އާދައިގެ މަތިން އެނދުމަތިން ތެދުވަން ފޫހިވެފައި އޮތް ދުވަހެކެވެ. ތެދުވިޔަސް އަހަރެން ފަހެ ކުރާނީ ކީއްހެއްޔެވެ. ބޮޑަށް ރަނގަޅުވެސް ވާނީ އަހަރެން ނުތެދުވެ އޮތިއްޔާއެވެ. އޭރުން އެހެންމީހުނަށް ކުރެވޭ އުނދަގޫ ކުޑަވާނެތާއެވެ. ތެދުވާއިރަށް މަންމަމެން ކުރަންހުރި މަސައްކަތްތައް ހުއްޓާލާފައި އަހަންނަށް ހުސްވާނެއެވެ. އަހަރެންގެ ބޭނުމެއްނެތް މިއޮތް ދެފައި ދެކެ އިންތިހާއަށް ފޫހިވެއެވެ. އަހަންނަކީވެސް އެހެންމީހުން ހެން ހުރިހާ ހިއްސެއް ބަރާބަރަށް މަސައްކަތް ކުރާ ނަވާރަ އަހަރުގެ ފިރިހެނަކީމެވެ. މަންމަ އައިސް އަހަރެންގެ ކަންކަން ކޮށްދޭން އުޅޭތީ އަހަރެން ލަދުގަނެއެވެ. ބައްޕަ ދުނިޔޭގައި ހުރި ނަމައޭ ކިތަންމެ ފަހަރަކު އެގަޑިތަކުގައި ހިތަށް އަރައެވެ. ނަމަވެސް އެއީ އެދޭގޮތެވެ. ބައްޕައަށް ހޯދައިދެވުނު އެއްޗަކީ ހަމައެކަނި ތަޅާބުރުވަން ފައިސާއެވެ. އޭގެ ހިތި މިއަދު އަަހަންނަށް މިފެންނަނީއެވެ.

މީގެ ހަތަރު އަހަރު ކުރިއެވެ. އަހަރެން ކިޔަވަމުން ގެންދިޔައީ ގުރޭޑް ދިހައެއްގަ އެވެ. މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިއަކަށް ވީމާ އަހަރެންގެ ފެންވަރު އޮޅުނުކަން އަހަރެންވެސް މިއަދު ޤަބޫލުކުރަމެވެ. ބައްޕައަކީ މާލޭ ނެތްފެންވަރުގެ ބޮޑު މުއްސަންޖެކެވެ. މަންމައަކީ ރަށްފުށު ދެރަ ނިކަމެއްޗެއްގެ ދަރިއެއްކަމުން މަންމަ ޖެހޭނީ މަންމައަށް ލިބިފައިވާ ރީތި ބުރުސޫރަ ބޭނުން ކޮށްގެން ބައްޕަގެ ވިޔަފާރި ކުރިއެރުވުމަށް ބައްޕަ ބުނި ކަމެއްކުރާށެވެ. އެކަންކަމާ އަހަރެން ފޫހިވެއެވެ.

އަހަންނަކީ ކިޔަވާހިތްވާ މީހެއްކަމުން ކިޔެވުމަށް މާ ބޮޑުމަސައްކަތެއް ނުކުރިކަމަކު ފާހަގަ ކޮށްލެވޭ މޮޅެތި ވަނަތައް ހޯދުމަކީ މާބޮޑު ކަމެއް ނޫނެވެ. އޯލެވެލްގެ އެންމެ ފަހު ޓެސްޓް ނިންމާލުމަށްފަހު އާދައިގެ މަތިން ހުޅުމާލެއަށް ދިޔައީ ރަޙުމަތްތެރިންނާއެކު ސައިކަލު ބުރުޖަހާށެވެ. ހުރިހާވެސް ކަމެއް މޮޅަށް ދެނެވޮޑިގަންނަވަނީ ހެއްދެވި ފަރާތެވެ. އަހަންނަށް ސަކަރާތްޖަހަމުން ދުއްވުނީ ކިހިނެއް، ކިހައި ބާރުމިނެއްގައިކަން އަދިވެސް އަހަންނަށް ސިނކުޑިއަށް ނަގައިގަންނަން ނޭގެއެވެ. އެނގުނީ ސައިކަލު ކުރިމަތިން އައި ކާރެއްގައި ޖެހި އަހަރެން ވިއްސައިގެން ދިޔަކަމެވެ. ދެން ހޭވެރިކަމެއް ވީއިރު އަހަރެންގެ ފައިގެ އެއްވެސް ހަރަކާތެއް ނެތެވެ.

