނުންނަށް އެކަން ރޭކާނުލަނީކަމަށްވެސް ބުނާނެއެވެ.

ކޮންމެ ޖިންނި ޝައިޠާނެއް، ނުވަތަ ކޮންމެ ރޫޙާނީ އެއްޗެއް ކިތަންމެ ބިރުވެރި ސިފައެއްގައި ހުއްޓަސް އެސޮރުމެންނަކީ އެސޮރުމެން ބަރުދާސްތުކުރަމުން އަންނަ ގިލަންވެރިކަމުން ސަލާމަތް ނުކުރެވޭނެ މަޚްލޫޤުން ނޫންކަމަށް ލީނާގެ މާމާ ދަލޫކާ ޤަބޫލުކުރެއެވެ.

ލީނާ ލޯގަނޑާއި ދުރަށް ޖެހިލިއެވެ. އެވަގުތު އޭނާގެ ފުރަގަހުގައި ބަހައްޓާފައިހުރި ގަތަންފާއްޔެއްގައި އަޅައިގަނެފައި ނުވެއްޓުނީ ހަމަކިރިޔާއެވެ. ގަތަންފާލި ވެއްޓުމުގެ ކުރިން އޭނާ އޭގައި ހިފިއެވެ. އެވެސް ނަސީބެކެވެ. އޭތި ހަލާކުވިނަމަ ކަންތަކާޖެހުނީއެވެ. އޭނާގެ މާމަގެ ހިތްހުއްޓިގެން މަރުވެސްވެދާނެ އެވެ.

ގަތަންފާލި ރީތިކޮށްލިވަގުތު ގޭގެ ބިއްދޮށުން މީހެއްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުނެވެ. އެވާނީ އޭނާގެ މާމަ ކޮށާރުތެރޭގައި އުޅެނީކަމަށެވެ.

ލީނާ ގެއިން ބޭރަށް ނުކުތެވެ. ހުޅަނގު މޫސުމުގެ ފިނި ވައިރޯޅިތައް އައިސް އޭނާގެ ގައިގާ ބީހެންފެށުމުން ހީކަރުވާގޮތްވިއެވެ. ކެރިކަނޑާލާފައި އޮތަސް ވިއްސާރަ އަލިވުމުގެ ކަންފުޅެއްވެސް ނެތެވެ.

އެ ގޭގެ ބިއްދޮށުން ބޭރަށް ނުކުންނައިރު އޮންނަނީ ބޯކޮށް ފަތްކެޔޮ ހައްދާފައެވެ. ފަތްކެޔޮ ގަސްތަކުގެ ތެރެއިން ރީތިކޮށް ހަދާފައިވާ ހިމަ މަގެއް އޮވެއެވެ. އެ މަގުންގޮސް ދެވޭނީ ކޮށާރު ކައިރިއަށެވެ. މަގުގެ ދެފަރާތް ބޮޑެތި ހަތާ ގަލުން މަގުކައިރި ހަދާފައިވެއެވެ. އެތާ ހުންނަ ކޮށާރަކީ ޚާއްޞަ ކޮށާރެކެވެ. ވަކަރު ލަކުޑިން ހަދާފައިވާ އެ ކޮށާރުގެ މަޅުތައް ހަދާފައިވަނީ ހައިވަކަރުންނެވެ. އެހެންކަމުން އެއީ އަދިވެސް ނުހަނު ވަރުގަދަ ކޮށާރެއްކަން އެނގެއެވެ. ދަލޫކާ އެ ކޮށާރުގައި އޭނާގެ ސާމާނުތައް ގެންގުޅެނީ އެއަށްވުރެން ރައްކާތެރި އެހެންތަނެއް ނުހުންނާނެކަމަށް އޭނާއަށް ޤަބޫލުކުރެވޭތީއެވެ.

އެކަމަކުވެސް އެ ކޮށާރު ހުންނަ ހިސާބަށްދާންވެސް ލީނާ ފޫހިވެއެވެ. އެތަން އޮންނަ ގޮތުންނެވެ. އެ ކޮށާރުގައި ހުންނަ އާދަޔާޚިލާފް ތަކެތީގެ ސަބަބުންނެވެ. އެހިސާބުން ދުވާ އާދަޔާޚިލާފު ވަހުގެ ސަބަބުންނެވެ. ކޮށާރަށް އެރެން ފައިއަޅަން ހަދާފައިހުންނަ އަށިމަތީގައި ފައިއަޅާ ކޮންމެފަހަރަކު ހީވަނީ ވަކަރުން ހަދާފައިވާ އެ ފިލާގަނޑު ބިންދައިގެން ހިނގައިދާނެހެންވެ.

ލީނާގެ މާމަ އަބަދުވެސް ލީނާ ކައިރީގައި ކިޔާނެއެވެ. ދަރިފުޅު ކުޑައިރުވެސް މާމަގެ ކޮށާރުދެކެ ނިކަން ބިރުގަންނާނެއެވެ. މާމަ ކޮށާރަށް އެރުނަސް ދަރިފުޅު ހުންނާނީ ބިރުން ވިރިވިރިއެވެ. އަދި ލީނާ ކުޑައިރުވެސް އޭނާގެ އަނގުންތައް ދިގުކަމުން ކޮށާރަށް އެރެންވެސް އެހާ އުނދަގޫ އުފުލަންޖެހެއެވެ. ކޮށާރުކައިރީ މިހާރު ހުންނައިރު ލީނާއަށް އެ ކޮށާރަކީ ކުޑަކުޑަ އެއްޗެއްކަން އިޙްސާސްކުރެވުނަސް، އެއަށް އެރެން ހިތަށްއެރުމާއިއެކު ދެފައިކޮޅު ތުރުތުރު އަޅަންފަށައެވެ. ހީކަރުވާފައި އޮންނަ ހިކަންޖެއް ފަދައިންނެވެ.

އެކަމަކު މިފަހަރު ލީނާ ކޮށާރުކައިރީގައި ހުއްޓިފައި އޭގެ ތެރެއަށް ބޯދީ ބަލައިލަމުން އަށިމައްޗަށް އެއްފައިނަގާފައި ކޮށާރުތެރެއަށް ދެމިގަތެވެ. ކޮށާރުތެރެއިން ހުދުކާފޫރުވަހާއި ކުމުންޒާނީގެ ދުމުގެވަސް އިންތިހާއަށް ހުއްޓެވެ.  އެއީ އޭނާގެ މާމަގެންގުޅޭ ސާމާނުގައި ފަނިފަޚްސާ އެޅިޔަނުދިނުމަށް ކޮށްއުޅޭ ކަމެކެވެ. ހުދުކާފޫރު އަޅާފައި ބެހެއްޓުމުގެ އިތުރަށް ކޮށާރު ހުޅުވާ ކޮންމެފަހަރަކު އޭގެ ތެރެއަށް ކުމުންޒާނިން ދުން އަޅައެވެ. ބަޔަކަށް ކުމުންޒާންޏަކީ ކިތަންމެ ދަތި އެއްޗަކަސް ލީނާގެ މާމާގެ ގޭގައި އެއީ ތިޔާގިއެއްޗެކެވެ. ލީނާގެ ކާފަ ދުނިޔޭގައި ގޮނޑުދޮށުން ހޮވި ބޮޑު ކުމުންޒާނިގަނޑުގެ ބޮޑުބައެއް އަދިވެސް އޭގޭގައި އޮވެއެވެ.

ކޮށާރުގެ ހަތަރުކަނުގައި ބަހައްޓާފައިހުންނަ ހައިވަކަރުގެ ފޮށިތައްމަތީގައި ލަކުޑިން ހަދާފައިވާ ތަށިތައް ހުންނަނީ ހުދުކާފޫރުއަޅައި ފުރާފައެވެ. ރަންވަށްލޮއިން ހަދާފައިވާ ދުންމުއްޓެއްގައި ކުމުންޒާނިން ދުންއަޅާފައި ހުއްޓެވެ. ކޮށާރު ހުންނަ ހިސާބަށް ދާއިރު ނޯއްދަމާލަން ނުކެރޭވަރުގެ ވަރުގެ ވަހެއް ހުންނަނީ އެހެންވެގެންނެވެ. އެއީ ކޮށާރުގައި ފަނިފަޚުސާއެޅުން ހުއްޓުވުމާއި ކޮށާރުތެރެ ހިކިކޮށް ބެހެއްޓުމަށް ލީނާގެ މާމަ ކުރާކަމެކެވެ.

ލީނާގެ މާމަގެ މި ޚާއްޞަ ކޮށާރަކީ އެހެން ގޭގައި ހުންނަކަހަލަ އާދައިގެ ކޮށާރެއްނޫނެވެ. އެހެންނޫނަސް މިޒަމާނުގައި ކޮށާރެއް ހުއްނާނީވެސް މަދު ރަށެއްގެ މަދު ގެއެއްގައެވެ. އެ ކޮށާރުގެ މަތިވަޑާންގަނޑު އެހެން ކޮށާރުތަކަށްވުރެން އުހެވެ. ގާތްގަނޑަކަށް ކޮށާރުގެ ތަޅުމު ފިލާތަކާއި މަތިވަޑާންގަނޑާއިދެމެދު ބާރަވަރަކަށް ފޫޓް ހުންނާނެއެވެ. ކޮށާރަށް އެރުމުން އެއީ އެހާ ކުޑަކޮށާރެއް ނޫންކަންވެސް އެނގޭނެއެވެ. މިހާރު މިހުންނަވަރުގެ އާދައިގެ ކޮޓަރިއަކަށްވުރެން ކުޑަވާނީ ހަމަ ތަންކޮޅެކެވެ. ކޮންމެ މޫސުމަކަސް ކޮށާރުތެރެ ހިކިވެފައި ހޫނުކަމެއް ހުންނާނެއެވެ. އެހެން ކޮށާރުތަކުގައި ކާޑުގެ ބާވަތްތައް ގެންގުޅުނަސް މި ކޮށާރުތެރެ ފުރިފައިވަނީ ތަފާތު ފޮތްފޮތުންނެވެ. އިހުގެ ތަފާތު އެއްޗެއްހިންނެވެ. މުޅިންވެސް އިހުގެ ބައު ފޮތްތަކެވެ. އުސްކޮށް ބަރިބަރިއަށް ޖަހާފައެވެ. އެހެންވެގެން ލީނާ އެކޮށާރަށް އެރުނުކަންވެސް އޭނާގެ މާމައަށް ރޭކައެއްނުލިއެވެ.

“ކާކު؟” ދަލޫކާގެ އަޑު ޖެހުނެވެ. ލީނާއަށްވެސް ދަލޫކައެއް ފެންނަވަރެއް ނުވެއެވެ.

“މީ މަށޭ މާމާ! މާމަގެ ލީނާ އޭ!”

“ލީނާ؟” ހައިރާންކަމާއެކު ދަލޫކާ ސުވާލުކުރިއެވެ. ފޮތްތަކާއި ކޮށާރުގެ އެއްކޮޅުން އަނެއްކޮޅަށް ހަރުކޮށްފައިވާ ދަނޑީގައި އަޅުވާފައިހުރި އިހުގެ ދާބުރިތަކުގެތެރެއިން ބޯދިއްކޮށްލަމުން ދަލޫކަ އަހާލިއެވެ. މާމަ ދަރިފުޅު ފެނުމުން ދަލޫކަ ހުރީ އުފަލުން ފޮޅިފައެވެ.

ދަލޫކަގެ ބޮލުގައި ޖަހާފައިވާ ނުރަ ކުރިއަށްވުރެން ގިނަކަމަށް ލީނާއަށް ހީވިއެވެ. ދަލޫކައަކީ ނުރަ ފޮރުވުމަށް ބޯކަޅުކުރާ މީހެއްނޫނެވެ. ނަމަވެސް އޭނާ ލަނީ އެ އުމުރުގެ ރަށްފުށުގެ އަންހެންވެރިން އަޅާއުޅޭ ހެދުމަށްވުރެން ފެޝަން ހެދުމެވެ. ބެލްސާއި ޓޮޕް ލައެވެ. ބައެއްފަހަރަށް ޓޮޕެއްގެ ބަދަލުގައި ޓީޝާޓްވެސް ލައެވެ. މިއަދުވެސް ދަލޫކަ ހުރީ ބެލްސަކާއި ޓީޝާޓެއް ލައިގެންނެވެ. އެއީ އޭނާ ގޭގައި އުޅޭއިރު އާއްމުކޮށް އަޅާ ހެދުމެވެ.

“މާމަގެ ލޯބިލޯބި ދޫންޏާ!” ފޮތްތަކުގެ ބިއްދޮށުން ނުކުމެގެން އައިސް ލީނާގައިގާ ބައްދާލަމުން ދަލޫކަ ވާހަކަދައްކަން ފެށިއެވެ. ފަންސާސް ހަތް އަހަރުވެފައި ވިޔަސް އޭނާއަކީ ވަރުގަދަ އަންހެނެވެ. “ދަރިފުޅު މިއަދު އަންނާނެކަން ނުވެސް އެނގޭ މާމައަށް!!”

“ހޫމް. އަހަރެންވެސް ހުރީ ދެ ފިކުރެއްގަ،” މާމަގެ އަތުގެ ތެރެއިން ނުކުތުމަށް މަސައްކަތް ކުރަމުން ލީނާ ބުންޏެވެ. މާމަހުރީ ލީނާގެ ގައިގައި ބައްދާލިގޮތަށް ދޫކޮށްލަންވެސް ނޭނގިފައެވެ. “މި ހަފުތާ ބަންދުގަ ކުރާނެ މާބައިވަރު މަސައްކަތެއްނެތް. އެހެންވެ ހިތަށްއެރީ މާމަކައިރީ ހުންނަން އަންނާނީއޭ.”

“އެކަމަކު ދަރިފުޅު ނިންމަންޖެހޭ މަސައްކަތްތައް މިހާރުވެސް އޮންނާނީ ފުނިޖެހިފަން މާމައަށް ޔަޤީން. ނޫންތަ އަޅެ؟” ދަލޫކައަށް އޭނާގެ މާމަ ދަރިފުޅުގެ މިޒާޖު ރަނގަޅަށް އެނގޭތީ ސުވާލުކުރިއެވެ.

“ހޫމް. ތިހެންކަމަށްވެސް ވެދާނެ.” ފާޑަކަށް ހިނިތުންވަމުން ލީނާ ބުނެލިއެވެ. ހަމައެއާއި އެކު މަޢުޟޫ ބަދަލުކޮށްލިއެވެ. ” ތިއެއްނޫނޭ. މާމަ އަބަދު ކޮށާރަށް އެރިގެން ކީއްތަ ތިކުރަނީ؟”

“މީދެން ކުޑަކޮށް ތަރުތީބުކޮށްލާ ހިރަފުސް ފޮޅާލަނީ.”

ދަލޫކާ ކުރިން ހުރިތަނަށް ދިޔައެވެ. އޭނާ މަސައްކަތްކުރަމުންދިޔަ ފޮތްތައް ހުރި ހިސާބަށެވެ. ލީނާވެސް މާމަގެ ފަހަތުން ދިޔައެވެ. އެތައް ބައިވަރު ފޮތްތަކެއް ބަރިބަރިއަށް ޖަހާފައި ހުއްޓެވެ. ކޮށާރުގެ ބިއްދޮށު ބިތުގައި ބަހައްޓާފައިހުރި ފޮތް ބަހައްޓާ ހަރުގަނޑު ހުރީ ހުސްކޮށެވެ. ހަރުގަނޑުގައި ކޮންމެވެސް ވަރަކަށް ހިރަފުހާއި މަކުނުވާ ހުއްޓެވެ.

“މާމައަށް އަށް ހެލްޕެއް ބޭނުންތަ؟” ލީނާ އަހާލިއެވެ.

“ދަރިފުޅު ބޭނުމިއްޔާ އާދޭ. އެންމެ ކުރިންއެހެރަ ފަންޑިތަ ފޮތްތައް ހުރި ހަރުގަނޑު ފޮޅާލަދީ. މާމަ ތަންކޮޅެއް ފަހުން އެތަން ތަރުތީބުކޮށްލާނަން.” ރަބަރު ކަވަރެއް ލާފައިވާ ބޯ ފޮތެއް ނަގަމުން ދަލޫކަ ބުންޏެވެ. ދަލޫކަ އެ ފޮތް ހުޅުވާލިއެވެ. “މީގެ ބައެއް އެއްޗެއްސަކީ…..”

“ކީކޭ މާމާ؟” މާމަ އެ ފޮތް ހިފައިގެން އަންނަންފެށުމުން ލީނާ އަހާލިއެވެ.

“މީ މިހާރު ބޭކާރު އެއްޗެހި.” އެ ފޮތް ލައްޕާލަމުން މާމަ ބުނެލިއެވެ. “އެކަމަކުވެސް މާމައަށް އެކަހަލަ ފޮތްތައް މި ބެހެއްޓެނީ ކީއްވެގެންކަމެއްވެސް ނޭނގޭ. އުކާލަންވެސް ހިތްހަމައެއް ނުޖެހޭ. ބަހައްޓާކަށްވެސް ބޭނުމެއްނޫން. އެހެންވެގެން އެ ފޮތްތައް އެއްތަނުން އަނެއްތަނަށް ބަދަލުކުރަމުން މިގެންދަނީ. މިހެން ހިރަފުސް ފޮޅާލާފަ އަނެއްކާވެސް ކުރިން ހުރިތަން ނޫން އެހެން ތަނެއްގަ ބަހައްޓަނީ. މިފަހަރު ބަހައްޓާނީ އެއްމެ ބިތްދޮށުގަ.”

ލީނާ އެތާހުރި ކުޑަކުޑަ ކޮޅުފިލާ ގޮނޑިއަކަށް އަރައި ހަރުގަނޑުގަނޑު ފޮޅަންފެށިއެވެ. ބާ ޓީޝާޓް ފޮތިގަނޑަކުން ހަރުގަނޑު ފޮޅަން ފެށުމާއެި އެކު އޭގެއިން ހިރަފުސްތައް އޭނާގެ ނޭފަތަށް ވަންނަން ފެށިއެވެ. ލީނާ އޭނާގެ އިސްތަށިގަނޑާއި މޫނުމަތި ދެއަތުން ފޮޅާލިއެވެ. އެވަގުތު ކުޑަކުޑަ ފައިދިގުމަކުނެއް ފޮތް ހަރުގަނޑުގެ ތެރެއިން ނުކުމެގެންގޮސް ކޮށާރުގެ ބިތަށް އަރާތަން އޭނާއަށް ފެނުނެވެ.

“މާމަ މި ފޮތްތައް ބަހައްޓަން ރީތި ހަރުގަނޑެއް ޖަހާފަ ވެއްޖެއެއްނު ސިޓިންގރޫމްގަ ބަހައްޓަން. މި ކޮށާރުގަނޑުގަ ކީއްކުރަން ބަހައްޓަންވީކީ. އެހެން މީހަކަށް ތީގެ ފޮތެއް ބަލަައިލެވޭނީވެސް ހާމަ ތަނެއްގަ ބެހެއްޓީމައެއްނު.”

ދަލޫކަ އޭރު އިނީ ކޮށާރުގެ ތަޅުމުގައި ދެފައި ވަށްކޮށްގެން އިށީންދެގެންނެވެ. ތަޅުމުގައިވަނީ ބޯކަރުދާސް އަތުރާފައެވެ. ލީނާ އަށް އޭނާގެ މާމަ ބަލައިލިއެވެ. “ދަރިފުޅު އަބަދު ތިހެން ކިޔަސް މީކީ ‘ކޮށާރު ގަނޑެއް” ނޫން. މީ ނުލާހިކު ރީތި، ވަރުގަދަ ކޮށާރެއް. މި ފޮތްތައް ބަހައްޓަންވެސް އެންމެ ރަނގަޅުތަނަކީ މިތަން.”

“ތިކަން އަހަންނަށްވެސް އެނގެއޭ މާމާ. މާމަ މި ފޮތްތައް ނުލާހިކު ރަނގަޅަށް ބަލަހައްޓާކަންވެސް އެނގޭ.” މިހެން ބުނަމުން ލީނާ އަނެއްކާވެސް ހިރަފުސް ފޮޅަން ފެށިއެވެ. “އެކަމަކު މާމަ ރައްކާކޮށްގެން ތިޔަ ގެންގުޅެނީ ކިހާ ބައިވަރު މަޢުލޫމާތުތަކެއް. އަހަރެން މިބުނަނީ މި ފޮތްތަކުން އެހެން މީހަކަށް ފަސޭހައިން މަޢުލޫމާތެއް ލިބޭނީ އެކަހަލަ ތަނެއްގަ ބަހައްޓައިގެންނޭ.”

“ކޮންމެ ކޮންމެ މީހަކަށް މި ފޮތްތަކުގަ ހުރި މަޢުލޫމާތު ތަކާއި ކަންތައްތައް އަންގާކަށް މާމަ ބޭނުމެއްނޫނޭ ދަރިފުޅާ.” އަނެއްކާވެސް ވަރަށް ބޯ ފޮތެއް މާމަ ނެގިއެވެ. މުށި ކުލައިގެ ހަންގަނޑެއް ލާފައިވާ ފޮތެކެވެ. އެ ފޮތް އުފުލާލެވުނީވެސް ދެއަތުންނެވެ. “މިސާލަކަށް މިފޮތް، މިއީ އެތައް ސަތޭކަ އަހަރެއްވަފައިވާ ފޮތެއް. މީގައި ހުންނާނެ ވަރަށް ވަރުގަދަ ފަންޑިތައާއި ސިހުރުތައް. މަރުގެ ތުންފަތްމަތީ އޮންނަމީހަކު ސަލާމަތްކުރެވޭވަރުގެ ބާރުގަދަ އެއްޗެހިވެސް މީގައި ހުންނާނެ. އެހެންވީމަ ހަމަ ފެންނަހާ މީހަކަށް މިއެއްޗެހި ދައްކާކަށް މާމަ ބޭނުމެއްނޫން. އެއީ ރަނގަޅުކަމެއްކަމަށް ދަރިފުޅަށް ހީވޭތަ؟”

“ނޫނޭ މާމާ،” ލީނާ އެެއްބަސްވިއެވެ. “އެކަމަކު ތިކަހަލަ މުހިންމު ފޮތްތައް ކޮށާރުގަ ބެހެއްޓިޔަސް އެހެން ފޮތްތައް ސިޓިންގރޫމްގަ ބެހެއްޓިދާނެއެއްނު.”

“ދަރިފުޅު ކަންބޮޑުނުވެބަލަ. ހުރިހައިކަމެއްވެސް ހުރީ މާމަގެ ކަންޓްރޯލްގެ ދަށުގައޭ. މާމަ މަރުވުމުން، އަދި ދަރިފުޅަށް މިއެއްޗެހި ވާރުތަވުމުން، ދަރިފުޅު ބޭނުމިއްޔާ މި ފޮތްތަކުން ލައިބްރަރީއެއް ހުޅުވިޔަސް ހެޔޮ.” ކޮށާރުތެރޭގައި ހުރި ފޮތްތަކަށް އިޝާރާތްކޮށްލަމުން މާމަ ބުންޏެވެ. “އެކަމަކު މިހާރު، މި ފޮތްތައް އިހަށް މިތާ ބަހައްޓާނީ.”

“އަހަރެން ކަންބޮޑުވަނީ މާމަގެ ޚިދުމަތްހޯދަން ބޭނުންވާ މީހުންނަށް މާމަ ހޯދަން ނޭނގޭނެތީ.”

“މާމަގެ ބޭނުމެއްޖެހިގެން މާމަ ހޯދަން ބޭނުންވާ މީހަކަށް މާމަ ހޯދޭނެ.” ދަލޫކަ ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

ލީނާ ހިރަފުސްފޮޅުން ހުއްޓާލަަމުން މާމައާއި ދިމާއަށް ބަލައިލިއެވެ. “ތިހާ ޔަޤީންކަމާއެކު މާމަ ތިހެން ތިބުނީ ކީއްވެ؟”

“މާމައަށް ހަމަ ޔަޤީންވަނީ.” ދެކޮނޑު އަރުވާލަމުން ދަލޫކަ ޖާވާބުދިނެވެ. “މިސާލަކަށް މިއަދު ހެނދުނު ދިމާވިކަމެއް ބުނަންތަ، އަންހެންކުއްޖަކު އައިސް ބުނެފި ތިމަންނައަށް އެހީވެދޭށޭ. މާމައަކަށް ނޭނގޭ އޭނާއަށް މާމަ އެނގުނީ ކިހިނެތްކަމެއްވެސް. މާމަ ނުވެސް އަހަން. އެކުއްޖާއަށް މާމަ ކައިރިއަށް އެހީއެއް ހޯދަން އަންނަން އެނގުން އެއީނު މީގައި މުހިންމު ކަމަކީ.”

“ތިބުނާ ކުއްޖާ ކޮންކަމެއްގަ އައީ؟” ލީނާ ސުވާލުކުރިއެވެ.

ދަލޫކަ ދެފަރާތަށް ބޯހުރާލިއެވެ. “މާމައަކަށް ނޭނގެ. އެކުއްޖާ އެހާ ވާހަކައެއް ނުދައްކާ. އެސްފީނާއާއި ބެހޭގޮތުން ބައެއް މަޢުލޫމާތު ހޯދީ. އެހާ ތަފްސީލަކަށް ނުދޭ އޭނާއަށް ދިމާވެގެން އުޅޭ މައްސަލައާއި ބެހޭގޮތުންނެއް. އެކުއްޖާ ހުރީ ކޮންމެވެސް ވަރަކަށް ހާސްވެ ކަންބޮޑުވެފަ.”

“ނަމެއް ބުނިތަ؟ ކޮން ނަމެއްތަ ކިޔަނީ ތިކުއްޖާއަށް؟”

“އެކުއްޖާ ނަމެއް ނުބުނެޔޭ. މާމަވެސް ނުވެސް އަހަން.”

“އެއީ އަނެއްކާ އިންސާނެއްތަ؟” ލީނާ އިތުރަށް ސުވާލުކުރިއެވެ.

“މާމައަކަށް ނޭނގޭ.   މާމަ އެހާވަރަކަށް ނުވިސްނަން.” ދަލޫކާ ވާހަކަ މެދުކަނޑާލަމުން ދުރަށް ބަލައިލިއެވެ. ކަމެއް ހަނދާންވުމުން އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ. “އެއީ ވަރަށް ރީތި ކުއްޖެއް. ނޭވާ ހުއްޓޭހާވެސް ރީތިކުއްޖެއް. ދިގު ކަޅު އިސްތަށިގަނޑެއް، އޭގެ ތެރެއަށް ދެންމެ ދެންމެ ޣަރަޤުވެގެން ހިނގައިދާނެހެން ހީވާ ލޮލެއް. އެއީ …… އެފަދަ ދެވަނައެއް ނެތްވަރު ކުއްޖެއް.” އޭނާ ލީނާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. “މި ބުނީކީ ދަރިފުޅު ހަޑިއެކޭނޫން؛ އެކަމަކު އެކުއްޖާއަކީ ހަމަ ފަތްމިންޏެކޭ ބުނެވޭނީ.”

ލީނާ ފާޑަކަށް ހީނލިއެވެ. “މަށަށް ލިބިފަވާ ރީތިކަން އަމުދަކުން މަށަށް ފުދެޔޭ މާމާ.”

“އެކަމަކު މާމައަކަށް ނޭނގޭ އޭނާއެއީ ކޮންއެއްޗެއް ކަމެއްވެސް.” ދަލޫކާ ބޯކަހާލިއެވެ. ކަންބޮޑުވުމުން އޭނާގެ ދެބުމަ ގޮށްޖެހުނެވެ. “އެކަމަކު މީގެ ކުރިން މާމައާއި ދިމާނުވޭ އެފަދަ ކަމެއް.”

“ދެން މާމަ އެކުއްޖާއަށް އެހީވެދިނިންތަ؟” ލީނާ އަހާލިއެވެ.

“ނޫން. އެކުއްޖާ ބޭނުމެއްނުވި ވެގެން އުޅޭތެއް އިތުރަށް ކިޔައިދޭކަށް. އެހެންވެ އެ ކުއްޖާއަށް މާމަ ނުދެން އެއްވެސް އެއްޗެއް. އެއްވެސް މަޢުލޫމާތެއްވެސް. އޭނާ ހީވަނީ ހަމަ ވަރަށް ރަނގަޅު ކުއްޖެއްހެން، އެކަމަކު މާމައަށްވެސް ޔަޤީންވި ކޮންމެވެސް ކަންތައްގަނޑެއް އެކުއްޖާގެ ފަހަތުގަ ވާކަން.” ދަލޫކާ ކޮޅަށް ތެދުވެ އެއް އަތް އަނެއްއަތުން އުނގުޅާލިއެވެ. ހީވީ ކުއްލިއަކަށް ހީކަރުވައިގަނެގެން އުޅުނުހެންނެވެ.

“އެކުއްޖާގެ ލޮލުގަ ހުރި އެކަހަލަ އަސަރުތަކެއް. ދަރިފުޅުގެ މަންމަ ހިތާވި ފާޑެއްގެ ކުއްޖާގަނޑާއެއްކޮށް ފިލަން އުޅުނުއިރު އޭނާގެ ލޮލުން ފެނުނުކަހަލަ ކަމެއް.” ދަލޫކާ އިތުރަށް ކިޔައިދޭންފެށިއެވެ. “ދަރިފުޅުގެ މަންމަ ހިމާޔަތަކަށް އެދެން ބޭނުންވެ، އެކަމަށް މާމަ ކައިރީ އަހަން ނުކެރިގެން އުޅުނުއިރު އެ ފެނުނު ކަހަލަ ކުލަވަރުތަކެއް ފެންނާންހުރި.”

ލީނާގެ މަންމައަށް ލީނާ ލިބުނީ އޭނާގެ އުމުރުން އެންމެ ސޯޅައަހަރުގަ އެވެ. އޭނާގެ މަންމަ އިނީވެސް އުމުރުގެ ގޮތުން އެހައި ދޮށީ މީހަކާއެއް ނޫނެވެ. ލީނާގެ ބައްޕައަށް ދަރިއަކު ބަލައި އާއިލާއެއް ބެލެހެއްޓިދާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނުލިބުނެވެ. އެހެންކަމުން ލީނާ ކުޑައިރު ގެންގުޅެން ޖެހުނީ އޭނާގެ މާމައާއެވެ.

ލީނާގެ މަންމަވަނީ ހުރިހައި ނުބައިކަމެއްގެ ޝިކާރައަކަށް ވެފައެވެ. ގުޅިގެން އުޅުނީ އެންމެހައި ވިޔާނުދާ މީހުންނާއެވެ. ވިޔާނުދާ ގުރޫޕްތަކާއެވެ. އެހެންކަމުން ވީނުވީތަނެއް ނޭނގި އެތައް ދުވަހެއްވެސް ވެދާނެއެވެ. އެހެން އުޅެލާފައި ކުއްލިއަކަށްއައިސް ފެންނާނީ ގެއަށް ވަންނަ ތަނެވެ. އެހެން އަންނައިރު ގައިގައި ޒަޚަމްތަކެއް ހުންނާނެއެވެ. މޫނުމަތި ނޫފައިގެންފައެވެ. ލޯމަތި ނުވަތަ ތުންފަތް ފަޅައިގެން ގޮސްފައެވެ. ލީނާގެ މާމަ ސުވާލުކުރިއަސް ޖަވާބެއް ނުދޭނެއެވެ. ގޭގައި ދެދުވަހަކު މަޑުކުރިއަސް ލީނާއަށް ބަލައިވެސް ނުލާނެއެވެ. އެހެން އުޅެލާފައި ދެންފެންނާނީ ނުކުމެގެން ދާތަނެވެ. ލީނާ އޭނާގެ މަންމަ ނުދެކޭތާ މިހާރު ދެއަހަރަށްވުރެން ގިނަދުވަސް ވެދާނެއެވެ.

“ހޫމް. ދެން މާމަ ތިބުނާ ކުއްޖާ އަށްވީ ކިހިނެތްތަ؟” ލީނާ އަނެއްކާވެސް އެކުއްޖާގެ ވާހަކަތައް އަހަން ފެށިއެވެ. “ދެން އެކުއްޖާ މާގިނައިރެއް ނުކޮށް ދިޔައީތަ؟”

“އާން.” ލީނާގެ މާމަ ފުން ނޭވައެއްލަމުން ބުނެލިއެވެ. “މާމައަށް އެކުއްޖާއަށް އެއްވެސް އެހީއެއް ނުވެވުނު. އެކުއްޖާ ގިނައިރަކު މަޑުކުރާކަށްވެސް ބޭނުމެއްނުވި. އެހެންވީމާ މާމައަށް ކޮށްދެވޭނީވެސް ވަކިން ކޮންކަމެއްދޯ؟”

“އެކަމަކު މާމަ ބުނީމެއްނު އެކުއްޖާ ހުރީ ކޮންމެވެސްކަހަލަ ނުރައްކަލެއްގެ ތެރޭގައޭ.”

