ޒަމާނަށް އައި ބަދަލާ އެއްކޮށް އަފޭން ކުޑައިރޭ ކެރީ މަޖާ ކަންތެއްތެއް މިހާރު މިވަނޫ ނެތީ ގޮހޮފާ. މިހާރު ބޮޑަތިވަމުން މިއުމަން ކުދޫންނަށް އޭރު އަފޭންނަށް ކެރުވެނަ މަޖާ އިހުސާސްތެއް ވެސް ނުކޮށްލެވޭޅަ. އަފޭންކުޑައިރޭ ހެނދުނު ހޭލަން ގޮތަށް ހިސާބުގަނޑު ހުރިހާ ކުދޫންނާ އެއްކޮށް ކޮޅިވަރަކޮޅީ، ކެރީ މަޖަލާ މަގަ މައްތު އެއްވެސް ޖެހިލުމެއްނެތީ ދުވެ މަޖާކޮށްލާ ހެދީހެދުން، މިހާރު މިއޮއްތޫ ވެހިކަލްތެއް ގެނަވެ މަގަތެކު ތާރަ އެޅޫމާ ދިރިއޮޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއެއްކޮށް މުޅީން ހުއްޓީފާ.

އަފޭންކުޑައިރުގެ ރަންޒަމާނު ބަތްކައްކާ ކޮޅެނަ ދޮހާތެކުގެ ހަނދާންހުރޫ ކިތެއް މީހުންތެ؟ ހެނދުނު ފަތިހާ ހޭލަން ގޮތަށް ހިސާބަގަނޑަ ކުދޫން އެއްކޮށް އަތިރި މައްތަށް އެރީ ނާށްޓާ ކޮޅޭން ބޭނުންކެރުވެން އެހެން އެއްޗިހި ހޯދައިގެން ކޮޅޭން އޮޅުން އެޔޯ ކޮންމަ ދޮހާކުވެސް އެދޮހާގެ ފެށުން. މިގޮތަށް ހެނދުނު ކޮޅޭން ތިއްބާ ޤްރުއާން ކިޔަވާންދަން ގަޑިޖެހީގެން މަންމާ އިލޯށިފަތު ހިފައިގެން އެރެނޫމާ ދެން ހުރިހާ ކުދޫން ދުވެފާ އަރާނޫ ގޭށަށް. ގޭށަށް އަރާ އަތާފަޔާ ދޮވެގެން ދަނޫ އަވަހާ ކިޔަވާން.

ކިޔަވާ ނިމީގެން ގެއަށް އުމަން އިރޭވެސް އުމާނޫ ބަތްކައްކާ ކޮޅޭން އަވަހާ ދާންވެގެން އެކަކު އަނެކަކަށްވަނީން ބާރަށް ދުވަމުން. ހެނދުނު ސައި ބޮއެގެން އަނިއްކާވެސް ދާނޫ ބަތްކައްކާ ކޮޅޭން އަތިރި މައްތަށް. ބަތްކައްކާ ކޮޅެންއިރޭ ވެއްޔަށް ފެންއަޅައިގެން ބަތްކެއްކުމާ ހިރަނދު ގަހު ހިރުންދުން ކިރަގަރަދިޔަ ކެއްކުމަކޫ އިއްޔަ ވީކަމެއްހެން އަދިވެސް ހަނދާން ހުންނަން ކަންތެއް.

މަގަމައްތު ފައިގަތަޅާ، ބޮސް، ކޮއްޓަންގެ ކޮޅުމަކޫ ކޮންމަ ދޮހާކުވެސް ވަރަށް ފޯރިޔާ އެއްކޮށް ކެރަން ކަންތެއްތެއް. ކޮއްޓަންގެ ކޮޅެން އިރޭ އެއްލާން ގެންގޮޅެން އެތިކޮޅަކޫވެސް އެއްކުއްދަކު އަނިއް ކުއްދަކަށްވަނީން ރީތި އެތިކޮޅެއް ހޯދައިގެން ފޮރުވައިގެން ގެންގޮޅެން އެތިކޮޅެއް. މި ގޮތަށް ގެންގޮޅެން އެއްޗިއްސު ތެރޭ އެކިއެކި ޑިޒައިނަށް ހުންނަން ފަތި ގާގާ ކޮޅަ، މުށި ކޮޅަ، ބޮލި ހިމެނޭ.

އަފޭން ކުޑައިރޭ ކިތަންމަ މަޖާކޮށް ހެދިޔަސް ހަޤީޤަތަކޫ މިހާރުގެ ކުޑަކުދޫން އެ ތިބެނޫ މިހުރިހައި އުފަލަކުން މަޙްރޫމް ވެފާ. ޔޫޓިއުބުން އެހެން ކުދުން ކޮޅެންތަން ބަލާން ނެގީ މަޑަވެފައި ތިބެނޫ. މިގޮތަށް ފަސޭހަޔަށް ކުދޫން ބައިތިއްބާން ފެށުމު ނަތީޖާއަކޫ ވާހަކަދެއްކުން ލަހަވުމާ ހެލިފެލިވެ އޮޅޭން ކުދޫން ލަހަވުން ކަހަލަ ކަންތެއްތެއް ދިމާވުން.

ރާއްޖޭ ހިތްގައިމުކަން ބަލާލާން އެތެކެއް ޚަރަދެއް ކޮށްފާ އެކި ޤައުމުތެކުން މީހުން އަފޫ މިތަނުން އުފާހޯދަންއިރޭ މިޤައުމު ކުޑަކުދޫން މިތިބެނޫ މިރީތި ހިތްގައިމުކަމު އަސްލު އުފާތެއް ނުލިބީ. މިރީތި ޖަޒީރާ ވަންތަކަން ދެމެހެއްޓުމަކޫ އަދުގެ ޖީލު މައްތަށް އޮތް ވާޖިބެއް. މިކަން ދަމަހައްޓާން އެންމެންވެގެން ނިކަން އޮޅެމާ ހިނގައިބިލާޅެތޭ!

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.