އޮނަވިހި ސަތޭކަ ނުވަދިހަ ފަހަކުން ފެށިގެން ޓީވީއެމް އިން ބާއްވަމުން އަންނަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އެ ސްޓޭޝަނުން ގެނެސްދިނުން މެދުކެނޑިފައި އޮތުމަށްފަހު މިއަހަރު އަލުން ބާއްވާއިރު، ކަސްޓަމްސް ޑްރާމާ “މަރު” މިރޭ 22:00 ގައި ދެއްކުމަށް ޝެޑިއުލްކޮށްފިއެވެ.

އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި މީގެ ކުރިން ރަންވަނަ ތަކެއް ހޯދާފައިވާ ކަސްޓަމްސް ރިކްރިއޭޝަން ކުލަބުން މިފަހަރު ގެނެސްދޭ ޑްރާމާ “މަރު” މިއީ ސަސްޕެންސް ޑްރާމާއެއްކަމަށް “މަރު”ގެ ޑައިރެކްޓަރ ޢަލީ ޢަބްދުﷲ (ޕިންޑޭ) މުނިއަވަސް އަށް ބުންޏެވެ.

“މިއީ ސަސްޕެންސް ޑްރާމާއެއް. މީގައި ދައްކާނީ މީހެއްގެ މަރެއްގެ ތަޙްޤީޤް.” މަޝްހޫރު ކޮމީޑިއަން ޢަލީ ޢަބްދުﷲ (ޕިންޑޭ)  މުނިއަވަސް އަށް ރޭ ބުންޏެވެ.

ކަސްޓަމްސް ޑްރާމާ “މަރު”ގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ސަސްޕެންސް ތްރިލާއަށް ސްކްރީންޕްލޭ ލިޔުމުގައި އޭގެ ދެވަނައެއް ނެތް އަޙްމަދު ޒަރީރް އެވެ. ޢަލީ ޢަބްދުﷲ (ޕިންޑޭ) ބުނީ މި ވާހަކައިގެ ޕްލޮޓަކީ ޕިންޑޭ އާއި އޭނާގެ ރައްޓެއްސެއްގެ ޕްލޮޓެއް ކަމަށެވެ. “ޒަރީރު ސްކްރީންޕްލޭ ލިޔުނީ އަހަރުމެން ދެމީހުން ޑިސްކަސްކޮށްފަ ކިޔައިދިން ގޮތަށް ބިނާކޮށް.”

“ބާރަ އަހަރު ވެއްޖެ މިކަހަލަ ކަމެއް، މިގޮތަށް މާލޭގަ ޝޫޓް ނުކުރާތާ. އެހެންވީމަ ވަރަށް ދަތިތަކާ ދިމާވި.” ޢަލީ ޢަބްދުﷲ (ޕިންޑޭ) ބުނީ މި ޑްރާމާ އެއްކޮށް ޝޫޓް ކޮށްފައިވަނީ މާލެ އާއި ހުޅުމާލޭގައި ކަމަށެވެ.

މެއި 17 ވާ ހުކުރުދުވަހުގެ ރޭ (މިރޭ) ހަމައެކަނި ޓީވީއެމް އިން ދެއްކުމަށް ހަމަޖެހިފައިވާ ކަސްޓަމްސް ޑްރާމާ “މަރު”ގެ ކާސްޓަށް ބަލާލާއިރު، މީގެ ކުރިން ކަސްޓަމްސް ޑްރާމާއެއްގައި ލީޑް ކުޅެފައިވާ ދެކުދިން ނާއި ކުރިން ޑްރާމާ ތަކުގައި ހަރަކާތްތެރި ކުދިންގެ އިތުރުން މުޅިން އާކުދިން ހަރަކާތްތެރިވެއެވެ. އެގޮތުން ފިރިހެން ލީޑުން އާކުއްޖެއް ފެނިގެންދާއިރު އަންހެން ލީޑުން ފެނިގެންދާނީ ކުރިން ކަސްޓަމްސް ޑްރާމާއެއްގެ ލީޑް ކުޅެފައިވާ ކުއްޖެކެވެ.

“މަރު” ޑްރާމާ ކެމެރާ ކޮށްފައިވަނީ މަޝްހޫރު ސިނަމޮޓޮފްރާފަރ ކޮކޯ ހަސަން އެވެ. އެޑިޓްކުރީ އެކްޓަރ ޑައިރެކްޓަރ މުއާޒު އެވެ. ޢަލީ ޢަބްދުﷲ (ޕިންޑޭ) ބުނީ މި ޑްރާމާ އިން މުޖުތަމަޢަށް ރަނގަޅު މެސެޖެއްދޭ، ބެލުންތެރިން ބަލައިގަންނަ ޑްރާމާއަކަށް މި ޑްރާމާ ވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ކަސްޓަމްސް ޑްރާމާއާމެދު ޢަލީ ޢަބްދުﷲ (ޕިންޑޭ) ބުނީ މިފަހަރު ޑްރާމާއަށް ތައްޔާރުވުމަށް ޓީވީއެމް އިން ވަގުތު ދިން މިންވަރު ކުޑަކަމަށާއި އެކަމުގެ ސަބަބުން ކުދިން ޓްރެއިން ކުރުވުމާއި ލޮކޭޝަން ހޯދުންފަދަ ކަންތައްތައް ކުރުމުގައި ވަރަށް އުނދަގޫވި ކަމަށެވެ.

ކަސްޓަމްސް ޑްރާމާ “މަރު” އުފެއްދުމުގެ މަސައްކަތުގައި ކަސްޓަމްސްގެ އެކި ޑިޕާޓްމެންޓްތަކުގެ ވެރިންނާއި ކަސްޓަމްސް މުއައްޒަފުންނާއި އެތަނުގެ ރިކްރިއޭޝަން ކުލަބުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ޕިންޑޭ ވަރަށް ބޮޑަށް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.