އެދުވަހުންފެށިގެން މިއަދާ ހަމަައަށްވެސް އަހަރެންގެ ފައިގެ އެއްވެސް ބޭނުމެއްނެތެވެ. އަހަރެންގެ އެކްސިޑެންޓްގެ މަހެއްފަހުން ބައްޕަގެ ހިތް ހުއްޓިގެން ނިޔާވުންވީ އަހަންނަށް ލިބުނު އިތުރު ދެރައަކަށެވެ. ނަމަވެސް ބައްޕަ ނިޔާވިއިރު ހޯދާފައިވާ އަދަދު ނުކުރެވޭވަރުގެ ފައިސާ އަހަންނަށް ވަރަށް ބޭނުންތެރި އެއްޗަކަށް ވިއެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް ގޮސް ކުރެވުނު ފަރުވާތަކުން ފައި ރަނގަޅުވާނެ ކަމުގެ ފުރިހަމަ އުއްމީދު ލިބުންއެއީ ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ. ނަމަވެސް އެކަމަށްވެސް ވަގުތު އިންތިހާއަށް ބޭނުންވެއެވެ. ނަމަވެސް ކިހާ ވަގުތެއް ހެއްޔެވެ. މިހެން އޮވެއޮވެ އަހަރެން ފޫހިވެއްޖެއެވެ. އަހަންނަށް މިހެންއޮވެ ކުރެވެން އޮތް ކަންތައްވެސް މިހާރު ކޮށްނިމެނީއެވެ. އެކަމުގެ ނަތީޖާ ބަލާދާން އަހަރެން ބޭނުންވަނީ އަހަރެން މި ދެފައިން ހިނގާފައެވެ. ފުރޮޅުލީ ގޮނޑިއެއްގައެއް ނޫނެވެ.

ހިޔާލުތަކުގެ ސަފުޙާތައް ފުނޑުފުނޑު ކޮށްލީ މަންމަގެ އަޑެވެ. ވަރަށްލޯބިން އައިސް އަހަންނަށް ގޮވައި ސައިބޯން ތައްޔާރު ކުރަންފެއްޓިއެވެ. މަންމައަށްޓަކައި އަހަރެން އުފާކުރަމެވެ. ބައްޕަގެ ނިޔާވުންވީ މަންމައަށް ލިބެމުން ދިޔަ އަނިޔާ ތަކުން މިންޖުވުން ލިބުނު ކަމަކަށެވެ. މަންމަގެ މޫނުމަތިންވެސް ކުރިން ނުފެންނަ ހިތްހަމަޖެހުމާ ދިރުން ފެންނަމުން ދެއެވެެ. މަންމަގެވެސް އޮތް ހަމައެކަނި ހިތާމައަކީ އަހަރެންގެ ހާލަތެވެ. އެއްވެސް ހިތާމައަކީ އަބަދަށް ދެމިގެންދާނެ އެއްޗެއް ނޫންކަން އެއީ އެންމެންވެސް ދަންނަ ހަޤީގަތެކެވެ. އެއީ އަހަރެންވެސް ޤަބޫލުކުރަން ބޭނުންވާ ހަޤީގަތެކެވެ.

