ފަންނުވެރިކަމުގެ މަސައްކަތުގައި އެއް މަސައްކަތް އަނެއް މަސައްކަތާއި އިއްތިފާގުން އެއްގޮތްވެސް ވެދާނެ އެވެ. ނަމަވެސް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އެއްގޮތޭ ބުނާވަރުވުމުން އެއީ އިއްތިފާގެއްކަމަށް ބެލެވޭނެހެއްޔެވެ؟ އެފަދަ މަސައްކަތަކަށް ބެލެވޭނީ ކޮޕީކޮށްލުމެއް ނުވަތަ ނަކަލުކޮށްލުމެކޭ ނޫން އެހެން ކޮންގޮތަކަށް ހެއްޔެވެ؟

ރާއްޖޭގެ މުއާސަލާތީ ޚިދުމަތްދިނުމުގައި އެންމެ ކުރީ ސަފުގައި އުޅޭ މަޝްހޫރު އެއް ކުންފުނި އުރީދޫ މޯލްޑިވްސް އިން މި ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދައްކަން ފަށާފައިވާ އިޝްތިހާރު ފެނިފައި ވަރަށް ހިތްގައިމު ހިތްހަމަޖެހުމެއް ލިބުނެވެ. އޭގެ ވާހަކައިން ބުނެދޭ، ކިޔައިދޭ، ދައްކުވައިދޭ އަގުހުރި މެސެޖް ފެނިފައި ހިތުގައި ޖެހުނެވެ. ހިތް އުފަލުން ފޮޅުނެވެ.

އުރީދޫ މޯލްޑިވްސް އިން “ނެތެމުންދާ ޒަމާންވީ ރިވެތި އާދަކާދަތައް އާލާކޮށް، ތިމާގެކަމުގެ ގުޅުންތަކާއި، އެކުވެރި ރަހުމަތްތެރިކަމުގެ ގުޅުންތައް މި ރަމަޟާން މަހު ބަދަހި ކުރަމާ” ގެ ނަމުގައި ގެނެސްދެމުން އަންނަ އިޝްތިހާރު ވަރަށްވެސް ފުރިހަމައެވެ.

ނަމަވެސް، ‘ފަޓާސް ޓީވީ’ގެ ނަމުގައި ހިންގަމުން އަންނަ ޔޫޓިއުބް ޗެނަލް އަކުން ކޮށްފައިވާ ޕޯސްޓެއް ފެނިފައި ހިތަށް ލިބުނު އުފާވެރިކަން މިލައި މޯޅިވިއެވެ. އިޝްތިހާރު ހާދަމޮޅޭ، އައިޑިއާ ހާދަ ރީއްޗޭ ހިތައި، ހިތުގެ އަޑިން އެ އިޝްތިހާރު އުފެއްދި ބަޔަކަށް ކުރެވުނު ތަޢުރީފްގެ ބަސްތައް އަނބުރައި ގެންނަން މަޖުބޫރުވީ، އިޝްތިހާރަކީ ފިސާރި ފުރިހަމަ ނަކަލެއްކަން އެނގުމުންނެވެ. ނަކަލުކޮށްފައިވަނީ މަޝްހޫރު ގޫގުލް އިޝްތިހާރަކުންނެވެ. ވީޑިއޯ އުފައްދާ މީހުންގެ ބަހުރުވައިން ބުނާހެން، ޝޮޓް ބައި ޝޮޓް ކޮޕީއެކޭ ބުނެވޭހާވެސް އެއްގޮތަށް ކޮޕީކޮށްފައެވެ.

ގޫގަލް ސާޗް ރިޔޫނިއަން އެޑާއި އުރީދޫ އެޑް އެއްކޮށްގެން އެޑިޓްކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ތިރީގައި އެވަނީ އެވެ.

https://www.youtube.com/watch?v=Kg0ke1RnYlo

އުރީދޫ މޯލްޑިވްސް ފަދަ މަޝްހޫރު ބްރޭންޑެއްގެ އިޝްތިހާރެއް މި ފެންވަރުގައި ހަދައިގެން ދެއްކުމަކީ ހަމަ ގައިމުވެސް އެވަރުގެ ކުންފުންޏަކަށް ‘ޝޯބާ’ދޭނެ ކަމެއް ނޫނެވެ. އެ ކުންފުނީގެ މާކެޓިން އަދި އެޑްވަޓައިޒިން ޑިޕާޓްމަންޓުން މިފަދަ އިޝްތިހާރެއް ދެއްކުމަށް ފާސްކުރީތީވެސް ސުވާލު އުފެދެއެވެ.

ގޫގަލް ސާޗް ރިޔޫނިއަން އެޑް ތިރީގައި އެވަނީއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.