ދަލޫކާ ބޯ ޖަހައިލިއެވެ. “އާން. އެކަމަކު އެކުއްޖާ ވެގެންއުޅޭ ގޮތެއް ބުނެނުދޭހައި ހިނދަކު މާމަ ކީއްކުރާނީ؟… އެހެންނޫނަސް، އެކުއްޖާ އަދި އެނބުރި އަންނާނެ. އެކުއްޖާއަށް ދިމާވެގެން އުޅޭ ކަމެއް ކިޔައިދިނުމުގެ ހިތްވަރު ލިބުނީމަ އަދި އަންނާނެ.”

“އޭނާއަށް ހިތްވަރު ލިބިއްޖެއްޔާތާ!!” ލީނާ އަޑަށް ބާރުލަމުން ބުނެލިއެވެ.

“އާން. އެކަމަކު އެވަރުގެ ހިތްވަރެއް ލިބޭނީވެސް ބައެއް މީހުންނަށް.” އެއްޗެއް ވިސްނަމުން ދަލޫކާ އެއްބަސްވިއެވެ.

އިތުރަށް އެކަކު އެކައްޗެކޭވެސް ނުބުނެއެވެ. ނަމަވެސް ދެމީހުންވެސް ވިސްނަމުންދިޔައީ ލީނާގެ މަންމައާއި މެދުގައެވެ.

“އެންމެ ރަނގަޅު.” ދަލޫކާ ގަދަކަމުން ހިނިތުންވެލަމުން ލީނާއާއި ދިމާއަށް ބަލައިލިއެވެ. “މިހާރު ދަރިފުޅު މާމައަށް ވަރަށް އެހީވެދީފިން. ދެން މިރެއަށް ވާވަރުވެއްޖެ. ހިނގާ ގޭތެރެއަށް ދަމާ. ދަރިފުޅު ކާނެ ރަނގަޅު އެއްޗެއް މާމަ ތައްޔާރުކޮށްލަދޭނަން.”

“އޯކޭ. މިހާރު ވަރަށް ބަނޑުހައިވެސް ވެއްޖެ!” ކޮށާރުން ފައިބަން ހިނގައިގަންނަމުން ލީނާ ބުނެލިއެވެ.

“މި ހަފުތާ ބަންދުގަ ދަރިފުޅު ކީއްކޮށްލާނީ؟” ލީނާގެ ކޮނޑުގައި އަތް އަޅަމުން ދަލޫކާ ކޮށާރުން ފޭބިއެވެ.

އެއަށްފަހު ކޮށާރުގެ މަޅުތައް އަޅަންފެށިއެވެ. ފަހަރަކު މަޅުގަނޑެއް އަޅަމުން ގެންދިޔައެވެ.

“އެހެން ވަކި ޚާއްޞަކަމެއް ނެތް!” ލީނާ މާމައަށް މަޅުގަނޑެއް ދިއްކޮށްލަމުން ޖަވާބުގައި ބުނެލިއެވެ.”ފަހަރުގަ އެއުޅޭ މަރީމެންގެއަށް ހިނގައިދާނަން.”

“މަރީ. އެއީ ވަރަށް ފާޑެއްގެ ކުއްޖެއް!”

ލީނާ ހިނިތުންވެލިއެވެ. ހިމަހިމަ ތޫލި އަޑަކުންނެވެ. އެ އަޑު ބޮޑަށް ވައްތަރީ އިންސާނެއްގެ އަޑަކަށްވުރެން ޕަރީއެއްގެ އަޑާއެވެ. ލީނާ އާއި އޭނާގެ މާމައަށްވެސް އެކަން އެނގެއެވެ.

“މާމާ. އަހަރުން މީކީ ނޫންތަ ފާޑެއްގެ ބަޔަކީ!”

“ހޫމް.” ގެއާއި ދިމާއަށް ދިއުމަށް އޮންނަ މަގުން ހިނގައިގަންނަމުން ލީނާގެ މާމަ ހޫމް އަޅުވާލިއެވެ.

އިސްދޫ މުލި

ސަފާރީގެ މަތިމަޅު މަތީގައި އާފާޤް އާއި އަނާރާ ތިބީ އާފާޤްގެ ކޮއްކޮ އާފިޤް އުޅޭގޮތް ބަލާށެވެ. އަނާރާ ހުރީ އާފާޤްގެ އުނަގަނޑުގައި ބައްދާލައިގެންނެވެ. އާފިޤް ހުރީ އެ ސަފާރީގައި ގެންގުޅޭ ކުޑަ ލޯންޗްގައެވެ. ޒޯޔާ އާއި މާއިން ލޯންޗަށް ބޭލުމަށް މަސައްކަތްކުރަމުގައެވެ. މެންދަންވިފަހުން ވިއްސާރަ ކޮންމެވެސް ވަރަކަށް އަލިވެފައިވުމުން އުޑުމަތީގައި ސާދަވިލޭޭރޭގެ ހަނދު ރަސްކަން ކުރަމުންދެއެވެ. ނަމަވެސް ހުޅަނގުފަރާތަށް ބޯވިލާ ޖަމާވަމުން އަންނަތަން އާފާޤަށް ފާހަގަ ކުރެވެމުން ދިޔައެވެ. އިސްދޫ ބަނދަރު ބޭރުން ޖެހެމުންއައި ރޯޅިވައި، ގަދަވަޔަށް ބަދަލުވަމުން ދިޔައެވެ. އެކަމަކު މީގެ އެއްވެސް ކަމެއް އާފިޤް އާއި ޒޯޔާ އަދި މާއިންއަށް ފާހަގަ ނުކުރެވޭ ކަހަލައެވެ.

“އާފިޤް،” އާފާޤް އޭނާގެ ކޮއްކޮއަށް ގޮވައިލިއެވެ. “ބޭބެއަކަށް ހިއެއްނުވޭ މިވަގުތު ތިކަންކުރުން އެހާ ރަނގަޅުހެންނެއް.”

“ކީއްވެ މިކަން ނުކުރަންވީކީ!” ވަރަށް ޔަޤީންކަމާއެކު ފޮނިގޮތަކަށް އާފިޤް ޖަވާބުދިނެވެ. “އެހެން ނޫނަސް ބައްޕަ މަގޭއަތަށް ތަޅުދަނޑި ހަވާލުކުރީވެސް ކޮންމެވެސް ކަމެއްވެގެންނު.” ލަކުޑިން ހަދާފައިވާ ކޯމަހެއް ތަޅުދަނޑިފުލުގައި ލާފައިވާ ތަޅުދަނޑިފައްޗެއް ނަގައި ތަޅުވާލަމުން އާފިޤް ފޮނިވެލިއެވެ.

އާފާޤް އާއި އާފިޤްގެ އުމުރުގެ ގޮތުން ފަސް އަހަރު ތަފާތެވެ. އާފާޤް ދޮށްޓެވެ. ނަމަވެސް އޭނާގެ އިސްކޮޅު އާފިޤަށްވުރެން ދެ އިންޗިއެއްހައިތަން ކުރުވާނެއެވެ. އާފާޤް ވަރަށް ފަރުވާތެރިކަމާއިއެކު އޭނާގެ ކޮއްކޮއަށް ބަލައިލިއެވެ. އެއްވެސް ވަރެއް ނެތް އާފިޤްގެ ދެލޮލަށެވެ. އާފާޤް ހުރީ ކަންބޮޑުވެފައެވެ.

“އާފިޤް، މިރޭވެސް ޖައްސައިގެންދޯ ތިހިރީ؟” އާފާޤް ހިތްހަމަނުޖެހި ހުރެ ވާހަކަދެއްކިއެވެ. “ކޮއްކޮ ތިވަރުންހުރެ ލޯންޗް ދުއްވައިގެން ނުންވާނެ!”

“ބޭބޭ، މަށެއް ނުޖައްސަމޭ.” ހަމަޖެހޭގޮތް ދައްކަމުން އާފިޤް ޖަވާބު ދިނެވެ. އޭރުވެސް އޭނާހުރީ ކާލިއަޅައަޅައެވެ. “ބޭބެ މާބޮަޑަށޭ ކަޓު ޚިޔާލު ތިގެންގުޅެނީ. ސީރިއަސް ކަމުގެ އައްޕަ ތީ.” އާފިޤް ހިނިގަޑެއް ޖަހާލިއެވެ. އަމިއްލައަކަށް މަޖާވެގަތެވެ. ދެން ޒޯޔާ އާއި މާއިންއަށް ބަލައިލިއެވެ. އޭނާގެ ޖޯކަށް އެދެމީހުންވެސް ހޭނެކަމަށް ހީކޮށެވެ.

“މަ މި ދައްކަނީ ތިވާހަކަ!!” އާފިޤް ކާލިއަޅަމުން ދާތަން ދައްކާލަމުން  އަނާރާއަށް ބަލައިލިއެވެ. “އަނާ!، މިކަމުގަ މަށަށް ހެލްޕެއްވެދީބަލަ!”

އަނާރާ ދެކޮނޑު އަރުވައިލިއެވެ. ޖެހިލުންވާ ފާޑަކަށް ހިނިތުންވެލިއެވެ. “ދެން އަހަރެން ބުނާނީ ވަކިން ކީކޭ؟… އާފިޤް އެބުނަނީނު އޭނަ އޯކޭއޭ. އޯކޭ ވީމައެއްނު އެހެން އެބުނަނީ.”

“ހާދަ އަވަހޭ ދޯ ފަޅި ބަދަލުކޮށްލި ލެތް. ފަހަރިއަކަށް ވިޔަސް ތިވަރު ތަންކޮޅެއް ބޮޑު.” އާފިޤަށް އަޑު ނުއިއްވަން އާފާޤް ތަންކޮޅެއް މަޑުން ވާހަކަދެއްކިއެވެ. “އަނާއަށްވެސް ފެންނާނެ އޭނަ ކާލިއަޅަމުންދާގޮތް. ޔަޤީނޭ އެހެރީ ޖައްސައިގެންކަން.”

“އެއީ ލޯންޗެއްނު. ގައިމުވެސް މީހެއްގެ ގައިގަ ނުޖެހޭނެއެއްނު؟” އަނާރާ ވެސް އޭނާ ނިންމި ގޮތުގައި ހިފެހެއްޓިއެވެ. “އާފިޤަށް ދުއްވޭނެ، ދޯ އާފިޤް.”

އާފިޤް އަނެއްކާވެސް ސަފާރީއަށް އެރިއެވެ. ދަތުރު ގެންދަންހުރި ބައެއް ސާމާނު ބަލައެވެ. އަނާރާއާއި ދިމާއަށް އާފާޤް ހަޅޭއްލަވަން ބޭނުންވިއެވެ. އަނާރާ ވެސް ކަންތައް އެކުރީ ރަނގަޅަކަށް ނޫނެވެ. އަނާރާ ޖެހޭނީ އާފާޤާއި އެއްކޮޅަށް ހުންނާށެވެ.

ލޯންޗުގެ އަނެއް ފަޅިއަށް ޒޯޔާ ގޮސް ޖެހިގަތެވެ. އޭނާ ބޭނުންވީ އެހެން މީހުންގެ ސަމާލުކަން ހޯދުމަށެވެ. ޒޯޔާގެ ކުރު އިސްތަށިގަނޑުގައި ޖަހާފައިވާ ރިހިކުލައިގެ ޓިސްދަތިތައް ހަނދުވަރުގެ އަލިކަމުގެ ތެރެއިން ވިދަމުން ދިޔައެވެ. އޭނާގެ ހިތްގައިމު ހިނިތުންވުމުންވެސް އެހެން މީހުންގެ ސަމާލުކަން ނުލިބޭވަރެއް ނޫނެވެ.

“ދާން އެބައުޅެންތަ ނުވަތަ ނޫންތަ؟” ސަފާރީގެ ފަލުކާ މަތީގައި ހުރި އާފިޤް އާއި ދިމާއަށް ޒޯޔާ ހަޅޭއްލަވައިގަތެވެ.

“މަޑުކޮށްލަބަލަ! ކައޭ ހަމަޖެހިގެން އިނދެވޭތޯ ބަލާބަލަ!” އާފިޤް ދަތްކުޑިވިކާލާފައި  ހީލަމުން ޖަވާބުދިނެވެ. އެއަށްފަހު އަނެއްކާވެސް އާފާޤާއި ދިމާއަށް އެނބުރުނެވެ. އާފާޤްގެ ކޮނޑުގައި އެލިގަތެވެ. ހީވީ އާނާގެ ކަންފަތްދޮށުގައި ސިއްރުން އެއްޗެއް ބުނަން އުޅުނުހެންނެވެ. “އެތިބަ ދެ ބިޓުން އެތިބީ ‘އަންބަރާކުރަން’ ތައްޔާރަށް. އަހަރެން ކަނޑުމައްޗަށް ނިކުންނަން މިއުޅެނީ އެކުދިންނަށް މަޖާކޮށްލަދޭން.” މިހެން ބުނަމުން އާފާޤްގެ ފުރަގަހުގައި ހުރި އަނާރާއަށް ބަލައިލަމުން ބުނެލިއެވެ. “ކައޭމެން ނުދާނަންތަ؟” އާފިޤްގެ ބަހުރުވަ ހުރިގޮތުންވެސް އޭނާ ހަމައިގައި ނެތްކަން އެނގެއެވެ.

އަނާރާ ވަގުތުން ބޯޖަހަލިއެވެ. “އަހަރެން ވެއްޖެ ނިދަންދާން. މިހާރު ހީކަރުވާވަރުންވެސް ހުރެވެނީކީ ނޫން.” އަނާރާ ހުރީ އޭނާގެ ދެއަތުން ގައިގައި ބައްދާލައިގެންނެވެ. ފިނިން ސަލާމަތްވުމަށެވެ.

“ކައޭމެން ހާދަ ފަންޏޭ. އެވަރަށް ޕްލޭން ކޮށްފަ ތިބުނީ ނުދާނަމޭ.” ފޫހި ރާގަކަށް އާފިޤް ޝަކުވާކުރިއެވެ.

އެމީހުން ސަފާރީތެރޭގައި މަޖާނަގަން ތިބެފައި ޑެކް މައްޗަށް އަރާތިބެ ބައިގަޑިއެއްހާއިރު ވަންދެން ރޭވީ ސަފާރީގައި އޮންނަ ކުޑަ ލޯންޗްގައި ކަނޑުމައްޗަށް ނުކުތުމަށެވެ. އެއަށްފަހު ކައިރީގައި އޮންނަ ފަޅުރަށަކަށް ގޮސް އެރޭ އިރުއަރަން ކައިރިވަންދެން އެރަށުގައި ތިބެ މަޖާނެގުމަށެވެ. އެއްމެ ވަރުދައްކާފައި ފޯރިނެގީ އަނާރާއާއި ޒޯޔާއެވެ.

ކަނޑުމައްޗަށް ރޭގަނޑު ނިކުންނަވާހަކަ އަނާރާ ދެއްކީވެސް މަޖަލަކަށެވެ. އަނާރާގެ ޚިޔާލުބަދަލުވީ އެރޭގެ ފިނިކަމުގެ ސަބަބުންނެވެ. އަނާރާމެންނަކީ ކަނޑުމައްޗަށް ގަދަ ބައެކެވެ. ކައިރީގައި އޮންނަ ފަޅުރަށަށް މީގެކުރިންވެސް އެމީހުން ދަތުރުދެއެވެ. ރޭގަނޑުވެސް ގޮސްފައިވެއެވެ. އެކަމަކު އެފަދަ މޫސުން ނުބައި ދުވަސްވެރެއްގެ ރޭގަނޑެއްގައި އެކަހަލަ މަޖާނެގުން އެއީ ރައްކާތެރިކަމެއްކަމަށް އޭނާއަށް ނުފެނުނީއެވެ. ނަމަވެސް އާފިޤްގެ ގޮތްދޫނުކުރުން ހުންނަވަރު އަނާރާ އަށްވެސް އެނގޭތީ އާފިޤް ހުއްޓުވުމަށް އާފާޤް އުޅުނުއިރު އެކަމާ ދެކޮޅަށް އެއްޗެކޭ ނުބުނަން އޭނާ ނިންމީއެވެ.

“ދާހިތް ކެނޑިއްޖެ.” އަނާރާ ބުނެލިއެވެ. “އަހަރެން އެތެރެއަށް ގޮސް ނިދަންވެއްޖެ. އާފިޤް ބޭނުމިއްޔާ އެންމެ ރަނގަޅު ދިޔަޔަސް.”

“ބޭބޭފުޅު ވިދާޅުވަނީ ކީކޭތޯ؟.. ބޭބެވެސް ދާނެހާ ހިތްވަރެއް ނެތްދޯ؟” ޖެއްސުމުގެ ރާގަކަށް އާފިޤް ސުވާލުކުރިއެވެ.

“ފިއްޤެއަށް ހީވާގޮތްދޯ. މަ ނުގޮސް ހުންނާނެތަ.” އާފާޤާއި ގަމުގެ ޒުވާނުން އޭނާގެ ކޮއްކޮއަށް ކިޔައިއުޅޭ ވަނަމުން ގޮވާލަމުން ޖަވާބުދިނެވެ.

ވޫހްހްހް، އޯ ޔޭއް..” އާފިޤް އުފަލުން ހަޅޭއްލަވައިގަތެވެ. “ހިނގާ އަވަހަށް ނައްޓާލަން އުޅެމާ.”

“އެންޖޯއީ… ބީ ސޭފް!!” އާފާޤް ލޯންޗަށް ފުއްމާލިވަގުތު އަނާރާ ބުނެލިއެވެ. އެވަގުތު ޒޯޔާ އާއި މާއިން ހިނިގަނޑެއް ޖަހައިލިއެވެ. ހަޤީޤަތުގައި އާފާޤް ލޯންޗަށް ފުއްމާލީކީ އެހާ ދާހިތަކުންނޫނެވެ. ދާހިތްވާކަން ދެއްކީ އޭނާގެ ކޮއްކޮއަށްޓަކައެވެ. ލޯންޗުގައިތިބި ދެ އަންހެންކުދިންގެ ސަލާމަތަށްޓަކައެވެ. އާފިޤް ހުރީ ހަމަ ރަނގަޅަށް މަސްތުވެފައިކަން އޭނާއަށް އެނގެއެވެ. އަނެއްކޮޅުން ޒޯޔާ އަކީ އާފިޤްގެ ވަގުތީ ބިޓެކެވެ. ޒޯޔާއަށްވެސް އެކަން އެނގެއެވެ. މާއިންއަކީ އަނާރާމެންގެއަށް އައިސްހުރި މާލޭ ކުއްޖެކެވެ. އާފިޤަކީ އޭނާގެ ކޮއްކޮއެއްކަމަކު، އޭނާއާއި މުޅިން މިޒާޖް ތަފާތު ކުއްޖެކެވެ. މަސްތުވާތަކެއްޗަށް ދެވިހިފައިވާ ކުއްޖެކެވެ. އޭނާގެ މައިންބަފައިންނަށް އެކަން އެނގިފައި ނުވިޔަސް އާފާޤަށް އެކަން އެނގެއެވެ. ކަމާބެހޭ ފަރާތާއި އާފިޤް ޙަވާލުނުކޮށް އޭނާ މަޑުކޮށްލައިގެން އެހުންނަނީ ލަންކާގައި ހުންނަ އެމީހުންގެ ބޮޑުބޭބެ ކައިރިއަށް އަންނަމަހު ފޮނުވުމަށް ހުރިހައިކަމެއް ނިއްމާފައިވާތީއެވެ. އެގޮތުންވެސް އޭނާ ރަނގަޅުކުރެވޭތޯ ބެލުމަށެވެ. އެހެން ނުވެއްޖެއްޔާ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ޙަވާލުކުރުމަށްވެސް އޭނާވަނީ ނިންމާފައެވެ. އާފިޤަށް މިއިން އެއްވެސް ކަމެއް ނޭނގޭނެއެވެ. އާފިޤް ހީކުރަނީ އޭނާގެ ދޮންބެ ކޫލްކަމުން އޭނާ ޑްރަގްސް ނަގާކަން އެނގޭއިރުވެސް އަޅައިނުލާ ހުންނަނީ ކަމަށެވެ.

އާފާޤް މި ދަތުރަށް އެރީ ކަމެއް ދިމާވެއްޖެއްޔާ އޭނާގެ ކޮއްކޮއަށް އެހީތެރިވެދިނުމަށް މީހަކު ބޭނުންވާނެތީއެވެ. އަދި އާފާޤް ދިއުމުން ޒޯޔާ އާއި މާއިން އަށްވެސް ރައްކާތެރިކަން ލިބޭނެތީއެވެ. އަދި ކަމެއް ދަމެއް ގޯސްނުވިއްޔާ އޭނާއަށްވެސް ތަފާތު ދަތުރެއް ކޮށްލެވޭނެތީއެވެ.

އާފިޤް ލޯންޗް ސްޓާރޓްކޮށްލިއެވެ. ލޯންޗް ދުއްވަންއިނީވެސް އޭނާއެވެ. ތަންކޮޅަކަށް ދުއްވިފަހުން އާފާޤް އޭނާގެ އަތަށް ދުއްވަން ދިނުމަށް އެދުނެވެ. އޭނާ ބޭނުންވީ އާފިޤް ޒޯޔާއާއި އެކު ވަގުތު ހޭދަކުރުމަށް ފުރުސަތު ދިނުމަށެވެ. އެހެންނޫނަސް އާފާޤް އެ ލޯންޗްގައިތިބި ދެ އަންހެންކުދިންނާ ދައްކާނީވެސް ފަހެ ކޮންވާހަކައެއް ހެއްޔެވެ.

އާފިޤް ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ. ލޯންޗް ދުއްވަން ބޭނުންވީ އޭނާ އަމިއްލައަށެވެ. ޒޯޔާއާއި މާއިން ތިބީ ލޯންޗްގެ ކުޑަކުޑަ ގެގަނޑުތެރޭގައި ހުރި ގޮނޑިތަކުގައެވެ. ދެމީހުންވެސް ތިބީ ޝީޓްގައި ބާރަށް ހިފަހައްޓައިގެންނެވެ. އާފާޤް ބޭނުންވީ އާފިޤް އާއި ވީހައިވެސް ކައިރީގައި ހުރުމަށެވެ. ހާބަރުން ނުކުމެ، އެތެރެވަރިއަށް ނިކުމެވެންދެން މަޑުކޮށްގެން ހުރުމަށެވެ. ނަސީބު ރަނގަޅުކަމުން ތަނަކަށް ނުއުރި ލޯންޗް ހާބަރުން ނުކުމެގެންގޮސް އެތެރެވަރިއަށް ނިކުމެވިއްޖެއެވެ. ލޯންޗް މިސްރާބުޖެހީ އުތުރަށެވެ. އިސްދޫ މުއްޔާއި ދިމާއަށް ދުއްވުމަށެވެ.

އެތެރެވަރިއަށް ނިކުމެވުމާއިއެކު ލޯންޗްގެ ސްޕީޑް ބާރުކޮށްލިއެވެ. ޒޯޔާ އާއި މާއިން ބިންދަބިންދާފައި ހެމުން ގެންދެއެވެ. ހާބަރުން ނިކުމެގެން އެތެރެވަރިއާއި ހަމައަށް ރައްކާތެރިކަމާއިއެކު އާފިޤަށް ދުއްވިފައިވުމުން، އާފާޤް ހަމަޖެހިލިއެވެ. އޭނާގޮސް އިށީންނީ މާއިން އިން ޝީޓްގެ ފުރަގަހުގައި ހުރި ޝީޓްގައެވެ.

ލޯންޗް ދުއްވަމުންދިޔަ ބާރު ސްޕީޑްގެ ސަބަބުންނާއި ޖެހެމުންދިޔަ ރޯޅި ގަދަކަމުން މާއިންގެ ފަންފަން އިސްތަށިގަނޑު އޭނާގެ ފުރަގަހުން ހޫރެމުންދިޔައެވެ. އާފާޤް ގެ ބޮލުގައި މާއިންގެ އިސްތަށިގަނޑުން އިސްތަށިތައް ޖެހެންފެށުމުން މާއިންއަށް ބަލައިލިއެވެ. މާއިން އިނީ ދިމާ ސީދަލަށް ބަލާށެވެ. އޭނާ އިނީ އެހައިބާރަށް ލޯންޗް ދުއްވާތީ ވަރަށް ހިތްހަމަޖެހިފައިކަން އާފާޤް އަށް ފާހަގަކުރެވުނެވެ.

މިރޭގެ ކުރިން އާފާޤް އަށް މިހައި ކައިރިން މާއިންއާއި ބައްދަލުވެވިފައެއް ނުވެއެވެ. މާއިންއާއި ވާހަކަދައްކާލެވިފައި ވަނީވެސް ދެތިންފަހަރަކު އެވެ. އާފާޤް މި ދަތުރަށް އެރީ އޭނާގެ ކޮއްކޮ އާފިޤްގެ ސަބަބުންނެވެ. މާއިން ދަތުރަށްއެރީ އޭނާގެ ރަޙްމަތްތެރި ޒޯޔާގެ ސަބަބުންނެވެ. އާފާޤް އާއި މާއިންގެ އެއްގޮތްހުރީ ހަމައެކަނި މިދެކަމެވެ.

އެއްފަރާތަށް ލޯންޗް އަރިވެލައިފިއެވެ. އެވަގުތު އެހައިބޮޑަށް ނުވިސްނާ އިނުމުން އާފާޤް އިށީންދެއިން ޝީޓުން ކަހައިގެންގޮސް މާއިންގެ ކޮނޑުގައި އޭނާގެ ކޮނޑު ޖެހިއްޖެއެވެ.

“ސޮރީ.” ލަދުރަކި ގޮތަކަށް އާފާޤް މަޢާފަށް އެދުނެވެ. އަދި ދުރަށްޖެހިލިއެވެ.

“އެއީ އެހާވަރުގެ ކަމެއްނޫން.” ހިނިތުންވަމުން މާއިން ޖަވާބުދިނެވެ. އިރުކޮޅެއްވާންދެން ދެމީހުންކުރެން އެކަކުވެސް އެއްޗެކޭ ނުބުނެއެވެ. “ހާދަ ފިނިގަދައޭ ދޯ.”

މާއިން ލައިގެން އިނީ ތަންކޮޅެއް ތުނި ފޮއްޗަކުން ފަހާފައިވާ ހެދުމެކެވެ. އެހެންކަމުން އެ ފިނިރޭގެ ފިނިކަން ދެގުނައަށް އިޙްސާސްކުރެވުންދިޔައެވެ. އާފާޤް މާއިންއަށް ބަލައިލިއެވެ. އޭނާ އިނީ ހީކަރުވައިގެން ތުރުތުރު އަޅައަޅައެވެ.

“އަން.” އާފާޤް ލައިގެންއިން ވިންޑްބްރޭކަރ ބާލަމުން ބުނެލިއެވެ. “މި ކޯޓް ލަނިކޮށް އޯކޭވެދާނެ.”

“އޭރުން އާފާޤަށް ފިނިވާނެއެއްނު؟” އާފާޤް ލައިގެންއިން ތުނި ޓީޝާޓަށް ބަލައިލަމުން މާއިން ސުވާލުކުރިއެވެ.

“އަހަރެން އޯކޭވާނޭ.” އާފާޤް ބޭނުންވީ މާއިން ފިނިން ސަލާމަތްކޮށްދިނުމަށެވެ.

“ތޭންކްސް.” ވިންޑްބްރޭކަރ ލައި ހަމެޖިލަމުން މާއިން ވާހަކަ ދައްކަންފެށިއެވެ. “ތީ ހަމަ އާފާޤްގެ ބޭބެތަ؟”

ބޮލުގެ އިޝާރާތުން އާފާޤް އާއެކޭ ބުންޏެވެ.

“ހޫމް. ދެމީހުންވެސް ވަރަށް ވައްތަރު. އެކަމަކު ތީނަ ހީވަނީ އާފިޤްގެ ކޮއްކޮއެއްހެން.”

އާފާޤް އާއި އާފިޤްގެވެސް އޮންނަނީ ވަރަށް ފަން އިސްތަށިކޮޅެކެވެ. ދެމީހުންގެ ބޯވެސް ހުންނަނީ އެއްވަރަކަށް ދިގުކޮށްފައެވެ. ދެމީހުންގެ ލޮލުގެ ކުލަވެސް އެއްވެސް ތަފާތެއްނެތެވެ. މަޑު މުށިކުލައެވެ. އާފާޤް ހުންނަނީ މާ ސަމައްތަރުހެޔޮކޮށެވެ. ނަމަވެސް އޭނާގެ ކޮއްކޮއަށްވުރެން ކުރެވެ. އާފިޤަކީ އަންހެންކުދިން ހިތްކިޔާފަދަ ބައިމަތިފުޅާ ޒުވާނެކެވެ. ދެމީހުންނަކީވެސް ސަކަ މިޒާޖެއްގެ ދެމީހުންނެވެ. ކަމެއްވާއިރަށް ހިނިގަނޑެއް ޖަހާލުމަކީ ދެމީހުންގެވެސް އާދައެކެވެ. ނަމަވެސް އާފިޤް ހުންނަނީ ހީނލާނެ ކަމެއް ނުފެނިފައޭ ބުނާހާވަރުގައެވެ.

“ވަރަށް ހެއްވާކަމެއް…. ތީނަ، އާފިޤަށްވުރެން ކުރުވީމަ.” މަޖާވެލަމުން މާއިން ބުނެލިއެވެ.

މާއިންގެ ލޯމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅެއް ރަނގަޅުކޮށްލިއެވެ. އެވަގުތު މާއިންގެ މޫނަށް އާފާގު ރަނގަޅަށް ބަލައިލިއެވެ. އެއީ ރީތި ކުއްޖެކެވެ. މާއިންގެ ނިޔަނެތި އިނގިލިތަކުން އޭނާގެ މޫނުމަތީގައި ފިރުމާލިވަގުތު އާފާޤްގެ ހިތަށް ގޮތެއްވިއެވެ. އެހެންކަމުން މާއިންގެ ސުވާލަށް ޖަވާބުދާރީވުމަށް ކުޑަވަގުތުކޮޅެއް ނެގިއެވެ.

“އަހަރެން މީ ކުޑަފޫޅު ޢާއިލާއަށް ނިސްބަތްވާ މީހެއް. ހައްހައްހާ.” އާފާޤް ހިނިގަނޑެއް ޖަހައިލަމުން  ސަކަ ޖަވާބެއްދިނެވެ. “އެހެންވެ އަހަރެންގެ ކިރިޔާ ފަސްފޫޓް ހުންނަނީ.”

“ކިތައް އަހަރުވެއްޖެތަ؟” މާއިން އަނެއްކާވެސް ސުވާލެއްކޮށްލިއެވެ.

“ފަންސަވީސް.”

މާއިން ދެބުމަ މައްޗަށް އުފުލާލިއެވެ. އާފާޤަށް އުމުރުންވީވަރު ޤަބޫލުކުރަން ދަތިވިއެވެ. “އަހަރެން ހީކުރީ ތިއަށްވުރެން ޔަންގްވާނެކަމަށް. ވެދާނެ ފެންނަ ފެނުމަށް މާ ޔަންގް ލުކެއް ހުންނާތީކަމަށްވެސް.”

“ތޭންކްސް. ވެދާނެދޯ.” ހިނިތުންވަމުން ޝުކުރުއަދާކުރިއެވެ. “އަންހެންކުދިންގެ އޭޖް އަހަން ނުވާނޭ ކިޔަސް އަހާލާހިތްވެއްޖެ ތީނަގެ އޭޖް ވެސް. ކިތައް އަހަރުތަ؟”

“އެއިޓީން.” ފޮނިގޮތަކަށް މާއިން ބުނެލިއެވެ. “އެހެންވެތާ ސީ.އެޗް.އެސް.ސީ ގަ މިއުޅެނީ.”

“ސަޅި.” އާފާޤް ވަރަށް ގަޔާވެލަމުން ބުނެލިއެވެ. “ބިޓް ހުންނާނެ ދޯ މާލޭގަ ފޫހިވެފަ!”

“ނޫން. އެހެން ނޫނަސް ތީނަ ކީއްކުރަން ބަލާއެއްޗެއް. އަހަރުންނަކަށް ނެތެއްނު ޗާންސެއްވެސް.” ދެރަވާ ވައްތަރު ދައްކަމުން މާއިން ބުނެލިއެވެ. “އެހެން ނޫނަސް އަހަރެން މީކީ ތިހާ އޯލްޑް ކުދިންނާ ލައިކްވާ ކުއްޖެއްވެސް ނޫން.”

“މަވެސް.” އާފާޤް ޖަވާބުގައި ބުނެލިއެވެ.

އަނެއްކާވެސް މާއިންގެ ދެބުމަ އަރުވާލިއެވެ. “ތިބުނީ މެރީ ކުރުމުގެ ކުރިން ރައްޓެހިވީ މުޅިންވެސް މާ އޯލްޑް ކުދިންނާއޭތަ؟”

“ނޫން. މިބުނީ އަހަރެންވެސް އެހާ ޔަންގް ކުދިންނަކާ ރައްޓެއްސެއް ނުވަމޭ. ލައިކް ސެވެންޓީން ބިލޯ.”

