ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން އިން އުފައްދާފައިވާ މެގަހިޓް ހޮރޯ ކޮމެޑީ ފިލްމު “ފޯޓީ ޕްލަސް” – ލ. ފޮނަދުއާއި ގަމުގައި ދައްކާ ތާރީޚަށް ބަދަލެއް ގެނެސްފައިވާކަމަށް އެ ދެރަށުގައި ފިލްމު އަޅުވާ ފަރާތުން ބުނެފިއެވެ.

މިހާރު ހަމަޖެހިފައިވާގޮތުން ފޮނަދޫގައި “ފޯޓީ ޕްލަސް” ދައްކާނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ. ގަމުގައި ފިލްމު އަޅުވަން ނިންމާފައިވަނީ 24 ވަނަ ދުވަހުގެ ރޭގައި ކަމަށް މުނިއަވަސް އަށް މަޢުލޫމާތުދެމުން ބުންޏެވެ.

ގަމާއި ފޮނަދޫގައި “ފޯޓީ ޕްލަސް” އަޅުވާ ފަރާތުން ބުނީ މިބަދަލު ގެންނަން ޖެހުނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ގަމާއި ފޮނަދޫގައި ހެލްމެޓް ބެހުމުގެ ޕްރޮގްރާމް މިމަހު 17 ވަނަ ދުވަހާއި 18 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ނިންމާފައިވުމާއި “ފޯޓީ ޕްލަސް” ޓިކެޓް ނަން ނޯޓްކޮށްފައިވާ ގިނަ ބަޔަކު މި ޕްރޮގްރާމުގައި ބައިވެރިވުމަށް ނިންމާފައިވާތީ އެ ފަރާތްތަކުން އެދެމުންދާތީ ކަމަށެވެ.

ލ. އަތޮޅު ގިނަ ރަށްތަކެއްގައި “ފޯޓީ ޕްލަސް” ދެއްކުމަށް ނިންމާފައިވާއިރު ލ. މާމެންދޫގައި މިމަހުގެ 19 ވަނަ ދުވަހުގެރޭ، ފޮނަދޫގައި 20 ވަނަ ދުވަހުގެ ރޭ، މާބައިދޫގައި 21 ވަނަ ދުވަހުގެރޭ، ދަންބިދޫގައި 22 ވަނަ ދުވަހުގެ ރޭ، އިސްދޫގައި 23 ވަނަ ދުވަހުގެ ރޭ އަދި ގަމުގައި 24 ވަނަ ދުވަހުގެރޭ ދެއްކުމަށް ނިންމާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މާރިޗް 05ގައި “ފޯޓީ ޕްލަސް” ރިލީޒްކުރިފަހުން މިއަދާ ހަމައަށް، މެދުކެނޑުމެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ފިލްމުގެ ކާމިޔާބު ޝޯތަކެއް އަންނަނީ ދައްކަމުންނެވެ. އޮލިމްޕަހުގައި މި ފިލްމުގެ ހައުސްފުލް 13 ޝޯ ދައްކާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހަފުތާ ބަންދުގައި “ފޯޓީ ޕްލަސް”ގެ ޝޯތަކެއް ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގައި ދެއްކުމަށް ނިންމާފައިވާކަމަށް “ފޯޓީ ޕްލަސް”ގެ ޓީމުން މުނިއަވަސް އަށް މަޢުލޫމާތު ދެއެވެ. އެގޮތުން ހަފުތާ ބަންދު ޝެޑިއުލް އަށް ބަލައިލާއިރު:-

އޭޕްރީލް 18- ކ. ކާށިދޫ

އޭޕްރީލް 18- މ. މުލި

އޭޕްރީލް 19- މ. މުލައް

އޭޕްރީލް 20- ޅ. ކުރެންދޫ

އޭޕްރީލް 20- މ. ދިއްގަރު

އޭޕްރީލް 21- ރ. މަޑުއްވަރީ

އޭޕްރީލް 22- މ. ނާލާފުށި

އޭޕްރީލް 23- މ. ކޮޅުފުށި

އޭޕްރީލް 25- ގއ. ގެމަނަފުށި

ރާއްޖޭގެ ފިލްމު ބަލާ އޯޑިއަންސް އެއްކޮށް ހެއްވާލަދިން ފިލްމު “ނޯޓީ40” ގެ ސީކުއަލް “ފޯޓީ ޕްލަސް” އަކީ އަކީ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ އަމިއްލަ ސްކްރިޕްޓެކެވެ. ޑައިރެކްޓް ކުރީ ވެސް ޔޫއްޕެ އެވެ. ފިލްމުގައި ހިމެނޭ އެކްޝަން ސީންތައް ޑައިރެކްޓް ކޮށްފައިވަނީ ފިލްމުގެ މެއިން ކާސްޓްގައިވެސް ހަރަކާތްތެރިވާ މަޝްހޫރު ފިލްމީ ތަރި ޢަލީ ސީޒަން އެވެ.

ތ. ބުރުނީގައި ޝޫޓްކޮށްފައިވާ “ފޯޓީ ޕްލަސް” ގައި ކުޅަދާނަ ބަތަލު އަލީ ސީޒަން، މަނިކު، ސައީދު އެ ފިލްމުން ފެނިގެންދެއެވެ. މީގެ އިތުރުން ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އާއި ޔޫއްޕެގެ “ދެވަންސޫރަ”އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާގެ މޮޅު އެކްޓިންއެއް މި ފިލްމުން ފެނިގެންދެއެވެ. އިތުރު ތަރިންގެ ތެރޭގައި އާނަންދު، މަރިޔަމް ޝަކީލާ އާއި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް މި ފިލްމުން ފެނިގެންދަނީ އާ ބައެކޭ ހީވެސް ނުވާހާ މޮޅަށެވެ.

“ފޯޓީ ޕްލަސް”ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.