އަހަރެންގެ އަދަދު ނޭގޭ އިންތިޒާރުގެ ނިމުންއައީ އެކަމަށް އަހަރެން އެތައް އިންތިޒާރެއްކުރިފަހުންނެވެ. އިންތިޒާރުގެ ނިމުން ފޮނިވާނޭ ކިޔާ އަޑު އަހަރެން އަހަމެވެ. އަހަރެންވެސް އެދެނީ ހަމަ އެގޮތެވެ. ފައިގެ އޮޕަރޭޝަނަށް ތައްޔާރުވީ ނުހަނު އުންމީދާ އެކުގައެވެ. މާތްﷲއީ އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ކުރައްވާނެ ފަރާތެއްނޫންކަން އަހަރެން ގަބޫލުކުރާ ހާލު އެކަލާނގެ އަށް އަހަރެންގެ އުންމީދުތައް ހަވާލުކުރީމެވެ. ހަމްދު ހުއްޓެވެ. ސޯޅަ ގަޑި އިރުގެ ދިގު އޮޕަރޭޝަނެއް ނިންމައިލީ އުންމީދުން ފުރިގެންވާ ކާމިޔާބަކާއި އެކުގައެވެ. އާނއެކެވެ. އަހަރެންގެ ފައިން ހިނގޭނެ ކަމުގެ ފުރިހަމަ އުންމީދާ އެކުގައެވެ.

އިސާހިތަކު ގިނަދުވަހެއް ނުވެ އަހަރެން އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގެން ފެށުންވީ އަހަންނަށް ވަރައެއް ލިބުންކަހަލަ ކަމަކަށެވެ.
ތެދެކެވެ. އަހަންނަށް ލިބިފައިވީ ތޫނުފިލިކަމާ މަންމަގެ ލޯތްބާ އަޅާލުމާ ބައްޕަގެ އަދަދު ނުކުރެވޭ ފައިސާއާއެކު އަހަންނަށް ހާސިލް ނުކުރެވޭނެ ކަމެއް އޮންނާނެބާއެވެ. ނުހިނގި އިން ދުވަސްތަކުގައި ހެދި އޮންލައިން ކޯސްތަކުގެ ސަބަބުން ޑޮކްޓަރެއްގެ ފާސް ލިބުންވީ ދުރުކަމަކަށް ނޫނެެވެ. އަބަދުވެސް އަހަރެންގެ އުންމީދެއްކަމުގައިވާ ބަލިމީހުނަށް އަޅާލުމުގެ ހުވަފެންވެސް ހަޤީގަތަކަށް ވީއެވެ.

މާ ބުރަ މަސައްކަތަކާާ ނުލާ އަހަންނަށް ރާއްޖޭގެ ހޮސްޕިޓަލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔައެވެ. އެކީގައި މަސައްކަތް ކުރަން ލިބުނު މުވައްޒަފުންނާ އަހަރެންގެ މިޒާޖާ ގުޅުންވީ މަސައްކަތުގެ މާހައުލުގައި ލިބުނު އިތުރު ހިތްހަމަޖެހުމަކަށެވެ. އަހަރެންގެ ހަޔާތުގެ ދެވަނަ ކަޅު ސަފުހާ ލިޔެވެން ފެށުނީ މިހާ ހިސާބުންނެވެ. އުންމީދު ނުކޮށް ހުއްޓާ ވިލާގަނޑު އައިސް އަހަރެން ވަށާލައި ފޮރުވާލިއެވެ. ރަހުމަތުގެ ކަންފުޅެއްވެސް ނެތި އަހަރެން ފިއްތާ ބާރުކޮށްލިއެވެ.