މާއިން ހިނިތުންވެލިއެވެ. “ވަރަށް މަޖާ.”

” ޒޯޔާ އާ ވަރަށްކުރިންސުރެންވެސް މާއިން ފްރެންޑްތަ؟” އާފާޤް އަހާލިއެވެ.

“ގްރޭޑް އެއިޓްން ފެށިގެން.”

އާފާޤް ލޯންޗްގެ ދިރުނބާކޮޅަށް ބަލައިލިއެވެ. އޭރު ޒޯޔާ އާއި އާފިޤް ހީނހީނފައި މަޖާނަގަނީއެވެ.

“މާ ފަސޭހަ ކަމެއްތަތީ؟”

“ކޮންކަމެއް؟” ހައިރާންކަމާއެކު މާއިންވެސް ކުރީ ސުވާލެކެވެ.

“ތިހެން އަބަދު މަޑުމޮޅިކޮށް އިންނަން. ހިތާމައިގެ ކަނޑަކަށް ޣަރަޤުވެގެން އިންނަން.” އާފާޤް މާއިންއަށް ވަރަށް ފުންކޮށް ބަލައިލަމުން ބުންޏެވެ.

“ނޫނޭ. އަހަންނަކީ އަބަދު މިހެން އިންނަ ކުއްޖެއްނޫން. އެކަމަކު. . . . .” މާއިން ފުން ނޭވައެއް ބޭރުކޮށްލިއެވެ. “އަހަންނަކަށް ހިއެއްނުވޭ ކަންތައްތައް މާރަނގަޅުވެދާނެހެނެއްވެސް ފިއުޗަރގަ. ޢާއްމުކޮށް މަށަކީވެސް މަޖާނަގާ ކުއްޖެއް. އެކަމަކު ބައެއްފަހަރު ހިތަށްއަރަނީ އެހެންކުދިންހައި އަހަރެން ނަސީބު ރަނގަޅުނުނީ ކީއްވެބާއޭ.”

އެމީހުން ދުއްވަމުންގެންދިޔަ ލޯންޗް މިހާރުވަނީ އިސްދޫ މުލިން ބޭރަށް ނުކުމެ، މާކަނޑަށް ނުކުމެފައެވެ. ހުވަދޫ ކަނޑުތެރެއަށެވެ. ލޯންޗް އަނބުރާލުމަށް އާފިޤަށް ގޯވާލުމަށް އާފާޤް ހިތަށްއެރިއެވެ. އެވަގުތު އާފިޤްވެސް ލޯންޗް އަނބުރާލައިފިއެވެ. އައިކޮޅަށް ދުއްވުމަށެވެ. އެމީހުން ދާން ބޭނުންވަނީ ފޮނަގާދު އަށެވެ. ވަރަށް ބާރަށްގޮސް ހައްދޫ ކަނޑަށްވަދެއްޖެއެވެ. ފޮނަގާދު ފެންނަހިސާބަށް ކައިރިކޮށްފިއެވެ. އެއަށްފަހު އެރަށް ފެންނަ ހިސާބުން ފުއްޓަރާއި ދާދިކައިރިން ދެކޮޅަށް ދުއްވަންފެށިއެވެ.

ފޮނަގާދުއަކީ އިސްދުއާއި ދަނބިދުއާއި ދެމެދުގައި އޮންނަ އާދައިގެ ވަރެއްގެ ފަޅުރަށެކެވެ. އެރަށް އޮންނަނީ އިސްދޫ ފަޅުތެރޭގައެވެ. ކުޑަކުޑަ ލޯންޗެއްގައި ފަޅުތެރެއިން އެރަށަށް އަށެއްކަ މިނެޓުން ދެވޭނެއެވެ. އެއީ ބޯކޮށް ދިވެހިރުއް ހެދިފައި އޮންނަ ރަށެކެވެ. އިސްދޫ މީހުން ޢާއްމުކޮށް ދަތުރުގޮސް އުޅޭ ރަށެކެވެ.

“ވާހްހްއޯހް.” ޒޯޔާ އުފަލުންގޮސް ހަޅޭއްލަވަން ފެށިއެވެ.

‘ޒޯޔާ!” މާއިން ޒޯޔާއަށް ގޮވަންފެށިއެވެ. މާއިން ބަލަމުންދިޔައީ ފޮނަގާދޫގެ މަލަމައްޗަށެވެ. “އަޑުމަޑުކޮށްބަލަ. ކާކު ހޭލައްވަންކަމައްތަ ތިވަރަށް ތި ހަޅޭއްލަނީ!!”

“އެއްކަލަ މާއިން. ބިރުގަތީދޯ؟ ހޭލާނެ އެއްޗެއް ހޭލަފާނެއެއްނު.” ޒޯޔާ ހިނިތުންވެލަމުން އޭނާގެ ބެސްޓް ފެރެންޑަށް ލޯ އަޅައިލިއެވެ. “މިހެން އުޅޭއިރު ޖެހޭނޭ މަޖާނަގަން.”

“ޔޭހްހްހް. ހީ… ހޯއް!!” އާފިޤްވެސް ގޮއްމުއްކަވާލާފައިވާ ކަނާތުއަތް މައްޗަށް އުފުލާލާ ހޫރަން ފަށަމުން ޒޯޔާއާއި ބައިވެރިވިއެވެ. އެވަގުތު ލޯންޗްގެ މިސްރާބު އަނެއްކާވެސް އިސްދޫ މުއްޔާއި ދިމާއަށް ބަދަލުކޮށްލިއެވެ.

“އެމީހުން ބުންޏަސް އެބުނީ ތެދެއް.” އާފާޤްވެސް އެމީހުންނާއި އެއްބައިވިއެވެ.

“މިހާ ދަންވަރު، މާކަނޑުގަ ހަޅޭއްލަވަމުން ދުއްވުންއެއީ މާ ނައިސްކަމެއްކަމަށްތަ އާފާޤްވެސް ދެކެނީ؟” ހައިރާންކަމާއެކު މާއިން ސުވާލުކުރިއެވެ.

އާފާޤް ހިނިގަނޑެއް ޖަހައިލިއެވެ.

“ނޫން. އެހެނެއްނޫނޭ މިބުނީކީ. މިކިޔަނީ މިހެން އުޅެލަން ލިބޭ ރެއެއްގަ މަޖާނަގަންވާނޭ.”

“ރެޑް ބުލް އެއް ބޭނުންތަ؟” ލޯންޗް ތެރޭގައި ބަހައްޓާފައިހުރި ކަޅުކުލައިގެ ދަބަހަކަށް އިޝާރާތްކޮށްލަމުން މާއިން އެހިއެވެ. “އަހަންނަށް ހީވަނީ ޒޯޔާ ޕާސްގަ އެބައޮތްހެން ‘ޕީސްއެއްވެސް'”

އާފާޤް ބޯޖަހައިލިއެވެ. ލާނެތް ފާޑަކަށް ހީނލިއެވެ. “މިހެން ލިބޭ ރެއެއްގެ ބޭނުން މަވެސް ޖެހޭނެ ދޯ ހިފާލަން؟”

މާއިން އިނީ ހައިރާންވެފައެވެ. “ތިބުނީ ކިހިނެތް؟”

“މިބުނީ އެހާ އޭޖް ކުދިންނާ ޒޯޔާ ގުޅުން ނުބާއްވަން ތިގެންގުޅޭ ‘ޤާނޫނު’ގެ ވާހަކަ.”

“ދެން ނޭނގެ!! ރަނޑުވެލަމުން ޒޯޔާ ބުނެލިއެވެ. “އެކަމަކު އެއީ ވަރަށް ސީރިއަސް ޤާނޫނެކޭ.”

“އޯކޭ. ދެން ކުޑަގޮތަކަށް ބަދަލުކޮށްލެވިދާނެނު.” އާފާޤް ލަދުގެ ފަރުދާ ކަހާލަމުން ބުނެލިއެވެ. މާއިން އޭނާއާއި މެދު ހީކޮށްފާނެ އެއްޗަކާމެދުވެސް ވިސްނާނުލައެވެ. މީގެ ތިން ރޭ ކުރިން އާފާޤް ކައިވެނިކުރީ އޭނާ ލޯބީގެ ގޮތުން ގުޅިގެންއުޅޭތާ ތިން އަހަރުވެފައިވާ ކުއްޖަކާއެކެވެ. މިހާއަވަހަށް އާފާޤް އެހެން މާމަލުން ފޮނިބޯން އުޅެފާނެކަމަށް އެކަކުވެސް ހިއެއްނުކުރާނެއެވެ.

“މިބުނީ ދެން ކުޑަކޮށް ކި. . . .”

އާފާޤްގެ އެ ހުށައެޅުމަށް ވިސްނަމުންދާކަމަށް މާއިން ދައްކަން ބޭނުންވިއެވެ. ނަމަވެސް އާފާޤް އޭނާއާއި ދިމާއަށް ގުދުވެލުމުންވެސް އޭނާ ދުރަށް ޖެހޭކަށް ނޫޅުނެވެ.

އެވަގުތު ކުއްލިއަކަށް ލޯންޗަށް ވަރުގަދަ ލޮޅުމެއް އެރިއެވެ. އެއްފަރާތަށް އަރިވެއްޖެއެވެ. ހީވީ ހަމަ ދެންމެ ދެންމެ ބަންޑުންޖަހާލަފާނެހެންނެވެ. އާފާޤް ލޯންޗްގެ މަތިކަންމަތީގައި އެއްއަތުން ބާރަށް ހިފެހެއްޓިއެވެ. އަދި އަނެއް އަތުން މާއިންގެ އަތުގައި ހިފެހެއްޓިއެވެ. މާއިން ލޯންޗުން ބޭރަށް ވެއްޓުނަ ނުދިނުމަށެވެ.

“ބަލާއެއްނު އާފިޤޫ!” ލޯންޗް އަރިވެގެންދިޔަދިޔުން ހަމައަކަށް އެޅުނުވަގުތު އާފިޤާއި ދިމާއަށް އާފާޤް ހަޅޭއްލަވައިގަތެވެ. މާއިން ހަމަޖެހިލުމުން އާފާޤް ހިނގައިގަތީ ކޮޅުފަސްކޮޅާއި ދިމާއަށެވެ. އޭނާގެ ކޮއްކޮއަށް އެއްޗެއް ވިސްނައިދިނުމަށެވެ. “ތަންކޮޅެއް ސްޕީޑް މަޑުކޮށްގެން ދެންވެސް ދުއްވަބަލަ. ތިއުޅެނީ ލޯންޗް ބަންޑުންޖަހާލަން ކަމަށްތަ؟”

“ބްރޯ މާ ހާސްނުވެބަ.” އޭނާގެ އަތުގައި ހިފަހައްޓައިގެންހުރި އާފާޤް ގެ އަތް ފޮޅާލަމުން އާފިޤް ބުނެލިއެވެ. “ދޭބަލަ ގޮސް އިށީންނަން.”

“ކޮއްކޮއާ ޒޯޔާ ދޭބަލަ ދެން ރެސްޓެއް ނަގަން.” އާފާޤް އެދުނެވެ. “އަހަރެން ދުއްވާނަން. މާއިންވެސް އިންނާނެ މިކޮޅަށް އައިސް ދޯ މާއިން.”

“އޯކޭ އޭ ބްރޯ.” އާފިޤް ފޮނިވެލިއެވެ. “ކޮންމެހެން މަންމަ ހެދެން އުޅޭނެ ކަމެއްނެތް. ދޯ ޒާޔާ”

“ޔާހް. އައްކި ބޯއީ.” ޒޯޔާ ހިނިގަނޑެއް ޖަހައިލިއެވެ. “އެއީ އެވަރުގެ ކަމެއްނޫނޭ.”

“ޒޯޔާ. މިތާ މަގޭ ކަައިރިއަށް އައިސް އިނދެބަލަ. އެ އާފިޤް ފޮނިދައްކަން ހަދައިގެން ޒޯޔާ ކަނޑަށް ވައްޓާލަވެސްފާނެ.” ބިރުން އިން މާއިން ބުނެލިއެވެ.

އަނެއްކާވެސް ލޯންޗަށް ކުރީފަހަރު އައިކަހަލަ ލޮޅުމެއް އައިސްފިއެވެ. މިފަހަރު ޒޯޔާ މޫދަށް ނުވެއްޓުނީވެސް ހަމަކިރިޔާއެވެ. ޒޯޔާ ސަލާމަތްވީ އާފާޤްގެ ހުޝިޔާރުކަމުން ޒޯޔާގެ ޓީޝާޓްގައި ހިފުނީމައެވެ. އެވަގުތު މާއިންވެސް އޭނާގެ ދެއަތުން ޒޯޔާގެ އުނަގަނޑުގައި ބައްދައިގަތެވެ. ޒޯޔާ ލޯންޗުން އެތެރެ ކުރެވުނީ އެދެމީހުންގެ މަސައްކަތުންނެވެ.

“މޮޅުވެއްޖެއްނު.” އާފިޤް ދަތްކުނޑިވިކާލަމުން ބުނެލިއެވެ. “ފާޑުފާޑުގެ ވާހަކަ ދައްކަންޏާ ވާނީވެސް އެހެންނޭ!!”

“ކިހާމޮޅު!! އަދިވެސް އަހަރުންދޯ މި ގޯސްވީ؟ ދެންވެސް އެއްޗެކޭ ހީވެގެންގޮސް އެތާ ގޮނޑިއެއްގަ ޒޯޔާގޮވައިގެން އިންނަން ދޭބަލަ!!” އާފާޤް ހުރީ ރުޅިއައިސްފައެވެ.

“އޯކޭ. މަ ހިނގައިދާނަމޭ. އެކަމަކު ކަލެޔާހެދި ވާގޮތޭ މީ.” އާފިޤްވެސް ހުރީ އޭނާގެ ބޭބެދެކެ ރުޅިއައިސްފައެވެ. “މަވެސް ބޭނުމެއްނުވާނެއްނު މަށަކީ މަގޭ ބޭބެ ބޭބީސިޓްކޮށްގެން ގެންގުޅޭ ބޯއީއެއްކަމަށް ޒޯޔާއަށް ދެއްކޭކަށެއް.”

އޭނަ އެހެން ހިއެއް-” އާފާޤްވެސް އެއްމެ ތަންފުކެއް ދޫނުކޮށް އޭނާގެ ކޮއްކޮއަށް ރައްދުދޭން ފެށިއެވެ. ނަމަވެސް އެވަގުތު ލޯންޗްގެ ދިރުނބާކޮޅާއި ދިމާ ކަނޑަށް އޭނާގެ ނަޒަރު ހުއްޓިއްޖެއެވެ. ލޯންޗްގައި ދިއްލާފައިހުރި ލައިޓްގެ އަލި ކަނޑުގެ ލޮނުގަނޑުގެ ތެރޭގައިވާ އެއްޗަކަށް އެޅުނުތަން ފެނިއްޖެއެވެ.

އެމީހުންގެ ކުރިމަތިން ޒުވާން އަންހެންކުއްޖަކު ކަނޑުތެރެއިން ދިޔަތަން ފެނިއްޖެއެވެ. ހީވީ ފުޅަނގި މަހެއް ލޮނުގަނޑުން ބޯހިއްލާލާފައި އުދުހިފައިގޮސް އަނެއްކާ ލޮނުގަނޑުގައި ޖެހުނުހެންނެވެ. ނަމަވެސް އެއީ ފުޅަންގެއް ނޫންކަން އެމީހުންނަށް ސާފުވާވަރަށް އެ އަންހެންކުއްޖާ ފެނުނެވެ. އެކުއްޖާގެ ބޮލާއި ކޮނޑުވެސް ވަކިކުރަން އެނގުނެވެ. އެކުއްޖާގެ ދެލޯވަނީ ބޮޑުވެފައެވެ. އެމީހުންގެ ލޯންޗުން އެކުއްޖާގެ ގައިގައި ނުޖެހުނީވެސް ހަމަކިރިޔާއެވެ.

އެ ގުގުމުން

އެކުއްޖާގެ ބޮލާއި ކޮނޑުވެސް ވަކިކުރަން އެނގުނެވެ. އެކުއްޖާގެ ދެލޯވަނީ ބޮޑުވެފައެވެ. އެމީހުންގެ ލޯންޗުން އެކުއްޖާގެ ގައިގައި ނުޖެހުނީވެސް ހަމަކިރިޔާއެވެ.

“އާފިޤޫ!! ތިއޮއް ޖެހެނީނު! ބަލައިގެން ދުއްވަބަލަ!!” އާފާޤް ބާރަށް ހަޅޭއްލަވައިގަތެވެ. ގަދަކަމުން ލޯންޗުގެ ސަރަކަ އަތުލިއެވެ. ސަރަކައަށް އެނބުރުނު ވަރަކަށް އަނބުރާލިއެވެ. އެހެންކަމުން ކުރިމަތިން ފެނުނު އެ އަންހެންކުއްޖާގެ ގައިން ލޯންޗް ނައްޓައިލެވިއްޖެއެވެ.

އެކަން ހިނގައިދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ކުޅަދާނަކަމާއިއެކު ލޯންޗްގެ ސަރަކަ އަނބުރާލުމެވެ. ލޯންޗް އެއްފަރާތަކަށް އަރިއަޅައިލުމެވެ. ފުއްޓަރުގެ އުރަފަށުގެ ތެރެއިން ކަނޑަށް ކެނޑިފައިހުރި ބޮޑު ހޮރަނގެއްގެ އަރިމަތީގައި ހެދިފައިހުރި ބޮޑު ހަތާ ފެނުމެވެ. ލޮނުގަނޑުން މައްޗަށް އެ ހަތާ އުފުލިފައިހުރިކަން އާފާޤަށް ހަމަ ރަނގަޅަށް ފާހަގަ ކުރެވުނެވެ.

އާފާޤް ކިތަންމެ ހުޝިޔާރު ނަމަވެސް ޤުދުރަތުގެ ނިޔާއަށް ރެކެވޭކަށް ނޯންނާނެއެވެ. ފުއްޓަރަށް ބިންދާލި ބޮޑުރާޅެއްގެ އޮއެވަރާއިއެކު ލޯންޗް ގޮސް ހޮރަނގުގެ ތެރެއަށް ޖަހައިފިއެވެ. އެއްވެސް ކޮންޓްރޯލެއް ނެތި ލޯންޗް އަރިވެގެން ހިނގައްޖެއެވެ. ޒޯޔާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ލޯންޗުން ބޭރަށް ޒޯޔާ ވެއްޓިއްޖެއެވެ. ފުއްޓަރުގެ ގަދަ އޮއެވަރާއި އުރަފަށުގެ ގާތަކުގެ ތެރޭގައި ތަޅަންފެށިއެވެ. އާފާޤް އޭރުވެސް ހުރީ ލޯންޗްގެ ހުންގާނުގައި ހިފަހައްޓައިގެންނެވެ. ލޯންޗް ކޮންޓްރޯލްކުރެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް ލޯންޗް އޮތީ ފާޑަކަށް ހޮރަނގުތެރޭގައި ތާށިވެފައެވެ. ބިންދަމުންދިޔަ ބޮޑެތި ރާޅުތައް ލޯންޗަށް ޖަަހަމުންދިޔައެވެ. އެންމެފަހުން އާފާޤްވެސް އޭނާގެ އަމިއްލަ ސަލާމަތަށް މަސައްކަތްކުރަން ފެށިއެވެ. ލޯންޗްގެ ކޮންމެވެސް ތަނެއްގައި ބާރަށް ހިފެހެއްޓޭތޯ އަތް ހޫރަން ފެށިއެވެ.

ލޯންޗް ހޮރަނގުތެރޭގައި ގޭނެމުންދާއަޑު އިވެމުންދެއެވެ. ލޯންޗްގެ ސަރަކައިން އާފާޤްގެ އަތް ނައްޓާލިވަގުތު އޭނާވެސް މޫދަށް ވެއްޓިއްޖެއެވެ. އޭރު އާފިޤް ވީތަނެއްވެސް ނޭނގެއެވެ. އިވެމުންދިޔައީ ހަޅޭކުގެ އަޑެވެ. އެކަމަކު އެއީ އާފާޤްގެ އަޑުކަމެއް ނުވަތަ އެހެން މީހެއްގެ އަޑުކަމެއްވެސް ސާފެއްނުވެއެވެ.

ކުއްލިއަކަށް ނެގި ރާޅަކާއިއެކު ލޯންޗްގެ އަރިމަތީގައި އާފާޤް ލައިގަތެވެ. ކޮންމެވެސް ތޫނު އެއްޗެއްގައި އޭނާގެ ބުރަކަށި ޖެހުނެވެ. ބޯ ޖެހުނީ ލޯންޗްގެ ބަނޑުފިލާގައެވެ. އަވަސް އަވަހަށް ލޯންޗްގެ މަތިކަންމަތީގައި ހިފެހެއްޓިއެވެ.

ކުއްލިއަކަށް އެހިސާބަށް ވެރިވި ‘ގަދަކަން’ މައިތިރިވެއްޖެއެވެ. ފުއްޓަރު ސަރަޙައްދުގައި ކަންހިނގާ ބީދައަކީ އެއެވެ. ކަނޑުން އަންނަ ބޮޑެތި ރާޅުތައް އައިސް ފުއްޓަރަށް ބިންދާލުމަށްފަހު އިރުކޮޅެއްވާންދެން އެ ހިސާބުގައި ގަދަ އޮއެވަރާއިއެކު ނިކަން ގަދަކަމެއް ހުންނާނެއެވެ. ހީވާނީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. އޭރުވެސް ލޯންޗް އޮތީ ހޮރަނގުތެރޭގައި ތާށިވެފައެވެ. ދެއަތަށް ކިރިލިކިރިލާ އޮތީއެވެ. އާފާޤް ލޯންޗުގެ ތައްޓުމައްޗަށް އެރިއެވެ. ގޮނޑިތަކުގެ ތެރޭގައި ގުޅައަކަށް އޮތެވެ. ދެލޯ ހުޅުވައި ބަލާލިއިރު އިރުކޮޅެއް ވަންދެން ހުރިހައި އެއްޗެއް ފެންނަނީ ފުސްކޮށެވެ. ކަންފަތުގެ ތެރެއިން ތޫލި އަޑެއް އިވެމުންދިޔައެވެ. އެހެން އެއްވެސް އަޑެއް ނީވެއެވެ. ނަމަވެސް އިރުކޮޅެއް ފަހުން އެ އަޑު ކެނޑިއްޖެެއެވެ. ލޮލުގެ ފުސްކަން ކެނޑިއްޖެއެވެ. އޭރު ކޮންމެވެސް އަންހެންކުއްޖެއް ކުކުރަމުން، ރޯއަޑު އިވެމުންދިޔައެވެ.

“ހުރިހައި އެންމެން ސަލާމަތުން އެބަތިބިންތަ؟” ތެދުވަން މަސައްކަތްކުރަމުން އާފިޤް ގޮވާލިއެވެ.

އަނެއްކާވެސް ލޯންޗް ތަޅުވަން ފަށައިފިއެވެ. ފަހަރެއް ފަހަރަކަށްވުރެން ބާރަށެވެ. ލޯންޗްގެ އަރިމަތިން، ބަނޑުފިލާއާއި ފަށަން، ހޮރަނގުގެ ގާތަކުގެ ތެރޭގައި ގޭނެމުންދާއަޑު އިވެމުންދިޔައެވެ. އޭރުވެސް ލޯންޗްގެ އައުޓްބޯޑް އިންޖީނު ހިނގަމުން ދާއަޑު އިވެއެވެ. ބުރަފަތީގެ އަޑު އިވޭގޮތުން ބައެއްފަހަރަށް ލޮނުގަނޑުގައި ކިރިޔަކިރިޔާ ޖެހޭކަން ފާހަގަވިއެވެ.

“މީހެކޭ. މަ ސަލާމަތްކުރޭ!!” ވަރަށް މަސައްކަތުން މާއިން ހަޅޭއްލެވޭތޯ މަސައްކަތްކުރިއެވެ.

އާފާޤް ވެސް ވަރަށް މަސައްކަތްކޮށްގެން މަޑުމަޑުން ކޮޅަށް ތެދުވެއްޖެއެވެ. އޭނާގެ މުޅިގައިގައި ރިއްސަމުންދިޔައެވެ. އެހާވަރަށް ގައިގެ އެތަން މިތަނުން ދިލަވެސް ނަގަމުންދިޔައެވެ. އާފާޤް ވަށައިގެން ހޯދަންފެށިއެވެ. ލޯންޗްގެ ވިންޑް ޝީލްޑް އޮތީ ތަޅައިގެން ގޮސްފައެވެ. ބިއްލޫރިތަކުގައި ލޭ ހޭކިފައިހުރިހެން ހީވިއެވެ. ލޯންޗްގެ ކޮޅުފަސްކޮޅުގައި ހުރި ޝީޓެއްގައި މާއިން އިންތަން ފެނިއްޖެއެވެ. އެކަމަކު އާފިޤެއް އަދި ޒޯޔާއެއްވެސް ފެންނާކަށް ނެތެވެ.

ވިންޑްޝީލްޑުން ލޭ ފެނުމާއި މާއިން އިންގޮތް ފެނިފައި އާފާޤް އަށް ބުނަން ނޭނގޭ ހިތްވަރެއް ލިބިއްޖެއެވެ. އިންސާނާގެ އެޑްރިނަލިން ގްލޭންޑުން އުފައްދާ ދިޔައިގެ ސަބަބުން ބައެއް ޙާލަތްތަކުގައި އެލިބޭފަދަ ގަދަ ހިތްވަރެކެވެ. އަވަސް އަވަހަށް މާއިން ކައިރިއަށް ހިނގައްޖެއެވެ.

“ހާސްނުވޭ! އަހަރެން މާއިން ސަލާމަތްކޮށްދޭނަން!” މާއިން އިން ޝީޓް ކައިރިއަށްގޮސް ކަކޫމައްޗަށް އިށީންނަމުން އާފިޤް ބުންޏެވެ. ލޯންޗްގައި ހުރި ގިނަ ސާމާނުތައްވަނީ މާއިން އިން ހިސާބަށް ޖަމާވެފައެވެ. އާފާޤް އެ އެއްޗެހިތައް ދުރަށް ޖައްސަންފަށައިފިއެވެ. ގިނައިން ހުރީ ލޯންޗްގެ ލައިފްޖެކެޓް ތަކެވެ.

މާއިން ބޯހޫރަން ފެށިއެވެ. “މަގޭ ފަޔަށް ކޮންމެވެސް ކަމެއްވެފަކަންނޭނގެ އޮތީ. މަގޭ ފައި އޮތްހެންވެސް ހިއެއްނުވޭ.” ވާ ތަދުން ދަތްކުޑިވިކައިގެންއިނދެ މާއިން ވާހަކަދެއްކިއެވެ.

ލޯންޗްގައި އާފާޤްގެ ބައްޕަ ނަމާދުކުރަން ގެންގުޅޭ މުސައްލަ އޮތީ މާއިންގެ ފައިމަތީގައި އެޅިފައެެވެ. އާފާޤް އެ މުސައްލަ ނަގައި ބަލައިލުމާއިއެކު ވެގެންއުޅޭގޮތް އެނގިއްޖެއެވެ. ލޯންޗުގައި ބޭނުކުރާ ނަގިލި އޮތީ މާއިންގެ ފަޔަށް ހެރިފައެވެ. އެއީ އެހާ ބޮޑު ނަގިއްޔެއް ނޫންކަމުން އެ ނަގިލި ލުއްސާލުމަކީ ނުކުރެވޭ ވަރުގެ ކަމެއް ނޫނޭ އާފާޤްގެ ހިތަށް އެރިއެވެ. އެކަމަކު މައްސަލައަކީ ނަގިލީގެ އެއް ދަތް މާއިންގެ މާކަޅުވާ މަސްގަދުގެ އެއްފަރާތުން ވަދެގެން އަނެއް ފަރާތަށް ފޫއަޅާފައިވުމެވެ.

“ޔާރައްބީ!!” އާފާޤަށް މަޑުމަޑުން ބުނެލެވުނެވެ.

“ކިހިނެތްތަވީ؟” ވާނުވާއެއް ނޭނގިއިން މާއިން ބިރުންގޮސް ސުވާލުކުރިއެވެ. “މަގޭ ފަޔަށް ކިހިނެތްވެފަތަ އޮތީ؟”

“މާއިން!” ކުއްލިއަކަށް މޫދުގެ ތެރެއިން ޒޯޔާގެ އަޑު އިވެންފެށައިފިއެވެ. “މާއިން!! މާއިން!!.. ކޮބާތަ އެއްމެން.”

“އަހަރެން މީނދީ ލޯންޗްގައޭ.” ވަރަށް އުނދަގުލުން މާއިން ހަޅޭއްލަވައިގަތެވެ.

“މާއިން އެކަމާ ނުވިސްނާ. އަހަރެން ޒޯޔާ ނަގާނަމޭ. އިހަށް މިކަމާ އުޅެމާ!”

” أستغفر الله‎، މަގޭފައި!!” މާއިން އޭނާގެ ފަޔަށް ފުރަތަމަ ފަހަރަށް ބަލައިލެވުމާއިއެކު ރޮއެގަތެވެ.

“އަހަރެން މިއުޅެނީ މި ނަގިލި ދަމައިގަންނަން. އެކަމަކު ބުނަން، ހީވެސް ނުކުރާވަރަށް ތަދުވާނެ އިނގޭ!”

އާފާޤް ވަރަށް މަޑުމަޑުން ބުންޏެވެ. މާއިން އަށް އިނދެވުނީ ނަގިލި ހެރިފައިވާ އޭނާގެ ފަޔަށް ބަލާށެވެ.

“މާއިން. މަށާދިމާއަށް ބަލައިލަބަލަ!!” އާފިޤުގެ މޫނަށް މާއިން ބަލަންފެށިއެވެ. މުށިކުލައިގެ ދެލޮލުން އާފާޤް ގެ ދެލޮލަށް ބަލަންފެށިއެވެ. “މިއުޅެނީ ކުއްލި ލަތްކަކާއެކު އުފުރާލަން. އޭރުން ހުރިހައިކަމެއްވެސް ރަނގަޅުވެދާނެ.  އެކަމަކު އެހެން އެއްވެސް ދިމާއަކަށް ނުބަލައި ހަމައެކަނި މަށަށް ބަލަން އިންނާތި އިނގޭ؟”

މާއިން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. އޭރު އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ކޯތާފަތްމައްޗަށް އޮހޮރެމުން ދިޔައެވެ. “އޯކޭ.”

އާފާޤް ފުންނޭވާއެއް ލިއެވެ. ނަގިލީގެ ދަތެއްގައި ހިފިއެވެ. ނަގިލި އުފުރާލުމަށް ވަރަށް މަޑުމަޑުން ދަމަން ފެށިއެވެ. އެވަގުތު ވީ ތަދުން މާއިން އަޑުވީއްލާ ރޯންފެށިއެވެ. ތެޅިގަނެވުނެވެ. އެވަގުތު އަނެއްކާވެސް ބިޔަ ރާޅުތަކުގެ ސަބަބުން ލޯންޗް ހަލުވަން ފެށިއެވެ.

އެ ނަގިލި އުފުރާލުމަކަށް އާފާޤް ބިރެއް ނުގަނެއެވެ. އޭނާ ބިރުގަތީ ނަގިލި އުފުރައިލެވުމުގެ ކުރިން، ހޮރަނގު ތެރޭގައި ލޯންޗް ތަޅަމުންގޮސް ކުދިކުދި ވެދާނެތީއެވެ. އެގޮތަށް ނަގިއްޔެއް ހެރިފައިވަނިކޮށް މާއިންއަށް އެގަދަ ކަނޑުތެރޭގައި ކެތްކޮށްނުލެވޭނެކަން އާފާޤަށް އެނގެއެވެ.

ލޯންޗަށް ރާޅު ބިންދަން ފެށުމުން އާފާޤާއި މާއިން ބިރުން ފިތްކެނޭވަރުވެއްޖެއެވެ. އޮއެވަރާއި ގަދަ ރާޅުބާނިތައް މައިތިރިވާނެ އިރަކަށް އިންތިޒާރުކުރަން ފެށިއެވެ. އިރުކޮޅެއް ފަހުން އަނެއްކާވެސް މައިތިވެއްޖެއެވެ. ދެމީހުންނަށް ހަމެޖެހުމުގެ ނާވައެއް ބޭރުކޮށްލެވުނެވެ.

“މާއިން؟”އަނެއްކާވެސް ޒޯޔާގެ ހަޅޭކުގެ އަޑު ޖެހިިއްޖެއެވެ. “އަނެއްކާ ކަމެއް އިތުރަށް ގޯސްވެގެންތަ ތިއުޅެނީ؟” ޒޯޔާ އޮތީ ފުއްޓަރަށްވުރެން ބޭރުގައެވެ. ނަގާބިޔަ ރާޅުތައް އޮބިގެންދާވަގުތު އޭނާއަށް ލޯންޗް ފެނެއެވެ.

