އާޅޭންނޭ އިނބޭން، ރޯދަޔަށް ހަވާދަ ދަވައިފީމުތެ؟ ރޯދަމަހަ ފެށޭން ކާރިވޫމާ ކޮންމެ ދެއަންހެނަކު ދިމާވިއަސް މިހާރު އަހާލެވޭނޫ މެހެން. ދިވެހި ހަވާދޭ މިކިޔަން ހަވާދަ ދެވުމަކޫ އަފޭން ރަށުވެސް ރަށު ރައްޔިތު އަންހެނުންގެ އެކުވެރިކަން އެ މަސައްކަތަކުން ފެނެމުން ދަން މަސައްކަތެއް. ހަވާދަކޫ އާއްމުކޮށް އަބަދުވެސް ދަވަން އެއްޗަކަށްވިޔަސް މި ދެވުމުވެސް ފޯރި ހުންނަނޫ ރޯދަޔަށް، އެހެން ނޯނުއްވާ ކުއްދަކު ބައިންދާންވެގެން ހަވާދަ ދަވަން އިރޭ.

ރޯދަޔަށް ހަނދަ ބެލުމަށް މަހަކަށް ވަންއިރަށް ހަވާދަ ދެވުމަށް ދަރަކަނޑާ ކާށި ހޯދާ ތައްޔާރަ ވާން ފަށާޅެތް. ހަވާދަ ދަވާން ތައްޔާރަވޫމާ ރައްޓެހިންނާއި އަވަށްޓެރިނާ ތިމާގެ މީހުން ކާރިޔަށް ގޮހޮ ބޮނާޅެތް މާދަމާ ހަވާދަ ދަވައިދެން ދާށޭ.

އެބޮނަން ދޮހާ ހެނދުނު ހެނދުނާ މީހުން އުމާޅެތް އެގެއަކު ހުނުގޮނޑި ހިފައިގެން. އަފޫ ކާށިތެއް އެއްތަން ކޮަށްގެން ހުނު ގާނާ ނިންމާޅެތާ މެންދުރުވާންވަން އިރަށް. އަންހެންވެރީން ޖަމާވަން ތަނަކަށް ވަނައިތި އެގަޑިއަކޫ ނިކަން ފޯރިޔާ އެއްކޮށް ރަށުތެރޭ ހިނގަން އެކިއެކި ކަންތެއްތެކު ވާހަކަ ދެކެވެމުން ދަން ގަޑިއެއް.

ހުނުގާނާ ނިމެނޫމާ ކަމުވޮށިގެންވަން ބޮޑަ މީހެއް ލައްވާ ހަވާދުގެ ސާމާނުތެއް ކަމަށްވަން ދިރި، ކޮތަންބިރި، ދަވިއްގަނދަ، އަސޭމިރުސް، ކަރަންފޯކާފޫރުތޮޅި، ފިޔައި، ލޮނަމެދަ، ހިކަނދުފަތް، ރާބާފަތް، ރީނދޭ އަޅައިގެން ހަވާދަ ގަނޑަ މޮޑެލާޅެތް. ހަވާދަ މޮޑޭން ވަންއިރަށް ދެންތިބެން ޅަ އަންހެންވެރީން ގޭގެއަށް ހިނގައިގެން ހަވާދަ ދަވަން ތާހާ އުނދުނާ ހޯދައިގެން އުމާޅެތް.

މޮޑެފާހުރީ ހަވާދަގަނޑަ ތާސްތެކަށް އަޅައިގެން ދަވާން ފަށާނޫ. މި ހަވާދަ ދަވާން ތިންގަޑިއިރަ އުނދުންމައްތަށް އުދައިގެން ހަވާދަ އެތި ހަލުވާލާ ހަލުވާލާ ތިބޭން ޖެހޭޅަ.

ހަވާދަ މުގުރަން ދައްޗާ މިކުސްްޗަރު ކަހަލަ އެއްޗެހި އާއްމުވުމުގެ ކުރޫން، ހަވާދަ ދަވާ ނިމެނޫމާ ހަވާދަ ތަޅާ އޮޅެނޫ ވަނުން. މި ވަން ހުންނާނޫ ބިލެތްތަޅަން ވަނަށްވަނީން ބޮޑަކޮށް. އެކަމަކު މިހާރު ހަވާދަ މުގުރަނޫ މިކުސްޗަރުން. ހަވާދަ މުގުރާ ނިންމާފާ ދަޅަ ދަޅަށް އަޅާފާ ބަހައްޓަނޫ. ރިހަ ކައްކާން ވޫމާ ބޭނުންވަންވަރަށް ހަވާދަ ދަޅުން ނަގައިގެން، ފުންޑައިގެން ބޭނުންކެރަނޫ.

 

ފޮޓޯ: ފައިނާޒް

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.