ހަވީރު ފަސްގަޑި ބައިވެއްޖެއެވެ. އިރު އޭގެ ދައުރު އަދާކުރަމުންދާއިރު ޚާލިޤްވަންތަ އިލާހުގެ ކުޅަދުންވަންތަކަން ހާމަވެގެންދަނީ ވަރަށްވެސް ފުރިހަމަ ގޮތެއްގައެވެ. އެހާމެ މަޢުނަވީ ގޮތެއްގައެވެ. ކުލަކުލައިގެ ވިލާތަކުން އުޑު އެކަށް ޒީނަތްތެރިވެފައި ވެއެވެ. ހިސާބަކަށް ނަމަވެސް ކޮތަރިވިލާ ފެންނަމުން ދެއެވެ. އިރުގެ ރަންދޯދިތަކުން މޫދަށް އަލި އެޅިފައި ވާއިރު ހީވަނީ ރަންމުތްތަކެއް ވިއްސާލާފައި ވާހެންނެވެ. ކަނޑު މަޑުވެފައި އޮމާނެވެ. އެހެންނަމަވެސް ކުދިކުދި ރާޅުތައް ގޮނޑުދޮށަށް ބީއްސަމުން ގެންދަނީ ހިތްގައިމު ރާގުތަކެއް އަޑުއިއްވަމުންނެވެ. ޖެހެމުންދާ ވައިރޯޅިން ހިތާ ރޫޙަށް ތާޒާކަން ލިއްބައިދެއެވެ. ހަމައެހެންމެ ރާޅުތަކުގެ އަޑާއި ގަސްތައް ހެލިލާއަޑު އެކުވެފައި ވުމުން މޫސީޤީ ރާގެއް އިއްވައިދެއެވެ. ދުވަހުގެ އެކިއެކި ވަގުތު ތަކުގައި ކާނާ ހޯދުމަށް ނިކުތް ލޯބިލޯބި ދޫނިތައް މިނިވަންކަމާއެކު ފަޒާ ތެރޭގައި އުދުހެމުން ރާގުތައް އިއްވަމުންދެއެވެ.

އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ހުޅަނގު ދެކުނުން އުދަރެހާއި ދިމާ މަތިން އުދުހެމުންދާ ދޫނިބައިގަނޑަކަށެވެ. އެ ދޫނިތައް އުދުހެނީ ރޮނގަކަށް ވާގޮތަށެވެ. ހީވާގޮތުން ރޮނގުގެ އެންމެ ކުރީގައި މިސްރާބު އެ ދައްކައިދެނީ އެސޮރުމެންގެ ސަފުދާރެވެ. ނުވަތަ އިސްވާރެވެ. މިމަންޒަރުތައް ބަލަން އާގަމަވެފައި އިނދެވުނީ ކިހާއިރަކުކަމެއް ޚުދު އަަހަރެންނަކަށްވެސް ނޭނގެއެވެ. ޤުދުރަތުގެ އަޖައިބުކަމާއެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ޝާޢިރު އަލްފާޟިލް ޢަބްދުﷲ ޞާދިޤްގެ ފަށުވި ޅެންބައިތެކެވެ.

“ޤުދުރަތަށް ތާރީފު ކުރުމީ އަޅުތަކުންނަށް އޮތްކަމެއް
ތެދު ތެދަށް ނެރެދެއްކުމީ ގަލަމުގެ ވެރިންނަށް އޮތްކަމެއް”

މިތުރާއެވެ. މިއީ ތެދެއްނޫން ހެއްޔެވެ؟ މިގޮތުން އަހަރެންގެ ކަށަދާނަކަން ހުރިމިންވަރުން އިހްސާސްތައް ޙިއްސާކޮށްލީއެވެ.

މިހާރު އިރުވެސް އޮއްސިއްޖެއެވެ. މާތްވެގެންވާ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ދަޢުވަތުދެމުންނެވެ. ހަމަ މިގޮތަށް ޒުވާންކަމުގެ އިރުވެސް އޮއްސޭމެއެވެ. މިތުރާއެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝަބީން
އަޙްމަދު ޝަބީން
އަޙްމަދު ޝަބީން އަކީ ފެންވަރު ރަނގަޅު. ފަށުވި އަދަބީގޮތުން މުއްސަނދި ސިފަކުރުން ތަކަކާއިއެކުގައި އިޖްތިމާޢީ މައުޟޫ ތަކަށާއި އަދި އެހެންވެސް މަޢުޟޫތަކަށް ލިޔަމުން އަންނަ ހުނަރުވެރި ލިޔުންތެރިއެކެވެ.