7 މެއި 2019 ގެ ޢަދަދާއި ގުޅޭ….
“އަދްފާ، އަސްލު އަހަންނަކީ ގޯސް މީހެއް ނޫން.” ކޮންމެވެސް ސަބަބަކާއި ހުރެ ތަމްޙާން އަހަންނަށް ވިސްނައިދޭން ބޭނުންވީ އެއީ ގޯސްމީހެއް ނޫންކަމެވެ.
“ތަމްޙާން، އަހަރެން ވަރަށް ވަރުބަލިވެއްޖެ.” މާބޮޑު ޚިޔާލެއް ފިކުރެއް ނެތި އަހަރެން ތަމްޙާންގެ ފައިގެ ފަލަމަސްގަނޑު މަތީގައި ބޯ އެޅީމެވެ. އޭނާގެ ބަނޑާއި ދުރުން، ކަކުލާއި ކައިރިޔަށްވާ ހިސާބުގައެވެ.
އަހަރެން ދެލޯ މަރައި ތަގުޅި ކޮށްލީމެވެ. އޭނާގެ ފުން ނޭވާގެ އިޙްސާސް އަހަންނަށް ކުރެވެމުން ދިޔައެވެ. ވަރަށް ލުވިލުވިކޮށް، އަހަންނަށް އުނދަގޫ ނުވާނޭހެން، އަހަރެންގެ ބޮލުން އިސްތަށިކޮޅަކާއި އޭނާ ކުޅެން ފެށިއެވެ. އަހަރެންގެ ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު އޭނާގެ އިނގިލިތަކުން އަހަރެންގެ ކޯތާފަތުގައި ފިރުމަން ފެށިއެވެ. އެއީ ކަށިކަމެއް ހުރި ހަމަކުން އުފެދިފައިވާ އަތްތިލައެއްކަން އިޙްސާސް ކުރެވުނެވެ. އެކަމުން އަހަންނަށް ވިސްނުނީ އޭނާއަކީ ވަރުގަދަ މީހެއް ކަމެވެ.
“ދެން ހަދާނީ ކިހިނެތް؟” އޭނާގެ އަމިއްލަ ނަފުސާއި މުޚާތަބް ކުރާފަދަ ގޮތަކަށް ސުވާލުކުރިއެވެ. އަހަންނަށް ކުޑަކޮށް ހިނިގަނޑެއް ޖަހާލެވުނެވެ. “ހިނިއަންނަވަރު ކަމެއްތަ މީ؟” ތަމްޙާން ދެ ދަތްޕިލަ ޖައްސައިގެން އިނދެ އަނެއްކާވެސް ސުވާލު ކުރިއެވެ.
“ތީ އެހާ ‘ވެލް އޯގަނައިޒްޑް’ ޓެރަރިސްޓް ޖަމާޢަތެއްގެ މީހެއް ނޫން ދޯ.” އަހަރެން ހިނިގަނޑަކާއެކު އެހީމެވެ. އޭރުވެސް އަހަރެން އޮތީ އޭނާގެ ފަލަމަސްގަނޑު މަތީގައި ބޯއަޅާލައިގެންނެވެ. “މިބުނީ ތީނަ ‘އެސްކޭޕް’ ވާނެ ޕްލޭނެއްވެސް ނެތްދޯއޭ؟”
“ޕްލޭނެއް އެބައޮތް، އެކަމަކު ތީނަ މިތާ ބާއްވާފަ އަހަރެން ބަޗައިފިއްޔާ އަހަރެން ނިސްބަތްވާ ގްރޫޕުން ތީނަ އަތުލައިގަނެ މަރާލާނެ. އަހަރެން ބޭނުމެއް ނޫން އެގޮތް ވާކަށް.” މަޑުމޮޅި ރާގެއްގައި މަޑުމަޑުން ތަމްޙާން ބުންޏެވެ.
