އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާގެ މި އަގުހުރި ދަރުސް އަޑުއެއްސެވިންތޯއެވެ.

اللَّهُمَّ إِنَّكَ عُفُوٌّ كَرِيمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّي

ލައިލަތުލް ޤަދްރި ޙާސިލް ކުރެއްވުމަށް މިދުވަސްކޮޅުގެ ބޭނުން ހިއްޕަވައި ހިތްވަރާއިއެކު މަސައްކަތްކުރައްވަމުން ގެންދަވާށެވެ. ލައިލަތުލް ޤަދްރި ވިލޭރޭވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެތެރޭގައެވެ. ސޫރަތުލް ޤަދްރިގެ އާޔަތްތަކުގެ މާނަ ކިޔުއްވާލައްވާ ފިކުރު ހިންގަވާލައްވާށެވެ.

(1) “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެޤުރުޢާން ބާވައިލެއްވީ ލައިލަތުލްޤަދުރި ވިލޭރޭގައެވެ.”
(2) އަދި ލައިލަތުލްޤަދްރި ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟”
(3) ލައިލަތުލްޤަދްރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.”
(4) މަލާއިކަތުންނާއި، ޖިބްރީލްގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒްނަފުޅާއެކު، ހުރިހާ ޢަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.”
(5) އެއީ، ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.”

ލައިލަތުލް ޤަދްރިއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެކެވެ. މާނައަކީ އެރޭ ހެޔޮޢަމަލުކޮށްފި މީހާ 83 އަހަރު ހެޔޮ ޢަމަލު ކުރިފަދައެވެ. ތަފާތު ހިސާބުތަކުން ދައްކާގޮތުގައި މުޅި ދުނިޔޭގެ އެވްރެޖްއަށް ބަލާއިރު އިންސާނެއްގެ އެވްރެޖް ޢުމުރަކީ 71 އަހަރެވެ. ނަމަވެސް އެންމެ ރެއެއް މެދުވެރިކުރައްވައި މިވަނީ 83 އަހަރުގައި އަޅުކަންކުރުމުގެ ސަވާބު ޙާޞިލްވާނެގޮތް ﷲގެ އިރާދަފުޅާއިއެކު މެދުވެރިކުރައްވާފައެވެ.

މީގެއިތުރުން ޘަވާބާއި ދަރުމަ ލިބުން އެދިގެން ލައިލަތުލްޤަދްރި ވިލޭރޭގައި ރޭއަޅުކަންކޮށްފި މީހާގެ ވޭތުވެދިޔަހާ ފާފައެއް ﷲގެ އިރާދަފުޅުން ފުއްސަވާނެކަމަށް ކީރިތި ރަސޫލާ (ﷺ) އަންގަވާފައިވެއެވެ.

މިއަށްވުރެ ބޮޑު ޕްރޮމޯޝަނެއް ނުވަތަ ޑިސްކައުންޓެއް ދެވޭނެ އެހެން ފަރާތެއް ޔަޤީނުންވެސް ނުވާނެއެވެ. އިންސާނުން ހެއްދެވި ފަރާތުން މިފަދަ ބޮޑު ޑިސްކައުންޓެއް ދެއްވާފައިވާއިރު މިކަމާ ވިސްނާލުމެއްނެތި ދުނިޔަވީ މުދާހޯދުމުގައި ރަމަޟާން މަހާއި ދިމާކޮށް ޑިސްކައުންޓާއި ޕްރޮމޯޝަންތައް ދޭ ފަރާތްތައް އަޅުގަނޑުމެން މިވަނީ ހެއްލުންތެރިކޮށްފައެވެ. އަޅުގަނޑުމެން މިވަނީ ދުނިޔޭގެ އަރާމާއި ހެއްލުމުގެ ތެރޭގައި ގެއްލި ޣަރަގުވެފައެވެ.

