“އަސްތަ ތިޔަ މޫނޭ ހުވަފެނުން ދުށީ ރޭގާ

ހެވިފަ އެ އިނީތީ ގާތުގާ ނިކަން ލޯބިން

ފެނުނޭ އޮމާން އަތުން ފިރުމާ ތި މޫނުގާ

ތެދުވަން ކިޔާ ވަރުން ހޭލާ ހޯދީ

އަސްތަ ތިޔަ މޫނޭ ހުވަފެނުން ދުށީ ރޭގާ

ހެވިފަ އެ އިނީތީ ގާތުގާ ނިކަން ލޯބިން”

އެއްވެސް ޝައްކެއް ނެތެވެ. އޮނަވިހި ސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ދިވެހި ފިލްމީ ދާއިރާއަށް ތަޢާރަފުވެގެންދިޔަ އެންމެ ފަރި ހިތްގައިމު މޫނަކީ މަރިޔަމް ނިޝާ ކަމާމެދު ދެބަސް ވެވޭކަށް ނެތެވެ. އެ މޫނެއް މިހާރުވެސް އިސްކިރީނުން ދުށުމަށް އެދެވޭ މޫނަކީ އެއީއެވެ. އެ ހިތްގައިމު ހިނިތުންވުން ދެކިލާހިތް ނުވޭހެއްޔެވެ؟

ޒަމާން ތަކަކަށްފަހު މަރިޔަމް ނިޝާ އަނެއްކާވެސް އިސްކިރީނުން ފެނިއްޖެވެ. މިފަހަރު ފެނުނީ މަޝްހޫރު ‘ޓިކް ޓޮކް’ މެދުވެރިކޮށް ނިޝާ އެކްޓްކޮށްފައިވާ ލަވައެއްގެ ކުޑަކުޑަ ތަންކޮޅަކުންނެވެ. ނިޝާގެ ތިމާގެ ކުއްޖަކާއެކު ކުޅެފައިވާ ލަވައިގެ މި ތަންކޮޅު މިހާރު ވަނީ ‘ވައިރަލް މޯލްޑިވްސް’ ފޭސްބްކް ޕޭޖްމެދުވެރިކޮށް ފިސާރި ބޮޑަށް ވައިގައި ހިފާފައެވެ.

‘މަރިޔަމް ނިޝާ އިޒް ބެކް’ (ނިޝާ އެނބުރި އައިސްފި)، މި ސުރުޚީގެ ދަށުން ކޮށްފައިވާ ޕޯސްޓްގައި ފެންނަނީ ނިޝާގެ ތިމާގެ ކުއްޖާގެ ބުރަކަށީގައި ލެނގިލައިގެން އިނދެފައި ކެމެރާއަށް ބަލައިލާ ލަވަ އަށް ލިޕްސިންގ ކޮށްލާ މަންޒެވެ. މި ކުޑަކުޑަ މަންޒަރުން އެކަނިވެސް ނިޝާގެ އެހުންނަ ޖާދުވީ އަދާ ކިތަންމެހާވެސް ހިތްގައިމުކޮށް ފެނިލައެވެ. ނިޝާގެ އެ ހުންނަ ހިތްގައިމު ނިޝްވާނީކަން (އަންހެން ވަންތަކަން) ފެނިގެންދެއެވެ.

ސުވާލަކީ މިއީ ނިޝާގެ އެނބުރި އައުމެއް ހެއްޔެވެ؟ ނުވަތަ އެކްޓް ކުރާހިތުން “ޓިކް ޓޮކް’ ވީޑިއޯއެއް ހަދައިލީ ހެއްޔެވެ؟

މަރިޔަމް ނިޝާ ފިލްމީ ދާއިރާ އަށް ނިކުތީ ވީޑިއޯ ލަވަ ގެންދަންޏާ ގެންދަންވާށޭ، މިވީޑިއޯ ލަވައިންނެވެ. ކުރިން ދިވެހި ޓީވީ އިން ރޯދަމަހު ދެއްކި ލަވަ ޕްރޮގްރާމް މަހުރަބު ގައި ބައިވެރިވެ، މަލިކު މުޙައްމަދު އާއެކު ނިޝާ އެކްޓް ކުރި މިލަވަ އެޕްރޮގްރާމްގެ 1 ވަނަ ލަވަޔަށް ވެސް ހޮވުނެވެ. ފިލްމީ ދާއިރާ އަށް ނިޝާ އަށް ނިކުމެވުނީ މިގޮތުގެ މަތީންނެވެ.

މަރިޔަމް ނިޝާ ވަނީ ތަފާތު އެތައް ފިލްމް ތަކެއްގައި ހަރަކާތްތެރި ވެފައެވެ. މިގޮތުން ނިޝާ ކުޅެފައިވާ ފިލްމް ތަކުގެ ތެރޭގައި 1993 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޔޫސުފް ރަފީޢުގެ ޙައްގު، 1995 ވަނަ އަހަރު ނިކުތް ފަރިވާ ފިލްމްސް ގެ ދުޝްމަން، 1999 ވަނަ އަހަރު ނިކުތް ނަތީޖާ، ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފަހުނޭވާ، ޒުލޭޚާ، ނާއުއްމީދު، ލޯބި ނުވެވުނު ނަމަ، ގުރުބާނީ، ނިބޫ، އެދިއެދި ހޯދީމޭ، ހިމޭން ދުނިޔެ، ބިރު، ފަދަ ފިލްމްތައް ހިމެނެއެވެ.

ނިޝާ ކުޅެފައިވާ ފިލްމުތައް ލިސްޓްކޮށްލާއިރު:-
ދުޝްމަން
ނަތީޖާ
ފަހު ނޭވާ
ނާއުއްމީދު
ގިނިހިލަ
ލޯބި ނުވެވުނު ނަމަ
ޒުލޭޚާ
ޙައްގު
މަޖުބޫރު ލޯބި
ބާރައިގެ ފަސް – 2009
ލޯބީގަ އަނިޔާ
ނިބޫ
ބިރު
އެދިއެދި ހޯދީމޭ
ހިމޭން ދުނިޔެ
ގުރުބާނީ
ހިތި ނިމުން
ސަނދުރަވިރޭ
ސަނދުރަވިރޭ 2
އޭނާ

ކުޅެފައިވާ ޑްރާމާ ސިލްސިލާ ތަކަށް ބަލާއިރު މަންޒިލް، ރޭޝަމް، ކުޅޭ ބޭބެ، ފަދަ ޑްރާމާ ތައް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.