މަގުގެ އެއްފަރާތުގައި ސައިކަލް ޕާކް ކޮށްލުމަށް މަގު ހުރިގޮތަށް ދިޔައީ ގޮނޑުދޮށާ ދިމާލަށެވެ. ވަގުތަކީ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތުކަމުން މި ހިސާބުގައި އެއްވެސް މީހެއް ނެތެވެ. ނަމަވެސް ގޮނޑުދޮށަށް ރާޅު ބީއްސާލުމުން އެއިވޭ ނަލަނަލަ ރާގު އިވެމުން ދިޔައެވެ. ކަރުގައި އަޅާފައި އޮތް ނޫ ޓައީ ނައްޓާލުމަށްފަހު ޖީބަށްލަމުން ބޮޑަމަގު އަތިރީ ފާލަން ކޮޅުގައި އިށީންދެލީމެވެ. ސީދާ މޫދާ ދިމާއަށް އިށީންދެ އިންއިރު، އިރުގެ ދޯދި މޫދަށް އެޅުމުން މޫދު ހީވަނީ މުތީތަކެއް ވިދަމުން ދާ ހެންނެވެ. ހަށިފުރާ ނޭވާއެއް ލުމަށްފަހު ހަމަޖެހިލިތަނާ ފަހަތުން ކޮނޑުގައި މީހަކު އަތް ޖައްސާލުމުން ބަލައިލެވުނެވެ.

“ބޮޑުދައިތާ!” ހައިރާން ކަމާއެކު އަހަރެންނަށް ބުނެލެވުނެވެ.

“ކޮއްކޮ ހިނގާ ދެން ގެއަށްދަމާ .. ކޮއްކޮ ބޭނުންވި ކަންތައް މިހާރު ވެއްޖެއްނުދޯ!” ނުހަނު ލޯތްބާއި އާދޭހުގެ ރާގުގައި ބޮޑުދައިތަ ބުނެލިއެވެ.

“ނޫން.” ދެފަރާތަށް ބޯހޫރާލަމުން އަހަރެން ބުނީމެވެ. “އަދި ކުޑަ އިރަކޮޅެއް ބޭނުން އެކަނި ވެލަން. ބޮޑުދައިތަ އިހަށްދޭ ގެއަށް. އަހަރެންވެސް ދާނަން މާލަހެއް ނުވެ.” ހިނިތުންވުމެއް މޫނަށް ގެނެމުން ބުނީމެވެ.

އިތުރު އެއްޗެކޭ ނުބުނެ ބޮޑުދައިތަ ދިޔައެވެ. އަނެއްކާވެސް އަހަރެން އެކަނިވިއެވެ. ފާލަންމަތީ އޮށޯއްވެލާ ހަށިގަނޑު ދަމާލީމެވެ. ލޯމަރާލުމާއެކު ލޮލުކުރިމަތިން ސިފަވަމުންދިޔައީ މީގެ ފަސް އަހަރު ކުރިއެވެ. ރިޔާސީ އިންތިޚާބަށްފަހު އޮފީހުގެ އިސްވެރިޔާ ބަދަލުވެ ވެރިޔާ އޮފީހަށް ދުރުވަން އޮތް ދުވަހެވެ.

އޮފީހުގެ އެންމެންވެގެން އެރޭ ހަތަރުދަމު ނުނިދާ ތިބެ އޮފީސްތެރެ ޒީނަތްތެރިކޮށް ހެދީ އަލަށް އަންނަ އޮފީހުގެ އިސްވެރިޔާއަށް މަރުޙަބާ ދެންނެވުމަށެވެ. ގަޑިން ހެނދުނު 7:30ވީއިރު އެންމެން ތިބީ މީޓިން ރޫމްގައި ވެރިޔާގެ އިންތިޒާރުގައެވެ. އެކިމީހުން އެކިވާހަކައިގައި ތިއްބާ ދޮރުހުޅުވާލާފައި އެވަނީ ހޫރުޕަރީއެއް ފަދަ ރީތި ދޮން އަންހެން ކުއްޖެކެވެ. އެންމެންގެ ތޫނު ނަޒަރު ގޮސް ހުއްޓި ތަނުގައި ހިމޭންކަމެއް ފެތުރިގެން ދިޔައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.