އޭ މުސްލިމުންނޭވ! ހޭއަރާށެވެ! އަވަސްކުރާށެވެ! ތިބާއަށް ކުރެވިފައިވާ ކުށްފާފަތަކުން ތެދުވެރި ތަޢުބާއަކުން ތަޢުބާވެ ހެއްދެވި ފަރާތާއި ކުރިމަތިލާށެވެ! ތިބާއަށް އިތުރު ރަމަޟާން މަހެއް ލިބޭނެކަމުގެ ޔަޤީންކަމެއް އޮތީ ކޮންގޮތަކުން ހެއްޔެވެ؟ ތިބާގެ ނިމުން އޮތީ ކޮންިއރަކު ކަމެއް ﷲ ފިޔަވައި އެހެން މީހަކަށް ނޭނގޭނެއެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ! އަޅުކަންތަކުގަޔާއި ހެޔޮ ޢަމަލުތަކުގައި ތިބާ ޘާބިތުވާށެވެ! އަދި ތިބާއަކީ ތިބާގެ އަޙުލުވެރިން ނަރަކައިން ސަލާމަތްކުރުމަށް މަސައްކަތްކުރާ މީހަކަށްވާށެވެ!

ލައިލަތުލްޤަދްރި ޙާޞިލްކުރުމަށް ކުރެވިދާނެ ބައެއްކަންކަން:

1. ލައިލަތުލްޤަދްރި އަކީ ވަކިރެއެއްކަމުގައި ނުދެކުން. ފަހުދިހައިގެ ކޮންމެ ރެއެއްގައި އަޅުކަމުގައި ހޭދަކުރުން. (ޚާއްސަކޮށް އޮނަހިރި ރޭތަކުގައި ހެޔޮކަން އިތުރުކުރުން)

2. ޤްރުޢާން ކިޔެވުމާއި ޤުރުޢާންގެ ތަރުޖަމާ ކިޔުމުގައި ގިނަ ވަގުތު ހޭދަކުރުން.

3. ” اَللَّهُمَّ اِنَّكَ عَفُوٌّ ، تُحِبُّ الْعَفْوَ فَاعْفُ عَنِّي ” މި ދުޢާ ގިނަ ގިނައިން ކުރެއްވުން.

4. ތިބާގެ ޢާއިލާގެ އެހެން މެމްބަރުންނަށް އަޅުކަންތައްކުރުމަށް ބާރުއެޅުން.

5. ފާފަ ފުއްސެވުންއެދި ގިނަގިނައި ދުޢާކުރެއްވުން. (ދުޢާ ލިސްޓެއް ތައްޔާރުކޮށް ގެންގުޅުމުން ވަރަށް ފަސޭހަވެގެންދާނެއެވެ.)

6. ކޮންމެ ރެއެއްގައިވެސް ތިބާގެ މުދަލުން ކޮންމެވެސް މިންވަރެއް ﷲއަށްޓަކައި ހޭދަކުރެއްވުން. (ރާއްޖެއިން ބޭރުގައި ހާލުގަިއ ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށްވެސް މިފައިސާ ހަދިޔާކުރެއްވިދާނެއެވެ.) ލައިލަތުލްޤަދްރި ވިލޭރޭ ތިބާގެ މުދަލުން ހޭދަކުރައްވައިފިނަމަ އޭގެ ބަދަލުގައި ލިބިގެންދާނެ ޘަވާބު ހިތަށް ގެންނެވުން ކީއްތޯ؟ އެންމެ ރުފިޔާއެއް ހޭދަކުރައްވައިފިނަމަވެސް އެރުފިޔާގެ އަގު -/30،000 (ތިރީސް ހާސް ރުފިޔާ) އަށްވުރެ އަގު އިތުރުވެގެންދާނެއެވެ.

7. ރޭއަޅުކަންކުރުން (އިޝާ ނަމާދުގެ ފަހުން ނިދާލުމަށްފަހު ރޭގަނޑުގެ މެންދަމު ވަގުތުގައި ނަމާދުކުރައްވާށެވެ)

8. ވަރުބަލިކަމާއި ކަންނެތްކަން ދޫކުރައްވައި، ތިބާ ގަދަ ހިތްވަރާއިއެކު ލައިލަތުލް ޤަދްރި ޙާޞިލްކުރުމަށް މަސައްކަތްކުރައްވާށެވެ.

މާތްﷲ ތިބާއަށާއި އަޅުގަނޑަށް ލައިލަތުލްޤަދްރި ޙާޞިލްކުރުމުގެ ހެޔޮ ތައުފީގް ދެއްވާފާނދޭވެ! އާމީން

ލިޔުންނެގީ:ޕްރޮމޯޓް އިސްލާމް ވެބްސައިޓުން

ދަރުސް: އަލްއުސްތާޒާ ސާމިޔާ ޒަކަރިއްޔާ

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.