“މާލެ، ރާއްޖެތެރޭގެ މާނައިން ބޭރުކޮށްލާ މި ހެދީ “ޝާހީ” މީހުން “ޝާހީ” ވުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުން ދޮގެއްތޯ؟”

މުޙަންމަދު ޝާހިދު ޙަލީމު

ރޭގަނޑު އަށްގަޑިބައި އެހައިކަންހައި އިރެވެ. އާދަމް މަނިކު ދިވެހިގޭގެ ފެންޑާ މައްޗަށް އަރައިފައި ސަލާން ގޮވައިލިއެވެ.

“އައްސަލާމް ޢަލައިކުމް.”

“ވަޢަލައިކުމުއްސަލާމް.” ސަލާން ބަލައިގަތީ މުޙަންމަދު މަނިކެވެ. މުޙަންމަދު މަނިކު އިނީ

ބޭރުގޭތެރޭގަ އެވެ. ދިވެހި ޚަބަރު ގަޑީގައި ޓީވީ ބަލާން އިށީން ގޮތަށް ޓީވީގެ ކުރިމަތީގައެވެ. އާދަމް މަނިކު ފެނުމުން މުޙަންމަދު މަނިކު އިން ގޮނޑިން ތެދުވަމުން އާދަމް މަނިކާ ދިމާއަށް އަތްދިއްކޮށްލި އެވެ.

“އަނހާ! އާދަމް މަނިކު! ކޮން އިރަކު ދުރުވީ؟”

“މިއަދު އިރުއޮއްސެން އުޅެނިކޮށް.” އާދަމް މަނިކު މުޙަންމަދު މަނިކުގެ އަތުގައި ހިފައި ސަލާން ކޮށްލަމުން ބުންޏެވެ.

“ދުރުވޭ! ދުރުވޭ! އިށީންނަވާ!” މުޙަންމަދު މަނިކު އާދަމް މަނިކަށް ގޮނޑިއެއް ދައްކައިލައިފައި ޓީވީއާ ދިމާއަށް ހިނގައިގަތެވެ. ދެން ޓީވީ ނިވައިލުމަށް ފަހު އައިސް އާދަމް މަނިކު އިށީން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“ކިހިނެއްތޯ؛ ޙާލު އަޙުވާލު؟” މުޙަންމަދު މަނިކު ސުވާލުކޮށްލި އެވެ.

“ރަނގަޅު. މި ފަހަރު ދަތުރު ތަންކޮޅެއް ދިގުވެއްޖެ.”

“އަތްނބެއް އިން އިރު ރާއްޖެތެރޭގައި އިނީމާ ވާނީ ތިހެން. އަންހެނުން ގާތަށް ދުރުވާ ދަތުރަކު މާ އަވަހަކަށް މާލެއަކަށް ނުދުރުވެވޭނެ.” މުޙަންމަދު މަނިކު ކުޑަކޮށް ހީނލި އެވެ.

“އަޅުގަނޑުގެ އަންހެނުން އެކަނިތޯ؛ ރާއްޖެތެރޭގަ އިނީ؟ މުޙަންމަދަނިކުގެ އަންހެނުން އިންނެވީ ވަކި ރާއްޖެތެރެއަކު ނޫންތޯ؟” އާދަމް މަނިކު ހިނިތުންވެލިއެވެ. ރާގުގައި ހުރީ ސަމާސާ ގޮތެވެ.

” ލައްބަ. އަޅުގަނޑުގެ އަންހެނުން އިންނަނީ ރާއްޖެތެރެއަކު ނޫން!”

” އެހެންވިއްޔާ ރާއްޖޭން ބޭރުގަތޯ؟”

“ނޫން. ރާއްޖޭގަ. މާލޭގަ. އަޅުގަނޑުގެ ގާތުގަ، މި ގޭގަ.” މުޙަންމަދު މަނިކު ވެސް ހިނިތުންވެލިއެވެ.