“އެހެންވިއްޔާ އަހަރެން ހިނގައިދާނަން ތަމްޙާން އާ އެކު. އޭރުން އަހަރެން މަރުވާކަށް ނުޖެހޭނެ، އަދި ތީނައަށް ރައްކާތެރިކަމާއެކު ސަލާމަތް ވެވޭނެއެއްނު.” އަހަންނަށް މިހެން ބުނެވުނީ ކީއްވެގެން ކަމާއިމެދު ކުޑަކޮށްވެސް ވިސްނައެއް ނުލެވުނެވެ. އެކަމަކު އަހަރެން އެހެން ބުނީ އެކަމުގެ ނިޔަތާއި އެކުގައެވެ. ތަމްޙާން ޖަލުގެ ގޮޑިއަކަށް ފެތޭތަން ބަލާކަށް ނުވަތަ އޭނާއަށް މަރުގެ ޙުކުމް ކުރާތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ސުވާލަކީ: އަހަރެންގެ މުޅި ޙަޔާތް، ޓެރަރިސްޓަކާއި އެކު ހޭދަކޮށްލެވިދާނެ ބާވައެވެ؟ އެކަމަކު މިހައިތނަށް ތަމްޙާންއާއި މިދެކުވުނު ވާހަކަތަކުންވެސް އެނގުނު ކަމަކީ އަހަންނަށް އޭނާއާއި އެކުގައި މިކަންތަކުގައި ބައިވެރި ވެވުނު ކަމެވެ. ކޮންމެވެސް ސިފައެއްގަ އެވެ.
“އަސްލުވެސްތަ؟ އަދްފާގެ މައިންބަފައިންނާ، މުދަލާ ރައްޓެހިން ދޫކޮށްފަ މަށާއެކު މި ރާއްޖެ ދޫކޮށްވެސް ހިނގައިދާނަންތަ – މިބުނީ މަށަށް ޓަކައި.” ތަމްޙާންގެ ސުވާލާއި މެދު އަހަރެން ވިސްނާލީމެވެ. އާނއެކެވެ. އަހަރެން ހިނގައިދާނަމެވެ. އަހަރެން މިގޮތަށް މިހާ ކައިރިން ފިރިހެން ކުއްޖަކާއެކު ވަގުތު ހޭދަކޮށްފައެއްވެސް ނުވާނެއެވެ. އެކަމަކު ރާއްޖެ ދޫކޮށްފަ ގޮސްފިއްޔާ ހަމަ ގައިމުވެސް އަހަރެންގެ ބައްޕަ މަތިން ވަރަށް ހަދާންވާނެއެވެ. ވަރަށް މިސްވާނެ އެވެ. އެކަމަކުވެސް މިއީ އަހަންނަށް މިހާރު މާ މުހިންމު ކަމެކެވެ. އަހަރެންގެ ލައިފްގަ އިންޓަރެސްޓިންގ ކަމަކަށް ކުރިމަތިވި ހަމައެކަނި ކަމަކީ މިއީ އެވެ.
“ޝަރުތެއްގެ މަތިން އަހަރެން ގޮސްފާނަން.” އަހަރެން ބުނީމެވެ. އަރިއަކަށް އޮތް އަހަރެންގެ ބޯ ސީދާކޮށް، ތަމްޙާން އާއި ހަތަރުކަޅި ހަމަކޮށްލީމެވެ. އޭނާގެ ދެލޮލުން އަހަންނަށް ބަލަމުން ދިޔައީ ވަރަށް މަޢުނަވީ ގޮތަކަށެވެ.
“އަދްފާ ބޭނުންވި ކޮންމެ ކަމެއް ކުރާނަން.” ވައި އަޑަކުން އޭނާ ޖަވާބު ދިނެވެ. ހީވީ ދޫންޏެއްގެ ފަތެއް އައިސް އަހަރެންގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލިހެންނެވެ.
“މަށަށް ‘ނިއޯ’ ސައިކެއް ގަނެދޭން ވާނެ!!” އަހަރެން އެދުނީ އޭނާ އުއްމީދުކުރި ކަހަލަ ކަމަކަށް ނޫންކަން ހަމަ ގައިމެވެ. އެކަމަކުވެސް ތަމްޙާން ގާތަށް ހިންޏެއްވެސް ނާދެއެވެ. އޭނާ އެއަށްވުރެން ސީރިއަސް އެވެ.
“މައްސަލައެއް ނޯންނާނެ. އަހަރުމެންގެ މަންޒިލަށް ދެވުމުން، އަދްފާ މިހާރު ގެންގުޅޭ ‘ނިއޯ’ އަށްވުރެން ސަޅި ސައިކެއް ގަނެދޭނަން. އޯކޭ؟” އޭނާ ކަރުކެހިލިއެވެ.
“ވަރަށް ސަޅި. އެހެން ނޫނަސް ތީނައަށް މަޖުބޫރޭ ގަނެދޭންވެސް.” ފިނީގެ އަސަރުން އަހަރެން ތުރުތުރު އަޅައިގަތެވެ.
