ލިޔާނެ އެންމެ ރަނގަޅުގޮތް ނޭނގޭތީ އެއްދުވަހަކު ސުވާލުކޮށްލީމެވެ. ބުނުއްވީ “އަނތްބެއް” މިގޮތަށް ލިޔުމަށެވެ. މިސާލުތައް ވެސް ދެއްކެވިއެވެ.
އަޝްރަފް ޢަލީ ވިދާޅުވީ މިހެންނެވެ.
“އަނބި: އަނތްބެއް
ތަނބި: ތަނތްބެއް
ދަނބި: ދަނތްބެއް
ތުނބި: ތުނތްބެއް”
މި ހަމައަށް ވިސްނައިގެން ލިޔަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ލަފުޒު ކިޔައިލުމުން އަޅައިގަންނަ ގޮތެއް ހުންނަކަން އަބަދުވެސް ފާހަގަކުރެވެއެވެ.
އޭގެ ދުވަސްތަކެއް ފަހެވެ. ރާއްޖޭގެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ސުރުޚީއެއް ކިޔައިލުމުން ތަރިބުރައިގެން ދިޔައީ ވަރަށް އާދަޔާޚިލާފު ގޮތަކަށް “އަތްނބަކަށް” ލިޔެފައި އޮއްވާ ފެނިގެންނެވެ. އޭގައި ލިޔެފައި އޮތީ ‘އަންތބަކަށް’ މިހެންނެވެ.
ފޭސްބްކްގައި ހިންގަމުން އަންނަ ދިވެހިބަހުގެ ހަމަތަކާމެދު ޚިޔާލުބަދަލުކޮށް ފާޑުކިޔައި އުޅޭ ގްރޫޕެއްގެ ތެރާގައި މީތި އަނބުރައިލީމެވެ. އަތްނުލައި އައްދޮ ކިޔުއްވުމުގެ ބޭނުމުގައެވެ. ބަހުގެ ހަމަތައް ދެނެލައްވާ ބޭފުޅުންގެ ސަމާލުކަމަށް މިކަން ގެނެސް، ‘އަތްނބެއް’ ލިޔަންޖެހޭ އަސްލު ރަނގަޅުގޮތް ދެނަގަތުމުގެ ބޭނުމުގައެވެ. އަނެކުކުންނަށް އަންގައިދިނުމުގެ ބޭނުމުގައެވެ. އަހަރެންގެ މަޤްޞަދު ކިތަންމެހާވެސް ރަނގަޅަށް ޙާޞިލްވިއެވެ.
އަނެއްކާ މިއަދުވެސް އަޝްރަފް ޢަލީ މިކަމުގައި ދެކިލައްވާގޮތް ހާމަކުރެއްވިއެވެ.
އަޝްރަފް ޢަލީ ވިދާޅުވީ މިހެންނެވެ.
“އަނބި: އަނތްބެއް
ތަނބި: ތަނތްބެއް
ދަނބި: ދަނތްބެއް
ތުނބި: ތުނތްބެއް”
ނާޖިހް ވިދާޅުވީ މިހެންނެވެ.
“ތީ ކޮން ހަމަޔަކުން ލިޔުއްވި އެއްޗެއްތޯ؟
އަނބި – އަތްނބެއް
ތަނބި – ތަތްނބެއް
ތުނބި – ތުތްނބެއް
ހުސްނޫނުގެ ހަމަޔަކީ ބޯދާގަޑީގެ އަކުރުތަކުގެ ކުރިޔަށް ހުސްނޫނު އައުމުގެ ހަމަ”
ޢަބްދުﷲ އަސަދު ވިދާޅުވީ މިހެންނެވެ.
“ހުސްނޫނު އަންނާނީ “ބޯދާގަޑި” މި އަކުތުކުގެ ކުރިއަށް!
މިސާލު: ކަނޑު، އަނބު، ރޮނގު.. ވީމާ، ހުސްނޫނު ޖެހޭ ހަމައަށް ބަލާއިރު ހަމައަށް ފެތެނީ އަނބި= އަތްނބެއް! ލިޔުނީމާ!”
ޙަސަން ލަބީބް ވިދާޅުވީ މިހެންނެވެ.
“ހުސްްނޫނު އަންނަނީ ކޮންކޮން އަކުރުތަކުގެ ކުރިޔަށްތޯ. އަނބި މި ލަފުޒު އެކަހެރި ކުރާއިރު ތާސުކުނުގެ ކުރިޔަށް ހުސްނޫނު އައީ ކޮން ހަމައަކުންތޯ”
އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުން ޚުދު އަޝްރަފް ޢަލީ ވެސް ޤަބޫލުފުޅު ކުރައްވަވަނީ ނާޖިހް، ޢަބްދުﷲ އަސަދު އާއި ޙަސަން ލަބީބް ވެސް އެ ވިދާޅުވާ ހަމައެވެ. ނަމަވެސް އަޝްރަފް އެ ހިފަހައްޓަވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ ހައިސިއްޔަތުން، މިކަމުގައި ކުރީގެ ‘ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން’ އެކަށައަޅުއްވާފައިވާ އުސޫލާއި ހަމައިގައެވެ. އެހެން އުސޫލެއް ނުވަތަ ޤަވައިދެއް ރަސްމީ ކުރުމުގެ ކުރިން މިއަދު އަޝްރަފް ހުންނެވި މަޤާމުގެ ‘މައިމީހާ’، އާދެ ‘ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު’ގެ ހަމައިގައި ހިފަހައްޓަވަނީއެވެ.
މައްސަލައެއް ނެތެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީގެ އެ ނިންމެވުމަށް އަޅުގަނޑު ފުރިހަމައަށް އިޙްތިރާމު ކުރަމެވެ. ނަމަވެސް، ދިވެހީން ސާފު ދިވެހިބަހުން ލިޔުމަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގައި ކޮންމެވެސް އެއް ހަމައެއް، އެއް އުޞޫލެއް ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ނޫންތޯއެވެ؟ ދިވެހިބަހުގެ އެކެޑަމީން މިކަމުގައި އޮތް އެންމެ ރަނގަޅުގޮތް ނިންމަވައި އާއްމުކުރައްވަން އަދިވެސް ނުވަނީތޯއެވެ؟ އިހުގައި ބަޔަކަށް ގޯސްކޮށް ކުރެވިފައި އޮތްކަމެއް، އޭގެ ރަނގަޅުގޮތް އެނގުމުން އެކަން ރަނގަޅުކޮށް އިޞްލާޙްކުރުމަކީ އަދުގެ ޖީލުގެ ޒިންމާއެއް ނޫންތޯއެވެ؟
ލިޔަންވީ ‘އަތްނބެއް’ މިގޮތަށްތޯ އެވެ؟ ނުވަތަ ލިޔަންވީ ‘އަނތްބެއް’ މިހެންތޯ އެވެ؟ މި ލަފުޒަކީ ލިޔާނެ ރަނގަޅު މަގު އޮޅިފައިވާ ލަފުޒެއްގެގޮތުގައި އަދިވެސް ބާއްވަންވީތޯ އެވެ؟
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!