“އެހެންވިއްޔާ މާލެއަކީ ރާއްޖޭގެ ރަށަކަށް ނުވަނީތޯ؟”

“އަޅުގަނޑަށް ފުރަތަމަ ވެސް އެނގިއްޖެ؛ ތި އުޅުއްވަނީ ތި ވާހަކަދައްކަވަންވެގެން ކަން.” މުޙަންމަދު މަނިކު ހެނމުން ބުންޏެވެ. “މާލެ ކީއްވެގެންތޯ؛ ރާއްޖޭގެ ރަށަކަށް ނުވާންވީ. — އަނެއްކާ ތި ދައްކަވަނީ ދުނިޔޭގެ އެހެން ހިސާބެއްގަ އޮތް މާލެއެއްގެ ވާހަކަތޯ؟”

“އަޅުގަނޑެއް ނޫނެއް ނޫންތޯ؛ ފޮންނައްކާގަ އޮތް މާލެއެއްގެ ވާހަކަ މި ދައްކަނީ!” އާދަމް މަނިކު ވެސް ހެނމުން ބުންޏެވެ. “އާނ، މުޙަންމަދަނިކުގެ އަންހެނުން މާލޭގައި އިންނެވިއިރު، އަންހެނުން އިންނެވީ ރާއްޖެތެރޭގަ ކަމަކަށް ނުވިއްޔަ!”

“އެހެނެއް ނުވާނެއެއް ނު؛ މާލެއަކީ ރާއްޖެތެރޭގެ ރަށަކަށް ވެގެން ނޫނީ!”

“މާލެއަކީ ރާއްޖެތެރޭގެ ރަށެއް ނޫންތޯ؟” އާދަމް މަނިކު ހުނނުން ހުއްޓައިލިއެވެ.

“އަޅުގަނޑު ނުދަންނަން؛ މާލެއަކީ ރާއްޖެތެރޭގެ ރަށެއް ކަމެއް.”

“އެހެންވީމައޭ އަޅުގަނޑު މި ނަންގަންނަނީ؛ މާލެއަކީ ރާއްޖެތެރޭގެ ރަށަކަށް ނުވަންޏާ ވާނީ ރާއްޖޭން ބޭރުގެ ރަށަކަށޭ!” އާދަމް މަނިކު އަނެއްކާ ވެސް ހީނލި އެވެ.

“ބަލަ، މާލެއަކީ ރާއްޖެތެރޭގެ ރަށަކަށް ނުވިއަސް ރާއްޖޭން ބޭރުގެ ރަށަކަށް ނުވާނެއެއްނު!”

“ތަންކޮޅެއް ކުރީގަ ހަވީރުގަ އޮތް މަޒުމޫނެއް މުހަންމަދަނިކު ނުކިއުއްވަންތޯ؟ އޭގަ ވެސް އޮންނާނެ؛ މާލެއަކީ ރާއްޖެތެރޭގެ ރަށެއްކަމަށް.” އާދަމް މަނިކު އޭނާގެ ކޮޅު ގަދަކުރާން މަސައްކަތް ކުރިއެވެ. “އެންމެ ރަނގަޅު؛ މުޙަންމަދަނިކު މާލެއަކީ ރާއްޖެތެރޭގެ ރަށެއް ނޫންކަމަށް ތި ބުނުއްވާ ސަބަބެއް ބުނުއްވަ ބައްލަވަ!”

” އަޅުގަނޑު ވެސް ކީން؛ ތި ބުނުއްވި މަޒުމޫނު. — އެ މަޒުމޫނު ލިއުއްވި ބޭފުޅަކު އެ ފާޅުކުރައްވާފަ ހުރި ޚިޔާލުތައް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.” މުޙަންމަދު މަނިކު ކުޑަކޮށް މަޑުކޮށްލިއެވެ. ދެން އަނެއްކާ ވެސް ވާހަކަ ފެށިއެވެ. “އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ “ރާއްޖޭގެ އެތެރެ” އާ “ރާއްޖެތެރެ” އާ މީ ދޭއްޗެއް. “ރާއްޖެތެރެ” މި ލަފުޒުން މިހާރު ދޭހަކޮށްދެނީ އޭނާ ވިދާޅުވެފަ އޮތް ގޮތަށް ރާއްޖޭގެ އެތެރެއެއް ނޫން؛ މާލެ ފިޔަވާ ރާއްޖޭގެ ދެންއޮތް ސަރަހައްދު.”