“ކަމެއްނުވޭ،” މާއިން ވަރަށް އުނދަގުލުން ހަޅޭއްލަވައިގަތެވެ.

“ދެން ހަމަ އެއްމެ ލަތްކެއް ޖަހަންޖެހޭނީ. އޭރުން ދެން . . . . ” ދަތްކުނޑި ވިކައިގަންނަމުން ލަތްކެއް ޖެހިއެވެ. ނަގިލި އުފުރާލިއެވެ. އޭރު ނަސީބު ރަނގަޅުކަމުން ލޯންޗް އޮތީ ތަންކޮޅެއް މަޑުޖެހިފައެވެ.

ދުނިޖަހައިފައި މާއިންގެ ފައިގައި ހުރި ޒަޚަމުން ލޭ އަންނަން ފެށިއެވެ. އަވަސް އަވަހަށް ކައިރީގައި އޮތް ތުވާލިގަނޑެއް އެތާމަތީގައި އޮޅާލަދިނެވެ. އަދި ކައިރީގައި އޮތް ނައިލޯނު ވަކަގަނޑަކުން ޒަޚަމް ހުރި ހިސާބަށްވުރެން މަތީގައި އައްސާލިއެވެ. އެހެން ހެދުމުން ލޭ އަންނަ މިންވަރު ކުޑަކުރެވޭނެތީއެވެ.

“ކިހިނެތްތަ ވެގެން ތިއުޅެނީ؟” އަނެއްކާވެސް ޒޯޔާ ހަޅޭއްލަވައިގަތެވެ. ޒޯޔާ އޮތީ ފުއްޓަރަށް ރާޅުބިންދާ ހިސާބަށް އަންނަ ނުކެރިފައެވެ.

ޒޯޔާގެ އަޑު އަންނަ ދިމާއަށް އާފާޤް ބަލައިލިއެވެ. ހަމައެއާއިއެކު އެއްގަމާ ދިމާއަށް ބަލައިލިއެވެ. އެމީހުންނަށް ތިބެވުނީ ރަށާއި އެހައި ކައިރީގައި ނޫންކަން އެނގުނީ ދެނެވެ. ލޯންޗް އެހައިގިނައިރު އެތަނުގައި އެގޮތަށް ނޯންނާނެކަން އޭނާއަށް އެނގެއެވެ. ބަނޑުފިލައާއި ފަށަން، ގާތަކުގައި ގޭނޭ އަޑު އިވޭގޮތުން އިސާހިތަކުން ބަނޑުފިލާ ފޫގޮސް ލޯންޗް ފަޅަފަޅައިގެން ހިނގައިދާނެއެވެ.

ޒޯޔާ އޮތީ ފަސްވަރަކަށް ފޫޓެއްހައި ދުރުގައެވެ. ބަކަ ޖަހަޖަހައެވެ. ލޯންޗާއި ދިމާއަށް ބަލާށެވެ.

“އާފިޤް ދުށިންތަ؟” އާފާޤް ހަޅޭއްލަވައިގަތެވެ. މިހާރު މާއިން ދޫކޮށްލާފައި އާފިޤް ހޯދަން އުޅެވިދާނެކަމަށް އޭނާއަށް ފެނުނެވެ.

“ނޫން. ނުދެކެން!” ޒޯޔާވެސް ހަޅޭއްލަވައިގަންނަމުން ޖަވާބުދިނެވެ.

ކުއްލިއަކަށް ލޯންޗް ވަރަށް ބޮޑަށް ތަޅުވަން ފަށައިފިއެވެ. މާއިން އާއި އާފާޤް ނުވެސް ވިސްނާ ތިއްބައެވެ. ހަމަ އެއާއިއެކު ލޯންޗް އަރިއަޅާލައިފިއެވެ. ބަނޑުފިލައިން ތަންގަނޑެއް ނެއްޓުނު އަޑު ޖެހިއްޖެއެވެ. އެވަގުތު ވީ އެންމެ އަވަހަކަށް ލޯންޗުން ފައިބަން ވެއްޖެކަން އާފާޤަށް އެނގުނެވެ. ލޯންޗް ކުދިކުދިވެގެން ދާއިރު އޭގެތެރޭގައި ތިބުން މާ ނުރައްކާވާނެކަން އޭނާއަށް އަނގެއެވެ.

“ޒޯޔާ، އެބަޖެހޭ މާއިން ބޭލުމަށް އެހީވެދެން،” އާފާޤް އެދުނެވެ. “މާއިން އެއިނީ އެހާ ރަނގަޅަށް ފަތާލެވޭނެ ޙާލަތެއްގައެއް ނޫން. އެހެންވީމަ އެބަ ބޭނުންވޭ ޒޯޔާގެ އެހީވެސް.”

ލައިފްޖެކެޓެއް ނަގައި ޒޯޔާއާއި ދިމާއަށް އެއްލިއެވެ. އަދި މާއިންގެ ގައިގައި ލައިފްޖެކެޓް އެޅުވިއެވެ. މާއިން އޭރުވެސް އިނީ ތުރުތުރު އަޅައަޅައެވެ.

ޒޯޔާ ލައިފްޖެކެޓް ބޮލަށް މަހާލުމަށްފަހު ލޯންޗާއި ދިމާއަށް ފަތަންފެށިއެވެ. އެވަގުތު ރާޅުބާނި މަޑުވެފައި އޮތުމުން ވަރަށް ފަސޭހަކަމާއިއެކު ލޯންޗް ކައިރިއަށް ދެވިއްޖެއެވެ.

ލޯންޗުތެރޭގައި އާފާޤްގެ ފައި ރަނގަޅަށް ހަރުކޮށްލުމަށްފަހު މާއިންގެ ދެކިހިލިފަތްދޮށަށް އަތްމަހާލައި އޭނާގެ ގައިގައި ރަނގަޅަށް ބައްދާލަމުން އުފުއްލާލިއެވެ. އެއަށްފަހު ލޯންޗުން ލޮނުގަނޑުގެ ތެރެއަށް ބޭލިއެވެ. އޭރު ޒޯޔާ އޮތީ ތައްޔާރަށެވެ. ލޮނުގަނޑުގައި ޖެހުމާއިއެކު މާއިންއަށް ހަޅޭއްލަވައިގަނެވުނެވެ. ފައިގައި ހުރި ޒަޚަމަށް ލޮނުގެ އަަސަރު މާބޮޑަށް ކުރުމުން މާ ބޮޑަށް ދިލަނަގަންފެށީއެވެ.

މާއިން ބޭލުމާއިއެކު ލޯންޗުގެ ބަރުދަނަށް އައި ބަދަލުގެ ސަބަބުން ލޯންޗް ވަރަށް ބޯޑަށް އަރިއަޅާލައިފިއެވެ. އާފާޤް ލޯންގެ އަނެއްފަރާތަށް ޖެހިގަތެވެ. ހަމައެއާއިއެކު އާފިޤްގެ ހިލަމެއްވޭތޯ ވަށައިގެން ހޯދާބަލައިލިއެވެ. އަދި ލޯންޗް އިންޖީނު ނިއްވާލައި އާފިޤްގެ އަޑެއްބަޑެއް އިވޭތޯ ބެލުމަށް ނިންމިއެވެ.

“އަވަހަށް ތޮށިމަތިން އަރައި ރަށުގެ ގޮނޑުދޮށަށް އެރެވޭތޯ ބަލާ!” އާފާޤް، ޒޯޔާއަށް އިރުޝާދު ދިނެވެ. އޭރު ޒޯޔާ އޮތީ މާއިންގެ ލައިފްޖެކެޓްގައި ހިފަހައްޓައިގެން ފަތަފަތައެވެ.

“އާފާޤް ނާންނަންތަ؟” ކަންބޮޑުވެފައި އޮވެ މާއިން އަހާލިއެވެ.

“ނޫން. އެބަދަން. އޭގެކުރިން އާފިޤް ފެނޭތޯ ބަލާލާފަ އެއްގަމަށް އެރޭނީ.” ޖަވާބުގައި އާފާޤް ބުންޏެވެ. “ދެންވެސް މާއިންމެން އަވަހަށް އެއްގަމަށް އަރާ އެހީއެއް ހޯދޭތޯ ބަލާބަލަ!” އާފާޤް އިންޒާރުކުރިއެވެ.

ޒޯޔާ އާއި މާއިން އެއްގަމާދިމާއަށް މިސްރާބުޖެހުމުން، އާފާޤް ބަލަންފެށީ އޭނާގެ ކޮއްކޮ އާފިޤްގެ ހިލަމެއް ވޭތޯއެވެ. އޭރު ހަނދުވެސް ވިލާތަކާއި ނިވާވެފައިވުމުން އެއްވެސް އެއްޗެއް ރަނގަޅަށް ފެންނަވަރެއް ނުވެއެވެ.

“އާފިޤޫ! އާފާޤް ހަޅޭއްލަވަންފެށިއެވެ. “އާއާފިޤޫ!!”

ލޯންޗްގެ އިންޖީނު އަޑާއިހުރެ އެހެން އަޑެއް އިވޭވަރެއްވެސް ނުވެއެވެ. އިންޖީނު ނިއްވާލުމަށް ފަހަތަށް ޖެހިލިއެވެ. އެއާއިއެކު ހޮރަނގުތެރެއަށް ލޯނޗްގެ ފަހަތް އަރިވެގެންދިޔައެވެ.  ލޯންޗަށް ލޮނުއަރާ ފުރިއްޖެއެވެ.

ބޮޑު ރާޅެއް އައިސް ލޯންޗަށް ބިންދާލައިފިއެވެ. ލޯންޗް މެދުން ބިންދައިގެން ހިނގައްޖެއެވެ. އާފާޤް ވިއްސައިގެންގޮސް ކަނޑުގެ ގަދަ ރާޅުތަކުގެ ތެރެއަށް ވެއްޓިއްޖެއެވެ. ކުރިއަށްވުރެ ލޮނުގަނޑުގެ ފިނިކަން ގަދަހެން އޭނާއަށް ހީވިއެވެ. ނޭވައެއްލުމަށް އަނގަ ހުޅުވައިލި ވަގުތު ލޮނުބޮވިއްޖެއެވެ. ކޮށިއަރައިގެން ކެއްސަންފެށިއެވެ.

ދެއަތުން މޫނާއި ލޯމަތި ފޮހެލިއެވެ. އޭނާގެ ކޮއްކޮ ފެނޭތޯ ވަށައިގެން ހޯދަންފެށިއެވެ. މިކަންތައްގަނޑެއް ކުރިމަތިވިތާ ކިހާއިރެއް ވެދާނެބާއޭ އާފާޤްގެ ހިތަށްއެރިއެވެ. އާފިޤަށްވީ ކީއްކަން ހަނދާންވާވަރެއްވެސް ނުވިއެވެ. ލޯންޗުން ބޭރަށް، ކަނޑުގެ ތެރެއަށް އާފިޤް ވެއްޓުނީ ކިހައި އިރަކުކަމެއްވެސް ނޭނގެއެވެ. ހީވަނީ މިކަމެއްގައި އުޅޭތާ ވާނީ މަދު މިނެޓްކޮޅެއްހެންނެވެ. އެކަމަކު ބައިގަޑިއެއްހައި އިރުވެސް ނުވާނެކަމެއް ނޭނގެއޭ އާފާޤްގެ ހިތަށް އަރަމުންދިޔައެވެ.

ކިތައްމެ އިރެއްވިޔަސް، މިހާރު އާފާޤް އޮންނާނީ ވަރަށް ހާލުގައިކަން ޔަޤީނެވެ.  ނުފެނި ގިނައިރުވެއްޖެނަމަ އަދި މާ ސީރިއަށް ވާނެއެވެ.

“އާފިޤޫ!!” ކަނު އަނދިރިކަމުގެ ތެރެއަށް އާފާޤް ހަޅޭއްލަވަން ފެށިއެވެ. ހީކަރުވައިގެންގޮސް ދެދަތްޕިލަޖެހި ގުޑުގުޑުލަމުން ދެއެވެ.

އާފިޤުގެ ހިލަމެއް ނުވިއެވެ. އާފާޤް ކުރިއަށްވުރެން ބާރަށް ހަޅޭއްލަވަންފެށިއެވެ. އޭރުވެސް ލޯންޗް އިންޖީނު ބުރަފަތި އެނބުރޭއަޑު އިވެމުންދެއެވެ. އާފާޤްގެ އަޑު އާފިޤާއި ހަމައަށް ނުފޯރަނީ އިންޖީނުގެ އަޑުފަށްގަނޑުގެ ސަބަބުންކަމަށް ވެދާނެއޭ އާފާޤް ހިތަށްއެރިއެވެ.

އެކަމަކު، އެހުރިހައި އަޑެއް އިވިއިވިހުއްޓާ މީގެކުރިން ޒޯޔާއަށްވަނީ އާފާޤްގެ އަޑު އިވިފައެވެ. އަދި މިހާރުވެސް ޒޯޔާއާއި މާއިން އެއްގަމަށް އެރުމަށް ފުއްޓަރުމައްޗަށް އަރަމުންދާއިރު މާއިންގެ ކުކުރުމާއި ރުއިމުގެ އަޑުވެސް އިވެމުންދިޔައެވެ. އާފިޤް ގެ ހިލަމެއް ނުވާނީ އޭނާ ހެއިނެތިފައިވުމުން ނުވަތަ ގެނބިފައިވުމުންނެވެ. ނޫނީ….

ބިޔަ ރާޅުތަކުގެ ތެރެއަށް އާފާޤް ފީނާލިއެވެ. އަދިވެސް އާފިޤް ފެނޭތޯ ބަލަން އޭނާ ބޭނުންވިއެވެ.

ކަޅު އަނދިރިކަމުގެ ތެރެއިން ކޮންމެވެސް ވަރެއްގެ އަލިކަންފުޅެއް ފެނުނުހެން އޭނާއަށް ހީވިއެވެ. ކުޑަކުޑަ އަލިކަމެކެވެ. ގޭސް ލައިޓަރެއްގެ ހުޅުކޮޅުފަދަ އަލިކަމެކެވެ. އޭނާ އެ އަލިކޮޅާއި ދިމާއަށް ފީނަންފެށިއެވެ. އޭނާގެ ކޮއްކޮގެ ކަރުގައި އަޅާފައިވާ ރިހި ޗޭނުފަށަށް ހަނދުވަރުގެ އަލިކަން އެޅިގެން ވިދަނީކަމުގެ އުއްމީދުގައެވެ. އެއީ އޭނާއަށް ލިބުނު އެއްމެ ފަހުގެ އުއްމީދުވެސް މެއެވެ.

އާފާޤް، އެ އާދަޔާޚިލާފް އަލިކޮޅުގެ ފަހަތުން ފީނަމުން ދިޔައެވެ. އޭނާގެ ނޭވާކޮޅުވެ މޭ ފަޅައިގެންދާހާވަރު ވުމުން މައްޗަށް އަރަން ފީނަންފެށިއެވެ. އޭރު ދެބުރިއަށް ބިންދައިގެންދިޔަ ލޯންޗްގެ ފަހަތުބައި، މޫދުތެރޭގައި އެނބުރެމުންދެއެވެ. އޭރުވެސް އިންޖީނުހުރީ ހިނގަހިނގައެވެ. އާފާޤް، ލޮނުގަނޑުން ބޯ އުފުލާލާ ފުން ނޭވާއެއްލިވަގުތު ލޯންޗްގެ އެބައި އައިސް އާފިޤް ގައިގައި ޖެހިއްޖެއެވެ. އިންޖީނުގެ ބުރަފަތިން އޭނާގެ ބުރަކަށީގައި ވަރުގަދަ ޒަޚަމެއްލައްވައިލިއެވެ. ހަމައެއާއެކު އޭނާގެ މުޅި ބުރަކައްޓާއި ކޮނޑަށް ދިލަ ތަދެއް އިހްސާސްވިއެވެ. އެވަގުތު އޭނާގެ މޫނުމައްޗަށް އެއްކޮށް އަނދިރިވެއްޖެއެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ.

ސަލާމަތުގެ އައްސޭރިއަށް

އާގިސާ އެމީހާގެ ދެއަތުގައި ހިފައިފައި ދަމަމުން ގެންދިޔައެވެ. އުރަފަށުގެ ހިކިފައިވާ ގާތަކުގެ މަތީގައި ގެންގޮސް ބޭއްވިއެވެ. އޭރުވެސް މާބޮޑަށް ލަސްވެއްޖެކަން އާގިސާއަށް އެނގެއެވެ. އޭނާ ބޭއްވުމަށްފަހު އެތަނުން ދުރަށްދާން އާގިސާ ބޭނުންވިއެވެ. ނަމަވެސް އޭނާގެ ގައިން އޮހެރެމުންދިޔަ ލޭތައް ފެނުމުން އެގޮތަށް ޢަމަލުކުރާކަށް އާގިސާއަކަށް ނުކެރުނެވެ. އޭނާއަށް އަވަސް ފަރުވާ ދިނުން އެއްމެ ހިނދުކޮޅަކަށްވެސް ލަސްކުރެވެން ނެތްކަން އޭނާއަށް އެނގެއެވެ. އަވަސް ފަރުވާ ނުލިބިއްޖެނަމަ އޭނާ ދިރި ނުއޮންނާނެކަން އާގިސާއަށް އެނގެއެވެ. މިހާރުވެސް ހީވަނީ އޭނާގެ ފުރާނަ ދެންމެ ދެންމެ ހިނގައިދާނެހެންނެވެ.

“ލޯ ހުޅުވާލަބަލަ!” އާގިސާ އާދޭސްކުރަންފެށިއެވެ. އޭނާގެ އަޑު އެންމެ ހިމަކުރެވުނު ވަރަކަށް ހިމަކޮށްގެންނެވެ. އެ އަޑަށް ގެނެވުނު އެންމެ ބޮޑަކަށް ޖާޒުބީ އަސަރު ގެނެވޭތޯ މަސައްކަތްކުރަމުންނެވެ. އާގިސާގެ އެއްއަތް އެމީހާގެ ބޯދަށަށް ލައްވާލިއެވެ. އަދި އަނެއް އަތުން އެމީހާގެ ކޯތާފަތްމަތީގައި މަޑުމަޑުން ޖަހައިލިއެވެ. “އަޅެ ޕްލީޒް، ލޯ ހުޅުވާލަބަލަ. ހަމަ ހުވާކޮށްފަ މިބުނަނީ . . . އަހަރެން ހިއެއް ނުކުރަން މިހެން ވެދާނެކަމަކަށް.”

އާފާޤު ބޯ މަޑުމަޑުން އުފުލައިލިއެވެ. ކޮށި ކެހިވަރަކާއިއެކު އޭނާއަށް ބޮވިފައިވާ ލޮނު ބޭރުކޮށްލިއެވެ. އާގިސާ ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އާފާޤް ނޭވާ ނުލައި އޮތުމުން އާގިސާ ހުރީ ނުހަނު ކަންބޮޑުވެފައެވެ. އެކަމަކު އެއަށްވުރެން ބޮޑަށް ކަންބޮޑުވަނީ އެހެން ކަމަކާއެވެ. ލޯންޗްގެ ބުރަފަތިން ފިސާރި ރަނގަޅަށްވަނީ އާފާޤް ކޮށާލާފައެވެ.

އާފާޤް ގެ ދެކަންފަތުން ލޭ އޮހޮރެމުން ދިޔައެވެ. އޭނާގެކަނާތު ކަންފަތުންފެށިގެން ބޮލުގެ ފުށްކިބައިގެ މެދާއި ހަމައަށް ފުން ޒަޚަމެއް ހުއްޓެވެ. ލޯންޗްގެ ބުރަފަތީގެ ތިލައިން ކޮށާލާފައިވާ ޒަޚަމެކެވެ. އޭނާ ލައިގެންހުރި ޓީޝާޓްގެ ފުރަގަސް އެއްކޮށްއޮތީ ކަފާ އޮށްއޮށް ކޮށްލާފައެވެ. އެހާ ރަނގަޅަށް އޭނާގެ ބުރަކަށްޓަށް ބަލައިނުލެވުނަސް ލެއިން ކަޅިވެފައިވާކަން އާގިސާއަށް ފާހަގަކުރެވުނެވެ. އޭނާގެ ކޮޑުމަތިންވެސްވަނީ ކަފައިގެން ގޮސްފައެވެ.

“އިރާދަ ކުރެއްވިއްޔާ ކަލެޔަށް މާބޮޑު ކަމެއް ނުވާނެ،” އާފާޤް ލޯ ހުޅުވައިލުމުން އާގިސާއަށް ބުނެލެވުނެވެ.

އެއީ އެކްސިޑެންޓް ހިނގުމުގެ ކުރިން އޭނާގެ ލޮލާއި ހަތަރުކަޅި ހަމަވި ދެ ލޮލެވެ. އާގިސާއަށް ލޯންޗް ފެނުނީ އޭނާއާއި ނުހަނު ކައިރިވި ފަހުންނެވެ. ހަމަ ދެންމެ ދެންމެ ޖެހި ނުޖެހޭ ހިސާބުގައި ވަނިކޮށެވެ. ނަމަވެސް އާފާޤަށް އާޤިސާ ފެނުމާއިއެކު ލޯންޗުގެ މިސްރާާބު ކުއްލިއަކަށް ބަދަލުކޮށްލައި އޭނާ ސަލާމަތްކޮށްދިނެވެ.

ނަމަވެސް މިހާރު އޭނާ މިވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ހާލަތުގައެވެ. އާގިސާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަނިކޮށެވެ. އެހެންކަމުން އޭނާ މި ހާލަތުގައި ވަނިކޮށް ދޫކޮށްލާފައި ދާނީވެސް  ކިހިނެތް ހެއްޔެވެ. އާފާޤް ދޫކޮށްލާފައި ދިއުމަށް އާގިސާގެ ދައްތަމެން އެވަރަށް އާދޭސްކޮށްކޮށް އޮއްވާވެސް މިހާ ހިސާބަށް އޭނާ އެގެނައީވެސް އެހެންވެގެންނެވެ. އާފާޤް އެ ހާލުގައިވަނިކޮށް ދޫކޮށްލާފައި ދާން ނުކެރިގެންނެވެ.

“އާފިޤް،” ވަރަށް މަޑުމަޑުން، ވަރަށް އުނދަގުލުން އާފާޤް ބުނެލިއެވެ.

“ކީކޭ؟” އާފާޤާއި ކައިރިއަށް ޖެހެލަމުން އާގިސާ ސުވާލުކުރިއެވެ.

“އާފިޤް،” އާފާޤް ތަކުރާރުކޮށް އެ ނަން ކިޔައިލިއެވެ. މިފަހަރު ކުރީފަހަރަށްވުރެން ބާރަށެވެ. “ކޮބާ އާފިޤް؟”

“ނޭނގޭ.” އާގިސާ ބޯ ހުރާލަމުން ޖަވާބުދިނެވެ. “ކާކުގެ ވާހަކައެއްތަ ތި ކިޔަނީ؟”

“މަގޭ ކޮއްކޮ.” ކޮށި ކެހިވަރަކާއިއެކު އާފާޤް ވަރަށް އުނދަގުލުން ބުނެލިއެވެ. އެއަށްފަހު ތެދުވެ އިށީންނަން މަސައްކަތްކުރަންފެށިއެވެ. “އޭނާ ހޯދަން ޖެހޭނެ. އޭނަ ސަލާމަތްކުރަން ޖެހޭނެ.!” މޮޔައެއްފަދައިން އާފާޤް ހަޅޭއްލަވަންފެށިއެވެ.

“ނޫން، ނޫން. ތި ހާލުގަ ހުރެގެން އަލުން ކަނޑާދިމާއަކަށް ނުދެވޭނެ.” އާފާޤްގެ ކޮނޑުގައި ހިފާ ބައިންދަމުން އާގިސާ އަމުރުކުރި އެވެ. “ކޮންމެވެސް ގޮތަކުން އަވަސް ފަރުވާ ހޯދޭނެ ގޮތެއް ހޯދާކަށްނު މިހާރުވީ. ތިހެން ހުރެ ކަނޑަށް އެރިއްޖެއްޔާ ކަލޭ މަރުވެދާނެ.”

މީގެ އިރުކޮޅެއް ކުރިން ތޮށިމަތިން އެއްގަމަށް އެރުމަށް މިސްރާބުޖެހި ޒޯޔާއާއި މާއިން ފެންނަންތިބިތޯ އާގިސާ ގޮނޑުދޮށާއި ދިމާއަށް ބަލަންފެށިއެވެ. އޭރު ޒޯޔާ އާއި މާއިން ފެންނާކަށް ނެތެވެ. އެމީހުން އެދިޔަ ހިސާބެއްވެސް އާގިސާއަކަށް ނޭނގެއެވެ. އޭނާގެ ވިސްނުމުގައި ހުރީ ހަމައެކަނި އާފިޤް އެވެ. އާފިޤް، އާގިސާ ސަލާމަތްކުރަން ކޮށްދިން މަސައްކަތުގެ އަގު އަދާކުރަން ޖެހޭނެކަމަށް އޭނާއަށް ޤަބޫލު ކުރެވެއެވެ. ނަމަވެސް އެ ލޯންޗުން ދަތުރުކުރި އެހެން މީހުންނާއިމެދު އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ.

“އާފިޤޫ!!” އާފާޤް އަނެއްކާވެސް ހަޅޭއްލަވަން ފެށިއެވެ. އޭނާގެ ގައިގާ ހިފަހައްޓައިގެން އިން އާގިސާ ދުރަށް ކޮށްޕާލިއެވެ. “އާފިޤޫ!”

“އާފިޤް އެއް ނެތޭ.” އާފާޤަށް ވިސްނައިދެވޭތޯ އާގިސާ މަސައްކަތްކުރަން ފެށިއެވެ. “ކަނޑުގެ ބިޔަ ރާޅުތަކާއެކު އާފިޤް ގެންގޮސްފި. އޭނާ ވީ ނުވީ ހިސާބެއްވެސް މިހާރަކު ނޭނގޭނެ. މިހާރު އެއްމެ މުހިންމީ ކަލޭ ސަލާމަތްކުރުން، އޯކޭ.”

“ނޫން.” އާފާޤް ގަދަ ހެދިއެވެ. އާގިސާ ފޮޅުވާލާފައި ދެތުވުމަށެވެ. އޭނާގެ ގައިގާ އެއްވެސް ވަރެއް ނެތްކަން އެނގި ހުރެއެވެ. އޭރުވެސް އޭނާގެ ހަށިގަނޑު ތުރުތުރު އަޅަމުންދެއެވެ.

“ޝޫޝޫޝޫ، އޯކޭ. މައިތިރިވެބަލަ ނިކަން،” އާގިސާ ބުނެލިއެވެ. އޭނާގެ އަޑަށް ވީހާވެސް ހިމޭންކަން ގެންނަމުންނެވެ. ނަމަވެސް އާފާޤަށް އަޑު އިވުނުހެނެއްވެސް ހިއެއް ނުވިއެވެ. “އާދޭ، އަހަރެން ކަލޭ އެއްގަމަށް ގެންގޮސްދޭނަން.”

އާގިސާ ހީކުރިގޮތަށް އާފާޤް މައިތިރިއެއް ނުކުރެވުނެވެ. އެއާ ޚިލާފަށް އާފާޤް ގާތަށް ދިޔައީ ރުޅި އަންނަމުންނެވެ. އާގިސާގެ ހެދުމުގެ ފަސްބައިގައި ހިފާފައި އޭނާ ތެދުވަން މަސައްކަތްކުރަން ފެށިއެވެ.

“ބުނަންތަ ވާހަކައެއް، އަހަރެން ނުދާނަން އޭނާ ނުހޯދައެއް. އާފިޤް އެއީ މަގޭ ހަމައެކަނި ހުރި ކޮއްކޮ. މިހެން މިކަން މިވީވެސް މަށާހެދި،” އާފާޤް ވަރަށް މަސައްކަތުން ވާހަކަދައްކަން ފެށިއެވެ. އޭނާގެ އަޑުވަނީ ކުރަކިވެފައެވެ. “މަގޭ އަތުން ލޯންޗު ޖެހުނީ، މަގޭ އަތުން ލޯންޗު ކުދިކުދިވީ، މަށެއް އެއްވެސްތާކަށް ނުދާނަން މަގޭ ކޮއްކޮ ނުލައެއް. ޕްލީޒް، މަށަށް އެހީވެދީ، އަޅޭ ޕްލީޒް!!”

“އޯކޭ އޯކޭ. އަހަރެން ކަލެޔަށް އެހީވާނަމޭ،” އާގިސާ ޖަވާބު ދިނެވެ. އާފާޤްގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރީތިކޮށްލިއެވެ. “ތީނައަށް ކިޔަނީ ކޮން ނަމެއްތަ؟”

“ކީކޭ؟؟” ހައިރާންވެފައި އާފާޤްވެސް ކުރީ ސުވާލެކެވެ.

“ތީ ކޮން ނަމެއްކިޔާ މީހެއްހޭ؟؟” އަނެއްކާވެސް އާގިސާ ސުވާލުކުރިއެވެ. ކުރީ ފަހަރަށްވުރެން ބާރަށެވެ.

“އާފާޤް.”

“އާފާޤް.” ފުން ނޭވައެއް ލަމުން އާގިސާ ބުނެލިއެވެ. އޭރުވެސް އާގިސާ ގެންދިޔައީ އާފާޤް ގެ ބޮލުގައި ފިރުމަމުންނެވެ. “އާފާޤް އޮތް ހާލު ތިއޮތީ، އެހެންވީމަ ކޮންމެހެންވެސް އަހަރެން އެބަޖެހޭ މިތަނުން ސަލާމަތުގެ އައްސޭރިއަކަށް އާފާޤް ގެންދަން. އާފާޤްގެ ކޮއްކޮ ހޯދަން ކުރެވޭނެ މާބޯޑުކަމެއް ނެތެއްނު. އޭނާ މިހާރު ނޭނގޭ ވީ ހިސާބެއްވެސް. މިކަން މިދިމާވީ އާފާޤް ގެ މިސްޓޭކަކުން ނޫން، އޯކޭ؟ ތީނަގެ އެއްވެސް ފޯލްޓެއް ނެތް އޯކޭ.”

އާގިސާއާއި ދިމާއަށް އާފާޤް ބަލަންފެށިއެވެ. އޭރުވެސް އާފާޤް މޫނުމަތީގެ ކުލަވަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާގެ މުށުންވަނީ އާގިސާގެ ހެދުމުގައި ބާރަށް ހިފަހައްޓާލާފައެވެ. އާގިސާ ދެއްކި އެއްވެސް ވާހަކައެއް އާފާޤަށް ނުވެސް އިވެޔޭ އާގިސާގެ ހިތަށް އެރިއެވެ. ނަމަވެސް އިރުކޮޅެއް ފަހުން ފެނުނީ އާފާޤް ލޮލުން ކަރުނަ ހިލިގެން ފައިބަންފެށިތަނެވެ.

“މިތަނުން އަވަހަށް އެއްގަމަށް އެރެވޭތޯ ބަލަން އުޅެމާދޯ!” އާގިސާ ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ.

އާގިސާ ކޮޅަށް ތެދުވިއެވެ. އާފާޤް ނަގައި ކޮޅަށް ބެހެއްޓޭތޯ މަސައްކަތްކުރަން ފެށިއެވެ. ނަމަވެސް އާފާޤަށް ކޮޅަށް ހުރެވޭ ވަރެއް ނުވެއެވެ. ނުވަތަ އޭނާ ކޮޅަށް ތެދުވަން ބޭނުންނުވަނީ ކަމަށްވެސް ވެދާނޭ އާގިސާގެ ހިތަށް އެރިއެވެ. އާފާޤް ގޮވައިގެން ހިނގައިގަނެވޭތޯ އާގިސާ މަސައްކަތްކުރިއެވެ. ނަމަވެސް ތޮށިމަތީގެ ގާތައް މައްްޗަށް އާފާޤް ވެއްޓިއްޖެއެވެ.

“އަހަރެން ދޫކޮށްލާ!” އާފާޤު ކައިރީގައި އާގިސާ އިށީންނުމުން އާފާޤް ބުނެލިއެވެ. އޭނާގެ ލޮލުން ފެންނަނީ އާދޭހުގެ އަސަރުކަން އެ އަނދިރިކަމުގެ ތެރެއިންވެސް އާގިސާއަށް ފާހަގަ ކުރެވުނެވެ. “އަހަރެން މަރުވަންދެން މިތާ ބާއްވާފަ ކަލޭ ދޭ!”

