މިތުރާ އެވެ. މައި ލަނގޮޑި އަށް ކެތެއްނުވާނެއޭ ބުނާ އަޑު ތިބާ ނާހަމު ހެއްޔެވެ. އެކަމަކު ވެސް ބުނަން ހެއްޔެވެ. ކޮންމެ މަޔަކީ ދަރިން ދެކެ ލޯބިވާނޭ މަޔެއް ނޫނެވެ. އޭގެތެރޭގައި މަދުން ނަމަވެސް ދަރިން މެދުގައި ތަފާތު ކުރާ މައިންވެސް އުޅެއެވެ. އެފަދަ މައިން އެކި ދަރިން ދެކެ ލޯބިވަނީ އެކިވަރަށެވެ.

އަހަރެންނަކީވެސް މިބުނި ފަދަ މަންމަގެ ލޯބިން މަޙްރޫމްވެފައިވާ ކުއްޖެކެވެ. އަދި ކިއެއްތަ އަހަރެންގެ ބައްޕައަކީ ކާކު ކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އެހެންނަމަވެސް އަހަރެން މަންމަ ދެކެވާ ލޯބި ބަޔާންކުރަން ދައްޗެވެ. 

ލޯބިވާ މަންމާއެވެ. މިއަދު އަހަރެން ލޮލުން މިފައިބާ ކަރުނައިގެ ސަބަބަކީ މަންމައެވެ. އަަހަރެން މި ދުނިޔޭގައި އެކަނިވެރިވެ ބާކީވެދިޔައީވެސް ހަމަ މަންމަގެ ސަބަބުންނެވެ.

މިތުރާ އެވެ. އަހަރެންގެ އެންމެ ކުޑައިރުގެ ހަނދާންތައް ދާދި ދެންމެއަކު ވީކަމެއްހެން މިހާރުވެސް ސިކުނޑީގައި އާވެއާވެ ހުރެއެވެ. ދިވެހިން ދުށް ކަޅު އަނދިރި ދުވަސް ނުވަތަ ބަޑި ބުރާސްފަތީގެ ހާދިސާ ދިމާވި އަހަރަކީ އަހަރެން މިދުނިޔެއަށް އުފަންވި އަހަރެވެ. އަހަރެންނަކީ އުފަންވިއިރުވެސް ވަރަށް ބަލި ކުއްޖެކެވެ. ހިތުގައި ލޯވަޅެއް ހުރުމުގެ ސަބަބުން ދެމަސް ވޭތުވަންދެން ހަސްފަތާލުގައި ބޭއްވިއެވެ. ޑޮކުޓަރު ބުނުއްވީ ފަސް މަސްދުވަހުގައިވެސް ދިރިހުންނާނޭކަމުގެ އުއްމީދެއް ނެތްކަމަށާއި އޮޕަރޭޝަންކުރުމަށް ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. ނަމަވެސް އެއިރު މިފަދަ ބޮޑުކަމެއް ކުރުމަކީ މަދު ބަޔަކަށް ނޫނީ ނުވާނެކަމެކެވެ. އަހަރެންގެ މަންމައަކީވެސް ތަނަވަސް މީހެއްނޫނެވެ. އާނއެކެވެ. ކަންތައްތައް މިހެން ހުރިނަމަވެސް އަދި ކިއެއްތަ ރާއްޖެއިން ބޭރަށް ނުދެވުނުކަމުގައި ވިޔަސް ﷲގެ އިރާދަފުޅުން ދެރަގޮތެއްނުވެއެވެ. ޖިސްމާނީ ގޮތުން ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ނަފްސާނީ ގޮތުން އަހަރެންނަކީ ބަލިކަށި މީހެކެވެ.

ދުވަސްތައް ވޭތުވަމުންދެއެވެ. އަހަރެންގެ މަންމަ އެއްދުވަހަކު ބުނި ޖުމްލައެއް މިހާރުވެސް ކަންފަތުގައި ގުގުމާލާ ކަހަލައެވެ. މިތުރާ އެވެ. މަންމަގެ އެކުވެރިއެއް މަންމަ ކައިރީ ބުނީ  އެކި އެކި ތަންތަނަށް ސިޓީލައިގެން އެހީލިބޭތޯ މަސައްކަތް ކުރުމަށެވެ. އަހަރެން ގޮވައިގެން ބޭސްކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. ޖަވާބުގައި މަންމަ ބުނީ ކީކޭކަން އެނގޭ ހެއްޔެވެ. މަރުވާމީހަކު މަރުވެދާނެއޭ ބަހައްޓާށޭ ބުނެ ވާހަކަ ބަދަލު ކޮށްލީއެވެ. 

ބުނަން ހެއްޔެވެ. އަހަރެންގެ ކަމެއް ނަމަ މަންމަ އެކަމަކަށް ދެނީ ބީރު ކަންފަތެކެވެ. އަހަރެންގެ އެއްބަނޑު ދެ ބޭބެ އަހަރެންނާއި ބެހުނެވެ. ހަށިގަނޑުގެ ވަނާ ތަކުގައި އަތްލާ ހަދައެވެ. ޢިއްފަތްތެރިކަން ނަގާލަން މަސައްކަތް ކުރެއެވެ. ތަފާތު ގޮތްގޮތުން އަހަރެންނަށް ބިރުދައްކައި ހަދައެވެ. އަދި އެއްވެސް މީހަކު ކައިރީ ނުބުނާށޭ ބުނެއެވެ. ނަމަވެސް އަހަރެން މިވާހަކަތައް މަންމަ ކައިރީ ބުނީމެވެ. މަންމަ ބުނީ ބޭބެ މެން އެކަހަލަ ކަމެއް ނުކުރާނެ ކަމަށާއި ތިކަހަލަ ވިޔާނުދާ ވާހަކަތައް ނުދެއްކުމަށެވެ. އަދި ކީއްހެއްޔެވެ. ކޮންމެ ދެދުވަހުން އެއްދުވަހަކީ މަންމަ އިލޮށިފަތިން އަހަރެންނަށް  އަނިޔާކޮށް ހަދާ ދުވަހެކެވެ. ގިފިލީ ވަޅުކައިރީ ބާއްވާ އަހަރެން ގައިގަތަޅާ ހަދައެވެ. އަހަރެންގެ އަންނައުނުތައް ސުތުލި ގޯއްޏަކަށް އަޅާފައި  ކަލޭ މި ގޯނި ހިފައިގެން ދާށޭ ބުނެ އަަހަރެން ގެއިން ނެރެ އެއްލާލަލައެވެ. 

އާނއެކެވެ. ދަރިއަކަށް ހިމާޔަތް ދޭން އެންމެފުރަތަމަ ހުންނާނެ މީހަކީ އެ ދަރިފުޅުގެ މަންމަ ނޫން ހެއްޔެވެ. އަދި އެ ދަރިފުޅަށް ހިޔާވަހިކަމެއް ދޭންވެސް އެންމެ ފުރަތަމަ ހުންނާނީ މަންމަ ނޫން ހެއްޔެވެ. 

އަހަރެންގެ ނަސީބުގައި މަންމަގެ ލޯބިލިބެން ނެތީއެވެ. ކަންމިހެން ހުރިޔަސް މަންމަދެކެ ވަރަށް ލޯބިވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.