“ކީއްވެގެންތޯ؛ މިހާރު ދޭހަކޮށްދެނީއޭ ތި ބުނުއްވީ؟” އާދަމް މަނިކު ސުވާލުކޮށްލިއެވެ.

“އެހެން މި ނަންގަތީ ކުރިން އެ ލަފުޒު ރާއްޖޭގެ ހުރިހާ ރަށެއްގެ މާނައިގައާ މާލެ ނޫން އެހެން ރަށްރަށުގެ މާނައިގައާ ދެ މާނައިގަ ވެސް ބޭނުން ކޮށްފަ ހުރި ހަނދާން ވާތީ. ލަފުޒު ލަފުޒުގެ މާނައަށް ވެސް ޒަމާނާ އެކު ބަދަލު އާދޭ ނޫންތޯ!”

” ކޮން ދުވަސްވަރެއްގަ ތޯ؛ ތި ބުނުއްވި ގޮތަށް ދެ މާނައިގަ ބޭނުންކޮށްފަ ހުރީ؟”

” ހަނދާންވަނީ ކުރިން ނުކުތް ސަރުކާރުގެ ޚަބަރުގައޭ.”

އާދަމް މަނިކު އިރުކޮޅަކު ހިމޭނުން އިނދެލައިފައި ވާހަކަދައްކާން ފެށިއެވެ.

“މާލެ، ރާއްޖެތެރޭގެ މާނައިން ބޭރުކޮށްލާ މި ހެދީ “ޝާހީ” މީހުން “ޝާހީ” ވުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުން ދޮގެއްތޯ؟”

“އާދަމް މަނިކު ތި އުޅުއްވަނީ އެ މަޒުމޫނު ހިތުދަސްކުރައްވައިގެންތާ!” މުޙަންމަދު މަނިކު ހޭން ފެށިއެވެ.

“ނޫން؛ އެ ހެނެއް ނޫން!” އާދަމް މަނިކު ވެސް ހޭން ފެށިއެވެ.

“އެ މަޒުމޫނުގަ ތިހެން އޮތަސް އެއީ ޙަޤީޤަތެއްކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑު ދެކެނީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ފިޔަވާ ދެން އޮތް ސަރަހައްދަށް ދިވެހިބަހުގަ ވަކި ނަމެއް ދެވިފަ އޮތީ ކަމަށް.” ދެން ކުޑަކޮށް މަޑުކޮށްލައިފައި ބުންޏެވެ. “ހަމަ އެ ގޮތަށް އަތޮޅުތެރެ ވެސް އެ ކިޔަނީ ނޫންތޯ.”

އާދަމް މަނިކު ކުޑަކޮށް ވިސްނައިލިއެވެ. ދެން ބުންޏެވެ. “އަތޮޅުތެރެ ކިޔަނީ އެ ހެން ހެނެއް އަޅުގަނޑަކަށް ހިއެއް ނޫވޭ. އަތޮޅުތެރެއޭ ބުނީމާ އެ އަތޮޅެއްގެ ހުރިހާ ރަށެއް ވެސް އޭގަ ހިމެނޭނެ.”

“ކީއްވެ؛ ތިހެން ތި ބުނުއްވީ؟” މުޙަންމަދު މަނިކު ސުވާލުކުރިއެވެ. “އަތޮޅުވެރިޔާ އަތޮޅުގެ ވެރިކަން ކުރާ ރަށުގައި ހުންނަވަނިކޮށް އޭނާ އެހުންނެވީ އަތޮޅުތެރޭގައެކޭ އެކަކު ވެސް ނުބުނާނެ. އެކަމަކު އަތޮޅުގެވެރިކަން ކުރާ ރަށްނޫން އެހެން ރަށްރަށަށް ދަތުރުކުރައްވާއިރު ބުނާނީ އަތޮޅުވެރިޔާ އުޅުއްވަނީ އަތޮޅުތެރޭގައޭ.”

