ހުނަރުވެރި ކުރެހުންތެރިޔާ އަލްފާޟިލާ ޒުލޭޚާ ޢަލީ ގެ ސޯލޯ ކުރެހުމުގެ މައުރަޒު ރޭ ނޭޝަނަލް އާޓް ގެލެރީގައި (2019 އެޕްރީލް 12 ވީ ހުކުރު ދުވަހުގެ) ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ހުޅުއްވައިދެއްވާފައެވެ. ޒުލޭޚާ ގެ ކުރެހުންތަކުން ފާހަގަކޮށްލެވޭ އެއްކަމަކީ، މޫސުމަށް އަންނަ ބަދަލުތަކާބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ޚާއްސަ މެސެޖްތަކެއް ފޯރުކޮށްދިނުމެވެ. އެގޮތުން، މި މަޢުޒަރުގެ ޝީޢާރަކީ “އަ ވަލްނަރަބްލް ބިއުޓީ: މޯލްޑިވްސް” އެވެ. މިއީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ނާޒުކު ތިމާވެއްޓާއި ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމަށް އަންނަ ބަދަލުތަކަށް މީހުންގެ ވިސްނުން ހުޅުވާލުމުގެ މަޤްޞަދުގައި ކުރަހާފައިވާ ކުރެހުން ތަކެއް ދައްކުވައިދޭ މައުރަޒެކެވެ.

ޒުލޭޚާ ޢަލީ އަކީ ބައިނަލްއަގުވާމީ އެކި މަޢުރަޒުތަކުގައި ބައިވެރިވެ، ތަޖުރިބާ ހާސިލްކުރައްވާފައިވާ ކުރެހުންތެރިއެކެވެ. މީގެ އިތުރުން ކުރެހުމުގެ ދުނިޔޭގައި މަޝްހޫރު އިޓަލީ، ފްރާންސް ފަދަ ޤައުމުތަކުގައި ތަޖުރިބާތަކެއް ޙާޞިލް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ. ޒުލޭޚާ ގެ 5 ކުރެހުމެއް ޗައިނާގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް އާޓްސް ގެ ޕަރމަނަންޓް ކަލެކްޝަން އަށް ހިމެނިފައިވާއިރު އިތުރު 2 ކުރެހުމެއް ސިންގަޕޫރު ގައި ހުންނަ ބެއިޖިން “ޔު ޕި” ކަލްޗަރގެ ޕަރމަނަންޓް ކަލްޝަންގައި ވެސް ވަނީ ހިމެނިފައެވެ.

މީގެ އިތުރުންވެސް ޒުލޭޚާ ވަނީ ބައިނަލްއަގުވާމީ ގިނަ އެވޯޑް ތަކެއް މި ދާއިރާއިން ޚާޞިލުކޮށްފައެވެ. މީގެތެރޭގައި ޕެރިސް ގެ “ސާރކަލް ފައުންޑޭޝަން” އިން ދެއްވާ ވިނަރ އޮފް އެކްސެލްން އެވޯޑް، ނިއުޔޯކް ގެ އާޓް ޓުއަރ އިންޓަނޭޝަނަލް ޓޮޕް 60 މާސްޓަރ އެވޯޑް، ލަންކާގެ މެކް އާޓް ކޮމްޕެޓިޝަން ގައި ވާދަކޮށް 1 ވަނަ އަދި 2 ވަނަ އެވޯޑާއި ފްލޮރެންސް އާޓް އިންޓަނޭޝަނަލް މެގަޒިން އިން ދޭ ޖީނިއަސް އޮފް ދަ އާޓް އެވޯޑް ހިމެނެއެވެ.

“ފަންނާނުންނަކީ ނުވަތަ އާޓިސްޓުންނަކީ ޤައުމުގެ ތަރައްޤީގެ ވަރަށް މުހިންމުދައުރެއް އަދާކޮށްދޭބައެއް. އެއީ، ބައިނަލްއަގުވާމީ އަދި ޤައުމީ މައްސަލަތަކަށް އާންމުންގެ ލޯ ހުޅުވައިދީ، މިކަންކަމާ ބަހުސްތައް ފެށުމަށް ލޯ ހުޅުވައިދޭ ބައެއް. އެހެންކަމުން، އަޅުގަނޑުމެންގެ ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިސާދީ ތަރައްޤީގައި ފަންނާނުންގެ ދައުރު މިއަށްވުރެ އިތުރުކުރަންޖެހޭ” ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވިއެވެ.

“އަ ވަލްނަރަބްލް ބިއުޓީ: މޯލްޑިވްސް” މަޢުރަޒު ހުޅުވިފައި ހުންނާނީ މި އޭޕްރީލް މަހުގެ 13 އަދި 14 މި ދެދުވަހު ގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.