ކުޅަދާނަ ކުރެހުންތެރިޔާ ޒުލައިހާ އަލީގެ “އަ ވަލްނިރަބަލް ބިއުޓި: މޯލްޑިވްސް” މައުރަޒު މިމަހުގެ 13 ވީ ހުކުރު ދުވަހުގެރޭ ނެޝަނަލް އާޓް ގެލަރީގައި ހުޅުވައިފިއެވެ.

“އަ ވަލްނިރަބަލް ބިއުޓި: މޯލްޑިވްސް” މައުރަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ބައިވެރިވަޑައިގެންނެވިއެވެ.

މައުރަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން އަދި މިނިސްޓަރ ޔުމްނާ ވަނީ ޒުލައިޚާގެ ކުރެހުންތައް ބައްލަވާލައްވާފައެވެ. މި މައުރަޒަކީ ނެޝަނަލް ސެންޓަރ ފޯރ އާޓްސް އާއި މިނިސްޓްރީގެ ވެސް އެއްބާރުލުމާ އެކީގައި ބާއްވާ މައުރަޒެކެވެ.

“ކުޅަދާނަ ފަންނާނު ޒުލޭޚާ ޢަލީގެ ކުރެހުމުގެ މަޢުރަޒު ‘އަ ވަލްނަރަބަލް ބިއުޓީ :މޯލްޑިވިސް’ އިން. ދައްކައިދެނީ ދިވެހިރާއްޖޭގެ ޤުދްރަތީ ރީތިކަމާ ނާޒުކުކަން” މައުރަޒު ބައްލަވައިލެއްވުމަށްފަހު މި މައުރަޒާމެދު މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މައުރަޒުގައި ފެނިގެން ދަނީ ޒުލައިޚާ އަލީގެ އަމިއްލަ ކުރެހުންތައް އެކަންޏެވެ. މި މައުރަޒުގައި ފެނިގެންދާ ކުރެހުންތަކަކީ ރާއްޖޭގެ ނާޒުކު ގުދުރަތީ މާހައުލުގައި ފެންނަން ހުރި މަންޒަރުތަށް ދައްކުވައިދޭ ކުރެހުންތަކެކެވެ.

ޒުލޭޙާ ޢަލީގެ “އަ ވަލްނަރަބަލް ބިއުޓީ – މޯލްޑިވްސް” ކުރެހުމުގެ މައުޒަރު ބަލައިލުމުގެ ފުރުޞަތު މިއަދާއި މާދާމާގެ ހަވީރު 16:00 ން 18:00 ށް އަދި ރޭގަނޑު 20:00 ން 23:00 ށް ނޭޝަނަލް އާޓް ގެލެރީގައި ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.