“އޭގެ މާނައަކީ އަތޮޅުވެރިކަންކުރާ ރަށަކީ އެ އަތޮޅުގެ ރަށަކަށް ނުވެމެއް ނޫނެއްނޫންތޯ؟” އާދަމް މަނިކު ބުންޏެވެ.

“ލައްބަ. ތިޔަ ބުނުއްވީ ހަމަ ރަނގަޅަށް.” މުޙަންމަދު މަނިކު ކުޑަކޮށް މަޑުކޮށްލިއެވެ. ދެން ބުންޏެވެ. “ހަމަ އެ ގޮތަށް މީހަކު މާލޭގަ ހުންނަ އިރު އޭނާ އެހެރީ ރާއްޖެތެރެއަކު ނޫނޭ ބުނުމަކީ މާލެއަކީ ރާއްޖޭގެ ރަށަކަށް ނުވުމެއް ވެސް ނޫން.”

” އެކަމަކު ދުނިޔޭގެ އެހެން ޤައުމެއްގަ ވެރިކަންކުރާ ރަށް ނޫން ދެން އޮންނަ ސަރަހައްދަށް ވަކި ނަމަކުންނެއް ނުކިޔާ ނޫންތޯ؟” އާދަމް މަނިކު ބޭނުންވަނީ އޭނާގެ ކޮޅު ގަދަކުރާށެވެ.

“އަޅުގަނޑަކަށް ތިއެއް ނަންގަންނާކަން ނޭނގެ. އެކަމަކު އަޅުގަނޑަށް އެނގޭ ކަމެއް އެބަ އޮތް. ބޭރު ބަސްބަހުގަ ނުހުންނަ ކިތަންމެ ލަފުޒެއް ދިވެހިބަހުގަ ހުރޭ. އެހެނޭ ކިޔާފަ އެ ލަފުޒުތައް ބޭރުބަސްބަހުގަ ނުހުންނާތީއޭ ކިޔާފަ ބޭނުންނުކޮށް ދޫކޮށްލުމަކީ ކުރަންޖެހޭނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެ ކަހަލަ ލަފުޒު ބަހުގައި ހުންނަކަން އެއީ ބަހުގެ މުއްސަނދިކަން ނޫންތޯ؟” މުޙަންމަދު މަނިކު ބުންޏެވެ.

“ތި ބުނުއްވާ ގޮތުން ވިއްޔާ ބަހުގެ މުއްސަނދިކަން އިތުރުވާނީ މީހުނަށް އޮޅުން އަރާ ބަސް ބަސް ގިނަވި ވަރަކަށްތާ!” އާދަމް މަނިކު ސަމާސާ ރާގަކަށް ބުންޏެވެ.

“ލައްބަ، ލައްބަ. ކުއްޅަވައްފަލު ރަނިން ގިނަވި ވަރަކަށް ތި ކަަހަލަ އޮޅުން އަރާނެ!” މުޙަންމަދު މަނިކު ހީނލިއެވެ. “އެހެން ނޫނީ ރާއްޖެތެރެއޭ ބުނީމާ ރާއްޖެތެރެއަކީ ކޮބައިކަން ކޮންމެ ދިވެއްސަކަށްވެސް އެނގޭނެ. އަދި އަތޮޅުތެރެއޭ ބުނީމާ އަތޮޅުތެރެއަކީ ކޮބައިކަން ވެސް ދިވެއްސަކަށް ވިއްޔާ އެނގޭނެ. ދެން ނޭނގޭ ކަމަށް ހެދިގެން އުޅެފިއްޔާ ކުރާނެކަމެއް ނެތް!”

“އެންމެ ރަނގަޅު؛ ދެން ތި ވާހަކަ ހުއްޓާލައްވާފަ އަތްނބެއް ލިޔަނެ ގޮތް ބުނުއްވަ ބައްލަވަ!” އާދަމް މަނިކު ވާހަކަ ބަދަލުކޮށްލިއެވެ.

“އަނެއްކާ ހަލީމާ ތީ މަގޭ އަތްނބެއް ނޫނޭ ލިއުއްވާފަ ސިޓީއެއް ފޮނުއްވަން ވީތޯ؟” މުޙަންމަދު މަނިކު ހީނގަތެވެ.

