11 މެއި 2019 ދުވަހުގެ އަދަދާއި ގުޅޭ……

ތަމްޙާން އަހަރެންގެ އަރިކަށި މޮޑެދޭން ފެށިއެވެ. އަހަރެން ދެލޯ މަރައިލީމެވެ. އަހަރެން އޭނާއަށް ފުރިހަމައަށް އިތުބާރު ކުރަމެވެ. އަހަރެންގެ ނޭވާ ކުރުވާން ފެށިއެވެ. އެކަމަކު ނިދި އޭގެ މައްޗަށް ގަދަވެގެންފިއެވެ. ނިދިނިދި އޮއްވާ ތަމްޙާން ކޮންމެވެސް އެއްޗެކޭ ބުނިހެން ހީވިއެވެ.

“އަދްފާ، އައި ލަވް ޔޫ.”

********************************

މިރޭ އަދްފާ ނިދަން އޮތް އިރު މާ ރީއްޗެވެ. މިއަދުވެސް އަދުފާގެ ކަމަކީ ނިދުމެވެ. ކުރާނެ އެހެން ކަމެއް ނެތުމުން އަދްފާ ބޭނުންވީ ނިދާށެވެ. ތަމްޙާނަކަށް ނުނިދެއެވެ. ރޭގައި އަދްފާގެ ރަށުގައި، ހިތަދޫގައި އެމީހުން ފިލާތިބި ޖިފުޓިގަނޑުގައި ތިބިއިރު އޭނާއަށް ލޮލުފިޔައެއް ޖެހުނެވެ. ނަމަވެސް މެންދަމު ތިންގަޑި ބައިވިއިރު އޭނާ ހުރީ ހިތަދޫގެ ގޮނޑުދޮށުގައެވެ. އެމީހުން އެރަށުގައި ތިބުން ރައްކާތެރި ނުވާނެތީ ތަމްޙާން ނިންމީ ފަޅުރަށަކަށް ދިއުމަށެވެ. އެކަމަށްޓަކައި އޭނާ އޮތީ އަދްފާ އެބުނާ ‘އެސްކޭޕް ޕްލޭން’ ރާވާފައެވެ. އެރަށުން މީހަކަށް ފުދޭވަރަކަށް ފައިސާ ދީފައި ކުޑަ ލޯންޗެއް އޮތީ ތައްޔާރު ކޮށްފައެވެ. އެ ލޯންޗްގައި އަދުފާ ގޮވައިގެން އޭނާ ދަތުރުކުރީ ހިތަދުއާއި ދިހަ ކިލޯމީޓަރު ދުރުގައިވާ ކުޑަކުޑަ ފަޅުރަށަކަށެވެ. ‘ހަންހުށި’ ނަމަކަށްކިޔާ އެ ފަޅު ރަށާ އެއްމެ ކައިރިއަށްވެސް މީހުން އުޅޭ ރަށަކަށް އޮންނަނީ ލ. މާވަށެވެ. އެއީވެސް ހަންހުއްޓާއި އެއް ފަޅެއްގައި އޮންނަ ރަށެއް ނޫނެވެ. އެހެންކަމުން ތަމްޙާން ނިންމީ އެރަށް، ރައްކާތެރިވާނެ ކަމަށެވެ.

ހަންހުށީ ގައިވެސް ފަނުން ހަދާފައި ހުރި ކުޑަކުޑަ ޖިފުޓިއެއް ހުއްޓެވެ. މިރޭ އެމީހުން އެތިބީ އެ ޖިފުޓީގައެވެ. ޖިފުޓިތެރޭގައި ބަހައްޓާފައި ހުރި އިހުޒަމާނުގެ ރޯނުފުރި އެނދެއްގައެވެ. މިރޭ އަދްފާ އޮތީ ތަމްޙާން ގެ އަތުގައި ބޯއަޅާލައިގެންނެވެ. ތަމްޙާން އާއި ނުހަނު ގާތުގައެވެ.

ތަމްޙާން އޮތީ އަދުފާއަށް ބަލާށެވެ. އޭނާގެ އަތްމަތީގައި ބޯ އަޅައިގެން ނިދަން އޮތްގޮތް ވަރަށް ލޯތްބެވެ. ފުންކޮށް ނޭވާލަމުން ގެންދިޔަގޮތެވެ. މިރޭވެސް އަދްފާ އޮތީ ތަމްޙާންގެ ގަމީސް ލައިގެންނެވެ. އެގަމީސްލައިގެން އެހެން އޮންނައިރު ހާދަ ލޯތްބޭ ތަމްޙާންގެ ހިތަށް އަރަމުން ދިޔައެވެ. ކުޑަކޮށް ގުޅަވެށިލައިގެން އެހެން އޮންނައިރު ކުޑަކުއްޖަކު ނިދަން އޮތްހެން ހީވެއޭވެސް ތަމްޙާންގެ ހިތަށް އަރަމުން ދިޔައެވެ. އެހެން ހިތަށް އެރުމާއެކު ތަމްޙާންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވަމުން ދިޔައެވެ. ފަހަރުގައި ތަމްޙާން އަށް ނުނިދިގެން އެ އުޅެނީވެސް އެކަމާ ހުރެކަމަށްވެސް ވެދާނެއެވެ.