އާފާޤް ބުނިގޮތަށް ކަންކުރުމަށް އާގިސާގެ ހިތަށް އެރިއެވެ. މިހާރުވެސް ފުދޭވަރު ކޮށްދެވިއްޖެއެވެ. މާސިންގާ ކަނޑުގެ ބިޔަ ރާާޅުތަކުގެ ތެރޭގައިވަނިކޮށް އެތަނުން ސަލާމަތްކޮށްދެވިއްޖެއެވެ. ތޮށިމަތީގެ ގާތައް މަތީގައި އޭނާ ބާއްވާާފައި ދިއުމަށް އެދެމުންދާއިރު އެކަން އެގޮތަށް ނުކުރަންވީ ސަބަބެއް ނެތްކަމަށް އޭނާ ހިތަށް އެރިއެވެ. މިވަރަށް އާފިޤަށް އެހީތެރިވެދިނުމަކީވެސް ޚުދު އާގިސާ ނުރައްކަލުގެ ތެރެއަށް ވައްޓާލެވުންކަންވެސް އޭނާއަށް އެނގެއެވެ.

އާގިސާ ދުނިޔެ ބަލައިލަން ނުކުމެ އުޅޭތާ ދުވަސްކޮޅެއްވެއްޖެއެވެ. މިހާރުވެސް އޭނާގެ ދައްތަމެން އޭނާ ހޯދުމަށް ނޫޅޭނެކަމެއް ނޭނގެއެވެ. އޭނާ އިސްދޫ ސަރަޙައްދަށް ދިޔަކަން އެނގުނަސް އޭނާގެ ދައްތަމެންގެ ފަރާތުން އެތަކެއް ހާާސް ސުވާލުތަކެއް ކުރިމަތިކުރާާނެކަން އޭނާއަށް އެނގެއެވެ. އަދި އެމީހުންގެ ސުވާާލުތަކަށް ރަނގަޅަށް ޖަވާބު ދީފިނަމަ އެއީ އޭނާގެ ނިމުން އައީކަންވެސް އެނގެއެވެ. އޭނާ އެތަނަށް ދިޔަ ބޭނުމެއް އެނގިއްޖެއްޔާ އޭނާ ހަލާކުކޮށްލާނެކަން ޔަޤީންކުރެވެއެވެ.

މިހައިތަނަށް އައިއިރު އޭނާގެ ޢަމަލުތައް ހުރީ ހިފެހެއްޓިފައެވެ. އޭނާ ދަތުރުކުރާ ކޮންމެ ތަނަކަށް މިހައިތަނަށް ގޮސްފައިވަނީ އޭނާގެ ހިލަމެއް އެހެން މީހަކަށް ނުވާނެގޮތްތަކަށް ވިސްނުން ބަހައްޓައިގެންނެވެ. އިސްދޫ މުލި ސަރަޙައްދުގައިވެސް އޭނާ ގަސްދުކޮށްގެން ހުރީ ކުޑަކުޑަ އިރުކޮޅެއް ހޭޭދަކުރުމަށެވެ. އޭނާ އެތަނަށް ދިޔަކަން ދައްތަމެންނަށް އެނގޭނެފަދަ އެއްވެސް ހެއްކެއް ނުހުންނާާނެވަރަށް ފަރުވާތެރިވެ ހުރެއެވެ. އޭ ޚާއްޞަ ޑަކައިތާއި ވާހަކަދެއްކުމަށްފަހު އޭނާ ބޭނުންވީ އެނބުރި ގެއަށް ދިއުމަށެވެ. ނަމަވެސް އެ ސާދަވިލޭރޭގެ ހަނދު ފެނުމުން އާގިސާއަށް އޭނާގެ މަޤުޞަދު ހަނދާންނެތުނީއެވެ. ދާންވި މަންޒިލް ހަނދާންނެތުނީއެވެ.

މިހާރު އޭނާ ތަހައްމަލު ކުރަމުން އެނގެންދަނީ އެކަމުގެ ހިތި ނަތީޖާއެވެ. މި ކަންތައްގަނޑާ ދިމާވީ އެހެން ވެގެންނެވެ. ތަނަކުން ފެންނަހާ މީހަކަށް އެހީވުމުގެ ބަދަލުގައި އާގިސާ ދާންވި މަންޒިލަށް ދިއުން މާ މުހިންމެވެ. ނަމަވެސް މި ޒުވާނާ އެ ހާލުގައި ދޫކޮށްލާާފައި ދާން އޭނާއަށް ނުކެރުނީއެވެ. އޭނާގެ ސަބަބުން އިތުރު ބަޔަކާއި މަރާ ކުރިމަތިލާން ޖެހޭކަށް އޭނާއެއް ނޭދެއެވެ.

“ތީނަ މިތާ ބާއްވާފަ ކިހިނެތް އަހަރެން ދާނީ؟” އެއްމެފަހުން އާގިސާއަށް ބުނެވުނެވެ. “އެކަމަކުވެސް ތީނައަށް ހަދާނެ ގޮތެއްވެސް އަހަންނަކަށް ނުވިސްނުނު.”

އާފާޤް އެދުނަސް ނޭދުނަސް އާގިސާ ނިންމީ އޭނާ ސަލާމަތްކުރުމަށެވެ. އާފާޤަށް އެވަނީ ފާޑެއްގެ ޝޮކެއް ލިބިފައެވެ. ކޮންމެ ގޮތެއްވިޔަސް އާފާޤް ސަލާމަތްކުރެވެން އޮތީ އޭނާ ނަގައިގަނެގެން ގެންގޮސްގެނެވެ. އާފާޤްގެ ގައިގާ ހިރިލާާނެހާ ވަރު ނެތީމައެވެ.

ނަމަވެސް އާފާޤް ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ބޭނުންނަމަ، ދެވަނަ މީހެއްގެ އެހީތެރިކަން އާގިސާއަށް ބޭނުންވެއެވެ. ނަމަވެސް އެ ސަރަހައްދުން އޭނާ އެހީއަކަށް އެދޭނީވެސް ކާާކުގެ ކިބައިން ހެއްޔެވެ؟ އޭނާ ދަންނަ މީހަކުވެސް އިސްދުއަކު އަދި ކަލައިދުއަކު ނޫޅެއެވެ.

އަމާންކަމަށް އާދެވުމުން….

މާމަގެ ގޭގައި ލީނާ އަށް އަބަދުވެސް އަރާމުކޮށް ނިދާލެވެއެވެ. އުނދަގޫކުރާނެ އެހެން މީހަކު ނެތީމަ ކަމަށްވެސް ވެދާނެއެވެ. މާމަގެ ގެއަކީ އަމާން ގެއެއްކަން އޭނާއަށް އެނގޭތީ ކަމަށްވެސް ވެދާނެއެވެ.

މާމަގެ ގެއަށް މިވީހައިތަނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައެއް ނުވެއެވެ. އެގޭގައި އެހާގިނަގުނަ އާދަޔާ ޚިލާފު ސާމާނުތައް ހުރިނަމަވެސް މެއެވެ. ފަހަރުގައި އެ ގެއަށް ނުރައްކަލެއް ކުރިމަތި ނުވަނީ އެފަދަ ސާމާނުތަކެއް ހުންނާތީ ކަމަށްވެސް ވެދާނެއެވެ. އިހުގެ ފަންޑިތަ ފޮތްތަކާއި ސިހުރު ހާހޫރަ ފޮތްތަކެވެ. ފަންޑިތަވެރިކަމަށް ބޭނުންވާ ސާމާނާއި އާލާތްތަކެވެ. މިކަންކަން މިހެން ހުރުމުން މުޅި ރޭ ހަތަރު ދަމު އަރާމު ނިއްޖެއްގައި ނިދާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

“ލީނާ، ދަރިފުޅާ ދެން ތެދުވެބަލަ،” ލީނާގެ ކޮޓަރީގެ ދޮރު ހުޅުވައިލަމުން ދަލޫކާ ލީނާއަށް ގޮވާލިއެވެ.

“ކިހިނެތްވީ މާމާ؟ ކީއްވެ ތެދުވަންވީ؟ އަނެއްކާ ތަނެއްގަ އަލިފާން ރޯވީތަ؟” ދެލޯ އުނގަޅަމުން ލީނާ ދެތުވިއެވެ. އެނދުމަތީގައި އިށީންނެވެ. ކޮޓަރީގެ ހޮޅިބުރިތަކުގެ ގަދަ އަލިކަމުގެތެރެއަށް ދެލޯ ކުޑަކޮށްގެން ބަލަން އިނެވެ.

“ނޫނޭ، ތަނެއް ރޮލެއް ނުވޭ،” ލީނާގެ މާމަ ދަލޫކާ ޖަވާބު ދިނެވެ. “މިހާރު އެއޮއްގެން ފަތިސްވަނީނު!!”

“ދެން ކިހިނެއްތަވީ މާމާ؟” ސައިޑް ޓޭބަލް މަތީގައިހުރި ސޯނާ ގަޑިޔަށް ބަލައިލަމުން ލީނާ ބުނެލިއެވެ. “އަދި އެކަމަކު ދަންވަރު ތިންގަޑި ބައެއްނުވީ. ކީއްކުރަންތަ އެހާ އަވަހަށް ތެދުވަންވީކީ؟”

“ދެން މާގިނަ ސުވާލުތައް ނުކޮށް ތެދުވެގެން އާދެބަލަ ބޭރުގޭތެރެއަށް،” މިހެން ބުނަމުން ދަލޫކާ އެ ކޮޓަރިން ނުކުމެއްޖެއެވެ.

ލީނާ އާފުރިލިއެވެ. ޑްރެސިންގ ޓޭބަލް މަތީގައި ބައިންދާފައި އިން އޭނާ ގެންގުޅޭ ޓެޑީ ބެއަރ އަށް ބަލައިލިއެވެ. އޭގެ ބަނޑާއިދިމާލުގައި ޖަހާފައިއިން އެހަށް އަލިކަން އެޅިފައިވުމުން ވިދާ ބަބުޅަމުން ދެއެވެ. އޭތި އިނީ ހެވި ދިލިފައެވެ. ލީނާއަށް ހޭލުވުނީ ހުވަފެނުގައި އޭނާއާއި އެއްކުލާހުގައި އުޅޭ ރީތި ފިރިހެން ކުއްޖަކާއި އެކު ސަޅި ހުވަފެނެއްގައި އުޅެނިކޮށެވެ. އެކަން އެ ބެއަރ އަށް އެނގޭނަމަ އެހެން ހެވިފައެއް ނުއިންނާނެއެވެ.

“ކަލޭ ތީނދީ ވަރަށް އުފަލުންދޯ؟” ލީނާ މޮޔައެއް ފަދައިން އެ ބެއަރއަށް ބުނެލިއެވެ. އެއަށްފަހު އެނދުން ތެދުވިއެވެ.

ލީނާ ވަނީ ފާޚާނާއަށެވެ. އޭނާގެ ދިގު ކަޅު އިސްތަށިގަނޑުގައި ފެންފޮދެއް ހާކާލައި އޮމާންކޮށްލިއެވެ. ނިދުމުގެ ސަބަބުން އޭނާގެ ބޯވަނީ ހޭވިފައެވެ. ހީވަނީ އޭނާ ގެންގުޅޭ ބެއަރގެ ހޭވިފައި އޮންނަ އިސްތަށިގަނޑު ހެންނެވެ.

ލީނާގެ މާމަ ދަލޫކާ އޭނާއަށް ގޮވައި އަވަހަށް ތެދުވަން ބުންޏެވެ. ނަމަވެސް އެހާ އަވަހަށް ތެދުވަން ޖެހުނީ ކީއްވެގެންކަމެއް ނުބުނެއެވެ. އަދި އެއްޗެހި ބަދަލުކޮށްލައި ރީތިވެލައިގެން ނިކުތުމަކަށްވެސް ނުބުނެއެވެ. އެހެންކަމުން ލީނާ ނިންމީ އެއްޗެހި ބަދަލުނުކޮށް އެ ހުރިގޮތަށް ނިދާހެދުމުގައި ނުކުންނާށެވެ. ގަޔަށް ދޫ ހަރުވާޅަކާއި ޓީޝާޓްގައި ނުކުންނާށެވެ.

ލީނާ ސިޓިންގރޫމަށް ނިކުތްއިރު އޭނާގެ މާމަ ދަލޫކާ އިނީ ކާމޭޒު ދޮށުގައެވެ. ކޮފީތަށްޓެއް ބޯށެވެ. މާމަ ލައިގެން އިނީވެސް ކުރިން ލައިގެން އިން ޓީޝާޓެވެ. ތިރިން ލައިގެން އިނީ ނިދަންލާ ހަރުވާޅެކެވެ. އެހެންކަމުން ލީނާގެ ހެދުން އެހައި މުނާސަބު ނޫން ހެދުމެއް ކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށް ލީނާގެ ހިތަށް އެރިއެވެ.

ޕޮޓްގަ ހުންނާނެ ކޮފީ ގިރާފަ، ބޭނުމިއްޔާ ކޮފީ ބޯންވީ.” ދަލޫކާ ބުނެލިއެވެ.

“ކޮފީއެއް ބޮވޭހާ ވަގުތު އެބައޮތްތަ؟” ލީނާ ސުވާލުކުރިއެވެ.

ދަލޫކާ ކަރުތެރޭން އަޑެއް ލައްވައިލިއެވެ. “ހީވަނީ އަދި ވަގުތުކޮޅެއް އެބައޮތްހެން.”

“ކިހިނެތްތަ ވެގެން ތި އުޅެނީ މާމާ؟” ލީނާ މާމަކުރެން އެހިއެވެ. “މިހާ އަވަހަށް ހޭލައިގެން ނުކުމެ މިތިބީ ކީއްކުރަންތަ؟”

“މާމައަށް ހަމަ އެކަލަ އިޙްސާސެއް ކުރެވެނީ. މިގެއާއި ދިމާއަށް ބަޔަކު އަންނަހެން ހީވަނީ އެހީއެއް ހޯދަން!” ދަލުކާ ޖަވާބު ދިނެވެ. “ދަރިފުޅަށް އެނގެއެއްނު މާމައަށް މިހެން ހީވާ ހީވުން ގޯހެއް ނޫންކަން!”

އެއީ ތެދެކެވެ. ލީނާގެ މާމައަށް ހީވާ ހީވުންތައް މީގެކުރިންވެސް އޭނާއަށްވަނީ ތަޖްރިބާ ކުރެވިފައެވެ. ގިނަ ފަހަރަށް މާމައަށް އެހެން ހީވާ ހީވުންތައް ވެފައިވަނީ ރަނގަޅު ހީއަށެވެ. މީގެ ކުރިންވެސް މިފަދަ ޙާލަތްތަކުގައި ވެގެން އުޅޭގޮތެއް މާމަ ބުނެއެއް ނުދެއެވެ. މުޅިންވެސް މާމަ ބުނަނީ ‘ހީއެއް’ ވާކަމަށެވެ. ލީނާ ޤަބޫލުކުރާގޮތުން ކޮންމެވެސް ގޮތަކުން މާމައަށް ބާރެއް ލިބިފައިވަނީއެވެ. އަދި އެ ބާރުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އިލްހާމެއް ވަނީއެވެ.

“މަށަކަށް ނޭނގޭ މާމާ،” ވަށައިގެން ނަޒަރު ހިންގާލަމުން ލީނާ ބުންޏެވެ. “އަހަންނަށް ހީވަނީ މިފަހަރު މާމައަށް ތި ކުރެވެނީ ކުށްހީއެއް ކަމަށް.”

ލީނާ އެހެން ބުނިތަނާ ދޮރުގެ ރަނގަބީލުގެ އަޑު އިވިއްޖެއެވެ. މުޅި ސިޓިންގ ރޫމު ތެރޭގައި އެ އަޑު ގުގުމައިގެން ދިޔައެވެ.

“މާމައާއި މެދު ދެންވެސް ޝައްކު ނުކުރާތި ދަރިފުޅާ،” ފޮނި ގޮތަކަށް ހިނިތުންވަމުން މާމަ ބުންޏެވެ. “ދެންވެސް ދޭބަލަ އެ ދޮރު ހުޅުވަން.”

ލީނާ ދޮރުހުޅުވާލިއެވެ. ދޮރުމަތިން ފެނުނީ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާފަދަ ރީތި އަންހެން ކުއްޖެކެވެ. ހުދުދޮން މޫނެކެވެ. ސިޓިންގރޫމުގައި ދިއްލާފައިވާ ހޮޅިބުރިތަކުގެ އަލިކަން އެޅުމުން އެ އަންހެން ކުއްޖާގެ އިސްތަށިގަނޑުން އޮފުކަމެއް ފެންނަމުންދިޔައެވެ. ލޮލުގެ އެސްފިޔަތައް އެހާ ދިގުވެފައި ގިނައެވެ. ހަންގަނޑު އެހާ އޮމާނެވެ. އެއީ އިންސާނެއްބާއޭ ހިތަށް އަރާހައިވެސް ރީއްޗެވެ. ހީވަނީ ޝާއިރެއްގެ ހުވަފެނުގައި ކުރަހާލާފައިވާ ޕަރީޒާދެއް ހެންނެވެ. އެ ކުއްޖާ ލައިގެން ހުރި މަޑުނޫކުލައިގެ ހެދުން ވަނީ ތެމިފައެވެ. އެކަމުގެ ސަބަބުން އެކުއްޖާގެ ހަށިގަނޑުގެ ހުރިހައި ވަނާތަކެއް ރީތިކޮށް ހާމަވާން ހުއްޓެވެ. ހެދުމުގެ ފަސްބައިން އެ ކުއްޖާގެ ފައިތިލައަށް ފެންތިކި ޖެހެމުންދެއެވެ. އެ ކުއްޖާގެ ގައިގައި ލައްކޮށްލައިގެން ހުރި  ލެއިން ކަޅިވެފައިވާ ޒުވާނާ ލީނާގެ ލޮލުގައި އަޅައިގަތީވެސް އިރުކޮޅެއް ފަހުންނެވެ. އެވަރުންވެސް ލީނާގެ އަނގައިން ބަހެއް ބޭރުވާގޮތެއް ނުވިއެވެ. އަނގައިން ކުޅު ހިކުނީކަމެއް، ދެތުންފަތް ތަތްލީކަމެއްވެސް ނޭނގެއެވެ.

“ކާ.. ކާކު ތީ؟” އެއްމެފަހުން ލީނާ ވަރަށް މަސައްކަތުން ސުވާލުކުރިއެވެ.

“އަހަ…. އަހަންނަކީ….” އެކުއްޖާ ހުރީ ޖެހިލުންވެފައެވެ. އެވަގުތު އޭނާގެ ގައިގައި ލައްކޮށްލާފައިވާ ފިރިހެންކުއްޖާ ކުކުރާލިއެވެ. އަންހެން ކުއްޖާ އޭނާއަށް ބަލައިލިއެވެ. “އަހަރެންމީ އާޤިސާ، އަހަރެން ކަލޭމެންގެ އެހީތެރިކަން ބޭނުންވެގެން މިއައީ.”

“ލީނާ، އެކުއްޖާ އެތެރެއަށް ވައްދާ!” ދަލޫކާ އަމުރުކުރިއެވެ. ކާމޭޒުކައިރިން ތެދުވެގެން ދޮރާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ލީނާ ދޮރުހުޅުވާލިއެވެ. އާޤިސާ އަތުލަފިކޮށްފައިވާ ޒުވާނާ ގޮވައިގެން ފަރުވާތެރިކަމާއެކު އެތެރެއަށް ވަދެއްޖެއެވެ.

ބަލާބެލުމަށް އާޤިސާ ހީވަނީ އަށާނަ-ނަވާރަ އަހަރުގެ ކުއްޖެއް ހެންނެވެ. ނަމަވެސް ޒަޚަމްވެފައިވާ ޒުވާނެއް އޭނާ އަތުލަފިކޮށްލައިގެން ހުރިގޮތުން އޭނާއަކީ ބާރުގަދަ މީހެއްކަން އެނގެއެވެ. އެ ޒުވާނާއަކީ އާޤިސާއަށްވުރެން އިސްކޮޅުން ދިގު މީހެކެވެ. ހަށިގަނޑުގެ ސަމައްތަރުހެވެވެ. އެހެންކަމުން އޭނާ އެހައި ލުޔެއް ނުވާނެއެވެ. ނަމަވެސް އާޤިސާ ހުރިގޮތުން އެކަން ފާހަގައެއް ނުކުރެވެއެވެ.

“ދަރިފުޅާ ލީނާ، އަވަހަށް ކުނައެއް ގެނެސް ފަތުރާލާ… އެކުއްޖާ އަވަހަށް ބާއްވަން އެބަޖެހޭ.” ދަލޫކާ ލީނާއަށް އިރުޝާދުދިނެވެ.

ސިޓިންގރޫމްގެ އަނެއްކޮޅުގައި ހުރި އަލަމާރިއެއް މަތީގައި އޮތް ކުނައެއް ގެނެސް ފަތުރާލިއެވެ. އޭރު ދަލޫކާ އިނީ ޒުވާނާގެ މޭމަތީގައި އޭނާގެ ކަންފަތް ޖައްސާލައިގެންނެވެ. އާޤިސާގެ އުނގުތެރޭގައި ކަހަލަގޮތަކަށް ބާއްވާފައިވާ ޒުވާނާގެ ހިތުގެ ވިންދުޖަހާތޯ ބެލުމަށެވެ.

“މާމަގެ ބޭސްފޮށި ގެންނަންވީތަ؟” ކުނާ ފަތުރާލައި ރީތިކޮށްލަމުން ލީނާ އެހިއެވެ. ދަލޫކާ ނޫނެކޭ ބުނުމުގެގޮތުން ބޯހޫރާލިއެވެ. “އަދި ނުގެނެޔަސް ހެޔޮ!”

ކުނާމަތީގައި އާޤިސާ އެ ޒުވާނާ ބޭއްވިއެވެ. ރިކަވަރީ ޕޮޒިޝަން އަށެވެ. ދަލޫކާއާއި އާޤިސާ ކަކޫމައްޗަށް އިށީންދެއްޖެއެވެ. އެ ޒުވާނާގެ ދެފަރާތުގައެވެ. ރަނގަޅަށް އެ ޒުވާނާގެ ހަށިގަނޑު ޗެކްކޮށްލުމަށެވެ. ނަމަވެސް ލީނާ ހުރީ ކޮޅަށެވެ. މާމަގެ ފުރަގަހުގައެވެ. ކުޑަކޮށް އެ ޒުވާނާއާއި ދިމާއަށް ގުދުވެލައިގެންނެވެ.

އޭރު އެ ޒުވާނާ އޮތީ ދެބަދޭތެރޭގައެވެ. ބައެއްފަހަރަށް ހޭވެރިކަންވެއެވެ. ހަމަ އެއާއިއެކު ހެޔަށް ގޮތްވެ ޚަބަރު ހުސްވެއެވެ. ހޭވެރިކަން ވާވަގުތު އޭނާގެ މޫނުމައްޗަށް ކޮންމެވެސްވަރެއްގެ ހަމަޖެހުމެއް ލިބިގެންދެއެވެ. އެއީ ހީކުރިވަރަށްވުރެން ޒުވާން ކުއްޖެއްކަން އެވަގުތު ލީނާއަށް ފާހަގަކުރެވުނެވެ. އެޒުވާނާއަކީ ސަމައްތަރުހެޔޮ ޅަދޮނޅު ޒުވާނަކަށް އިސާހިތަކުންވެދާނެއެވެ. ނަމަވެސް އަދި މިހާރު އެކުއްޖާގެ މޫނުމަތިން މައުސޫމުކަން ފެންނަންހުރިކަމަށް ލީނާއަށް ގަބޫލުކުރެވުނެއެވެ. އޭނާގެ ހަނގަނޑުވަނީ އަޅި-ދަނބުކުލައަކަށެވެ. ތުންފަތުގެ ކުލަވަނީ ދޮންފޫޑުވެފައެވެ. ފަހަރުގައި އެއީ އޭނާ އެ ފިނިރޭގައި ތެމިފައިއޮތުމުން ވެފައިވާ ގޮތެއްކަމަށް ވެދާނޭ ލީނާގެ ހިތަށް އެރިއެވެ.

“ހޫމް. ކިހިނެތްވެގެން މިއުޅެނީ؟” ޒުވާނާގެ ނިތްކުރީގައި ދަލޫކަގެ އަތް ޖައްސާލަމުން ސުވާލުކުރިއެވެ.

“މިއީ އާފާޤް،” އާޤިސާ ވާހަކަދައްކަންފެށިއެވެ. “އޭނާގެ ހަށިގަނޑުން ފުދޭވަރަކަށް ލޭ އޮހޮރިފަވަނީ. އަދި ކަނޑުތެރޭގައި މި ޒަޚަމްތަކާއެކު ވަރަށްގިނަވަގުތުވެސް ހޭދަވެފަވަނީ.”

ދަލޫކާ، އާފާޤްގެ ކަނާތުގައި ހިފާފައި އުފުލާލިއެވެ. އޭނާއަށް ލިބިފައިވާ ޒަޚަމްތައް ރަނގަޅަށް ބަލައިލުމަށެވެ. އޭނާގެ ކޮނޑުންފެށިގެން ބުރަކަށީގެ މެދާއިހަމައަށްވަނީ ޒަޚަމްވެފައެވެ. ހަންގަނޑާއި މަސްގަނޑުވަނީ އިރައިގެން ގޮސްފައެވެ. ހަންގަނޑުގެ ބޭރަށް މަސްގަނޑު ނުކުމެފައިހުރިތަން ރަނގަޅަށް ފެންނާން ހުއްޓެވެ. އެ ފުންޒަޚަމުގައި ދަލޫކާ އަތްޖައްސާލުމާއެކު އާފާޤް ނުހަނު ވޭނާއިއެކު ކުކުރައިގަތެވެ.

“އަސްތަޣްފިރުﷲ، މި ކުއްޖާފުޅަށް މިވަރުގެ ޒަޚަމެއް ލިބުނީ ކިހިނެތް؟” ދަލޫކާ ސުވާލުކުރިއެވެ.

“އެއީ މިޔަރެއްގެ ކަމެއްތަ؟” ލީނާވެސް އޮޅުންފިލުވަން ބޭނުންވިއެވެ.

އާޤިސާ ބޯ ހޫރާލިއެވެ. “ނޫން، އެއީ ހަމަ ނުރައްކާތެރި އެކްސިޑެންޓެއްގެ ސަބަބުން ވީކަމެއް. ލޯންޗެއްގެ ބުރަފަތީގަ ޖެހި ކޮށާލާފަ އެއޮތީ.”

“މީނާ މިއީ…..” ވަކިކަމަކަށް އިޝާރާތްކުރާގޮތް ދައްކާލުމަށް ނިތް އެއްލާގޮތަށް ނިތެއް އެއްލަމުން ދަލޫކާ އާގިސާއަށް ބުންޏެވެ.

“ކީކޭ؟” އާގިސާއަށް ލިބުނީ ހައިރާންކަމެކެވެ.

“އެއްވެސް ރޫޙާނީ ބާރެއް ނުވަތަ އާދަޔާޚިލާފު ބާރެއް އޭނައަށް ލިބިފަވޭހޭ މިބުނީ؟” ދަލޫކާ އިތުރަށް ބުނެދިނެވެ.

އަނެއްކާވެސް އާޤިސާ އަވަސްއަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ. “އުހުނ. ނޫން، ނޫން. އެއީ ހަމަ އާދައިގެ އިންސާނެއް.”

“އަހަރެން ޖެހޭނެ އޭނަ ހޯދަން،” ދެ ދަތްޕިލަ ޖައްސައިގެން އޮވެ ވަރަށް އުނދަގުލުން އާފާޤަށް ބުނެލެވުނެވެ. ހަމައެއާއިއެކު އަނެއްފަރާތަށް އޭނާގެ ބޯ ވައްޓާލިއެވެ. ލޯމަރައިގެން އޮތަސް ލޮލުގެ ކަޅިހިނގާކަން އެނގެއެވެ. “އޭނާ ސަލާމަތްކުރަން އަހަންނަށް މަޖުބޫރު.”

“ކީކޭތަ މީނާ މިކިޔަނީ؟” ދަލޫކަ ސުވާލުކުރިއެވެ.

“އޭނާގެ ކޮއްކޮ،” އާޤިސާ ދުރަށް ބަލައިލަމުން ބުންޏެވެ. “އެ އެކްސިޑެންޓް ހިނގިއިރު އޭނާގެ ކޮއްކޮވެސް ލޯންޗްގަ އިން.”

“ކީއްވެ އޭނަ މިތަނަށް ނުގެނައީ؟” ދަލޫކާ ހައިރާންވެފައި ސުވާލުކުރިއެވެ.

“އޭނާއަށް ވީނުވީއެއް ނޭނގި ގެއްލިފަވަނީ!!” އެހާ ބޮޑުކަމަކަށް ނުހަދާ އާޤިސާ ޖަވާބުދިނެވެ. ދަލޫކާ އިތުރަށް އޮޅުންފިލުވާކަށް ނޫޅެއެވެ.

“މިހާއިރުވަންދެން މީނާ އޮތީ ހެއިނެތިފަތަ؟” އާފާޤުގެ ލޮލުގެ ބޮނޑީގައި އިނގިލިކުރިން ހިފާ އުފުއްލާލަމުން އަހާލިއެވެ. ދަލޫކާ ބޭނުންވީ ކަމެއް ގައިމުކޮށްލުމަށެވެ. އާފާޤު ވަރަށް އުނދަގުލުން، މަޑުމަޑުން ދަލޫކާގެ އަތުގައި ޖަހާލިއެވެ. ދަލޫކާ އެ އަތުގައި ހިފެހެއްޓިއެވެ. “ޝޫ، މިއީ އެހާ ބޯޑުކަމެއް ނޫން ކޮއެފުޅާ. ނަސީބަކުން އެއްވެސް ނުރައްކަލެއްނެތް. އަހަރުމެން ކަލޭ ބަލަހައްޓާނަން.”

“އޭނާގެ ހޭވެރިކަން ހުރޭ. އެކަމަކު އިރުއިރުކޮޅާ ހެޔަށް ގޮތްވޭ.” ދަލޫކާގެ ސުވާލަށް އާޤިސާ ޖަވާބުދިނެވެ. “އަހަންނަށް ހީވަނީ އޭނާ އެވަނީ ޝޮކެއް ލިބިފަހެން.”

“ވެދާނެ ތިހެން ކަމަށްވެސް.” ދަލޫކާ އެއްބަސްވިއެވެ. އާފާޤާއި ދިމާއަށް ކުރިއަށްވުރެންވެސް ބޮޑަށް ގުދުވެލިއެވެ. އޭރުވެސް ދަލޫކާގެ އަތުން އާފާޤުގެ އަތުގައި ހިފަހައްޓާލާފައި ވެއެވެ. އޭނާގެ އަނެއް އަތުން އާފާޤުގެ ތެމިފައިވާ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “އާފާޤް، ދައްތަ ގޮވާ އަޑުއެބައިވޭތަ؟”

“އަހަރެން ކީއްކުރީ؟” ދެތުންފަތް ޖައްސައިގެން އޮވެ މަޑުމަޑުން އާފާޤު ބުންޏެވެ. އެއާއެކު ފުރޮޅިލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. އެއްފަރާތަކަށް ބޯ އަނބުރާލިއެވެ. ހަމައެއާއެކު އޭނާގެ ދެލޯ ހުޅުވާލިއެވެ. ދެލޯ ބޮޑުކޮށްގެން އޮވެ ބަލަން ފެށިއެވެ. އޭނާ އޮތީ ހައިރާންވެފައެވެ. ވާނުވާ ނޭނގިފައެވެ. “އަހަރެން ކީއްކުރީ؟”

“އާފާޤު، ހުރިހާކަމެއް ރަނގަޅުވެދާނެ،” ދަލޫކާ ވާހަކަދެއްކިއެވެ. އާފާޤު ތެދުވެ އިށީންނަން މަސައްކަތްކުރިއެވެ. ދަލޫކާ އާފާޤުގެ ބުރަކަށީގައި ހިފަހައްޓަމުން އެހީވެދިނެއެވެ. “އާފާޤު، ތިހާ ބޮޑަށް ހެލިފެލިވެގެން ކަމަކުނުދާނެ. ކޮއެފުޅަށް ތިއޮތީ ވަރަށް ހާނީއްކަވެފަ.”

“އަހަރެންވެސް އޭނާ ހަމަޖެއްސޭތޯ ވަރަށް މަސައްކަތްކޮށްފިން. އެކަމަކު ކާމިޔާބެއް ނުވި.” އާޤިސާ މާޔޫސްކަމާއެކު ބުންޏެވެ.

“މާމާ، މާމަގެ ބޭސްފޮށި ގެންނަންވީތަ؟” އަނެއްކާވެސް ލީނާ އަހަލިއެވެ.