“ނޫނޭ ނޫނޭ ތި ކަހަލަ ކަމެއް ކުރާކަށް ނޫޅެން!” އާދަމް މަނިކު ވެސް ހީނގަތެވެ. “މިއަދު އަނބިންގެ ވާހަކަ ދެކެވެން ފެށީމަ މުޙަންމަދަނިކު އެ ބަސް ލިޔާ ގޮތެއް އޮޅުންފިލުވާލާ ހިތްވީ. އެކި މީހުން އެކި ގޮތަށް ނޫންތޯ؛ މިހާރު އެ ބަސް ވެސް ލިޔަނީ!”

“އަޅުގަނޑު ލިޔާ ގޮތަކީ އަލިފުގަ އަބަފިލިޖަހާފަ ތާގަ ސުކުންކޮށްފަ ހުސްނޫނެއް އަޅާފަ ބާގަ އެބެފިލި ޖަހާފަ އަލިފުގަ ސުކުންކުރަނީ.” މުޙަންމަދު މަނިކު ބުންޏެވެ. ތި ބުނުއްވިހެން އެ ލަފުޒު އެކި މީހުން އެކި ގޮތަށް ލިޔެފަ ހުއްޓާ އަޅުގަނޑު ވެސް ދެކެން.”

“ގަވައިދުގަ އެ ކަމާ ބެހޭ ގޮތުން އޮންނަނީ ކީކޭތޯ؟” އާދަމް މަނިކު ސުވާލުކުރި އެވެ.

“ދިވެހިބަހުގެ ގަވާއިދު ފޮތްފޮތުގަ ވެސް އެ ކަމާ ބެހޭ ގޮތުން ލިޔެފަ ހުރީ ތަފާތުކޮށް. ޝޭޚު ރުޝްދީ ލިޔުއްވާފަ އޮންނަ ގޮތުން އަތްނބެއް ލިޔާއިރު އޮންނަނީ ތާ ސުކުނެއް. އެކަމަކު ތާގެ ކުރިއަކު ވެސް ފަހަތަކު ވެސް ހުސްނޫނެއް ނޯންނާނެ.–“(1)

“އެކަމަކު ކުރީ ދުވަހަކު މުހަންމަދަނިކު ބުނުއްވި ހަނދާނެއް ވޭ؛ ނޯށަށް އަރުވާ ކިޔަން ޖެހޭ ކޮންމެ އަކުރެއްގެ ފަހަތުގަ ހުސްނޫނެއް ލިޔުން ވާޖިބުކަމަށް ރުޝްދީ ލިޔުއްވާފަ އޮވެޔޭ!” އާދަމް މަނިކު މުޙަންމަދު މަނިކުގެ ވާހަކަ މެދު ކަނޑައިލިއެވެ.

“އާދަމް މަނިކު ވެސް ބައެއް ފަހަރު ހާދަ ހަނދާންގަދައޭ ދޯ!” މުޙަންމަދު މަނިކު ހީނލިއެވެ. “ރުޝްދީގެ ގަވާއިދުފޮތުގަ ހުސްނޫނާ ބެހޭ ގޮތުން ލިޔުއްވާފަ އޮންނައިރު އެއް ތަނެއްގައި ތި ހެން ވެސް އޮވޭ.(2) އެކަމަކު ހުސްނޫނާ ބެހޭ ގޮތުން ލިޔުއްވާފަ އޮތް މުޅި ބަޔާނުން ދޭހަކުރެވޭ ގޮތުގަ ހުސްނޫނު ލިޔަން ޖެހެނީ ކަނޑި ކަހަލަ ހުސްނޫނު ނުލާ ލިޔެފިއްޔާ އެހެން މާނައެއް ދޭހަވާ  ލަފުޒު ލަފުޒުގަ އެކަނި.(3) އެކަމަކު ހަމަ އެފޮތުގަ ވެސް އެ ގަވާއިދާ ޚިލާފަށް، އުނގެނުން، އުނގުޅުން ކަހަލަ ބައެއް ލަފުޒުގަ ހުސްނޫނު ލިޔެފަ ވެސް އެބަހުރި.”(4)

“ދެން އެހެން ބޭފުޅުން ވިދާޅުވަނީ ކީކޭތޯ؟” އާދަމް މަނިކު ސުވާލުކުރިއެވެ.

