ރާއްޖޭގެ ކުރެހުންތެރިންގެ ހުރި ކަންބޮޑުވުންތަކާއި އުދާސްތައް ތަފާތު ގޮތަކަށް ހާމަކޮށް ސަރުކާރާއި އާއްމުންގެ ސަމާލުކަމަށް އެކަންކަން ގެނެސްފައިވާއިރު، ކުރެހުންތެރިންގެ ޝަކުވާތައް އަޑުއިވިއްޖެކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވެއްޖެއެވެ.

ވަންނާނެ ތަނެއް ނެތް ބައެއް ކަމަށް ބުނެ ރާއްޖޭގެ ކުރެހުންތެރިން އެމީހުން ޝަކުވާތައް ހާމަކުރީ ހަށިގަނޑުގައި ޝަކުވާތައް ލިޔެގެން އާޓް ގެލެރީ ކުރިމަތީގައާއި މާލޭގެ މަގުމަތީގެ ބައެއް ސަރަހައްދުތަކުގައި ހުއްޓިތިބެ ކުރި އިހްތިޖާޖަކުންނެވެ. ވަންނާނެ ތަނެއް އަޅާލާނެ ބަޔަކު ނެތްކަން ދައްކުވާދޭ ގޮތަށް މުޅި ގައިގައި ހުދުކުލައިން އެކި ޝަކުވާތައް ލިޔެގެން ހުރި މީހާ އާޓް ގެލަރީ ކުރިމަތީ ހުއްޓިލައިގެން ހުރީ ދަޅަކާއި ގޯންޏެއްވެސް ކައިރީގައި ބަހައްޓާލައިގެންނެވެ.

މިކަމާގުޅިގެން ފައިން އާޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާޓިސްޓުންނާއި މެދު އިހްތިރާމާއި އެކު ކަންތައް ނުކުރާއިރު އާޓް ގެލަރީ ކުއްޔަށް ދިނުމަކީ އާޓިސްޓުން ކުރި އަރަން އޮތް ފުރުސަތު ހަނިކުރުންކަމަށެވެ. އަދި އާޓް ގެލަރީ އާޓިސްޓުންނަށް ބޭނުންނުކުރެވޭއިރު އެތަން އާޓިސްޓުންނަށް ދިނުމުގެ ބަދަލުގައި އެކި ކަންކަމަށް ކުއްޔަށް ދޫކުރާތީ އެކަމުގެ ކަންބޮޑުވުންވެސް ފައިން އާޓްސްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ފައިން އާޓްސް އިން ކޮށްފައިވާ ޓްވީޓަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ޓްވީޓެއް ކުރައްވައި ޖަވާބުދެއްވާފައިވެއެވެ. އެކަމަނާ ވިދާޅުވީ އާޓިސްޓުންގެ ޝަކުވާތައް އަޑުއިވިވަޑައިގެންފިކަށާއި އާޓްގެލަރީ އާއިމެދު އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށެވެ.

އާޓްގެ އެކި ދާއިރާތަކުގެ ބޭފުޅުންގެ ކަންބޮޑުވުންތަކާއި ދާއިރާތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރެއްވުމަށް، މިނިސްޓްރީން އިންތިޒާމުކުރައްވައިގެން ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. ނަމަވެސް ފަންނުވެރިކަމުގެ ދާއިރާތަކުގެ ފަންނާނުން ވިދާޅުވަނީ ބައްދަލުވުންތައް ބޭއްވުނަސް ކަމެއްވާތަން ނުފެންނަ ކަމަށެވެ. ކަންކަމަށް ހައްލެއް ނާންނަ ކަމަށެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.