ދަލޫކާ އިރުކޮޅަކު ވިސްނާލިއެވެ. އެއަށްފަހު ލީނާއަށް ބަލައިލިއެވެ. “ނޫން. ބޭސްފޮށްޓެއް ނޫން ގެންނަންވީކީ. އެތެރެއަށްވަދެ ފާޚާނާގަ ހުރި ރަތްބޭސްފުޅި ގެނެސްދީ. އެ ހުންނާނީ ދަނބުކުލައިގެ ފުޅިއެއްގަ ކަބަޑުގެ އެއްމެ މަތީ ވަތްގަނޑުގަ.”

ލީނާ އަވަހަށް އެތެރެއަށްވަނެވެ. އޭނާ ކުޑައިރުއްސުރެން މިފަދަ ދަނޑިވަޅުތަކުގައި އަބަދުވެސް މާމައަށް އެހީތެރިވަމުން އާދެއެވެ. ސްކޫލް ނިންމާފައި މިފަދަ ކަންކަމުގައި މާމައަށް އެހީވުމަށް އަބަދުވެސް ހުރުމަށް އޭނާ ބޭނުންވެއެވެ. ނަމަވެސް މިހާރު އޭނާއަށް މިވަރުންވެސް ފުދެއެވެ. މާމައަށް އަތްގާތްކޮށްލަދިނުމަށް މިފަދަ ކޫސަނިކަންކަން ކުރަންޖެހުނަސް އޭނާ ހިތްހަމަޖެހެއެވެ.

ރަތްބޭސްފުޅި ހިފައިގެން އޭނާ ނުކުތްއިރުވެސް އެއްމެން ތިބީ ހަމަ ކުރިންވެސް ތިބިގޮތަށެވެ. އޭރުވެސް އާފިޤު ކުކުރަމުންދެއެވެ. އާފާޤު މަސަލަސްކުރަން މާމައިނީ ކުރިންވެސް އިންގޮތަށެވެ. އާޤިސާވެސް ބަލަހައްޓައިގެން އިނެވެ.

“އަން މިއޮތީ މާމާ،” ބޭސްފުޅި ދިއްކޮށްލަމުން ލީނާ ބުންޏެވެ.

“ހާދަ ރަނގަޅޭ މާމަގެ ދަރިފުޅާ.” މިހެން ބުނަމުން އާފާޤު ފުރޮޅާލިއެވެ. މިހާރު އާފާޤު އޮތީ އަރިއަކަށެވެ. “އާޤިސާ ނިކަން މީނަ ގައިގަ ހިފަހައްޓަބަލަ؟” އާޤިސާ އާފާޤުގެ ގައިގައި ހިފެހެއްޓިއެވެ. ދަލޫކާ ރަތްބޭސްފުޅީގެ މަތި ނެގިއެވެ. އޭގެ ތެރޭގައިއޮތް ކަފަބުރު ނަގައި ޒަޚަމްގައި އުނގުޅަން ފެށިއެވެ.

“ތީތިން އެ ޒަޚަމްތައް ރަނގަޅުވާނެތަ؟” ދަލޫކާ ރަތްބޭސް ޖަހަމުންދިޔަތަން ބަލަން އިނދެފައި އާޤިސާއަށް އަހާލެވުނެވެ.

“ނޫނޭ، މުޅިއަކުން ރަނގަޅެއް ނުވާނެ،” ދަލޫކަ ޖަވާބުދިނެވެ. “މި ޖަހާލުމުން ލޭ މަނާވުމަށް ފަސޭހަވާނެ. އަނެއްކޮޅުން ފާރު ހެއްވާލެތްވެސް އަވަސްކޮށްދޭނެ. އެކަމަކު މިއީކީ އަދި މިކަމަށް އޮތް ފާރުވާއެއް ނޫން.”

ބުރަފަތިން ކޮށާލާފައިވާ ހުރިހައި ހިސާބެއްގައި ރަތްބޭސް ޖެހުނުކަން ގައިމުކުރަން ދަލޫކާ ބޭނުންވިއެވެ. އެހެންކަމުން ވަރަށް ރަނގަޅަށް ބަލަލިއެވެ. އާފާޤުގެ ކަންފަތު ވޮށިން ބުރިވެފައިވާ ތަނުގައިވެސް ރަތްބޭސް ހާކާލިއެވެ. ރަތްބޭސް ހާކައި ނިމުނުއިރު އެ ފުޅި އެއްކޮށް ހުސްވެސް ވެއްޖެއެވެ.

“މާމާ ދެން ބޭނުންވަނީ ކޮންއެއްޗެއް؟” ރަތްބޭސްފުޅި ހުސްވެއްޖެކަން އެނގުމުން ލީނާ އަހާލިއެވެ.

“ދެން އެއްޗެއް ބޭނުމެއްނޫން.” ލީނާއަށް ޖަވާބުދެމުން ކުނާމަތީގައި އަފާޤު ބޭއްވިއެވެ. “މާމަގެ ބޭސްވެރިކަމާ ފަންޑިތައިންވެސް ރަނގަޅު ނުކުރެވޭނެ ކަންތައްތައް ހުންނާނެ. މިކަމަށް ފަރުވާ ހޯދަން އަހަރުމެން ޖެހޭނީ މީނާ ހޮސްޕިޓަލަށް ގެންދަން.” މިހެން ބުނަމުން އޭނާ އާޤިސާއަށް ބަލައިލިއެވެ. “މީނާ މިގޭ ކާރަށް އަރުވަން ގެންދަން މަށަށް އެހީވެދެން އާދޭ!”

އާޤިސާ ބޯޖަހައިލަމުން ދަލޫކައަށް އެހީވުމަށް އަވަސްވެގަތެވެ.

ދަލޫކާ އާފާޤުގެ ގައިގާ ބެޑްޝީޓެއް އޮޅާލިއެވެ. އޭނާ ފިނިން ސަލާމަތްކުރުމަށެވެ. އެކަމުގެ ސަބަބުން ލޭ މަނާވުމަށްވެސް ބާރެއް ލިބޭނެތީވެސް މެއެވެ.

އާޤިސާ ގޮސް އާފާޤުގެ ކިހިލިފަތްދޮށަށް އަތްމަހާލައި ކުރިންވެސް އޭނާ އަތުލަފިކޮށްގެން ގެނައިގޮތަށް ހިފަހައްޓަމުން ހިނގައިގަތެވެ. އެއްވެސް އުނދަގޫކަމެއް، ބުރަހެލިކަމެއް ނެތިއެވެ. ދަލޫކާ އެމީހުންނަށް މަގުދައްކަމުން އޭނާގެ ކާރު އޮތް ދިމާއަށް ހިނގަމުން ދިޔައެވެ. އެއީ ކުރިން ރާއްޖޭގެ ރައީސްކަންކުރި ބޭފުޅެއް ދުއްވި ކާރެއް ނީލަމުގައި ގަނެގެން ގެންގުޅެނިކޮށް މީހެއްގެ އަތުން ލީނާގެ މާމަ ގަނެފައިވާ ކާރެކެވެ. ތަންކޮޅެއް ކުރީގެ މޮޑެލްއެކެވެ. ތިރީސް އަހަރު ވެރިކަންކުރި ވެރިއަކު ގެންގުޅެފައިވާ ކާރެއްކަން މޮޑެލްއަށް ބަލައިލުމުންވެސް އެކަން ފެނެއެވެ. ކާރުގެ ދޮރުފަތް ހުޅުވާލަމުން ޕެސެންޖަރ ސީޓް ކުރިއަށް ޖައްސާލިއެވެ. ފަހަތު ސީޓުގައި އާފާޤް ގޮވައިގެން އާޤިސާއަށް ދަތިކަމެއްނެތި އިނދެވޭގޮތް ހެދުމަށެވެ.

“ލީނާ، ދަރިފުޅުވެސް ކާރުގެ ފަހަތަށް އަރައި އެމީހުންނާއިއެކު އިނދޭ!”

ފަރުވާތެރިކަމާއެކު ކާރަށް އަރައި ލީނާ ހަމަޖެހިލިއެވެ. ރީތިކޮށް އާފާޤްވެސް ހަމަޖައްސާލިއެވެ. އޭނާގެ ފަލަމަސްގަނޑުމަތީގައި އާފާޤްގެ ބޯ ޖައްސާލިއެވެ. އެވަގުތު އާފާޤް ކުކުރާލިއެވެ. ބޭއިޚްތިޔާރުގައި ލީނާއަށް ސޮރީއޭ ބުނެލެވުނެވެ. ހަމައެއާއެކު އާފާޤަށް ފަސޭހަވާނެގޮތަކަށް ބޭއްވޭތޯ އުޅެންފެށިއެވެ.

“ބަލަ އާޤިސާ ނުދަނީތަ؟” ކާރުގެ ބޭރުގައި ހުރި ދަލޫކާ، އާޤިސާކުރެން އެހިއެވެ. އާޤިސާހުރީ ކާރުގެ ފަހަތު ސީޓްގައި އާފާޤްގޮވައިގެން އިން ލީނާއަށް ބަލާށެވެ.

“އާނ، މަށަކަށް ދެވޭކަށް ނެތޭ!” އާޤިސާ ބޯޖަހާލަމުން ބުންޏެވެ. “މިހާރުވެސް އަހަންނަށް މާ ލަސްވެއްޖެ!”

“މިއަވަށުގަ މިރޭ މަޑުކޮށްނުލާ ދަނީތަ؟” އަނެއްކާވެސް ދަލޫކާ ސުވާލުކުރިއެވެ. މުސްކުޅިންނަކީ އެކަހަލަ ބައެކެވެ. ނިކަން ސުވާލުގިނަވާނެއެވެ. އެއީ އަނެކުންނާމެދު އަބަދުވެސް ކަންބޮޑުވެ ފިކުރުކޮށްކޮށް ތިބޭތީތީ ކަމަށްވެސް ވެދާނެއެވެ.

“އާނ، އަހަރެން އެބަޖެހޭ ދާން!”

“އެއްމެ ރަނގަޅު. އާޤިސާ ހަމަ ބޭނުން ގަޑިއެއްގަ އަންނަންވީ. އަހަރެން އަބަދުހެން އުޅޭނީ ގޭގަ.” ދަލޫކާ އެއް ނޭވައިން ބުނެލިއެވެ.

އާޤިސާ ހިނިތުންވެލިއެވެ. “ޝުކުރިއްޔާ!، އެކަމަކު އަހަންނަށް ހިއެއްނުވޭ ދެން އާދެވޭނެހެންނެއް.”

“އެހެންދޯ!! ދައްތަ ނާހާނަން ކީއްވެގެންތޯއެއް!” ދަލޫކާ ކާރާއި ދިމާއަށް ހިނގައިގަތެވެ. ހަމަ ހިނގައިގަތުމާއިއެކު ހުއްޓެމުން ފަސްއެނބުރި ބަލައިލިއެވެ. “މި ޒުވާނާއަށް އެހީވެދިނީތީ ޝުކުރިއްޔާ! މިރޭ މިކުއްޖާފުޅަށް މާސިންގާ ކަނޑުން ދިމާވީ ކޮންފަދަ ބޮޑުކަންތައްގަނޑެއްކަން ދައްތައަށް ނޭނގުނަސް، ދައްތަގެ ހިތް ބުނަނީ ތީކީ ހަމަ މިހެން ފެންނަހާ މީހަކަށް އެހީވާކަހަލަ ކުއްޖެއް ނޫންކަމަށް. އެހެނަސް މާތްﷲ ކޮއްކޮއަށް ހެޔޮ ޖަޒާ ދެއްވާށި!

“އާނ!. އެކަމަކު މިފަހަކަށް އައިސް އަހަރެންގެ އުޅުން ބަދަލުކުރެވޭތޯ ވަރަށް މަސައްކަތް އެބަކުރަން-” އާޤިސާ ބުނަންފެށި ޖުމްލަ މެދުކަނޑާލިއެވެ. ހަމަ އެއާއެކު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. ނަމަވެސް މިފަހަރު އޭނާގެ އަނގައިން ބޭރުކޮށްލި ޖުމްލަތަކުގެ ރާގު ހުރީ ޅެންބަހުރުވައިގެ ރާގުގައެވެ.

“އެހެނަސް ބުނަންހޭ ދައިތައޭ، ރަނގަޅީ މަ ނައްތާލުން ހަނދާން.

ދުވަހަކު މަށާ ތިޔަ މީހުނާ ބައްދަލު ނުވެސް ވާހެން ބުނަން.”

އޭރު އާފާޤަށް އޮވެވުނީ ލީނާގެ ފަލަމަސްގަނޑުގައި ބޯއަޅާލައިގެން ހަމަޖެހިލެވިފައެވެ. އޭނާ ލޯ ހުޅުވާލިއެވެ. ސީދާ ލީނާއަށް ބަލަން ފެށިއެވެ. އެހެނަސް އޭނާއަށް ލީނާ ރަނގަޅަށް ނުފެންނަ ކަހަލައެވެ. އާފާޤަށް ލީނާ ފެންނަނީ ޓްރާންސްޕޭރެންޓް ބިއްލޫރިގަނޑެއްގެ އެއްފަރާތުން އަނެއްފަރާތް ފެންނަފަދަ ގޮތަކަށެވެ. ލީނާގެ ހަށިގަނޑުގެ ތެރެއިން މާދުރު ފެންނަމުން ދިޔައެވެ.

“އަހަރެން މިއޮތީ ކޮންތާކު؟” އާފާޤް ވަރަށް މަސައްކަތުން ސުވާލުކުރިއެވެ. “އަހަންނަށް މިވަނީ ކިހިނެތް؟”

“މާމާ.” ލީނާ ކާރުގެ ކުރީ ސީޓާއި ދިމާއަށް ގުދުވެލިއެވެ. “އަވަހަށް ނައްޓާލަމާ!، މީނައަށް ހެއިވެރިކަން ވާންފަށައިފި އަނެއްކާވެސް.”

“އާޤިސާވެސް –” ދަލޫކާ ލީނާއަށް ބަލައިލުމަށްފަހު އަނެއްކާވެސް އާޤިސާއާއި ދިމާއަށް އެނބުރުނެވެ. އޭރު އޭނާ ފެންނާކަށް ނެތެވެ. ރޭގަނޑުގެ ކަޅު އަނދިރިކަމުގެ ތެރެއަށް އޭނާ ގެއްލިގެން ދިޔަކަހަލައެވެ. “އޭނަވެސް އެ ދިޔައީ!!” ދަލޫކައަށް ބުނެލެވުނެވެ.

ދަލޫކާ ކާރުގެ އަނެއްފަރާތަށް ގޮސް ކާރަށް އެރިއެވެ. ކާރު ސްޓަރޓްކޮށްލުމާއިއެކު ރާއްޖެ އެފްއެމްގެ ބްރޯޑްކާސްޓިންގ އަޑު އިވެންފެށިއެވެ. ވަގުތުން ރޭޑިއޯ ނިއްވައިލިއެވެ.

“މާމާ، އެއީ މާމަބުނި ކުއްޖާތަ؟ ކުރިން އައޭ ބުނީމެއްނު ކުއްޖެއް؟” ހޮސްޕިޓަލާއި ދިމާއަށް ނައްޓާލުމާއެކު މާމަކުރެން ލީނާ ސުވާލުކުރިއެވެ.

އާނ. އެއީ އެކުއްޖާ.”

“އޭނައަކީވެސް….؟”

“ހަމަ އެއްގޮތަކަށްވެސް މާމައަކަށް ނޭނގޭ.” ފަސް އެނބުރި ލީނާއަށް ބަލައިލަމުން މާމަ ޖަވާބުދިނެވެ. “މިހާރު ކިހިނެތް ތިކުއްޖާ؟”

“މާކަ ރަނގަޅެއް ނޫން.” ލީނާ އާފާޤްގެ އަތުގައި ހިފަހައްޓާލައިގެން އިނދެވޭތޯ މަސައްކަތްކުރިއެވެ. އެކަމު ހިފެހެއްޓޭވަރެއް ނުވިއެވެ. އެއަށްވުރެން ބޮޑަށް އޭނާގެ އަތް ތުރުތުރު އަޅަމުން ދެއެވެ.  އަޅަމުންދިޔަ ވޭނުގެ ސަބަބުން ބާރަށް ކުކުރަމުން ދެއެވެ. ދެފަރާތަށް ބޯ ހޫރަމުންދިޔައީވެސް މަޑެއްކޮށެއް ނޫނެވެ.

“މާމާ، ދެން ކިހިނެއްތަ ހަދަންވީ؟”

“ކޮންމެވެސް އެއްޗެކޭ ކިޔާ އޭނައަށް އަޑު އިއްވަބަލަ!” ދަލޫކާ އަށް ފެންނަގޮތް ބުންޏެވެ. “އާޤިސާވެސް ބުންޏެއްނު ކޮންމެވެސް ލަވައެއް އެއްޗެއް ކިޔައިގެން އޭނަގެ ފޯކަސް އަނބުރާލެވޭތޯ މަސައްކަތްކުރިވާހަކަ!”

“އާނ. އެކަމަކު އެކަން ކާމިޔާބު ނުވިކަމަކަށްނު ބުނީ!”

“އެކަމަކު އެއީ މާމަ ކަމެއް ކުރުމުގެ ކުރިންނެއްނު؟” ދަލޫކާ އޭނާ ބޭނުންވާގޮތް ހެދުމަށް ބާރުއަޅަން ފެށިއެވެ. “ގޮތެއް ވޭތޯ ބަލައިލުމަކުން ގޯހެއް ނެތެއްނު؟ މިއަށްވުރެން ވަކިން ބާރަކަށް މާމައަކަށް ނުކެރޭނެ ދުއްވާކަށްވެސް!”

ލީނާ އޭނާގެ މާމަ އެދުނުގޮތަށް ޢަމަލުކުރިއެވެ. އެއް އަތުން އާފާޤް ގެ އަތުގައި ހިފަހައްޓައިގެން، އަނެއް އަތުން އޭނާގެ ބޮލުގައި ފިރުމަމުން، ލަވައެއް ކިޔަން ފެށިއެވެ. އޭނާގެ ޅައިރުގެ އެއްމެ ފޭވަރިޓް ލަވައެވެ.

*********************************

ބަލިއެނދުގައި

ޕްލާސްޓިކް ގޮނޑިއެއްގައި އެހާގިނައިރު އިންނަން ޖެހުމުން ލީނާގެ ފޫކޮޅު އައްސިވިކަންވެސް އޭނާއަށް ފާހަގަ ނުވާކަހަލަ އެވެ. އޭނާ އިނީ އެއްފައި މައްޗަށް އަނެއްފައި އަރުވައިގެންނެވެ. އެހެން އިނުމުން ތަންކޮޅެއް ފަސޭހަ ވެދާނެކަމަށް ހީކޮށެވެ. ދަލޫކާ އިނީ ލީނާގެ ގޮނޑިއާއި ޖެހިގެން ހުރި ގޮނޑީގަ އެވެ. އިރުއިރުކޮޅުން އަރިއަކަށް ޖެހެމުންދިޔަ އެވެ. އޭނާގެ ބަރުހެލިކަމުގެ ސަބަބުންނެވެ. އެހެންކަމުން ލީނާއަށްވުރެން އޭނާގެ މާމަ އިނީ މާ ހާލުގަ އެވެ.

“މާމައަށް ހީވޭތަ މީނަ ރަނގަޅުވާނެހެން؟” ލީނާ މާމަކުރެން އެހި އެވެ.

“ކިހިނެތް ވަކިން މާމައަށް އެނގޭނީ،” ދަލޫކާ ޖަވާބުދިނީ ތެދަށެވެ. މާމަގެ ކިބައިން ތެދުވެރިކަން ފިޔަވައި އެހެން ކަމެއް ފެންނާކަށް ލީނާވެސް ނޭދެ އެވެ.

ލީނާ ބަލަމުން ދިޔައީ އެމީހުން ތިބި ވޯޑަށެވެ. މުޅިން ހުހަށް އޮތް ވޯޑެކެވެ. އިރުކޮޅެއްވަންދެން އެވޯޑުގެ ތެރެއަށް ކުޑަކޮށް ހުޅުވިފައިވާ ދޮރާއި ދިމާއަށް ބަލަން އިނެވެ. އެއީ އާފާޤް ބާއްވާފައި އޮތްތަނެވެ. އިރުކޮޅަކު ބަލަން އިނުމަށްފަހު މާމައާއި ދިމާއަށް އެނބުރުނެވެ.

“މި ވެގެން އުޅޭގޮތާމެދު މާމަށް ހަމަ އެއްވެސް އެއްޗެއް ނޭނގެނީތަ؟” ލީނާ އަނެއްކާވެސް ސުވާލެއް ކޮށްލި އެވެ.

“އާނ.” ދަލޫކާ ގޮނޑީގައި ލެނގިލަމުން އޭނާގެ ބޯ ފާރުގައި ޖައްސާލި އެވެ. “ދަރިފުޅަށްވެސް އެނގެއެއްނު މާމައަށް ހުރިހައިކަމެއް އެގޮތަށް ހީއަކަށް ބުނަން ނޭނގޭކަން. ބައެއް ކަންކަން އެހެން ހީއަކަށް ބުނަން އެނގެނީ. ބައެއްފަހަރު ފާޑަކަށް ނިދިޖެހޭގޮތް ވެފަ ފެނިދާނެ. އަނެއްބައިފަހަރަށް އެއްގޮތަކަށްވެސް ނުފެނިވެސް ހިނގައިދާނެ.”

“މާމާ، ކީއްވެގެން މަށަށް އެހެން ނުވަނީ؟” ލީނާ ސުވާލުކުރި އެވެ.

“އެއީ ދަރިފުޅުގެ މަންމައަށް އެ ނަސީބު ލިބިފަ ނުވާތީ.. ދެން ދަރިފުޅުގެ ބައްޕަ . . . . ” ދަލޫކާ ފުން ނޭވައެއް ބޭރުކޮށްލި އެވެ. “އޭނަ ވެދާނެ ބައެއް ކަންކަމަށް މައިތިރި ހެދީކަމަށްވެސް!”

“މާމަގެ މާމައަށްވެސް އެގޮތަށް ވޭތަ؟”

“އާނ. އަހަރެންގެ މަންމައަށް އެ ބާރު ލިބުނު. އެކަމަކު އަހަރެންގެ ބޮޑުދައިތަ އަކަށް ނުލިބޭ. ބައެއް މީހުނަށް އެ ބާރު ލިބުނަސް އަނެއްބައި މީހުނަށް ލިބޭ ކަމެއް ނޫން އެއީކީ.” ދަލޫކާ ހިންދިރުވާލި އެވެ. “މިޒާތުގެ އާދަޔާޚިލާފު ކަންކަމަށް ދޭނެ ވަކި ތަފުޞީލެއް ނޯންނާނެ. ދެން ބެލެވިދާނެ މިއީ ރަނގަޅުގޮތުގައި ބޭނުންކޮށްފިނަމަ ލިބޭ ބޮޑު ނިޢުމަތެކޭ.”

ކާރުގައި ހޮސްޕިޓަލަށް އައިއިރު ލީނާގެ ޓީޝާޓްގައި އާފާޤްގައިން އޮހޮރުނު ލޭ ހޭކިފައިހުރިގޮތަށް އަދިވެސް ހުއްޓެވެ. އެތަން ދޮވެލުމަށް ޑިޓޯލްއާއި ފެނުން ތެންމާފައިހުރި ކަފަކޮޅެއް ނަރުހަކު ދިނެވެ. ނަމަވެސް އެ އެއްޗެހި ހުރިގޮތަށް ބަހައްޓާފައި ހުރީ އެވެ.

“މާމާ، ތިކަމާ ކަންބޮޑެއް ނުވޭތަ؟”

“ބައެއް ފަހަރު، ބައެއް ކަންކަމާ އަހަރެން ކަންބޮޑުވޭ. ދަރިފުޅު ތިޔަ އަހަން އުޅޭ ވާހަކައެއް ނިކަން ތިލަކޮށް، ސީދަލަށް އަހާބަލަ؟” ދަލޫކާވެސް އޭނާގެ މާމަ ދަރިފުޅާއި ދިމާއަށް ގޮނޑި އަނބުރާލި އެވެ.

“މާމަ ކޮށްއުޅޭ ކަންކަމުގަ އަތްގާތްކޮށްދީ އެހީވާން އަހަރެން އުޅުމަށް ޤާބިލުތޯ ނުވަތަ ނޫންތޯއޭ ހިތަށް މި އަރަނީ.” އިސްދަށަށް ޖަހާލަމުން ލީނާ ޖަވާބު ދިނެވެ.

“ހޫމް. ދަރިފުޅު މިހާރުވެސް ވަރަށް ކުޅަދާނަކަމާއެކު މާމައަށް އެހީވެ، އަތްގާތްކޮށްދެމުންނެއްނު ތިޔަ ގެންދަނީ.” ދަލޫކާ އޭނާގެ މާމަ ދަރިފުޅަށް ވިސްނައިދޭން ފެށި އެވެ. “އަހަރުމެން ދެމައިން ވަނީ އެއްބަސްވެފައެއްނު މާމަގެ މި ޚާއްޞަ ވަޒީފާއާއި ދަރިފުޅު ގުޅޭނީ ކިޔެވުން ނިންމާފަކަމަށް؟ އެހެންވީމަ ކީއްވެ ދަރިފުޅު ތިހެން ހިތަށް އަރަންވީކީ؟”

ލީނާ އިސްއުފުލާލި އެވެ. އަނެއްކާވެސް ހުހަށް އޮތް ވޯޑުގެ ތެރެއަށް ބަލަން ފެށި އެވެ. އެއަށްފަހު ފުން ނޭވައެއް ބޭރުކޮށްލި އެވެ. “އަހަންނަކަށް ހިއެއްނުވޭ މިރޭ މާމަ ތިކުރި ހިތްވަރު އަހަންނަށް ކުރަން ކެރިދާނެހެނެއް!”

“ތިބުނީ އާފާޤްގެ ކަންތަކުގަތަ؟” ދަލޫކާ އާފާޤް ބާއްވާފައިއޮތް ކޮޓަރިއާއި ދިމާއަށް ބަލައިލަމުން ސުވާލުކުރިއެވެ. “ދަރިފުޅަށް ވަކިން ކީއްވެ ނުވާންވީ؟ ވާނެ! މާމަވެސް މިރޭ ކުރި ކަންތައްތައް މިހާރު ދަރިފުޅަށްވެސް ކުރެވޭނެ.”

“ނޫނޭ މާމާ، އަހަންނަކަށް ނުވާނެ.” ލީނާ އަނެއްކާވެސް މާމައާއި ދިމާއަށް އެނބުރުނެވެ. “އަހަންނަކަށް ނުވެސް އެނގުނެއްނު އޭނަ އަންނަން އުޅޭކަމެއްވެސް. މިސާލަކަށް މާމަގެ ބަދަލުގަ އަހަރެން ހުރިނަމަ ހިއެއްނުވޭ މާމައަށް ކުއްލިއަކަށް ހޭލެވުނުގޮތަށް ހޭލެވޭނެ ކަމެއްވެސް. އަދި އާޤިސާ އަހަރެން ހޯދަން އަންނާނެކަމެއްވެސް!”

ލީނާއަށް ރަނގަޅަށް ބަލައިލަމުން ދަލޫކާ އާފުރިލިއެވެ. “ދަރިފުޅަށް ކޮންތަނަކުން އަންނަހާ ވަސްވާސްތަކެއްތަ ތީ؟”

“މަށަކަށް ނޭނގޭ މާމާ!” ލީނާ ދެފަރާތަށް ބޯ ހޫރާލިއެވެ. “އަހަރެން މި ވާހަކަ ނުދެއްކުންކަން ނޭނގޭ ރަނގަޅުވާނީވެސް. ދެން ނޭނގެ މަށަކަށް. . .” އަނެއްކާވެސް އޭނާ ފުން ނޭވައެއް ބޭރުކޮށްލި އެވެ. “ބައެއްފަހަރަށް އަހަންނަށް ހީވޭ އަހަންނަކީ މި ދުނިޔޭގެ މީހެއް ނޫނޭވެސް. އަހަންނަކީވެސް ސުޕަރނެޗުރަލް ކުއްޖެކޭ ހީވަނީ.”

އާފާޤް ބާއްވާފައި އޮތް ކޮޓަރީގެ ދޮރު ހުޅުވިއްޖެ އެވެ. ހަމަ އެއާއިކު އެދެމައިން ދައްކަމުންދިޔަ ވާހަކަތައް މެދުކެނޑުނެވެ. އެތަނުން ނިކުތީ ޑޮކްޓަރަކާއި ނަރުހެކެވެ. ދެމީހުން ތިބީ ވާހަކައެއް ދައްކާށެވެ. ވައި އަޑަކުންނެވެ. އެ ކޮޓަރިއަށް އާފާޤް ވެއްދިފަހުން އެތަނަށް ޑޮކްޓަރު ވަދެފައި ނިކުމެފައި އެތައް ފަހަރަކު ހެދިތަން ވަނީ ފެނިފަ އެވެ. އެކަމަކު އެ ޑޮކްޓަރު އެމީހުންނަކާއި އަނގައިންނެއް ނުބުނެއެވެ. އަދި ނިތްއަރުވާލާފައެއްވެސް ނުވެ އެވެ.

ލީނާ އިން ގޮނޑިން ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. ޑޮކްޓަރާއި ނަރުސް ކުއްޖާ ދައްކަމުން ދިޔަ ވާހަކަ އަޑު އިވޭތޯއެވެ. އެކަމަކު އެއްޗެއް ފަހުމުވާ ވަރެއް ނުވިއެވެ. އެމީހުން ވާހަކަ ދައްކަމުން ގެންދިޔައީ އެއަށްވުރެން މާ މަޑުންނެވެ. އިވުނުހާވެސް އަޑަކީ ބައެއް ބަސްބަހެވެ. އެއީވެސް އޭނާއަށް ބީރައްޓެހި ބައެއް މެޑިކަލް ޓަރމްސް ތަކެކެވެ.

ނަރުސް ކުއްޖާ ހިނގަައްޖެއެވެ. ޑޮކްޓަރު ބުނުއްވި ކޮންމެވެސް ކަމެއް ކުރުމަށެވެ. އެކަމަކު ޑޮކްޓަރު މަޑުކުރީއެވެ. އާފާޤް ބާއްވާފައިވާ އޮތް ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލައިގެން ހުރީއެވެ. ފަހަރުގައި ނަރުސް ކުއްޖާ އެނބުރި އަންނަންދެން ކަމަށް ވެދާނެއެވެ. ޕޭޝަންޓްގެ ފައިލްގައި ކޮންމެވެސް އެއްޗެހިތަކެއް ޑޮކްޓަރު ލިޔަމުން ދިޔައެވެ. ދަލޫކާ ކޮޅަށް ތެދުވިއެވެ. ދަނޑިވަޅުގެ ބޭނުން ހިފުމަށެވެ.

“އެކްސް ކިއުޒް މީ.” ޑޮކްޓަރާއި ދިމާއަށް އެއްފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ. އެވަގުތު ޑޮކްޓަރު އިސްއުފުލައި ބަލައިލިއެވެ. ދަލޫކާ ޑޮކްޓަރާއި ކައިރިއަށް ޖެހިލަމުން ޑޮކްޓަރުގެ ޖީބުގައި ޖަހާފައިވާ ކާޑަށް ބަލައިލިއެވެ.

“ޑޮކްޓަރ ރިހާބް، ރައިޓް؟”

“ޔޭސް؟” ދަލުކާ އާއި ދިމާއަށް ސުވާލުގެ ނަޒަރަކުން ބަލައިލަމުން ޑޮކްޓަރު ޖަވާބު ދިނެވެ. އަތުގައި އޮތް ފައިލް މޭމަތީގައި ޖައްސާލަމުން ހަށަންބަނދެލިއެވެ.

މިއީ ރަނގަޅު ހިތެއް ޖެހުމުން ޑޮކްޓަރު ކުރިމަކަމެއް ކަމަށް ލީނާ ނިންމިއެވެ. އެހެންކަމުން ލީނާވެސް ގޮނޑިން ތެދުވިއެވެ. ގޮސް އޭނާގެ މާމަގެ ފުރަގަހުގައި ހުއްޓުނެވެ. އާފާޤް ބާއްވާފައިވާ ކޮޓަރީގެ ހުޅުވިފައިވާ ދޮރުގެ ތެރެއިން އެތެރެއަށް ނަޒަރު ހިންގާލިއެވެ. އާފާޤް ފެނޭތޯ އެވެ.

އާފާޤް ބާއްވާފައި އޮތް އެނދު ކައިރީގައި ބަހައްޓާފައި ހުރި ބައެއް މެޝިންތަކުން ‘ބީޕް’ އަޑާއި ވައިގެ އަޑު އިވެމުން ދެއެވެ. އެ މެޝިނުން ނަރުތަކެއް ގުޅާފައިވަނީ އާފާޤްގެ މެއަށާއި ނިތްކުރީގެ ހިނދިވަޅަށެވެ. އައިވީ ފުޅިން އޭނާގެ އަތަށް ގުޅާފައިވާ ހޮޅިއަށް ވަރަށް ލަސްލަހުން ފަހަރަކު ތިއްކެއް ވެއްޓެމުން ދެއެވެ. އާފާޤްގެ މޫނުމަތިން ފެންނަނީ ހިތާމައާއި އެކަނިވެރިކަމެވެ.