އޭނާ ލައިގެން ހުރި އަތްދިގު ގަމީސް ބޭލިއެވެ. އޭނާގެ އެ ހިތްގައިމު މޭމަތި ހާމައަށް އަހަންނަށް ފެނުނެވެ. އޭނާގެ މޭ މައްޗާއި ބަނޑާއި އެއްކޮށްވަނީ އިސްތަށި ބާލާފައެވެ. ނުވަތަ ހެއަރ ރިމޫވާއަކުން ރިމޫވް ކޮށްފައެވެ. އޭނާގެ ބަނޑުގައި ‘ސިކްސްޕްކް’ ހުއްޓެވެ. މީގެ އިތުރުން އޭނާގެ މެޔާއި ބަނޑުގައި ލަކުނުތަކެއް ކަހަލަ ނިޝާންތަކެއް ފެންނަން ހުރިހެން އަހަންނަށް ހީވިއެވެ. އަނދިރިކަމުން އެހާ ރަނގަޅަށް ފާހަގަ ކުރަން ނޭގުނަސް ކޮންމެވެސް ކަހަލަ ނިޝާންތަކެއް ހުރިކަން އެނގުނެވެ.
އޭނާ ގަމީސް ބާލަން ފެށިވަގުތު އަހަރެން ތެދުވެއްޖައިމެވެ.
“އަން.” ގަމީސް މަށާދިމާއަށް ދިއްކޮށްލިއެވެ.
“ތަމްޙާންގެ ގަމީސް އަހަރެން ލީމަޔޯ. ދެން ތީނައަށް ކިހާ ފިނިވާނެ!” އަހަރެން ޖަދަލު ކުރީމެވެ. ނަމަވެސް އޭނާ ގަދަކަމުން އަހަރެންގެ އަތަށް ގަމީސް ޖެހި އެވެ.
“ގަދަކަމުން ތި ގަމީސް ލައްވަން ނޫޅެންދެން، ދެންވެސް އަވަހަށް ލާބަލަ. އެހެންނޫނީ ތީނަ ލައިގެން ތީނދަ ޓޮޕްކޮޅުވެސް ބާލުވާލަން ޖެހިދާނެ.” ސަމާސާ ކޮށްލަމުން އޭނާ ދިނީ އިންޒާރެކެވެ. ވަރަށް ރޮމޭންޓިކް އިންޒާރެކެވެ.
އަވަސްއަވަހަށް އަހަރެން އޭނާގެ ގަމީސް ލީމެވެ. އަނެއްކާވެސް އޭނާގެ ފައިމަތީގައި އޮށޯތީމެވެ. މިފަހަރު އޮތީ ކުރިން އޮތްގޮތަށް އަހަރެންގެ މޫނު އޭނާއާއި ދުރަށް ވާގޮތަކަށް ނޫނެވެ. އޭނާގެ ދެ ފަލަމަސްގަނޑު ދޭތެރޭގައި އަހަރެންގެ ފުށަބޯ ޖައްސައިގެން އުޑުތިލަމަތިންނެވެ. އަހަރެން އޮތީ ތަމްޙާންއަށް ބަލާށެވެ. އަނެއްކާވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނާގެ ބަނޑާއި މޭމައްޗާއި އެކުގައި ހުރި ނިޝާންތަކެވެ. ތަމްޙާން އިނީ އެހައި ބޮޑަށް އަހަންނާމެދު ވިސްނާކަށް ނޫނެވެ.
އޭނާގެ އެއް އަތުން އަހަރެންގެ ބޮލުގެ އިސްތަށިކޮޅަކާއި ކުޅެމުން ދިޔައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ދުރަށެވެ. ކޮންމެވެސް ކަމަކާއި މެދު ފުން ވިސްނުމެއްގައި އިންކަން ޔަޤީނެވެ. އޭނާގެ އަނގަ ވަނީ ހުޅުވިފައެވެ. އޭނާ އެ ވިސްނަމުންދަނީ އަހަންނާމެދުގައި ނޫންބާވައެވެ. މިގޮތަށް ތަމްޙާންގެ ފައިމަތީގައި އަހަރެން އޮތުން ރަނގަޅެއް ނުވާނޭ ހިތަށް އެރިއެވެ.
“އުނދަގޫވޭތަ؟” ލަދުވެތި ގޮތަކަށް އަހަރެން އެހީމެވެ.
“ކޮންކަމަކާ؟ ތިބުނީ ބާލީހަކަށް އަހަރެންގެ ފައި ބޭނުންކުރުންތަ؟”
އަހަރެން ބޯ ޖަހައިލީމެވެ.