‘އަދްފާ އަހަރެންގެ ގައިގައި ހުރި ޓެޓޫތަކުގެ ވަށައިގެން އިނގިލި ހޭކިއިރު ހާދަ ހިތްގައިމެވެ. އެ އިނގިލިތަކުން އަހަރެންގެ ހަށިގަނޑު ކުޑަކޮށްނަމަވެސް ހޫނުކޮށްދިނެވެ. އަދްފާގެ ކޯތާފަތްމައްޗަށް ލަދުވެތިކަމުގެ ސަބަބުން ޖަންބުކުލަ ވެރިވި ވަގުތު ހާދަހާ ސެކްސީ ވައްތަރެއް ހުއްޓެވެ. އެހެން ނޫނަސް ޓެޓޫ ހުރުމުން ސެކްސީ ވައްތަރެއް ޖަހާކަމަށް ބުނީވެސް އަދްފާއެވެ. މިއީ އަނެއްކާ ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ މިއީ އަހަރެންގެ ޙަޔާތަށް ގެންނަން އެއްމެ އެކަށޭނަ ކުއްޖާ ހެއްޔެވެ؟ އަހަންނާއެކު، އަހަރެން ދާ ތަނަކަށް ދިއުމަށްވެސް އޭނާ އެއޮތީ އެއްބަސް ވެގެންނެވެ. އެކަމަކު އެއީ ކީއްވެގެން ހެއްޔެވެ. އެހާ ފަސޭހައިން ރާއްޖެ ދޫކޮށްފައި ނުވެސް ދަންނަ މީހަކާއެކު ދާން އެއްބަސްވީ ކީއްވެގެން ހެއްޔެވެ؟ މީނަ ބިރެއްވެސް ނުގަންނަނީ ހެއްޔެވެ؟ އެކަކު މިއީ ޤަބޫލުކުރަން ހާދަހާ ދަތި ކަމެކެވެ. ނަމަވެސް މިއީ ވަރަށް ބަރާބަރު ކުއްޖެކެވެ! އެކަމަކުވެސް އަހަރެންފަދަ މީހަކާ އޭނާ ގުޅެން ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ އިތުބާރު ހޯދާފައި، ފަހުން އަހަންނާ ކުރިމަތިލާން ތައްޔާރުވަނީ ނޫންބާވައެވެ؟ ނޫނީ މިއީ އަނެއްކާ ފުލުހެއް ނޫންބާވާއެވެ؟’

ތަމްޙާންގެ ސިކުނޑިތެރޭގައި މިފަދަ އެތައް ޚިޔާލުތަކެއް އެނބުރެމުން ދިޔައެވެ. ނަމަވެސް އިސާހިތަކުން އޭނާގެ އެސްފިޔައަށް ބަރުވާންފަށައިފިއެވެ. މަޑުމަޑުން، ނިދެމުން ނިދެމުންގޮސް ގަދަ ނިދީގެ ކަނޑެއްގެ ތެރެއަށް ޣަރަޤުވެއްޖެއެވެ.

**************************

ތަމްޙާންގެ ދެލޯ ހުޅުވުނެވެ. ހިތްގައިމު ހަމަހިމޭން ނޭވާތަކެއް އަދްފާ ލަމުން ގެންދިޔައެވެ. އެ ނޭވާތައް އެޅެމުންދިޔައީ ހާމަކޮށް އޮތް ތަމްޙާންގެ މޭމައްޗަށެވެ. އޭރުވެސް އަދްފާ އޮތީ ތަމްޙާންގެ އަތްމަތީގައެވެ. ގުޅަވެށިލައިގެންނެވެ. އެކަމާ ތަމްޙާން އޮތީ ވަރަށް އުފަލުންނެވެ. މިއީކީ އޭނާގެ ޙަޔާތުގައި މީގެކުރިން ލިބުނު ނަސީބެއް ނޫނެވެ. އޭނާ އުޅެބޮޑުވީ ހަރުކަށި އިސްލާމީ އުޞޫލުތައް ޤަބޫލުކުރާ ޤައުމެއްގައެވެ. ހުޅަނގުން ސިފަކުރާގޮތުންނަމަ ޓެރަރިސްޓް ޖަމާޢަތެއްގެ ތެރޭގައެވެ. ދީނީ ކަންކަމަކީ އެއްމެ އިސްކަމެއް ދޭ ކަންތައް ކަމުގައި ހަދައިގެންނެވެ. ދީނުގައި އުޅެން އޮތް އެއްމެ ރަނގަޅު ގޮތްތަކަށް އުޅެން ބޭނުންވިޔަސް، ތަމްޙާން އަބަދުވެސް ބޭނުންވަނީ މެދުމިނެވެ. މަޖުބޫރީ ޙާލަތުގެ ސަބަބުން އޭނާ އަށް ކުރިމަތިވެފައި އެވަނީ އޭނާ ބޭނުންވާ ދިރިއުޅުމެއް ނޫންކަމަށް އަބަދުވެސް ޤަބޫލުކުރެވެއެވެ.