“އާފާޤްގެ ޙާލަކީ ކޮބައިކަން ބުނެދެއްވަފާނަންތޯ؟” ދަލުކާ ވަރަށް ފަރިތަކަމާއެކު އިނގިރޭސިބަހުން އެދުނެވެ.

ފަލަކަޮށް، ކުރުކޮށްހުރި އިންޑިޔާ ނަސްލަށް ނިސްބަތްވާ އެ ޑޮކްޓަރު، ދަލޫކާއަށް ލޯ އަޅާލިއެވެ. އަދި އާފާޤް އޮތް ކޮޓަރިއާއި ދިމާއަށް ގުދުވެގެން ހުރެ ބަލަމުންދިޔަ ލީނާއަށް ބަލައިލިއެވެ. ލީނާ ރީތިކޮށް ހިންދެމިލާ ހަމަޖެހިލިއެވެ.

“ތީ ކޮންބޭފުޅުންނެއް ތޯ؟”

“އަޅުގަނޑަށް ކިޔަނީ ދަލޫކަ، މިއީ އަޅުގަނޑުގެ މާމަ ދަރިފުޅު ލީނާ،” ދަލޫކާ ޖަވާބުދިނެވެ.

“ހެލޯ،” ލީނާ ހިނިތުންވެލިއެވެ. ވަރަށް އަދަބުވެރިކޮށް ޑޮކްޓަރަށް ހެލޯއޭ ބުންޏެވެ.

“ތިޔައީ ޕޭޝަންޓްގެ އާއިލާ ބޭފުޅުންތޯ؟”  ޑޮކްޓަރު ސުވާލުކުރިއެވެ. ކުޑަކޮށް ހަރުކަށި ރާގެއްގައެވެ.

ދަކޫލާ ބޯ ހޫރާލިއެވެ. “ނޫން. އެކަމަކު އަޅުގަނޑުމެންނަށް އޭނަ ފެނުނީ. އަޅުގަނޑުމެން އޭނާ މިތަނަށް ގެނައީވެސް. އަދި އަޅުގަނޑަށް އެނގޭ ޕޭޝަންޓާއި ބަލިމީހާއާއި ދެމެދު ހިފަހައްޓަން ޖެހޭ ސިއްރުތަކެއްވެސް ހުންނަކަން. އަޅުގަނޑެއް ނޭދެން އެފަދަ މަޢުލޫމާތެއް ހޯދާކަށްވެސް. އަޅުގަނޑުމެން މިތާ މަޑުކޮށްގެން ތިބޭތާ އެތަކެއް ގަޑިއިރެއް ވެއްޖެ. އަޅުގަނޑު ހަމައެކަނި އެނގެން ބޭނުންވާހާވެސް ކަމަކީ އެ ކުއްޖާ ރަނގަޅުވާނެތޯ ބަލައިލުން.”

ޑޮކްޓަރު ޖަވާބެއް ނުދީ މަޑުކޮށްލިއެވެ. އަތުގައި އޮތް ފައިލް ނަގައިގެން އެއަށް ބަލަން ފެށިއެވެ. އޭގައިވާ ޗާޓަކަށެވެ. ޗާޓުގައި ފާހަގަތަކެއް ޖަހައި އެއްޗެއް ލިޔަންފެށިއެވެ.

“ޕޭޝަންޓް ފެނުނީ ކޮންތަނަކުންނޭތޯ ތިބޭފުޅުން ވިދާޅުވީ؟” ޑޮކްޓަރ ރިހާބް އަނެއްކާވެސް ކުރީ ސުވާލެވެ.

“ރަށުގެ ހޭޅިފަށާދިމާ މަގުކައިރިފަށުން،” ދަލޫކާ ޖަވާބު ދިނެވެ. އެއީ މީގެ ކުރިން އެމީހުން ހޮސްޕިޓަލުގެ ނަރުހުން ކައިރީގަޔާއި ފުލުހުން ކައިރީގައިވެސް ޖެއްސި ވާހަކައެވެ. “ހީވާގޮތުން އެ ދިމާވިކަމެއް ދިމާވެގެން، ގޮނޑުދޮށުން އަރައިގެން އައިސް މަގަށް ނުކުތްތަނުން ވެއްޓިފަ އޮއްވާ އަޅުގަނޑުމެންނަށް އޭނާ އެ ފެނުނީ.”

ދަލޫކާ ދޮގުހަދައި އޮޅުވާލައިގެން އެގޮތަށް އެ ވާހަކަ އެ ދައްކަނީ ސަބަބެއް އޮވެގެންނެވެ. ޚާއްޞަ ބާރެއް ލިބިފައިވާ އެއްވެސް މީހަކަށް އެހީއެއް ވުމަށްފަހު އެކަން ޢާއްމު އިންސާނުންނަށް ނުއެންގުމަށް އޭނާވަނީ އަމިއްލަ ނަފުސަށް ވަޢުދުވެފައެވެ. އެހެންވެ މިފަހަރު އާޤިސާގެ ވާހަކަ މިކަމުގައި ތިލަކުރެވެން ނެތީއެވެ. އެހެން ނޫނަސް އޮޅުންފިލުފައިދޭން ނޭނގޭ ކަހަލަ ކަންތައްތަކެއް ބަޔަކަށް އޮޅުންފިލުވައިދިނުމަކީވެސް ވާނެކަމެއް ނޫންކަން އޭނާއަށް ޤަބުލު ކުރެވެއެވެ.

“މަގު ކައިރިފަށުންނޭތޯ؟” އަތުގައި އޮތް ފައިލަށް ބަލަން ހުރެފައި އިސްއުފުލާލަމުން ޑޮކްޓަރު ރިހާބް ޝައްކުގެ ނަޒަރަކުން ސުވާލުކުރިއެވެ. “ތިޔަ ދެމައިން ދަންވަރު އެ ހިސާބުގަ ކީއްކުރަންތޯ އުޅުއްވީ؟”

“ގާޑިޔަލަށް މޮޅު ބިލެތްގަނޑެއް ގަންނަން ދިޔައީ.” ދަލޫކާ ވަރަށް ފަސޭހަކަމާއެކު އޮޅުވާލިއެވެ. “ގާޑިޔަލުން ބިލެތްގަނޑެއް ގަނެގެން އަންނަނިކޮށް ފެނުނީ.”

“އެހެންވީމާ ތި ދެމައިންނާ މި ޕޭޝަންޓާ އެއްވެސް ގާތް ކަމެއް ނެތް ދޮގެއްތޯ؟” އަނެއްކާވެސް ޑޮކްޓަރު ސުވާލުކުރިއެވެ. އެއަށްފަހު އަނެއްކާވެސް އަތުގައި އޮތް ފައިލްގައިވާ ލިޔެކިޔުންތަކަށް ބަލަން ފެށިއެވެ. “ތިޔަ ދެމައިން އަސްލު މި ޕޭޝަންޓް އެއްވެސް ގޮތަކަށް ނުވެސް ދަންނަމު ދޮގެއްތޯ؟”

“އާނ. އެހާ ބޮޑަކަށް ނުދަންނަމު،” ދަލޫކާ އެއްބަސްވި އެވެ.

“ދައްތާ ދަންނަވަންތޯ-“

“ދަލޫކަ،” ދައްތާއޭ ކިޔާ މުޚާޠަބު ކުރުމުން އޭނާގެ ނަމުން މުޚާޠަބު ކުރުމަށް އެދުނެވެ.

“ދަލޫކާ،” ޑޮކްޓަރު ރިހާބު ބުނަން ބޭނުންވި ވާހަކަ ދައްކަން ފެށުމުގެ ކުރިން އެ ނަމުން ގޮވާލިއެވެ. “ތިޔަ ކޮށްދެއްވި ކަންތައް އަޅުގަނޑު ފާހަގަ ކުރަން. މިހާ ދަންވަރު ތިފަދަ މަސައްކަތެއް ކޮށްދޭނީ ވަރަށް މާތް ބައެއް. އެކަމަކު މި ޕޭޝަންޓާ އެއްވެސް ގުޅުމެއް ނެތް ބަޔަކަށް ޕޭޝަންޓާ ބެހޭ މަޢުލޫމާތު ހިއްސާކޮށްދެވޭކަށް އަޅުގަނޑަކަށް ނޯންނާނެ.”

“އަޅުގަނޑުމެންނަކީ ބީރައްޓެހިންނެއް ނޫނެއް ނޫންތޯ!” ޝަކުވާގެ ރާގެއްގައި ދަލޫކާ ބުންޏެވެ. “ތިޔަ ބުނުއްވާ ވާހަކަ އަޅުގަނޑުވެސް ޤަބޫލު ކުރަމޭ. އަދި ތިގޮތަށް ސިއްރު ހިފެހެއްޓުމުގެ މުހިންމުކަން ޑޮކްޓަރަށްވުރެން ބޮޑަށް އަޅުގަނޑަށް އެނގެޔޭ. އެހެންވެ އަޅުގަނޑުމެން ހަމައެކަނި މި އެދޭހާވެސް ކަމަކީ އަޅުގަނޑުމެން އެމީހަކަށް އެހީ ފޯރުކޮށްދީގެން މިތަނަށް ގެނައި މީހާގެ ހާލު ރަގަޅުވާނެތޯ ބަލައިލުމޭ އިނގޭތޯ!”

“އެކަމަކު ނެތެއް ނޫންތޯ ބަލަދުވެރިއެއް!” ދަލޫކާ ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ.

“އަޅުގަނޑުމެން ޕޭޝަންޓްގެ ޢާއިލާއަށް އަންގައިފިން. އޭނަޔާ އެކުގަ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ވެސް އެ ހާދިސާގައި ގެއްލުނުކަމަށް މަޢުލޫމާތު ލިބެނީ.”

“އާދެ، ފުލުހުން ވިދާޅުވި މިހާރު އިސްދޫ މުލި ސަރަހައްދު ކޯސްޓްގާޑާއި ގުޅިގެން ބަލަމުން ގެންދާކަމަށް.”

ޑޮކްޓަރު ރިހާބް ބޯ ޖަހައިލިއެވެ. އެއްމެފަހުން ދަލޫކާ ކުރި ސުވާލަށް ޖަވާބު ދީފިއެވެ. “ޕޭޝަންޓް ރަނގަޅުވާން ޖެހޭނެ އިންޝާﷲ”

“ރަނގަޅުވާން ޖެހޭނޭތޯ؟” ޑޮކްޓަރު ދިން ޖަވާބުގައި ހިފައި ދޭލިޔާ ދަމާލިއެވެ.

“ބުނުއްވީމެއް ނޫންތޯ ޕޭޝަންޓް ރަނގަޅުވާނެތޯ ނުވަތަ ނޫންތޯއޭ ބަލަން ބޭނުންވަނީ؟” ލޯ އަޅައިލަމުން ޑޮކްޓަރ ރިހާބް ކުރީ ސުވާލެކެވެ.

“އާދެ، އެކަމަކު ރަނގަޅުވާން ޖެހޭނެޔޭ ބުނުއްވީމަ އޭގެ މާނައެއް އެހާ ސާފެއް ނޫނެއްނޫންތޯ؟ ތިހެން ބުނަންޏާ ބުނެވިދާނެ އަހަރެން ބުރުމާ ޤާސިމާ ކައިވެނިކޮށްގެން ހުރިނަމަ މުއްސަންޖަކަށް ވީސް، އެކަމަކު އެހެނެއް ނުވެއެއް ނޫންތޯ؟”

“ކޮންމެ ގޮތަކަށް ހީކުރިއަސް އަޅުގަނޑަކަށް ނެތް އިތުރު މަޢުލޫމާތެއް ދެވޭކަށް.” ފުން ނޭވައެއްލައި ދެފަރާތަށް ބޯ ހޫރާލަމުން ޑޮކްޓަރު ދިނީ ރުންކުރު ޖަވާބެކެވެ. “އެކަމަކު ބުނަން، އޭނަގެ ހައިޕޯތާރމިއާ ވަނީ ކޮންޓްރޯލް ކުރެވިފަ. ކަފައިގެން ގޮއްސަ ހުރިތަންތަން ވަނީ ފަހާފަ. މައްސަލައަކީ އޭނާގެ ބޮލަށް ލިބިފަ ހުރި ގެއްލުން. އިތުރު ޓެސްޓްތަކެއް ހަދައިގެން ނޫނިއްޔާ ބުނާކަށް ނޭނގޭނެ ކިހާވަރެއްގެ އަނިޔާއެއް ކަމެެއް ވެފައިވަނީކީ. އެކަމަކު މިހާތަނަށް ފެންނަފެނުމުން އޭނާގެ ސިކުނޑީގެ ޙަރަކާތްތައް ރަނގަޅު. . . . އެހެންވީމަ ބުނެވޭނީ އޭނާ ރަނގަޅުވާނެ ކަމަށް ބެލެވެޔޭ ނޫންތޯ.” ރުންކުރުކޮށް ނަމަވެސް އެއްމެ ފަހުން ޑޮކްޓަރު ތަފުޞީލު ދިނެވެ. “އެކަމަކުވެސް ބުނެވޭނީ ޕޭޝަންޓް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް.”

ދަލޫކާ ހިނިތުންވެލިއެވެ. “ޝުކުރިއްޔާ.”

“މަރުޙަބާ.” ޑޮކްޓަރ ރިހާބު ވެސް ހިނިތުންވުމަކާއި އެކު ޖާވާބު ދިނެވެ. “ސުވާލަށް ޖަވާބު ދެވިއްޖެކަމަށް ހީކުރަން. އަހަރެންގެ އެހެން ޕޭޝަންޓުންނަށް އެޓެންޑް ވާން މިދަނީ.”

ޑޮކްޓަރ އެމީހުންނާއި ދުރަށް ހިނގައިގަތެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެންދެން ލީނާ ޑޮކްޓަރ ހުއްޓުވިއެވެ.

“އެއްމެ ރަނގަޅުތޯ އަޅުގަނޑުމެން ޕޭޝަންޓް ކައިރީގައި މަޑުކޮށްލިޔަސް؟” ލީނާ އެދުނެވެ.

“ކީކޭ؟” ހައިރާންކަމާއެކު ހަރުކަށި ގޮތަކަށް ޑޮކްޓަރު ސުވާލުކުރިއެވެ.

“އަޅުގަނޑަށް އެނގޭ ޕޭޝަންޓާއި ގުޅުމެއް ނެތް މީހުން ޕޭޝަންޓް ކައިރީގައި ތިބުމަށް ފުރުޞަތު ނުދޭކަން. އެކަމަކުވެސް އަޅުގަނޑު ބޭނުން ޕޭޝަންޓް ކައިރީގައި މަޑުކޮށްލަން އެޓްލީސްޓް އޭނާގެ ޢާއިލާ މެންބަރެއް އަންނަންދެން. އަޅުގަނޑު ހިތަށް އަރަނީ އޭނާ އެކަނި އެތާ ބާއްވަން ނުވާނެޔޭ. އޭނާ ހެއި އަރާއިރު ކައިރީގައި މީހަކު އިންނަން ޖެހޭނެޔޭ.”

“ހޫމް. އެއްމެ ރަނގަޅު.” ޑޮކްޓަރަށް ލީނާގެ ވާހަކަތައް މިފަހަރު ވަރަށް ފަސޭހައިން ޤަބޫލު ކުރެވިއްޖެއެވެ.

**************

މާގިނައިރެއް ނުވެ އާފާޤްގެ ޢާއިލާ އެއްކޮށް ހޮސްޕިޓަލަށް ޖަމާވެއްޖެއެވެ. އޭރު އާފާޤަށް ކޮންމެވެސް ވަރެއްގެ ހެއިވެރިކަމެއް ވެއްޖެއެވެ. ދެބަ ދޭތެރޭގައި އޮވެގެން އޭނާ ކޮންމެވެސް ލަވަ އެއްގެ ތަންތަންކޮޅު ކިޔަނިކޮށް ލީނާއަށް އަޑު އިވުނެވެ. އާފާޤްގެ މަންމައާއި ބައްޕަ އަދި އަންހެނުން އަނާރާ އެތަނަށް ވަނުމުން ލީނާ އާއި އޭނާގެ މާމަ ބޭރަށް ނިކުމެއްޖެއެވެ.

ހަ ހަފުތާ ފަސް

ލީނާގެ ރައްޓެހި ކުއްޖަކާއެކު ހޮސްޕިޓަލަށް ގޮސްފައި ‘ސެންޓްރަލް ޕާރކަށް’ ވަނީ ކޮފީއެއް ބޯށެވެ. އެތަނަށް ހަމަ ވަނުމާއިއެކު އޭނާގެ ލޮލުގައި އަޅައިގަތީ އާފާޤް އެވެ. އޭނާ އިނީ އެކަނިމާއެކަންޏެވެ. ކޮފީއެއް ބޯށެވެ. މީގެ ހަ ހަފުތާކުރިން ހޮސްޕިޓަލުން ފެނުނުއިރާ ބަލާއިރު މިހާރު ވަރަށް ތަފާތެވެ. ބޯވަނީ ކުރުކޮށް ކޮށާލާފައެވެ. މީހާވެސް އިނީ ފުދޭވަރަކަށް ހިކިފައެވެ. އޭނާ ލައިގެން އިން ހުދު ޓީޝާޓްގެ ދަށުންވެސް އޭނާގެ ބުރަކަށީގައި ހުރި ބޮޑެތި ލަކުނުތައް ފާހަގަވާހެން ހީވިއެވެ.

އަފާޤް އިން ހަޓާއި ދިމާއަށް ލީނާގެ ފިޔަވަޅުތައް މިސްރާބުޖެހީ ކީއްވެގެންކަން ޚުދު އޭނާއަށްވެސް ނޭނގެއެވެ. ގޮސް ހުއްޓެވުނީ ހަޓް ތެރޭގައެވެ.

“އާފާޤް، ކޮބާ ކިހިނެތް؟” އުފާވެރި ރާގެއްގައި ލީނާ އެހިއެވެ.

“ނޭނގުނު . . . ” އާފާޤް އިނީ ވާނުވާއެއް ނޭނގިއެވެ. އެހެނަސް ގަދަކަމުން މޫނުމައްޗަށް ހިނިތުންވުމެއް ގެނައެވެ.

ލީނާ އިށީންދެއްޖެއެވެ. މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑީގައެވެ. އާފާޤްގެ ކުރިމަތީގައެވެ.

“ނޭނގުނު ދޯ ކާކުކަމެއްވެސް؟” ލީނާ ހިނިގަނޑަކާއެކު ސުވާލުކުރިއެވެ.

“ވަރަށް ބޮޑަށް ސޮރީ. ހަމަ އެއްގޮތަކަށްވެސް ނޭނގުނު ތީ ކޮން ކުއްޖެއް ކަމެއް. ކޮންމެހެން އެނގެން ޖެހޭތަ؟” ލާނެތް ހިނތުންވުމަކާއެކު އާފާޤް އެހިއެވެ.

“ކޮންމެހެން އެނގެން ބޭނުން ނޫނިއްޔާ އޯކޭ ނޭނގުނަސް.” ލީނާވެސް ވާހަކަދެއްކީ ސަމާސާ ރާގުގައެވެ. “އެހެން ނޫނަސް އަހަރުމެން ދިމާވީވެސް އެއްމެ ފަހަރަކު. އެވެސް އާފާޤް ހެއިވެރިކަން ނެތް ވަގުތެއްގަ.”

“އޯކޭ. މިހާރު މަ ހަމަ ރަނގަޅަށް ކޮންފިއުޒް ވެއްޖެ. ބިރުވެސް ގަނެއްޖެ.” އަނެއްކާވެސް ލާނެތް ހިނިތުންވުމަކާއެކު އާފާޤް ބުންޏެވެ.

“އާފާޤް މެންގެ ލޯންޗް ބަންޑުންޖާލި ހާދިސާ ހިނގިރޭގަ، އާފާޤް ހޮސްޕިޓަލަށް ގެންދިޔައީ އަހަރެން. މިބުނީ މަށާ މަގޭ މާމަޔާ ދެމީހުންވެގެން.”

“އެއީ ތިކުއްޖާތަ؟” ޤަބޫލުކުރަން ދަތިގޮތަކަށް އާފާޤް ސުވާލުކުރިއެވެ. “ވަރަށް ބޮޑަށް ސޮރީ. އަހަންނަށް އެހީވީ ކާކުކަމެއް، ކޮން ބައެއްކަމެއް އެކަކަށްވެސް ބުނެއެއް ނުދެވުނު. މަންމަވެސް ބުނީ ހޮސްޕިޓަލަށް ދެވުނު އިރު އެތާނގައި ދެ އަންހެނުން ތިބިކަމަށް. އަދި މަންމަމެން އެތަނަށް ވަނުމާއެކު ނިކުމެގެން ދިޔައީ ކަމަށް. ހޮސްޕިޓަލުންވެސް އެ މަޢުލޫމާތެއް ނުލިބުނު. އެހެންވެ މިހުންނަނީ ވަރަށް ދެރަވެފަ.”

“ދެން އަޅާނުލާ. މިހާރު މި އެނގުނީނު!” އާޤިސާ ހިނގަނޑެއް ޖަހައިލި އެވެ.

“އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނީ ތީނަގެ ދެމައިން. ވަރަށް ބޮޑަށް ޝުކުރިއްޔާ!’

“މީ ލީނާ . . . މަރުޙަބާ. އެކަމަކު ފުރާނަ ސަލާމަތް ކޮށްދެއްވީ މާތްﷲ. އެކަމުގެ މެދުވެރިއަކަށް ވީ އަހަންނާ މާމަ އަދި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން. އެހެންވީމަ ﷲ އަށް ޝުކުރުކުރީމަ ރަނގަޅުވާނެ. އެހެން ނޫނަސް އާފާޤް  ސަލާމަތުން ތިހެން އިންތަން ފެނުނީމަ ވަރަށް އުފާވެއްޖެ. ކިހިނެތްތަ ކަންތައްތައް؟” ލީނާ ހީވީ އަނގަޔަށް ބޮލިރަވެއް ލައިގެން ތަޅުވަންފެށިހެންނެވެ.

“ކަންތައްތައް ރަނގަޅުހެން ހީވަނީ. އެެެއްމެންވެސް ތިބީ އަހަރެން ސަލާމަތްވުމުން ވަރަށް އުފަލުން.” އާފާޤް ދިން ޖަވާބުން ލީނާއަށް ޝައްކެއްވި އެވެ. އާފާޤް ގެ ކޮންމެވެސް މައްސަލައެއް އުޅެނީ ކަމަށް ހީކުރެވުނެވެ.

“ފާރުތައް ރަނގަޅުވެއްޖެތަ؟” ޙަޤީޤަތް ހޯދުމުގެ ބޭނުމުގައި ލީނާ ސުވާލުކުރިއެވެ.

“އާނ.” އާފާޤް ބޯ ޖަހައިލިއެވެ. “އެކަމަކު އަދި އެބަޖެހެޔޮ އިތުރު ސަރޖަރީއެއް ހަދަން. ޑޮކްޓަރު ބުނީ މައިނަރ ސަރޖަރީއެއް ކަމަށް. އެހެންވީމާ . . . “

“މައިނަރ އިޒް ބެޓަރ ދެން މޭޖަރ ދޯ.” ލީނާ ހިނތުންވެލިއެވެ.

މޭޒުމަތީގައި ހުރި ހަކުރު އެއްޗާއި އާފާޤް ކުޅެން ފެށިއެވެ. މާބޮޑު ޚިޔާލެއް ފިކުރެއް ނެތްގޮތަކަށް އެއަަށް ބަލަހައްޓައިގެން އިނދެއެވެ.

“އަހަރެން އާފިޤް ގޮވައިގެން ވަރަށް ގިނައިން މިތަނަަށް އަންނަން. މިއީ މިތަނަށް އައި ފުރަތަމަ ފަހަރު އޭނާ . . . .”

“އެނގޭ ދެރަވާނެވަރު އެހާ ގާތް މީހަކު ކުއްލިއަކަށް މަރުވީމާ.” ދެރަވެފައި އިނދެ ލީނާ ބުންޏެވެ. “ސްކޫލް ކައިރީ ހުންނަ ފިހާރައެއް ކައިރިން އަހަރެން އޭނާ ދެކެން ކޮންމެވެސް ވަރަކަށް. އެހައި ބޮޑަށް އޭނާ ނޭނގުނަސް ބަލާބެލުމަށް ހީވަނީ އެއީ ރަނގަޅު ކުއްޖެއްހެން.”

އާފިޤްގެ ހަށިގަނޑު ފެނުނީ ލޯންޗް ބަންޑުންޖަހާލި ޙާދިޘާ ހިނގިތާ ހަފުތާއެއް ފަހުންނެވެ. ކޯސްޓް ގަރޑްގެ ޑައިވަރުންނަށެވެ. ކަނޑު އަޑީގައި އޮއްވައެވެ. ފުލުހުންނާއި ތަޙްޤީޤް ކުރާ ފަރާތްތަކުން ޤަބޫލުކުރަނީ އޭނާ މޫދަށް ވެެއްޓި ގެނބުނީ ހޭނެތިފައި ވަނިކޮށެވެ.

އާފިޤްގެ ޖަނާޒާގެ ކަންތައްތައް ބޭއްވޭވަރު ވީ ދެތިން ދުވަސް ފަހުންނެވެ. ލީނާ އެގެއަަށް ދިއުމަށް ކިތަންމެފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް ދެވޭގޮތް ނުވީއެވެ.

އެ ދެބެއިންގެ ތެރެއިން ލީނާއަށް ކައިރިން ފެނިފައިވަނީ އާފާޤް އެވެ. އެކަމަކު އާފާޤް އަށް ލީނާއެއް މީގެ ކުރިން އެނގިފައެއް ނުވެއެވެ.

“ކޮއްކޮ އާއި ބެހޭގޮތުން ރަށުތެރޭގައި ދެކެވޭ ވާހަކަތައް އެއީކީ ދެތުވާހަކަތަކެއް ނޫން.” އާފާޤް އިސްއުފުލައި ލީނާއަށް ބަލައިލަމުން ބުންޏެވެ. “ފުލުހުންގެ ރިޕޯރޓްގަ ބުނެފަވަނީ އޭނާ ހުރީ ޖައްސައިގެން އޯވަރ ޑޯޒް ވާވަރުގައި ކަމަށް. އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް.”

“އަޅާ ނުލާ!” ބުނާނެ އެހެން އެއްޗެއް ނޭނގިގެން ލީނާ ބުންޏެވެ.

“އަހަރެންވެސް ނުބުނަން އޭނަ ހުރީ ޖައްސައިގެން ނޫނެކޭ.” ގޮނޑީގައި ލެނގިލަމުން އާފާޤްގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ. “އޭނަ ވަރަށް ގަދައަށް ޖައްސާ. އެކަމަކު އެރެއަކު އޭނައެއް އެބުނާ ވަރަކަށް ނުޖައްސާ.”

“އާފިޤް އެއީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްތަ؟” އާފާޤް ވާހަކަދައްކަން ބޭނުންވެފައި އިންކަން އެނގުމުން ލީނާ ސުވާލުކުރިއެވެ. އޭނާ ބޭނުންވީ އާފާޤް ހިފަހައްޓައިގެން ހުރި ވާހަކަތައް ބޭރުކޮށްލުމަށް އެހީތެރިވެދޭށެވެ.

“އެއީ ސަކަ މިޒާޖެއްގެ ކުއްޖެއް. ވަރަށް ހިތްހެޔޮވާނެ. އަބަދުވެސް ބޭނުންވާނީ އެއްމެން އުފަލުގައި ބޭތިއްބުމަށް. އެ ޙާދިޘާ ހިނގިރޭ އޭނާ ކައިރީ ޑްރަގްސް ނުޖެއްސުމަށް ވަރަށް ކިޔިން. އަދި އަބަދުވެސް އަހަރެން އޭނައަށް ނަސޭޙަތް ދިނިން. އަހަރެން ނިންމައިގެން ހުރީ އޭނާ ލަންކާއަށް ފޮނުވައިގެން ރަނގަޅު ކުރުވަން. އެކަމަކު ކީއްކުރާނީދޯ.” އާފާޤްއަށް ރޮވޭގޮތްވުމުން ގަދަކަމުން ނުރޯން މަސައްކަތްކުރާކަން ލީނާއަށް ފާހަގަވިއެވެ.

އާފާޤް ލީނާއަށް ބަލައިލިއެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. އޭނާގެ މޫނުމަތިން ފެންނަން  ހުރީ މޮޅިވެރިކަމެވެ. ހިތާމައެވެ.

“އާފާޤަށް ކުރެވުނުކަމެއް ކުރީމެއްނު އޭނާ ސަލާމަތް ކުރެވޭތޯ. ތަޤްދީރުގަ އޮތް ޕްލޭނެއް އަހަރުމެން ކިތަންމެ ބޭނުންވިޔަސް ބަދަލެއް ނުކުރެވޭނެ.” އަހަރެން އާފާޤަށް ހިތްވަރު ދިނީމެވެ.

“ސޮރީ!!” ނޯށް ދަމާލަމުން އާފާޤް ބުންޏެވެ. “އެރޭ ކަންތައްވި ގޮތް އެއްކޮށް ހަނދާންވާނެ ނަމައޭ ހިތަށް އަރަނީ. އެރޭގެ އެތައް ކަމެއް އަހަރެން މިއުޅެނީ ހަނދާނަށް ނައިސްގެން.”

“ފަހަރެއްގައި ތިކަމުގަ އަހަންނަށް އެހީއެއް ދެވިދާނެ.” ލީނާ ބުންޏެވެ. ” އާފާޤް ހަނދާން ހުރީ ކޮންކަންކަމެއް؟”

“އަހަރެން ހަނދާންހުރީ ލޯންޗަށް އެރި ހަނދާން. ދެން ލޯންޗްގައި އިން މާއިން އާއި ވާހަކަދެއްކުނު ހަދާން. ދެން . . . ދެން ހަނދާންހުރީ ހޮސްޕިޓަލުގައި އޮވެ އަހަންނަށް ހޭވެރިކަން ވި ހަދާން.”

އާފާޤަށް ހަނދާންހުރި މިންވަރު ކިޔައިދިނެވެ.

“ފަހުން އަހަރެން މާއިން ކައިރީ އަހައިގެން ވަރަށް ގިނަ ކަންކަން އޮޅުންފިލުވިން. މާއިން އެއީ އެރޭ ލޯންޗްގައި ތިބި އަންހެންކުދިންގެ ތެރެއިން އެކަކު.” އާފާޤް އިތުރު ތަފްޞީލު ދޭންފެށިއެވެ. “މާއިން އާއި އެނާގެ ރަޙްމަތްތެރިޔާ ފަތާފަ އެއްގަމަށް އެރީ. އަހަރެން އާފިޤް ފެނޭތޯ ފުއްޓަރުގެ އެ ބިޔަ ރާޅުތަކުގެ ތެރޭގައި މަޑުކުރީ. މިއީކީ އަހަރެން ހަނދާން ހުރި ކަންކަމެއް ނޫން. ލޯންޗް ފަރަށް އެރީ ކަމެއް. ތަނެއްގައި ޖެހުނީއެއް ކަމެއް އަހަރެން ހަނދާނެއް ނެތް.”

“އެވަރުން އުޅެގެންވެސް އަހަރެންގެ ކޮއްކޮ އެއް ނުފެނުނު. ދެން އަހަރެން އުރަފަށް މައްޗަށް ކޮންމެވެސް ގޮތަކުން އެރީ.” އާފާޤް ބޯ ހުރާލިއެވެ. “އެކަމަކު އަހަންނަކީ އެހެން ހިތްވަރު އެލުވާލާފަ ރެކޭ މީހެއް ނޫން. އެހެންވެގެން އަހަންނަށް ޤަބޫލު ނުކުރެވިގެން މި އުޅެނީ. އަހަރެން ކޮއްކޮ ނުފެންނަންދެން ނާރާނެކަން އަހަންނަށް ޔަޤީން.”

“ފަހަރެއްގައި ވެދާނެއެއްނު އާފާޤް އެއްގަމަށް އަރުވަން މީހަކު އެހީވެދިނީ ކަމަށް.” ލީނާ އޭނާއަށް ހީވާގޮތް ކަމަށް ދައްކަމުން ބުންޏެވެ. އެރޭ އާފާޤް ސަލާމަތްކުރީ ކާކުކަން ލީނާއަށް ހަމަ ރަނގަޅަށް އެނގެއެވެ.

“އަހަރުމެންނަށް އާފާޤް ފެނުނީ ހޭޅިފަށާ ދިމާއިން މަގުކައިރިން. އެކަމަކު މަގުގެ އެހާހިސާބަށް އާފާޤް ގެންދިން މީހަކު އާފާޤް އެތަނަށް ދޫކޮށްލާފަ ދިޔައީ ކީއްވެބާއޭ އަހަރެންގެ ހިތަށްވެސް މިއަރަނީ.” ލީނާ ބޭނުންވީ އޭނާއަށް އެނގިހުރި މިންވަރުން ބައެއް ފޮރުވުމަށެވެ. އޭނާވެސް އާޤިސާގެ ވާހަކަ ތިލަކުރާކަށް ބޭނުމެއް ނުވިއެވެ.