“މުޙަންމަދު އަމީނު ވެސް ލިޔުއްވާފަ އޮންނަނީ އަތްނބެއް ލިޔާ އިރު ސުކުންކުރެވޭނީ ތާއެއްގަ ކަމަށް.(5) އަމީނުގެ ފޮތުގަ ވެސް އެ ލަފުޒުގަ ހުސްނޫނެއް ނޯވޭ.” މުޙަންމަދު މަނިކު ވާހަކަ ކުރިއަށް ގެންދިޔައެވެ. “މުޙަންމަދު ޖަމީލު ލިޔުއްވާފަ އޮންނަނީ އަތްނބެއް ކަހަލަ ލަފުޒު ލިޔާ އިރު ސުކުން ކުރަން ވާނީ ނޫނެއްގަ ކަމަށް.”(6)

“މަރުކަޒުގެ ގަވާއިދު ފޮތުގަ(7) އޮންނަނީ ކޮން ގޮތަކަށްތޯ؟” އާދަމް މަނިކު ސުވާލުކުރިއެވެ.

“ސުކުން ކުރެވޭ ހަމަތަކާ، ހުސްނޫނާ ބެހޭ ގޮތުން އެ ފޮތުގަ އެއްވެސް ވާހަކައެއް ލިޔެފައެއް ނެތް.” މުޙަންމަދު މަނިކު ބުންޏެވެ. “އެކަމަކު އެއް ތަނެއްގަ އޮވޭ؛ އޮބި، ލޯބި ކަހަލަ ލަފުޒު ލަފުޒު އާންމު ކުރާ އިރު ލިޔާނީ ތާސުކުނެއް އިތުރުކޮށްގެން އޮތްބެއް، ލޯތްބެއް މިގޮތަށޭ.(8) އެކަމަކު އެ މިސާލުތަކުގެ ތެރެއަކު އަނބި، ތަނބި ކަހަލަ ނޯށަށް އަރުވައިގެން ކިޔާ ލަފުޒެއް ނޯވޭ.”

“ދެން ކޮން ހަމައަކަށް ބައްލަވައިގެންތޯ؛ މުޙައްމަދަނިކު އެ ގޮތަށް ލިޔުއްވަނީ؟” އާދަމް މަނިކު ބުންޏެވެ.

“އަޅުގަނޑު ބަލާ ހަމައަކީ ބާ އިބިފިއްޔަށް ނިމިފަ ހުންނަ ލަފުޒު ލަފުޒު އާންމު ކުރާ އިރު، ސުކުން ކުރެވޭނީ ތާއެއް ގައި ކަމަށް ބުނާ ހަމައާ، ނޯށަށް އަރާ ކޮންމެ ތަނެއްގަ ހުސްނޫނު ލިޔަން ވާނެ ކަމަށް ބުނާ ހަމަ.” މުޙަންމަދު މަނިކު ބުންޏެވެ.

“ޖަމީލު ވިދާޅުވެފަ އޮތް ގޮތަށް އެ ތާ ނޫނެއްގަ ސުކުން ނުކުރަނީ ކީއްވެގެންތޯ؟” އާދަމް މަނކު ސުވާލުކުރިއެވެ.

