އަންނަ ޖުލައި މަހު ރިލީޒްކުރުމަށް ނިންމާފައިވަ ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ކޮމެޑީ ފިލްމު “މާމުއި“ގެ ލަވަތަކުގެ ޝޫޓިން ފަށައިފި އެވެ.

ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި ހަވާލާދީ ސަން އޮންލައިން އިން ބުނީ، ލަވަތަކުގެ މަންޒަރުތައް ނަގަން ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓުގައި ކަމަށެވެ. މީގެ ކުރިން އެ ފިލްމުގެ ލަވައެއް ތިލަފުށީގައި ވެސް ވަނީ ޝޫޓްކޮށްފައިވެ އެވެ.

ފިލްމުގައި ހިމެނޭނީ ޖުމްލަ ހަތަރު ލަވަ އެވެ. އެއީ ‘ޖޯޑެއްގެ ސާފު ލޯބި’، ‘ރޭ ރޭ މިހެން ހިޔާލު’، ‘ތިބާ’ އަދި ‘އަރައިގެން އައި އިރާއެކު’ އެވެ. ‘އަރައިގެން އައި އިރާއެކު’ އަކީ ފިލްމުގައި ހަރަކާތްތެރިވާ ޝާއްކޮ އައްމަޑޭގެ ޅެމަކާއި އަމިއްލަ ރާގެކެވެ. ލަވަ ކިޔާފައިވަނީ ފިލްމުގައި ހަރަކާތްތެރިވާ ފުބޫ އެވެ.

ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު އެ ޓްރެއިލާގައި ދިވެހި ފިލްމީ ދާއިރާގެ ލެޖެންޑަރީ ތަރި އިސްމާއިލް ވަޖީހު ވަނީ ފެނިފަ އެވެ.

ހެއްވާ މަޖާ ޖޯންރާ އަކަށް ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ މާމުއި ފިލްމާމެދު ޕްރޮޑިއުސަރު، މުހައްމަދު އަލީ (މޮގާ) ބުނީ، މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އުފައްދާ އެންމެ އަގު ބޮޑު ފިލްމު ކަމަށްވެފައި، ބޮޑު ކާސްޓަކާއެކު ގެނެސްދޭ މި ފިލްމަށް ކުރެވޭ އުއްމީދު ވެސް ވަރަށް ބޮޑު ކަމަށެވެ.

މޮގާގެ އަންހެނުން އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް ސްކްރީންޕްލޭ އަކަށް ޢަލީ ޝިފާޢު ޑައިރެކްޓްކޮށްފައިވާ “މާމުއި ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް (މަޖޫ) މަޖުދާ، ޝީލާ ނަޖީބް، ނުޒުހަތު (ނުޒޫ) ޝުއައިބް، އިބްރާހީމް (ފުބޫ) ޝާފިއު، އިސްމާއިލް (ޖުމާ) ޖުމައިހް، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މާރިއާ ތްރޭސާ، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް (ރެކްސް) ރިޒްވީ، އަހުމަދު (ޝާއްކޮ އައްމަޑޭ) ޝާކިރު އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ހިމެނޭނެ އެވެ.

ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.