އެމީހުންތިބި ހަންހުށި އެއީ ހިތްގައިމު ފަޅުރަށެކެވެ. ހިމަކޮށް، ދިގުކޮށް އޮންނަ ރަށެކެވެ. ރީތި ދޮންވެލި ގޮނޑުދޮށަކާއި މޫދެއް އޮވެއެވެ. އެ ރަށާއި ކައްދޫ އެއަރޕޯޓާއި ދެމެދު ގަޑިއެއްހައި އިރުގެ ދަތުރެއް ކުރަން ޖެހޭނެކަން ތަމްޙާންއަށް އެނގެއެވެ. އެހައިވަރަށް އޭނާވަނީ ހޯމްވޯރކް ހަދާފައެވެ. އޭނާ މާލެދާން ފުރަން އޮތީ ކައްދޫއިން ނެވެ. މާލެއިން ފުރައިގެން ބަންގްލާދޭޝް އަށެވެ. އޭނާގެ އެއްމެ ފަހު މަންޒިލަށެވެ. އެތަނަށް ގޮސް އޭނާ ބޭނުންވަނީ އާދައިގެ ދިރިއުޅުމެއް އުޅޭށެވެ. ޕާކިސްތާނުގައި ތިބި އޭނާގެ މައިންބަފައިންނާއި ޖަމާޢާތުގެ މީހުން ހިތަށްވެސް ނާރާ ހިސާބެއްގައެވެ. އެހެނަސް އޭނާ ހުންނާނީ އަމިއްލަ ވަޒަނާއި ކައިރި ހިސާބެއްގައެވެ. މުސްލިމު ޤައުމެއްގައެވެ. އަދްފާއަށް އެގޮތްވެސް ކަމުދާނެކަން ތަމްޙާންއަށް އޮތީ ޔަޤީން ކުރެވިފައެވެ. ފަސްސަތޭކަ އިންސައްތައަށް ޔަޤީންކަން ނުދެވުނަސް ކޮންމެވެސް ވަރަކަށް ޔަޤީން ކުރެވިފައެވެ.

އަދްފާއަށް ހޭލެވިއްޖެއެވެ. އާފުރިލަމުން ހަށިގަނޑު ދަމާލިއެވެ. އޭނާގެ އިނގިލިތަކުން ތަމްޙާންގެ މޭމަތީގައި ޖެހުނެވެ. ރޭގައިވެސް ކުރެވުނު ހިތްގައިމު އިޙްސާސް އޭނާއަށް ކުރެވުނެވެ. ތަމްޙާންގެ މޭމަތީގައި ހުރި ޓެޓޫތަކުގައި އަތްހޭކިއިރު އޭނާއަށް ހީވީ އެހެން ޢާލަމެއްގައި އުޅެވުނުހެންނެވެ.

“ގޫޑް މޯރނިންގ، ސްލީޕީ ހެޑް.” އަދްފާއާއި ދިމާއަށް ލަދުވެތި ގޮތަކަށް ބަލައިލަމުން ތަމްޙާން ބުންޏެވެ.

“ހައި.” އަދްފާގެ ތުންފަތްމައްޗަށް ލުވި ހިނިތުންވުމެއް ވެރިވިއެވެ.

“އެއްވެސް އިރަކު ބަންގްލާދޭޝް އަށް ދާން ހިތަށް އެރިތަ؟” ތަމްޙާން ބޭނުންވާ ސުވާލު ކޮށްލިއެވެ. އޭނާ ބޭނުންވަނީ އަދްފާގެ އަނގައިން އާނއެކޭ ބުނާ އަޑު އަހާށެވެ.