“އަޅުގަނޑު އެ ތާ ނޫނެއްގަ ސުކުން ނުކުރަނީ އެއީ ނޫނު ސުކުންކުރެވޭ ތަންތަން ކަމަށް ގަވައިދު ފޮތްފޮތުގަ ބުނެފަ ހުންނަ ކަހަލަ ތަނަކަށް ނުވާތީ. އަނެއްކާ އެ ލަފުޒު ކިޔާއިރު އަޑު އިވެނީ ވެސް ނޫނުސުކުން ކިޔާ އިރު އަޑު އިވޭ ގޮތަކަށް ނޫން. ތާސުކުނެއް ކިޔާއިރު އަޑުއިވޭގޮތަށް.” މުޙަންމަދު މަނިކު ކުޑަކޮށް މަޑުކޮށްލިއެވެ. “ދެން އޮތީ އަނބި، ތަނބި، ގޮނބި ކިޔާއިރު އެ އޮންނަ ހުސްނޫނުގެ މައްސަލަ. އަޅުގަނޑު ދެކޭ ގޮތުގަ ނޯށަށް އަރުވާލާ ކިޔާ ކޮންމެ ތަނެއްގަ ހުސްނޫނު އޮންނަން ވާނެ. އެހެންވީމަ އަނބީގަ ބާގެ ކުރީގަ އެ އޮންނަ ހުސްނޫނު އަތްނބެއް ލިޔާ އިރު ވެސް ބާގެ ކުރީގަ ލިޔަނީ. ތަންކޮޅެއް ކުރީ ދުވަހެއްގަ ނަންގަތީމެއް ނޫންތޯ؛ ހުސްނޫނު ލިޔުމާ މެދު އަޅުގަނޑު ދެކޭގޮތް”. (9)

“ލައްބަ. އަޅުގަނޑު ހަނދާން އެބަ ހުރި. އެކަމަކު އަތްނބެއް ލިޔާ އިރު ހުސްނޫނު އޮންނާނީ އަލިފުގެ ފަހަތުގަ ނޫންތޯ؟” އާދަމް މަނިކު ސުވަލުކުރި އެވެ.

“ބައެއް މީހުން ތި ބުނުއްވި ގޮތަށް ވެސް ލިޔެފަ ހުރޭ.(10) އެކަމަކު އެއީ ރަނގަޅު ގޮތެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ. ހުސްނޫނަކީ އެ އަކުރުގެ ކުރީގަ އޮންނަ އަޑު ފުރިހަމަކޮށްދޭ އަކުރެއް ކަމަށް ވިޔަސް އަބަދުވެސް ހުސްނޫނުގެ ފަހަތަށް އަންނާނީ ބާ، ދާލު، ގާފު، ޑަވިޔަނި، މީން އަކުރެއް. އެހެންގޮތަކަށް ނަންގަންނަންޏާ ހުސްނޫނު އަންނަނީ، ބާ، ދާލު، ގާފު، ޑަވިޔަނި، މީން އަކުރެއްގެ ކުރިޔަށް.(11) އެހެންވީމަ އަތްނބެއް ކިޔާއިރުވެސް ހުސްނޫނު އަންނާނީ ތާސުކުނުގެ ފަހަތަށް ބާގެ ކުރިޔަށް. އެ ތާނގަ އަލިފުގެ އަޑު ފުރިހަމަވާނީ ވެސް ތާސުކުނާ އެކީގަ. އަނެއްކާ ރަނގަޅަށް ވިސްނާލެއްވީމަ އެނގިލައްވާނެ؛ އަތްނބެއް ކިޔާއިރު ނޯށަށް އަރުވާލެވެނީ އަލިފުއަބަފިލި ތާސުކުނަށް ކިޔުމަށްފަހުގަކަން.” މުޙަންމަދު މަނިކު ބުންޏެވެ.

“އެހެންވިއްޔާ ދޯނގި ކަހަލަ ބަސް ބަހުގަ ވެސް ތިހެން ވަނެތާ؟”

“ލައްބަ. ގާފު އިބިފިއްޔަށް ނިމިފަ ހުންނަ ލަފުޒުތަކުގަ ވެސް ގާފުގެ ކުރިޔަށް ސުކުނެއް އަންނަ ގޮތް ދިމާވެއްޖެއްޔާ ސުކުން ކުރެވޭނީ ހަމަ ތާއެއްގަ. ނޯށަށް އަރުވާލާ ކިޔާ ނަމަ ހުސްނޫނު ވެސް އޮންނަންވާނެ. މިސާލަކަށް ދޯތްނގެއް ލިޔާ އިރު ވެސް އޮންނާނީ ތާ ސުކުން. އަދި ގާފުގެ ކުރީގަ ހުސްނޫނު ވެސް އޮންނާނެ.” މުޙަންމަދު މަނިކު ބުންޏެވެ. ދެން ވާހަކަ ބަދަލުކޮށްލިއެވެ. “ކޮބާ؛ ޙަލީމަގެ ހާލު ކިހިނެއްތޯ؟”

“ހާލު ރަނގަޅު. ވަރަށް ސަލާން ނަންގަތް؛ މުހަންމަދަނިކަށާ މަރިޔަން މަނިކެއަށް.”

