‘އައި ކިޔު ޕްރޮޑަކްޝަންސް’ އިން ‘އާރް ޓޫ ޒެޑް’ އާއި ‘އާރް ސްކޮޔާޑް’ އާއި ގުޅިގެން އުފައްދާ ވެބް ސީރީޒް “އެހެނަސް” ގެ ޓްރެއިލާ އާއްމުކޮށްފި އެވެ. ޓްރެއިލާ ނެރުމުގެ ހަފުލާ ބާއްވާފައިވަނީ ރޭ ބައިސްކޯފު ސްޓޫޑިއޯގައެވެ.

“އެހެނަސް” ވެބްސީރީޒްގެ ޑައިރެކްޓަރ ރަވީ ފާރޫގު ބުނީ މިއީ ކުޑަ ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ދައްކުވައިދޭ ސީރީޒެއް ކަމަށެވެ.

މީގެ 12 އަހަރުކުރިން ލިޔުންތެރިޔާ އަޙްމަދު އިޤްބާލް ލިޔެފައިވާ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ…” ގައި ދައްކުވައިދެނީ ރަނޑު ފިރިހެނަކަށް މުޖުތަމައު ތެރެއިން ކުރިމަތިވާ ކަންތައްތަކެކެވެ. އެ ވާހަކައަށް ބިނާކޮށް ހަދާ މި ވެބްސީރީޒްގައި މީގައި އުޅޭ ރަނޑު ފިރިހެން ކުއްޖާގެ ދިރިއުޅުމާއި ގުޅުވައިގެން މުޖުތަމައުގައި ހިނގާ އެތައް އިޖުތިމާއީ މައްސަލަތަކެއް ދައްކުވައިދޭނެ ކަމަށް ރަވީ ބުންޏެވެ.

މި ސީރީޒުން ފެނިގެންދަނީ ފިލްމީ ދާއިރާއަށް އާ މޫނުތަކެއް ނަމަވެސް ‘ޓިކް ޓޮކް’ގައި އެންމެ ކުރީ ސަފުގައި އުޅޭ ފަންނާނުން ތަކެކެވެ. އެ ފަންނާނުންތައް ރޭގެ ރަސްމިއްޔާތުގައި ވަނީ ދައްކާލާފައެވެ. މަޝްހޫރު ދެ ތަރިން ކަމަށްވާ ޝީލާ ނަޖީބާއި އޭނާގެ ފިރިމީހާ މުހައްމަދު މަނިކު ފިޔަވައި “އެހެނަސް” ގެ ކާސްޓްގެ 99 ޕަސަންޓަކީ އަލަށް ތައާރަފުވާ އެކްޓަރުންނެވެ.

މީގެ އެންމެ މުހިއްމު ކެރެކްޓާ އިން ފެންނާނީ މީގެ ކުރިން ވީޑިއޯ ލަވައެއް ކުޅެފައިވާ މުހައްމަދު ވިޝާލެވެ. އިތުރު ކާސްޓުންގެ ތެރޭގައި ފިލްމު “ބޮސް” އިން ތައާރަފުވި އެކްޓަރު މުހައްމަދު ޔުނާން، ޝަރާ އާދަމް، އާމިނަތު ޝަމާނާ، އަހުމަދު ޝާރިފް، އާމިނަތު ސިލްނާ، މަރިޔަމް ވަހީދާ އަދި އަލީ އުސާމް ހިމެނެ އެވެ.

“ޓީޒާއިން ފެނުނުހެން މީގައި އުޅޭ ކެރެކްޓާއަކީ ރަނޑެއް. މީގެން ދައްކުވައި ދޭން ބޭނުން ވަނީ އެ މީހުން އަމިއްލަ އަށް ޗޫޒްކޮށްގެން ރަނޑުންނަށް ވަނީ ނޫންކަން، އެހެންވީމަ އެބަޖެހޭ މީހުން، އެ މީހުން ވެސް އެކްސެޕްޓްކުރަން.”ޓްރެއިލަރ ނެރުމަށްފަހު ރަވީ ބުންޏެވެ.

ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ މި ސީރީޒްގެ ފުރަތަމަ ސީޒަންގެ ބޮޑު ބައި މިހާރު ވަނީ ޝޫޓުކޮށް ނިންމައިފަ އެވެ. މާ ލަސްތަކެއް ނުވެ ބައިސްކޯފް އެޕުން “އެހެނަސް” ސްޓްރީމް ކުރަން ފަށާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.