މިއަހަރުގެ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ގެނެސްދޭ ޑްރާމާ އަކީ “ނަކަލު” ކަމަށާ ޑްރާމާއިން ގެނެސްދޭ މެސެޖަކީ ސަމާސާއެއް ނޫންކަމަށް ޑައިރެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ބުނެފިއެވެ.

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ޑްރާމާގެ ކަންތައްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހުނަރުވެރި އެކްޓަރ، ޑައިރެކްޓަރ ކޮޕީ އިއްސެ މުނިއަވަސް އަށް ބުނީ އެ ކުންފުނީގެ ޑްރާމާ “ނަކަލު“ގެ ވީޑިއޯ މަސައްކަތް ކޮށްފައިވަނީ ‘ވޭރިއަސް އާޓްސް’ އިން ކަމަށެވެ.

އެމްއޭސީއެލް ޑްރާމާ “ނަކަލު” އަކީ މެލޯޑްރާމާ އެއް ކަމަށް ޑްރާމާގެ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) މުނިއަވަސް އަށް ބުންޏެވެ.

“މި ޑްރާމާ ބޮޑަށް ދާނީ ސެމީ އާޓް ފިލްމެއްގެ ސިފައިގަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ މި ޒަމާނުގަ ޑްރާމާތައް ހުންނަން ޖެހޭނީ މިކަހަލަ ގޮތަކަށް. ޑްރާމާ ސްޓައިލަށްވުރެ ފިލްމު ލުކް އައިސްފަ. މީ މިހާރު ޑްރާމާ އުފައްދާ ގޮތަކީ. މި ޑްރާމާއިން އަޅުގަނޑު މިދޭ މެސަޖަކީ އެއްވެސް ހާލެއްގަ ސަމާސާއެއް ނޫން. އެންމެން ބަލަން ޖެހޭ ޑްރާމާއެއް މީ.” އެމްއޭސީއެލް ޑްރާމާ “ނަކަލު” އާމެދު ޑައިރެކްޓަރ ކޮޕީ އިއްސެ ބުންޏެވެ.

“ކެރިހުރެ މި ދަންނަވަނީ މިވަރުގެ ސްކްރީންޕްލޭ އެއް މިފަހަރު ނީންނާނެ. އެންމެ އުފާވެރި ކަމަކީ މޮޅު އެކްޓަރުން ތަކެއް މި ޑްރާމާއިން އަޅުގަނޑަށް ނެރެވުން.”

މާލެ، ހުޅުމާލެ އަދި ރ. މާކުރަތުގައި ޝޫޓްކޮށްފައިވާ “ނަކަލު“ގެ ސްކްރީންޕްލޭ ލިޔެފައިވަނީ ފެންވަރު ރަނގަޅު ސްކްރީންޕްލޭ ތަކެއް ގެނެސްދެމުން އަންނަ ހުނަރުވެރި ސްކްރީން ރައިޓަރ އަދި ޑައިރެކްޓަރ މޫމިން ފުޢާދު އެވެ.

ކޮޕީ އިއްސެ ޑައިރެކްޓކޮށްފައިވާ މި ޑްރާމާގެ މައިގަނޑު ކާސްޓްގެ ތެރޭގައި ހިމެނެނީ އަޙްމަދު ޝަމާން ނަޒީރު، އާއިޝަތު ކައުޘަރު ރަޝީދު، ޢަބްދުﷲ މާހިރު، ފާޠިމަތު ޙަނީފާ، މުޙައްމަދު ރަފީޢު، މުސްއަބް މުޙައްމަދު، ޤާސިމް އަބޫބަކުރު، ޙުސައިން ފިރާޤް އަދި އާއިޝަތު ސީމާ އެވެ.

ހަމަ އެކަނި ޓެލެވިޛަން މޯލްޑިވްސް އިން ދައްކަން ހަމަޖެހިފައިވާ މި ޑްރާމާ ދައްކާނީ މެއި މަހުގެ 30 ވާ ބުރާސްފަތިދުވަހުގެ ރޭ 22:00 ގައެވެ.

މިދިޔަ އަހަރު އެންސީއޭގެ މޯހިރުކަމުގެ ދަށުން ބޭއްވި އޮފީސް ޑްރާމާ މުބާރާތުން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު އެމްއޭސީއެލްގެ ޑްރާމާ “އިހާނާތް” އިން އަބްދުﷲ މާހިރު ހޯދި އިރު، އަލަށް ތައާރަފުވި އެންމެ މޮޅު ބަތަލުގެ އެވޯޑް ވެސް ހޯދާފައިވަނީ އެމްއޭސީއެލް ޑްރާމާ “އިހުމާލު”ން ސިމާހު އަހުމަދު އެވެ. މީގެ އިތުރުން ބެލުންތެރިންގެ އެންމެ މަގުބޫލު ބަތަލާއަކީ އެމްސީއެލްގެ “އިހާނާތް” ގެ ބަތަލާ އަލްމަރްހޫމާ ފާތުމަތު ނާޒްލީ އެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޓީވީ މޯލްޑިވްސް އިން ގެނެސްދެމުންދިޔަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ 1994ވަނަ އަހަރުން ފެށިގެން ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މުބާރާތެކެވެ. މިމުބާރާތުން ވިދާލި ގިނަ ތަރިން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފުންނާބު އުސްތަރިންގެގޮތުގައި މަޝްހޫރުވެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.