ދުނިޔެ މިއަދު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. ޒަމާނާއި އެއްވަރަށް އިންސާނުންގެ ވިސްނުމަކީވެސް ބަދަލުވާ އެއްޗެކެވެ. މިގޮތުން އަންނަ ބަދަލުތަކަކީ އެފަދަ ބަދަލުތަކުގެ ސަބަބުން ލިބޭ ފައިދާއާއި އެއްވަރަށް ގެއްލުންވެސް ލިބޭ ބަދަލުތަކެއް އަޅުގަނޑުމެންގެ ލޯމަތިން ފެންނަމުންދާކަމީ ވެސް ހަގީގަތެކެވެ.

އަޅުގަނޑުމެން ނޫކަށި ޒުވާންފުރާގައި ފެނުނު ހިތްގައިމު ބައެއް މަންޒަރުތައް މިއަދު ނުފެންނަކަން ހިތާމަޔާއެކު ފާހަގަ ވެއެވެ. ރަށުގެ ތަރައްޤީއަށް ކުރާ ކޮންމެކަމެއްގައި ރައްޔިތުން ޖޯޝާ ފޯރީގައި ނުކުމެ ކޮށްލާ މަންޒަރަކީ ހިތަށް އުފާވެރިކަން ގެނެސްދޭ އެއްބައިވަންތަ ކަމުގެ ލާމަސީލު މިސާލެކެވެ. މާލޭގައި ވަޒީފާ އަދާކުރާ ބައެއް ބޭފުޅުން، ރައްޔިތުން މަސައްކަތް އޮންނަ ދުވަސްވަރަކާ ދިމާކޮށް ޗުއްޓީ ނަގައިގެން އެ މަސައްކަތުގައި ބައިވެރިވެލާ ހިތުން ދާމީހުންވެސް ޒަމާނެއްގައި އުޅެއެއެވެ.

ރަށުގެ މަލަމަތި ކަމުގައިވާ އަތިރިމަތި ރީތިކޮށް ސާފުކޮށް ގަސްތައް ކޮށައި ސާފުކުރުމަކީ ފަޚުރެއް ކަމުގައި ދެކެގެން އޭރު ކޮށްއުޅުނެވެ. ކުދި ބޮއްކުރާ އަޅަން ބޭނުންކުރާ ސަރަހައްދާ ބޮޑެތި މަސްދޯނިފަހަރު އަޅާ ސަރަހައްދު ކޮނެ ފުންކުރުމަށް އެންމެ ހިކި ދިޔައިގައި އެރި އުދަލިން ކޮނެ ފުންކޮއްލާއިރު ހަރުއަޑުން އަންބާ ކިޔާލާފައި އެ ކޮށްލާ މަންޒަރަކީ އަސްކަރިއްޔާތަކުގެ ބޫޓް ކޭމްޕް ތަކުގައި ޖަހާ ކޮމްޕެޓިޝަން ތަކާއި އެއްކަހަލަ މަންޒަރެއް ސިފަވާ މަންޒަރެކެވެ. ރަށުގެ މަގުތައް ރީތިކޮށް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަކީ އަންހެންވެރިން އެކަކު އަނެކަކަށް ވާދަވެރިކަމުގައި ނިކަން ގަޔާވެގެން ކުރާ ކަމެކެވެ.

އެ ދުވަސްތައް މާޒީއާއި އެކުވެ ގޮސް ތާރީޚީ ވާހަކަތައް ކަމަށްވާ ރަންނަމާާރި އާ މަލާބާރީން ވާހަކަ ގޮތަށް ގޮސް އޮއްސިއްޖެއެވެ. މިއަދު ރައްޔިތުންގެ ޚިދުމަތަށް ގެންނަ އެއްޗެއް އޮޑިން ބާލަން ވެސް ޖެހޭނީ ބިޑަށްލައި ބަޔަކަށް ފައިސާ ދީގެންނެވެ. މަގު ކުނިކަހައިލަން ވެސް ކޮންމެސް ބަޔަކަށް މުސާރަ ދީގެން ނޫނީ ކުރެވޭ ކަމަކަށް ނުވެއެވެ. މިފަދަ ކަންކަމުން ގެއްލުން މި ވަނީ ކޮން ބަޔަކަށް ތޯއެވެ. ހަގީގަތުގައި މިކަންކަމާ މެދު ފުންކޮށް ވިސްނާލައިފި ނަމަ ކުރީގައި އެ ގެންގުޅުނު އުސޫލުތަކަށް ތައުރީފު ނުކުރާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ދިވެހިން ގެ މިހާރުގެ ވިސްނުމަކީ ސަރުކާރަކީ ތިމާމެންގެ ހުރިހައި ކަމެއް ކޮށްދޭން ޖެހޭ ފަރާތް ކަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.