އެކީގައި މަސައްކަތް ކުރަން އުޅުނު އީޖީޕްޓް ގެ ކުއްޖެކެވެ. ލޫޅާފަތި ރީތީގެ ނަންހުސް ރާނީއެކެވެ. ނަމަކީ ވެސް ރާނީއެވެ. ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތުގައި ބެރުޖަހަމުން ދިޔައެވެ. ނަމަވެސް އެބެރުގެ ޑަންޑަން އަޑު ރާގަކަށް ބަދަލުވާނެ ފެށީ ރާނީ އަހަރެންގެ ނަންބަރު ހޯދާ އަހަންނަށް ގުޅި ހިސާބުންނެވެ. ގުޅީ ޕޭޝެންޓެއްގެ ކަމެއްގައި ނަމަވެސް އެއީ އަހަންނަށް ލިބުނު ފެހި ސިގްނަލެއް ކަމުގައި އަހަރެން ދުށީމެވެ.

ފޯނުގެ ކޯލްތައް ގިނަނުކުރި ކަމުގައި ވީނަމަވެސް ވައިބަރ އިން އެތައް ވާހަކަތަކެއް ދެއްކެން ފެށުނެވެ. ފުރަތަމަ ހާލު އަހާލުމަކުންނެވެ. އެއަށްފަހު ރީތި ކަމަށް ތައުރީފު ކުރުމަކުންނެވެ. ދެމީހުންގެ ގުޅުން އިސާހިތަކު ބުރެއްކެތް ނެތި ދުވަން ފެށުނެވެ. ފޯނުންނެވެ. އެކަކު އަނެކަކަށް ފޮޓޯފޮނުވަމުން ގޮސް އެންމެ ހަޑި ފޮޓޯއަށް ދަންދެނެވެ. އެކަކު އަނެކަކުގެ އިހުސާސްތައް ދުވާލަކު އެތައް ފަހަރު އަނެކަކު ކައިރީ ބަންޑުންޖަހަމުންނެވެ. ނަމަވެސް އަޖައިބަކީ މިހުރިހާ ކަމެއް ހަމަ އެކަނި ފޯނުންވާކަމެވެ. ހާމައަށް ފެންނައިރު އެކަކު އަނެކަކު މާބޮޑަށް ދަންނަ ކަމަށްވެސް ނުވުމެވެ.

އަހަންނަށް ރާނީ ނުލާ ނޫޅެވޭ ވަރުވަމުން ދިއުންވީ އަހަރެންގެ ހިތުގައި ގަދަވޭނެއް އުފަން ކުރެވުނުކަމަކަށެވެ. އެންމެ ފަހުން ފޯނުގެ ކުޅިވަރު ހުއްޓައިލާ ކެރިގެން އެކަމާ ކުރިމަތިލާން ނިންމީމެވެ. ނަމަވެސް ތަޤުދީރުގެ ރޭވުން މާމޮޅެވެ. އަހަރެންގެ ހިތުގެ އުދާސްތައް އަހަރެންގެ ހިތުގައި ގާކުރީއެވެ. އަހަރެންގެ ކުރިމަތީގައި އޮތް އެދުވަހުގެ އެންމެ ފުރަތަމަ ޕޭޝަންޓަކީ އަހަރެންގެ ރާނީގެ ފުރާނަނެތް މަސްގަނޑެވެ. އަހަރެންގެ އަތުގައި ޖެހުނީ މިއަށް ހުރިހާ ދުވަހު އަހަންނާ ރާނީގެ ގުޅުން ބަދަހި ކޮއްދިން ރާނީގެ ފޯނެވެ. އަހަރެންގެ ބައިވެރިއެއްގެ ހައިސިއްޔަތުންނެވެ.

މިއަދުވެސް އަހަރެން އެކަނިވެރިކަމުގެ ބައިވެރިއަކީ ހަމަ ފޯނެވެ. ނަމަވެސް ތަފާތަކީ މިއަދު ދެކޮޅުންވެސް މެސެޖު ކުރަނީ އަހަންނެވެ. އުފަލާ ހިތާމައިގެ މެސެޖެވެ. މިހިތުގައި އަދިވެސް އެ ސިއްރު ލޯބީގެ ދިރުން ދެމިއެބައޮތެވެ. މީ އަހަރެން ބޭނުންވާވެސް ގޮތެވެ.

(ނިމުނީ)

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް