މެއި މަހުގެ 30 ވާ ބުރާސްފަތިދުވަހުގެ ރޭ 22:00 ގައި ޓީވީއެމްއިން ދެއްކުމަށް ޝެޑިއުލް ކޮށްފައިވާ އެމްއޭސީއެލް މެލޯޑްރާމާ ”ނަކަލު”ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.

ތަފާތު ސްޓައިލަކަށް ގެނެސްދޭ މި ޓެލެޑްރާމާ އާމެދު މަޝްހޫރު އެކްޓަރ އަދި މި ޑްރާމާގެ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ބުނެފައިވަނީ މި ޑްރާމާއިން ގެނެސްދޭ މެސެޖަކީ ސަމާސާއެއް ނޫންކަމަށެވެ. އިއްސެ އެ އިޝާރާތްކުރި ކަންތައްތައް ކޮންމެވެސް ވަރަކަށް މިއަދު މި ފެނުނު ޓްރެއިލާ އިން ލިބިގެންދެއެވެ.

”މި ޑްރާމާ ބޮޑަށް ދާނީ ސެމީ އާޓް ފިލްމެއްގެ ސިފައިގަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ މި ޒަމާނުގަ ޑްރާމާތައް ހުންނަން ޖެހޭނީ މިކަހަލަ ގޮތަކަށް. ޑްރާމާ ސްޓައިލަށްވުރެ ފިލްމު ލުކް އައިސްފަ. މީ މިހާރު ޑްރާމާ އުފައްދާ ގޮތަކީ. މި ޑްރާމާއިން އަޅުގަނޑު މިދޭ މެސަޖަކީ އެއްވެސް ހާލެއްގަ ސަމާސާއެއް ނޫން. އެންމެން ބަލަން ޖެހޭ ޑްރާމާއެއް މީ.“ އެމްއޭސީއެލް ޑްރާމާ ”ނަކަލު“ އާމެދު ޑައިރެކްޓަރ ކޮޕީ އިއްސެ ބުންޏެވެ.

”ކެރިހުރެ މި ދަންނަވަނީ މިވަރުގެ ސްކްރީންޕްލޭ އެއް މިފަހަރު ނީންނާނެ. އެންމެ އުފާވެރި ކަމަކީ މޮޅު އެކްޓަރުން ތަކެއް މި ޑްރާމާއިން އަޅުގަނޑަށް ނެރެވުން.“ އިއްސެގެ އޮފީސް ޑްރާމާއާމެދު ވަރުގަދަ ޗެލެންޖެއް ކުރަމުން މުނިއަވަސް އަށް ބުންޏެވެ.

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ޑްރާމާ ”ނަކަލު”ގެ ވީޑިއޯ މަސައްކަތް ކޮށްފައިވަނީ ’ވޭރިއަސް އާޓްސް‘ އިންނެވެ. ޑްރާމާ ޝޫޓްކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ރ. މާކުރަތުގައެވެ.

ނަކަލު”ގެ ޓްރެއިލާ މިއަދު ނެރެފައިވާއިރު، ޑްރާމާގެ ލީޑް ތަރިންގެ ޕޯސްޓަރުތައް ނެރެފައިވާކަން ފާހަގަކޮށްލެވެއެވެ. ސެމީ އާޓް ފިލްމެއްގެ ސްޓައިލްގައި ޑްރާމާ ތައްޔާރުކޮށްފައިވާއިރު، ޑްރާމާގެ ޕޯސްޓް ޕްރޮޑަކްޝަން އާއި އެޑްވަޓައިޒިން ވެސް ކުރިއަށް ގެންދަނީ ފިލްމީ ސްޓައިލެއްގައިކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރު އެންސީއޭގެ މޯހިރުކަމުގެ ދަށުން ބޭއްވި އޮފީސް ޑްރާމާ މުބާރާތުން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު އެމްއޭސީއެލްގެ ޑްރާމާ ”އިހާނާތް“ އިން އަބްދުﷲ މާހިރު ހޯދި އިރު، އަލަށް ތައާރަފުވި އެންމެ މޮޅު ބަތަލުގެ އެވޯޑް ވެސް ހޯދާފައިވަނީ އެމްއޭސީއެލް ޑްރާމާ ”އިހުމާލު“ން ސިމާހު އަހުމަދު އެވެ. މީގެ އިތުރުން ބެލުންތެރިންގެ އެންމެ މަގުބޫލު ބަތަލާއަކީ އެމްސީއެލްގެ ”އިހާނާތް“ ގެ ބަތަލާ އަލްމަރްހޫމާ ފާތުމަތު ނާޒްލީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.