އަންނަ ހުކުރު ދުވަހުގެރޭ 22:00 ގައި ޓީވީއެމް އިން ދެއްކުމަށް ޝެޑިއުލްކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ޓެލެޑްރާމާ “ނަކަލު”ގެ ޕްރޮމޯ ލަވަ “މީހެއްގެ ބުއްދިޔާ…” އަޑު އަހައިލުމުން މުޅި ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. ލަވައިގެ އަޑުގެވެރިޔާގެ އަޑުގައި ހުރި ވަރުގަދަކަމާއި އަސަރުންނެވެ. “ނަކަލު” ޑްރާމާގެ ބައެއް މަންޒަރުތަކާއި އެކުގައި ފެނިގެންދިއުމުން ޑްރާމާ ބަލައިލުމުގެ ޝައުޤުވެރިކަން ދެގުނައަށް އިތުރުވެގެން ހިނގައްޖެއެވެ.

ޓެލެވިޛަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ އޮފީސް ޓެލެޑްރާމާ މުބާރާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ގެނެސްދެނީ ތަފާތު ސްޓައިލަކަށް ހުށައަޅައިދޭ ޓެލެޑްރާމާ އެކެވެ. “ނަކަލު” ޑްރާމާގެ ޑައިރެކްޓަރ، މަޝްހޫރު އެކްޓަރ އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) މި ޑްރާމާ އާއިމެދު ބުނެފައިވާހެން “މި ޑްރާމާއިން ގެނެސްދޭ މެސެޖަކީ ސަމާސާއެއް ނޫންކަން.” ޕްރޮމޯ ލަވައިން އެކަނިވެސް ސާބިތުކޮށްދީފިއެވެ.

“ނަކަލު” ޑްރާމާގެ ޕްރޮމޯ ލަވަ “މީހެއްގެ ބުއްދިޔާ…” ގެ އަޑުގެ ވެރިއަކީ އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މަނާލް ސާދާތު އެވެ. ޑްރާމާގެ ޕްރޮމޯ ލަވައާއިއެކު އުފަންވެގެންމިދިޔަ އާ ލަވަކިޔުންތެރިޔާގެ އަޑު އިވުމުން ހަނދާނަށް އަންނަނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޫޝާ އުތަޕް ގެ ހަނދާންތަކެވެ. މަނާލް ސާދާތު ގެ އަޑަކީވެސް އެފަދަ ވަރުގަދަ، އަސަރުގަދަ އަޑެކެވެ.

މަޝްހޫރު ޅެންވެރިޔާ ކޮޕީ މުޙައްމަދު ރަޝީދުގެ ޝާއިރާނާ ޚިޔާލުތަކުން މުއްސަނދިވެފައިވާ ޅެންވެރިކަމާއެކު މަނާލް ސާދާތު ގެ ހުށައެޅުމުގެ ފުރިހަމަކަން އެނގޭނީ ލަވަ އަޑުއަހައިލުމުންނެވެ.

“ނަކަލު” ޑްރާމާގެ ޕްރޮމޯ ލަވަ ކޮމްޕޯސްކުރީ މުޙައްމަދު ފުއާދު އެވެ. މިކްސިން އަދި މާސްޓަރިން ހެދީ މުޙައްމަދު އަޙްމަދު އެވެ.

އެމްއޭސީއެލް ޑްރާމާ “ނަކަލު”ގެ ޑައިރެކްޓަރ ކޮޕީ އިއްސެވެސް ހުރީ ލަވައިގެ އަސަރުގައި ފިސާރި ރަނގަޅަށް ޖެހިފައެވެ.

“ލަވައިގެ ފުރަތަމަ ބައިތު އަޑުއިވުމާއެކު އަހަރެންގެ ފުރާނައިގަ ބީހިލައިފި” ޕްރޮމޯ ލަވަ އާއިމެދު އިއްސެ ބުނެފައިވަނީ މިފަދަ އިބާރާތެކެވެ.

“ނަކަލު” ޑްރާމާ އާމެދު އިއްސެ ބުނަނީ މިއީ ވަރަށް ތަފާތު ޑްރާމާއަކަށް ވާނެކަމަށެވެ.

”މި ޑްރާމާ ބޮޑަށް ދާނީ ސެމީ އާޓް ފިލްމެއްގެ ސިފައިގަ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގަ މި ޒަމާނުގަ ޑްރާމާތައް ހުންނަން ޖެހޭނީ މިކަހަލަ ގޮތަކަށް. ޑްރާމާ ސްޓައިލަށްވުރެ ފިލްމު ލުކް އައިސްފަ. މީ މިހާރު ޑްރާމާ އުފައްދާ ގޮތަކީ. މި ޑްރާމާއިން އަޅުގަނޑު މިދޭ މެސަޖަކީ އެއްވެސް ހާލެއްގަ ސަމާސާއެއް ނޫން. އެންމެން ބަލަން ޖެހޭ ޑްރާމާއެއް މީ.“ އެމްއޭސީއެލް ޑްރާމާ ”ނަކަލު“ އާމެދު ޑައިރެކްޓަރ ކޮޕީ އިއްސެ ބުންޏެވެ.

މޫމިން ފުއާދު ލިޔެފައިވާ ޑްރާމާގެ ސްކްރީންޕްލޭ އާއިމެދު ނިކަން ބޮޑަށް ހިތްހަމަޖެހިފައި ހުރެ ކޮޕީ އިއްސެ ބުނީ މިވަރުގެ ސްކްރީންޕްލޭ އެއް މިފަހަރު ޑްރާމާއެއްގައި ހިމެނިފައި ނުވާނެ ކަމަށެވެ.

މެއި 30 ވަނަ ދުވަހުގެ ރޭ ދެއްކުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ޑްރާމާ ”ނަކަލު”ގެ ވީޑިއޯ މަސައްކަތް ކޮށްފައިވަނީ ’ވޭރިއަސް އާޓްސް‘ އިންނެވެ. ޑްރާމާ ޝޫޓްކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ރ. މާކުރަތުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.