“ވަޢަލައިކުމުއް ސަލާމް.” މުޙަންމަދު މަނިކު ބުންޏެވެ. “ލިޔުއްވާ ސިޓީގަ ތަންކޮޅެއް އޮވެއްޖެއްޔާ އަޅުގަނޑުމެންގެ ސަލާން ވެސް އަޅުއްވައްޗޭ!”

” ލައްބަ. ތަން އޮންނާނެ.” އާދަމް މަނިކު ހީނލިއެވެ. “ދެން މި ވަގުތު ގޮސްލާނަން އިނގޭތޯ.” އާދަމް މަނިކު ތެދުވެއްޖެއެވެ. “އައްސަލާމް ޢަލައިކުމް.”

” ވަޢަލައިކުމުއް ސަލާމް.” އާދަމް މަނިކު ހިނގައިގަތުމުން މުޙަންމަދު މަނިކު ވެސް ތެދުވެގެން އާދަމް މަނިކާ އެކު ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. އަދި ދޮރާ ހަމަވެފައި ހީނލަމުން ބުންޏެވެ. “އަނެއްކާ ސިޓީގަ ޙަލީމަ ތީ އަތްނބެއް ނޫނޭ ނުލިއުއްވައްޗޭ!”

ދެ މީހުން ވެސް ހީނގަތެވެ.

————————

(ނިމުނީ)

ޙަވާލާ:

(1)              އިބްރާހީމް ރުޝްދީ، ސުއްލަމުލް އަރީބު، ސަފުހާ 58
(2)              އިބްރާހީމް ރުޝްދީ، ސުއްލަމުލް އަރީބު، ސަފުހާ 82
(3)              އިބްރާހީމް ރުޝްދީ، ސުއްލަމުލް އަރީބު، ސަފުހާ 79 – 85
(4)              އިބްރާހީމް ރުޝްދީ، ސުއްލަމުލް އަރީބު، ސަފުހާ 65
(5)              މުޙަންމަދު އަމީން، ދިވެހިބަސްދަރިވަރުންގެ އެހީތެރިޔާ، ސަފުހާ 19
(6)              މުޙަންމަދު ޖަމީލު، ފިޔަވަޅު- 2، ސަފުހާ 29
(7)              ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، ދިވެހިބަހުގެ ގަވާއިދު ފޮތްބައި.
(8)              ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، ދިވެހިބަހުގެ ގަވާއިދު، ތިންވަނަ ބައި، ސަފުހާ 20
(9)              މުޙަންމަދު ޝާހިދު ޙަލީމް، ބަނޑަށް އަޅާނީ ކޮން އެއްޗެއް، http://www.fanvai.info/dhivehi/maadhareebas/1870-2010-12-04-19-39-49.html
(10)          ޢަބްދުﷲ ޞާދިޤު (އެޑިޓަރު)، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، ބަހުގެހަމަ، ސަފުހާ 58
(11)          ޢަބްދުﷲ ޞާދިޤު (އެޑިޓަރު)، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، ބަހުގެހަމަ، ސަފުހާ 46

މި މަޒުމޫނަކީ ފަތްތޫރަ – 149 (އޯގަސްޓް 1991) ގައި ޝާއިޢުކުރެވިފައި ވާ މަޒުމޫނެކެވެ. ފަންވަތުގައި މި ޝާއިޢުކުރި އިރު މަޒުމޫނަށް ބައެއް ބަދަލުގެނެސްފައި ހުންނާނެއެވެ. – މޝޙ

 

މުނިއަވަސް އަށް މި މަޒުމޫނު ނެގީ ފަންވަތް އިންފޯ އިން

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.