ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ފޯރިއާއެކު ވާދަކުރަމުން ގެންދާ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި މިފަހަރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގެނެސްދޭ ޑްރާމާ ‘ނަމަ’ ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭގައެވެ.

ވެމްކޯ ޑްރާމާ ‘ނަމަ’އިގެ ޝޫޓިން އާއި ހުރިހައި މަސައްކަތްތައް އެއްކޮށް ނިންމައި މިމަހުގެ 13 ވަނަ ދުވަހު ޓީވީއެމް އާއި ހަވާލުކޮށްފައިވާކަމަށް ‘ނަމަ’ ޑްރާމާގެ ޓީމުން ބުނެއެވެ.

ވެމްކޯ ޑްރާމާ ‘ނަމަ’އިގެ ވާހަކަ ލިޔެ ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު އެކްޓަރ އަޙްމަދު ސަޢީދު އެވެ. ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެވެ. މަޝްހޫރު ސިނަމޮޓޮގްރާާފަރ ޝިވާޒް (މާސްކޭ) ކެމެރާކޮށްފައިވާއިރު ޑްރާމާ އެޑިޓްކޮށްފައިވަނީ އަހްމަދު އަމީދް ނަޞީރު އެވެ.

“މިފަހަރުގެ ޑްރާމާއިންވެސް މުޖުތަމަޢަށް ވަރަށް ފައިދާހުރި މެސެޖްތަކެއް ދޭނެ.” މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 22:00 ގައި ހަމައެކަނި ޓެލެވިޛަން މޯލްޑިވްސް އިން ދައްކާ ‘ނަމަ’ ޑްރާމާގެ ޑައިރެކްޓަރ ސައީދު މުނިއަވަސް އަށް ބުންޏެވެ. ސައީދު އިތުރަށް ބުނީ މި ޑްރާމާގައި މުޅިންވެސް ހަރަކާތްތެރިވާނީ ވެމްކޯގެ މުއައްޒަފުން ކަމަށެވެ.

މިދިޔަ އަހަރުގެ އޮފީސް ޑްރާމާ މުބާރާތުން ވެމްކޯގެ ޑްރާމާ “ކަނި” އަށް ވީވަރސް ޗޮއިސް ބެސްޓް އެކްޓަރގެ މަޤާމާއި ބެސްޓް ޑްރާމާގެ އެވޯޑް ވަނީ ލިބިފައެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޓީވީ މޯލްޑިވްސް އިން ގެނެސްދެމުންދިޔަ އޮފީސްތަކުގެ ޓލެޑްރާމާ މުބާރާތަކީ 1994ވަނަ އަހަރުން ފެށިގެން ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ.

މިމުބާރާތުން ވިދާލި ގިނަ ތަރިން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފުންނާބު އުސްތަރިންގެގޮތުގައި މަޝްހޫރުވެފައިވެއެވެ.

މިއަހަރުގެ މުބާރާތުގެ ނަތީޖާ ރޯދަމަސް ނިމުމާއެކު ވީއެންމެ އަވަހަކަށް ބާއްވާނެކަމަށް ޕީއެސްއެމުން ވިދާޅުވެއެވެ. އެގޮތުން އެންމެމޮޅު ޑްރާމާއަކަށް ފަންސާސް ހާސް ރުފިޔާ ދޭން ނިންމާފައިވާއިރު އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަކަށް ފަނަރަހާސް ދޭންވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުންވެސް އެންމެމޮޅު ސަޕޯޓިން އެކްޓަރާއި ނިއުކަމަރ އާއި ވީވާރސް ޗޮއިސް އަދި އެންމެ މޮޅު ޑިރެކްޓަރ ހޮވުމަށްވެސްވަނީ ހަމަޖެހިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.