“ކޮން އުނދަގުލެއް ވާނީ. އެއްވެސް އުނދަގުލެއް ނުވޭ. ވިޔަސް ވާނީ ފަސޭހައެއްނު” ލާނެތް ގޮތަކަށް ހިނިތުންވެލަމުން އޭނާ ޖަވާބު ދިނެވެ.
އަހަރުމެން ދެމީހުންވެސް އެއްޗެކޭ ނުބުނެ ތިބީމެވެ. ތަމްޙާން އިނީ ވިސްނާށެވެ. އަހަރެން އޭނާގެ ހަށިގަނޑުގަނޑުގައި ހުރި ޓެޓޫތަކަށް ބަލަން އޮތީމެވެ. އެއީ ޓެޓޫތަކެއްކަން އަހަންނަށް ފާހަގަވީ އިރުކޮޅެއް ކުރިންނެވެ. ޓެޓޫއަކީ އަހަންނަށް އަބަދުވެސް ވަރަށް ކަމުދާ އެއްޗެކެވެ. ޓެޓޫތައް ކިޔައިދެނީ ނުރައްކަލުގެ ވާހަކައެވެ. ޓެޓޫއެއް ޖެހުމަކީ އަބަދުވެސް އަހަރެން ކުރަން ބޭނުންވާ ކަމެކެވެ.
އަހަރެންގެ ވާތް އުފުލާލީމެވެ. އެ ޓެޓޫތަކުގައި އަތްޖައްސާލުމަށެވެ. އޭނާގެ ހޫނު ހަށިގަނޑުގައި އަހަރެންގެ އިނގިލިތަކުގެ ކޮޅު ޖައްސާލީމެވެ. އޭނާއަށް ހަށިގަނޑު ސީދާ ކޮށްލެވުނެވެ. ހީވީ ކަރަންޓް ޝޮކެއް ލިބުނުހެންނެވެ. ޓެޓޫތަކުގެ އަރިމަތިން އަހަރެންގެ އިނގިލި ހާކަމުން ގެންދިޔައިމެވެ. އޭނާ ހަމަޖެހިލިއެވެ. ލަދުވެތި ގޮތަކަށް ހިނިތުންވިއެވެ. އަރާމުގެ އިޙްސާސެއް ވެގެން އާހެއް ބޭރުވިއެވެ.
“ޓެޓޫ އަކީ އަދްފާއަށް މާ ކަމުދާ އެއްޗަކީތަ؟”
“ވަރަށް ބޮޑަށްވެސް. ވަރަށް ސެކްސީ ވައްތަރެއް ޖަހަނީ ޓެޓޫ ހުރީމަ.” އެއްވެސް ވިސްނުމެއްނެތި އަހަރެން ޖަވާބުދިނީމެވެ.
“އެހެންވީމަ އަހަރެންވެސް ވަރަށް ސެކްސީކަމަށް ދޯ ދެކެނީ؟”
އަހަރެންގެ އަތް އޭނަގެ ހަށިގަނޑުން ދުރަށް ޖައްސާލީމެވެ. ތަމްޙާންގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ.
“މަށެއް ތިހެންނެއް ނުބުނަމެއްނު!” އަހަރެން އަރިއަކަށް ޖެހިލީމެވެ. އޭނާއާއި ދުރަށް މޫނު އަނބުރާލުމަށެވެ.
“އަދްފާ، އަހަރެން ސަމާސަ ކޮށްލީއޭ. ރުޅި ނާންނަންޗޭ!” އަހަރެންގެ އަރިކަށީގައި އޭނާގެ އަތް ޖައްސާލަމުން މަޑުމަޑުން އޭނާ ބުންޏެވެ.
“އަހަރެން ރުޅިއެއް ނާދެޔޭ. މިއޮތީ ވަރުބަލި ވެފަ.”
ތަމްޙާން އަހަރެންގެ އަރިކަށި މޮޑެދޭން ފެށިއެވެ. އަހަރެން ދެލޯ މަރައިލީމެވެ. އަހަރެން އޭނާއަށް ފުރިހަމައަށް އިތުބާރު ކުރަމެވެ. އަހަރެންގެ ނޭވާ ކުރުވާން ފެށިއެވެ. އެކަމަކު ނިދި އޭގެ މައްޗަށް ގަދަވެގެންފިއެވެ. ނިދިނިދި އޮއްވާ ތަމްޙާން ކޮންމެވެސް އެއްޗެކޭ ބުނިހެން ހީވިއެވެ.
“އަދްފާ، އައި ލަވް ޔޫ.”
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!