“އާނ. ތީ މަވެސް ހިތަށް އަރާއެއްޗަކީ.”

“އެރޭގެ ކަންތައްތައް ހަނދާންނެތަސް މަށަށް އެނގެނީ ތީ ވަރަށް ހިތްވަރުގަދަ ޒުވާނެއްކަން. މާއިން މަށަށް ކިޔައިދިން މާއިން އާއި ޒޯޔާ ސަލާމަތްކުރަން އާފާޤް ކުރި މަސައްކަތް. ތީނައަށް ކިތައް އަހަރުތަ؟”

“ފަންސަވީސް.” އާފާޤް ހިނިތުންވަމުން ބުންޏެވެ.

“ފަންސަވީހޭ؟ ހާދަ ޔަންގް ލުކެއް!” ލީނާ ބޭނުންވީ ވާހަކައިގެ މިސްރާބް ބަދަލުކޮށްލާށެވެ. “ދެން ނިމިދިޔަ ކަންތަކާ އެހާވަރަށް  ނުވިސްނާ.”

“އާނ ހަމަ އެއްމެ ފަންސަވީސް އަހަރު. ޤަބޫލެއް ނުކުރެވޭދޯ؟”

“ހޫމް.” ހިނިތުންވެލަމުން ލީނާ ބުންޏެވެ. “ވަރަށް އުފާވެއްޖެ އާފާޤް އާއި ބައްދަލުވީމަ. އެރޭވެސް އަދި މިއަދުވެސް!”

“ދަނީތަ؟” ލީނާ ތެދުވަން އުޅެންފެށުމުން އާފާޤް ސުވާލުކުރިއެވެ. “ކޮފީއެއް އެއްޗެއް ނަމަވެސް ބޮއެގެންނެއްނު ދާންވާނީ؟”

“ނޫނޭ. އަހަރެން މީ ރައްޓެއްސަކާއެކު ހޮސްޕިޓަލަށް އައި މީހާ. އާފާޤް ފެނިގެން ހަމަ މިދިމާއަށް އާދެވުނީ. އެހެން ނޫނަސް މިވަގުތު ކޮފީ ބޯހިތެއް ނެތް.”

‘އެހެންވެއްޖެއްޔާ އެއްޗެއް ކައިގެން ދާންވާނީ. މިތަނުގެ ފްރައިޑް ރައިސް ގެ ވަރަށް ޓޭސްޓް ރަނގަޅު. އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް އެހީވި ކުއްޖަކަށް އަހަރެން އެވަރު ކަމެއް ކޮށްދިނުމުގެ ފުރުޞަތު ދޭން އެއްމެ ރަނގަޅެއްނުދޯ.”

“ވަރަށް ސޮރީ. މީގެ އިރުކޮޅެއް ކުރިންނޭ އަހަރެން ކައިގެން މިހުރީ. ދެން އެހެން ފަހަރަކުން ދޯ؟” ލީނާ މަޑުކުރަން ކިތަންމެ ބޭނުންވިޔަސް މަޑުކުރެވެން ނެތުމުން ބަހަނާ ދެއްކިއެވެ.

“މައްސލައެއް ނެތް،” އާފާޤް އެއްބަސްވިއެވެ. ލީނާ ދާން ހިނގަައިގަތެވެ. އެވަގުތު އަނެއްކާވެސް އާފާޤް ބުންޏެވެ. “އެރޭ އަހަންނަށް އެއްވެސް އެއްޗެކޭ ކިޔުނުތަ؟؟ . . . މިބުނީ ދެބަދޭތެރޭގަ އޮވެ ނަމަވެސް؟”

ލީނާ ކުޑަކޮށް މަޑުކޮށްލިއެވެ. “ނޫން. ކިހިނެތްވީ؟”

“ހަމަ ހީވަނީ ކޮންމެވެސް ކަމެއް އަހަންނަށް ހަނދާން ނުވެގެން އުޅޭހެން. ކޮންމެވެސް މުހިންމުކަމެއް. ބުނެދޭކަށްވެސް ނޭނގޭ. އެރޭ ހިނގި ކޮންމެވެސް ކަމަކާމެދު ވަރަށް އެހެންކަހަލަ އިޙްސާސެއް ކުރެވެނީ. ބުނެދޭކަށްވެސް ނޭނގޭ މިއީ ކޮންކަހަލަ އިޙްސާސެއް ކަމެއް.”

“ކަމެއް ހަނދާން ކުރަން އުޅެއުޅެ ހަނދާން ނުވީމަ ވާ އުނދަގޫ ދޯ؟” ލީނާ ސުވާލުކުރިއެވެ.

“މިބުނީ އެވާހަކައެއް ނޫން. މިއީ ވަރަށް ގޮތް ނޭނގޭ އެހެން ކަހަލަ ކަމެއް ހަނދާން ނުވެގެން މިއުޅެނީ.”

“ތި ބުނަން އުޅޭ އެއްޗެއް ނުވިސްނުނު.” ލީނާ ދެފަރާތަށް ބޯ ހޫރާލިއެވެ.

“ކިހިނެތްތަ މިކަން ކިޔައިދޭނީވެސް. ހީވަނީ . . . ހީވަނީ އަހަރެންގެ ސިކުނޑީގައި ކޮންމެވެސް ރާގެއް ކުޅެމުން އަންނަހެން. ކޮންމެވެސް ޅެން ބައިތުތަކެއް ސިކުނޑިތެރޭގައި ގުގުމަމުން އަންނަހެން. އެކަމަކު އެ ބައިތުތަކުން އެއްމެ ބަހެއްވެސް ރަނގަޅަކަށް ހަނދާނެއް ނުވޭ. އާފާޤް އޮޅުންފިލުވައިދެވޭތޯ މަސައްކަތް ފެށިއެވެ. “ހީވަނީ ތަނެއްގަ އޮތް އެއްޗެއް ބޯ ދުންފިނީގެ ސަބަބުން ރަނގަޅަށް ސާފުކޮށް ނުފެނިގެން އުޅެވޭހެން. އެ ޅެންބައިތުތަކުން ބައެއް ބަސްބަސް އަހަރެންގެ ހިތަށް އަޔަސް ދުލާއި ހަމަައަށް ނައިސްގެން މިއުޅެނީ.”

“ހޫމް. ދެބަ ދޭތެރޭގަ އޮވެގެން ފާޑެއްގެ ޅެމެއްގެ ތަންތަންކޮޅު ތީނަ ކިޔޭ.” ހޮސްޕިޓަލުގައި އޮވެގެން އާފާޤް އަށް ކިޔުނު ޅެމުގެ މަތިން ލީނާ ހަނދާންވިއެވެ.

“އެހެންތަ؟” އުއްމީދާއި އެކު އާފާޤް ބުންޏެވެ.

“އާނ. އާފާޤް ހޮސްޕިޓަލުގައި އޮތްއިރު އަހަރެން އިނީ ތީނަ ކައިރީގަ. އެހެން އިންދާ ދޭތެރެއަކުން އާފާޤް ކޮންމެވެސް ބައިތުތަކެއް ކީ. ވަރުބަލިކަމާ . .. . ކަންނެތްކަމާ …. މިފަދަ ކޮންމެވެސް އެއްޗެކޭ ކިއީ. ދެން ނެތް ހަނދާނެއް.”

“އޯކޭ. ދެން އަޅާނުލާ.” އާފާޤް ބުންޏެވެ.

ލީނާ ހިނގައިގަތެވެ. އާފާޤް އިން ހަޓާއި ފުދޭވަރަކަށް ދުރަށް ގޮސްފައި އަނެއްކާވެސް މަޑުކޮށްލިއެވެ. އެނބުރި އާފާޤަށް ބަލައިލަމުން ވާހަކަދައްކަން ފެށިއެވެ. “ދެންވެސް ދަންވަރު ކަނޑުމައްޗަށް މަޖާނަގަން ނާރާތި. ޚާއްޞަކޮށް އިސްދޫ މުލި ސަރަޙައްދަށް. އަހަރެންގެ މާމަ ބުނި އެއީ ވަރަށް ނާމާން ސަރަޙައްދެކޭ. އަހަރެން ބޭނުމެއް ނޫން އާފާޤަށް އެއްވެސް ގެއްލުމެއްވާކަށް.”

“މައްސަލައެއް ނޯންނާނެ. ޓޭކް ކެއަރ.” އާފާޤް ހިނިގަނޑަކާއެކު ޖަވާބުދިނެވެ.

ނިންމުން – މި އަހަރުގެ ފެބްރުއަރީ މަސް

“އާޤިޞާ، ނިކަން މިތަނަށް އައިސް އަހަރުމެންނާ ވާހަކަ ދައްކާލަން މަޑުކޮށްބަލަ!” އާޤިސާގެ ފުރަގަހުގައި ހުރި އޭނާގެ ދައްތަ ތާނީ އެދުނެވެ. ނަމަވެސް އާޤިޞާ ފަސްއެނބުރި ބަލާވެސް ނުލައެވެ.

ފުއްޓަރުގެ ގާތައް އޭނާގެ ފަޔަށް ހެރެމުންދާ ކަހަލައެވެ. ނަމަވެސް އާޤިސާ އަށް އެއީ މާބޮޑުކަމަކަށް ނުވާކަހަލައެވެ. އިސްދޫ މުއްޔާއި ދިމާ އިރުމަތީ ފަރާތު ފުއްޓަރު ސަރަޙައްދަކީ އަކިރި ގައު ފުދޭވަރަކަށް ގިނައިން ލައްގާފައި އޮންނަ ތަނެކެވެ. ފުއްޓަރުން އެއްގަމަށް ރަހައި ތައް ފައިބާފައި ހުރެއެވެ. އެމީހުން ތިބީ އެތަނުން ރަހައިގަނޑެއް މަތީގައެވެ.

ތާނީ އާއި ފިއުޒާ އެތިބީ އެމީހުންގެ ކޮއްކޮ އާޤިސާ ގޮވައިގެން އެތަނަށް ގޮހެވެ. ‘ވާހަކަ ދައްކާލުމަށެވެ.’ އެމީހުންނާ އެއްބަނޑު އެއްބަފާ ދައްތަ ލިއުޒާ ބަހައްޓާފައެވެ. ފިއުޒާ ބޭނުންވެގެން އެ އުޅެނީ ވާހަކަ ދައްކަމުން ބޭރަށް އެރެމުން އެރެމުން ދާށެވެ. ނަމަވެސް އާޤިސާ އެކަމާ ދެކޮޅު ހެދިއެވެ. އެ ރަހައި ގަނޑުގެ ގާތައް މަތީގައި ހިނގުމަކީ އޭނާއަށް ނުހަނު ހިތްގައިމު ކަމެކެވެ. ތަނބިކައްޓާއި ހަމައަށް ދިޔަވަރު އޮންނައިރު އަދި މާ ހިތްގައިމެވެ. ރާޅުތައް އައިސް ފައިގައި ބީހިލުމުން ބުނަން ނޭނގޭކަހަލަ އިޙްސާސެއް އޭނާއަށް ކުރުވައެވެ.

އާޤިސާގެ ބޮލާއި ދިމާ މަތިން، އުޑުމަތީގައި ސާދަވިލޭރޭގެ ހަނދު ރަސްކަން ކުރަމުން ދެއެވެ. އެއީ ހަމަހިމޭން ދަންވަރެކެވެ. އާޤިސާ ބޭނުންވަނީ އެ ހިތްގައިމު ރޭގެ އުފާ ލިބިގަންނާށެވެ.

އާޤިސާ މިހާރު ހުރި ހިސާބާއި މާދުރު ނޫން ހިސާބަކުން މިހާރުވެސް އެ ގައު ފެންނަން ހުއްޓެވެ. އެއީ މީގެ ފަސްއަހަރު ކުރިން އޭނާ ސަލާމަތް ކުރުމަށް އެ ޒުވާނާ ލޯންޗް އަނބުރާލަން އުޅުމުގެ ތެރޭގައި އެ ނުރައްކާތެރި ޙާދިސާ ހިނގައިދިޔަ ތަނެވެ. މިހައި ދުވަސްވީއިރު އަދިވެސް އާޤިސާ އުޅެނީ އެ ޒުވާނާއަށް އޭނާ އެނގިދާނެތީ އެކަމުގެ ބިރާއި އެކުގައެވެ.

އެރޭ އޭނާ ކަޓުޖައްސާފައި އެތަނަށް ދިޔަކަން އަދިވެސް އޭނާގެ ދައްތަމެންނަކަށްވެސް ނޭނގެއެވެ. އާޤިސާއަކީ މާގިނައިން މީހުން އުޅޭ ހިސާބަށް ގޮސްއުޅޭ މީހެއް ނޫނެވެ. މީހަކާ ދިމާވިޔަސް، އޭނާމަތިން ހަނދާން ނައްތާލަން ޖެހޭގޮތް ޢާޤިސާއަށް ލިބިފައިވާ ޚާއްޞަ ބާރުތަކުގެ ތެރެއިން ބާރެއް ބޭނުންކޮށްގެން ހަދައެވެ. އެގޮތަށް ކަންތައް ކުރަނީ ރައްކާތެރިކަމުގެ ގޮތުންނެވެ. އޭނާގެ ދައްތަމެންނަށް އެނގުނަ ނުދިނުމަށެވެ. ނަމަވެސް އެކަމުގެ އެއްވެސް ފައިދާއެއް މިއަދަކު ނެތެވެ. މިރޭ އޭނާ އެހެރީ އެތަނުގައެވެ. އޭނާގެ ދައްތަމެންނާއި އެކުގައެވެ.

ޢާޤިސާ،” ފިއުޒާ އަނެއްކާވެސް އޭނާއަށް ގޮވައިލިއެވެ. ވަރަށް ޖާޒުބީ ރާގެއްގައެވެ.

ވޭތިވެ ދިޔަ ދުވަސްތަކުގައި ފިއުޒާގެ އަނގައިން އާޤިސާއާއި ވާހަކަދެއްކުމަށް ބޭރުކޮށްލާ ކޮންމެ ލަފުޒަކީ ވިހަ ޒަހަރެއްގެ ވިހަޔަށްވުރެންވެސް ވިހަގަދަ ބަސްތަކެކެވެ. އެކަމުން، މިރެއަކީ ތަފާތު ރެއަކަށް ވާނެ ރެއެއްކަން އާޤިސާއަށް އެނގެއެވެ. މީގެ ކުރިން ފިއުޒާގެ އަނގައިން އެހައި އޯގާތެރި އެއްމެ ލަފުޒެއްވެސް ބޭރުވެފައެއް ނުވެއެވެ. އާޤިސާ ހަނދާން ހުންނަން ފެށި އިރުންފެށިގެން މިއަދާއި ހަމައަށެވެ.

“ފިއުޒާ، މިރޭ އަހަރެން މިތަނަށް މިއައީ ކުޑަކޮށްވެސް މިތަނަށް އަންނަ ހިތަކުން ނޫން.” އެއްމެފަހުން ހަރުކަށި ރާގެއްގައި އާޤިސާ ބުންޏެވެ.

“މިހިސާބަށްވެސް އައިސްފީމެއްނު. ދެން ކީއްތަވާނީ ތަންކޮޅެއް ބޭރަށް އެރުނިއްޔާ؟” ފިއުޒާގެ އަޑުގައި މިފަހަރުވެސް ހުރީ އޯގާތެރިކަމެވެ.

ލޮނުގަނޑު ކަފަމުންދާ އަޑު އާޤިސާގެ ކަންފަތުގައި ޖެހުނެވެ. އޭރު ފުއްޓަރުގެ ރާޅުތަކުގެ ތެރެއިން ފިއުޒާ ބޭރަށް އެރެމުންދެއެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާ ހުއްޓުނެވެ. އާޤިސާއާއި ދިމާއަށް އެނބުރުނެވެ. ކިތަންމެ ވަރަކަށް ފިއުޒާގެ މޫނުމަތިން އޯގާތެރިކަމާއި ކުލުނުވެރިކަން ދައްކަން މަސައްކަތް ކުރަމުން ދިޔަނަމަވެސް އެ މޫނުމަތިން އާޤިސާއަށް ފެންނަނީ ވިހަ ކަމެވެ. ކެހިވެރިކަމެވެ.

“ހިނގާބަލަ ފަތާލަން ދަމާ،” ކުރިންވެސް ވާހަކަދެއްކި އޯގާތެރި ގޮތަށް ފިއުޒާ ވާހަކަދެއްކިއެވެ.

“ދެން ދޭބަލަ އާޤީ،” އެއްމެފަހުން ތާނީވެސް އެކަމަށް އެދުނެވެ. އޭނާގެ އަޑުގައިވެސްވަނީ ވިހަ ކަމެވެ.

ތާނީ އަރާހުރި ބޮޑު ގަލުގެ މަތިން ފައިބައިގެން ގޮސް އާޤިސާ ކައިރީގައި ހުއްޓުނެވެ. އޯގާތެރިކަން ދެއްކުމަށް ހިނިތުންވަމުނެވެ. ނަމަވެސް އެ ހިނިތުންވުންވެސް އާޤިސާއަށް ރަނގަޅަށް އެނގެއެވެ. ތާނީގެ ދެ ލޮލަށް ބަލައިލުމުން އޭނާގެ ޚަޞީލަތް ނުބައިކަންވެސް ހަމަ ރަނގަޅަށް ފެންނަކަހަލައެވެ.

“ފިއުޒާ ކޮންމެކަމެއްވެސް ކޮށްފާނެކަން އަހަންނަށް އެނގޭ،” ތާނީއަށް ލޯ އަޅާލަމުން އާޤިސާ ވާހަކަދައްކަން ފެށިއެވެ. “އެކަމަކު ކަލޭ؟ ކަލޭވެސް މަށާ ދިމާކުރަން ދޯ ތި ނިންމީ، ތާނީ.”

“އަހަ—އަހަ…..” ތާނިޔާ އާގަންނަމުން ވާހަކަދައްކަން ފެށިއެވެ. “މިކަމުގަ އަދިވެސް މަތަ ކުއްވެރިކުރަންވީކީ؟.”

“ދުވަހަކުވެސް ކަލޭމެންގެ ކުށެއް އޮވޭތަ؟” އާޤިސާވެސް ޖަވާބު ދިނީ ސުވާލަކުންނެވެ.

“އަހަރެން ކަލޭ ކައިރީގައި ބުނީމެއްނު އެކަން ހުއްޓާފަ ފިއުޒާއާ ގުޅިގެން އުޅޭށޭ، އެކަމަކު ކަލޭ އެކަމަށް އަޅާވެސް ނުލަމެއްނު. ކަލޭ ބޭނުންވީ އޭނަޔާ ގެޅިގަނެގެން އުޅޭކަށްނު.” ތާނީގެ ބަހުރުވަ ބާޒާރުމަތީ ބަހުރުވަޔަށް ވެއްޓުނެވެ.

“އެބުނާހެން،” ތާނިޔާގެ ވާހަކަޔަށް ފިއުޒާ ތާއިދު ކުރިއެވެ. އޭރު ކުރިން އޭނާގެ މޫނުމަތިން ދަކަމުންދިޔަ އޯގާތެރިކަމުގެ ކަންފުޅެއްވެސް ނެތެވެ. “ކަލެއަކީ އަހަރުމެންނަށް ޖެހިފަ އޮތް ބޮޑު ނޮހޮރޮއްޕާނެއް. ބޮޑު ބަލާވެރިކަމެއް، މިހިރަ އާޤިސާ.”

ފިއުޒާއާއި ދިމާއަށް އަނެއްކާވެސް އާޤިސާ އެނބުނެވެ. “ކީއްވެގެން؟ އަހަރެންގެ ވަށައިގެންވާ ތަންތަން ހަލާއްކުކޮށް އިންސާނުން މަރައި ނޫޅޭތީދޯ މައްސަލައަކީ؟ އަހަންނަށް އެ ބާރު ލިބިފަވީނަމަވެސް ކަލޭމެން ގޮތަށް އަނިޔާވެރި ނުވުން ދޯ މައްސަލައަކީ؟ އަހަރެން ކުރިން އުޅުނު ގޮތް ދޫކޮށްލީމަ ދޯ މައްސަލައަކީ؟”

“ކަލެއަށް ޖެހޭނީ އަހަރެން ބުނާގޮތަކަށް ދިރިއުޅެން،” ވިހަ ހިނިގަނޑަކާއެކު ފިއުޒާ އިންޒާރު ދިނެވެ.

“ކަލޭތީ ފައްކާ ނަގޫބަޅެއް،” އާޤިސާ ހަޅޭއްލަވައިގަތެވެ. “ކަލޭ ބުނާހާ ގޮތަކަށް ކަންތައްތައް ކުރަން އަހަރެން މިހާރު ވަރަށް ފޫހިވޭ.” އާޤިސާ ބޭނުންވީ އިތުރަށް ފިއުޒާ ރުޅިއަރުވާށެވެ.

“މަވެސް ކަލޭގެ ބަލާވެރިކަމުން ސަލާމަތް ނުވެވިގެން އުޅޭތާ ކޮން ދުވަހެއް!” ފިއުޒާ ކުރިއަށްވުރެންވެސް ބާރަށް ހަޅޭއްލަވަން ފެށިއެވެ. އޭރު އޭނާގެ ކަޅުކުލަގަދަ ދެލޮލުގެ ކުލަ ފެހި-ރީނދޫ ކުލައަށް ބަދަލުވަމުންދިޔައެވެ. ލޮލުގެ ކުލައިގެ އިތުރުން ލޮލުގެ ބައްޓަމަށްވެސް ބަދަލު އަންނަމުން ދިޔައެވެ.

“ކަލޭގެ ކޫސަނި ހަޅޭއްލެވުމާ ޝަކުވާގެ އަޑު އަހާއަހާ އަހަރެން ފޫހިވެއްޖެ! ކަލޭ ކުރިއަށްވުރެންވެސް ސޯލިހުވާން ތިޔަ އުޅޭ އުޅުމާމެދު އަހަރެމެން ކަންބޮޑުވަނީ. ކަލޭ ތިއުޅެނީ ކަލޭގެ މަޤާމާ، ކަލެޔަކީ ކާކުކަން އޮޅިގެން!”

“މަގޭ މަޤާމޭ؟ ބަލަ އަހަންނަކީ ނޫންތަ އަސްލުގަ ކަލޭމެންގެ ދައްތައަކީ، ފިއުޒާ!” އާޤިސާ ހަޅޭއްލަވައިގަތެވެ. މިފަހަރު ފިއުޒާއާއި ތާނީގެ ދަށުވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައި ކުޑަވެގެން ކަކޫމައްޗަށް ތިރިވާކަށް ބޭނުމެއް ނޫނެވެ. “ބަލަ ކަލޭމެން ހަނދާން ނެތުނީތަ؟ އަހަރަމެންގެ އަސްލަކީ ކޮބައިކަން ކަލޭމެން ދެމީހުންވެސް ހަނދާނެއް ނެތް ދޯ؟”

“ފިއުޒާ އޭ؟” އޭނާއަށް ކުރިން ކިޔައި އުޅުނު ނަމުން ޢާޤިސާ ގޮވީތީވެ މަލާމާތުގެ ރާގަކަށް ބަރުބަރު އަޑަކުން ފިއުޒާ ހޭން ފެށިއެވެ. ހަމައެއާއެކު ލޮނުގަނޑުން މައްޗަށް އެރިއެވެ. ލޮނުގަނޑު މަތީގައި ބިއްލޫރިގަނޑެއް އަޅާފައި އޮއްވާ އޭގެ މަތީގައި ހިނގާފައި އަންނަފަދައިން ފިއުޒާ ހިނގަމުން ދިޔައީ ލޮލުގަނޑުގެ އެއްމެ މަތީފަށަލައިގައި ފިޔަވަޅުތައް އަޅަމުންނެވެ. އަޅާ ކޮންމެ ފިޔަވަޅަކާއެކު ލޮނުގަނޑުގައި އާދަޔާ ޚިލާފު ރާޅުބާނި ތަކެއް އުފެދެމުން ދިޔައެވެ.

“އަރީޝާ. އާދިޔާ، އަޤްލީމާ.” ފިލިތަކަށް ދަމަމުން ޢާޤިސާއަށް ކުރިން އެމީހުން ކިޔަމުންދިޔަ ނަން ލިސްޓް ފިއުޒާ ކިޔަން ފެށިއެވެ. “މަގޭ މިހިރަ ޅަ އާޤިސާ ކޮއްކޯ. މީގެ އެތައް ޒަމާނެއް ކުރިން އަހަރުމެންނަކީ ކޮންމެ ނަމެއް ކިޔާ، ކޮންމެ މީހަކަސް އަހަރުންނަށް ކީއްތަ؟ ކަލޭ ހަނދާން އެބަހުރިތަ އަސްލު އަހަރުމެންނަކީ ކޮންކަހަލަ، ކޮން ބައެއްކަން؟”

ފިއުޒާ ހިނގަމުން ގޮސް ހުއްޓުނީ އާޤިސާގެ ކުރިމައްޗަށެވެ. ވަރަށް ކައިރިއަށެވެ. ދުރުން ބަލައިލާ މީހަކަށް ހީވާނީ ފިއުޒާ އުޅުނީ އާޤިސާގެ މޫނަށް ދޮނެއްދޭން ހެންނެވެ. އެހެނަސް ފިއުޒާގެ މޫނުމަތީގައިވާ ކުލަވަރު އެއަށްވުރެން ނުރައްކާތެރިއެވެ. ލޮލުން ފެންނަނީ ހީލަތްތެރިކަމާއި ނުރައްކަލުގެ އަސަރެވެ. އޭނާގެ ދަތްތައް ވެސް އޭރުވަނީ ތޫނުވާން ފަށާފައެވެ.

“އަހަންނަކީ ކަލެއެއް ނޫން.” އާޤިސާ ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. “އަހަންނަކީ ކަލޭކަހަލަ މީހެއް ނޫން. ކަލޭ ކަހަލަ މީހަކަށް ވާން އަހަރެން ބޭނުމެއްވެސް ނޫން. މިހާރު އަހަރެން ދެރަވެސް ވޭ ކަލޭމެންނަކީ ފުރޭތަތަކެއްފަދަ ބައެއްކަން އެނގުނު ލެތް ލަސްވީތީވެސް.”

“ފިއުޒާ، އަހަންނަށް ހީވަނީ މިވަގުތު މިކަން ކުރުން ރަނގަޅެއް ނޫންހެން.” ދުރުގައި ކުޅިބަލަން ހުރި ތާނީ އައިސް އާޤިސާއާއި ފިއުޒާ ކައިރިއަށް ހުއްޓެމުން ބުންޏެވެ. “މިވަގުތު ހަނދުވެސް އެހެރީ އެއްމެ ފުރިހަމަ ވެފައެއްނު.”

“ތާނީ، ކަލޭވެސް މަޑުން ހުރޭ. މިކަން ކުރުމަށް އަހަންނަށް އެހީތެރިވެވެން ނެތިއްޔާ ކަލޭ ގޮސް ދުރުގަ ހުރޭ!” މިނިކާވަގެއް ހޭރިގަންނަ ފަދަ އަޑެއް ލައްވާލަމުން ފިއުޒާ ހަޅޭއް ލަވައިގަތެވެ.

އޭރު ފިއުޒާގެ ދެލޮލުގެ ކުލަވަނީ ފެހި-ރީނދޫ ކުލައަށް ބަދަލުވެފައެވެ. އެ ދެލޮލުގެ ބައްޓަމުން ވައްތަރީ ޖަނަވާރެއްގެ ލޮލަކާއެވެ. އާޤިސާ ހުރީ ފިއުޒާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ. ކަޅިޖަހައިވެސް ނުލައެވެ. އޭނާގެ ކައިރީގައި ތާނީ ހުއްޓިހުރިކަން ފިއުޒާއަށް އެނގެއެވެ. ފިއުޒާގެ ހިތުތެރޭން އެދެވެމުން ދިޔައީ އެއްމެ ފަހަރަކު ނަމަވެސް ތާނީ އޭނާގެ ދިފާޢުގައި ނިކުތުމަށެވެ. ނަމަވެސް އެވަގުތު އޭނާއަށް އިވިގެން ދިޔައީ ލޮނުގަނޑު ކަފަމުން، ފިޔަވަޅުތަކެއް އަޅަމުން ފިއުޒާ ދުރަށް ހިނގަންފެށި އަޑެވެ. އާޤިސާ އެކަނިކޮށްފައެވެ. ފިއުޒާގެ ވަކިތަކުގެ ދަށުގައި ވާނެއެއްޗެއް ވުމަށް ދޫކޮށްލާފައި އެއްގަމަށް އެރިކަން އެނގުމުން ހިތުގައި ޖެހުނެވެ. އެވަގުތަކީ އާޤިސާގެ އެއްމެ ފަހު ވަގުތުކޮޅުކަން އޭނާއަށް ވަރަށް ރަނގަޅަށް ޔަޤީން ކުރެވިއްޖެއެވެ.

“ކަލޭ އަހަރެން މަރާލަން ބޭނުމިއްޔާ މާ ގިނަ ކުޅިވަރުތައް ނުދައްކާ މަރާލަބަލަ!” އާޤިސާ ރުޅިއައިސް ރަތްވެފައި ހުރެ ވާހަކަދައްކަން ފެށިއެވެ. “މުޅި އުމުރު ކަލޭގެ ތިޔަ ރަހުމެއްނުވާ ވިހަ ދެލޮލުގެ ސިހުރުގައި ޖެހިގެން އުޅޭކަށް އަހަރެން ކޮންމެހެން ބޭނުމެއްނޫން!”

“ކަލޭ ބޭނުންވާ ގޮތެއް!!!” ފިއުޒާ ތަންމިނަށް އަނގަ ހުޅުވަމުން ހޭން ފެށިއެވެ. އޭރު އޭނާގެ އަނގައިން ފެންނަމުންދިޔައީ މިނިކާ ޖަނަވާރެއްގެ ދަތްތަކަށްވުރެންވެސް ބިރުވެރި ދަތްތަކެކެވެ. “އަކަމަކު ކަލެއަށް ހަނދާންކޮށްދޭން ބޭނުންވާ ކަމެއް އެބައޮތް. އަހަރެން މިކަން މިކުރަނީ ވަރަށް ކުރާހިތުން ހުރެ. މިދުވަހަށް ފެން ބޮވައިގެންފަ ހުންނަތާ ލައްކަ ދުވަސް ފަހުން.”

“ތީކީވެސް އަހަންނަށް އޮޅިފައޮތް ކަމެއް ނޫން،” އާޤިސާ އެއްވެސް ޖެހިލުންވުމެއް ނެތި ރައްދުދޭން ފެށިއެވެ. “އަހަރެން ބޭނުންވަނީވެސް ކަލޭ ނަރަކައިގެ އެއްމެ އަޑީގައި އޮންނަތަން ދެކެން.”

ފިއުޒާ އިހުނަށްވުރެންވެސް ބާރަށް ހޭންފެށިއެވެ. މާ ބަރު، ބިރުވެރި އަޑަކުންނެވެ. އާޤިސާއަށް އެއްމެ ފަހުން އިވުނު އަޑަކީވެސް އެއީއެވެ. ހައިވެފައިވާ މިނިކާވަގެއްގެ ކުރިމައްޗަށް އެއްގަމު ޖަނަވާރެއްގެ މަސްގަނޑެއް އެއްލުމުން ޖެހިގަންނަ ގޮތަށް، އާޤިސާގެ ގައިމައްޗަށް ފިއުޒާ ޖެހިގަތެވެ. ހަމައެއާއެކު އޭނާގެ ތޫނު ދަތްތަކުން އާޤިސާގެ މަސްގަނޑު ނޮޅައި ކާންފެށިއެވެ.

ލޮނުގަނޑުގައި ޢާޤިސާގެ ހަށިގަނޑު ޖެހުމުން ނަގަންފެށި ދިލަ ތަދު އޭނާއަށް އިޙްސާސް ކުރެވުނީ ހިތްހަމަޖެހުމެއް ކަމުގައެވެ. އެތައް ޒަމާނެއްފަހުން ފުރަތަމަ ފަހަރަށް އިންސާނީ ވަންތަކަމުގެ އިޙްސާސް އޭނާއަށް އެކުރެވުނީ މިއަދު އެވެ. އެ އިޙްސާސްތަކުގެ ހަނދުމަ ނުވާތާ އެތަކެއް އަހަރުތަކެއް ވޭތިކުރެވުމަށްފަހުގައެވެ. އާޤިސާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެން ދިޔަވަގުތު އޭނާގެ ތުންފަތް މައްޗަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ.

ނިމުނީ

31 ޖެނުއަރީ 2016

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.