“ކިހިނެތްވީ؟ އަހަރެން ބޮންދަކާ މެރީކުރުވަން ނިންމީތަ؟ އެހެންވިއްޔާ އެ ބޮންދު ވާންޖެހޭނެ ތަމްޙާން ހައި ސަޅި ބޮންދަކަށް!! ހެއްހެއްހޭ!!”

“ސަމާސައެއް ނޫނޭ! ބަންގްލާދޭޝް ގަ ދިރިއުޅެން ޖެހިއްޖެއްޔާޔޯ؟” ސީރިއަސް ރާގެއްގައި ތަމްޙާން އަނެއްކާވެސް ސުވާލުކުރިއެވެ.

“ތިއީ އަނެއްކާ ބޮންދެއްތަ؟ އެހެންވެ ދޯ ފެން ފަދައިން ދިވެހި ތި އެނގެނީ!” އަދްފާ ވެސް ކުރީ ސުވާލެކެވެ.

މިފަހަރު ތަމްޙާން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާ މަޑުކޮށްގެން އިނީ އަދްފާގެ ޖަވާބަކަށެވެ.

“ތަމްޙާން ގެންދިޔަ ކޮންމެތާކަށް ދާގޮތަށް ހުރި ވާހަކަ ކުރިންވެސް ބުނީމެއްނު. އެހެން ނޫނަސް މީހުން ކިތަންމެ ކަޓް ތަނެއްކަމަށް ހީކުރިއަސް ބަންގްލާދޭޝް އަކީވެސް ސަޅިތަނެއްކަން މަށަށް އެނގޭ. ދެން އަނެއްކާ މަށަށް ހިންދީވެސް އެނގޭ. އެހެންވީމަ އުޅޭކަށް އެހައި އުނދަގުލެއްވެސް ނުވާނެއެއްނު!” އަދްފާ ދިނީ ތަމްޙާން ބޭނުންވިފަދަ ޖަވާބެކެވެ. އަދްފާ ކުޑަކުޑަ ހިނިގަނޑެއް ޖަހައިލިއެވެ. ތަމްޙާން އާއި ކުރިއަށްވުރެވެސް ކައިރިއަށް ޖެހުނެވެ. އެވަގުތު ތަމްޙާންގެ ހިއްސުތައް ހޭލަން ފަށައިފިއެވެ. އޭނާގެ ހިތް އެދެމުން ދިޔައީ އަދްފާގެ ގައިގައި ބާރަށް ބައްދައިގަތުމަށެވެ. ނޫނެކެވެ. ހަމައެކަނި ބައްދައިގަތުމަކަށް ނޫނެވެ. އޮޅުލައިގަތުމަށެވެ. އަދްފާގެ އެ ހިތްގައިމު ދެ ތުންފަތުން ފޮނިފޮނި ލައްޒަތެއް ލިބިގަތުމަށެވެ.

“އެހެންވިއްޔާ ވަރަށް ސަޅި.” މަސްތީ ރާގެއްގައި ތަމްޙާން ބުންޏެވެ.

“އަދި ކިރިޔާ ހެނދުނު ދިހަގަޑި ވިހި އެވީ. އަހަރުމެން ކައްދުއަށްދާން ނައްޓާލާނީ އިރުއޮއްސުނީމަ. އެތަނުން މާލެއަށް.” އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ތަމްޙާންގެ ޕްލޭން އަދްފާއާއި ހިއްސާކުރަން ފެށިއެވެ.

“ވިދާޅުވި ކޮންމެ ގޮތެއް އަޅުގަނޑަށް އޯކޭ!” ނިދީގެ އަސަރާއި އެކުވެސް އަދްފާ ސަމާސާ ކޮށްލިއެވެ.

“ކީއްވެ އެހާ ބޮޑަށް މަށާއެކު ދާން ބޭނުމީ؟” އެއްމެފަހުން ތަމްޙާންގެ ހިތުތެރޭގައި އެނބުރެމުންދިޔަ ސުވާލުތަކުން އެއްމެ މުހިންމު އެއް ސުވާލު ބޭރުކޮށްލިއެވެ.

“ވަރަށް ސިމްޕަލް ތީގެ ޖަވާބު. ސަބަބަކީ އަހަރެންގެ ލައިފްގަ ތިގޮތަށް އަހަރެން ނޯޓިސްކުރި ފުރަތަމަ މީހަކީ ތީ. އަހަރެން ބޭނުންވަނީ ތިކަހަލަ މިނިވަން ޚިޔާލަށް ތާއިދުކުރާ ސަކަ މިޒާޖެއްގެ ވެރިއެއް. އަހަންނަކީ އެމީހަކާ ގުޅޭ މީހެއްކަމަށް ދެކޭ މީހަކާ އަހަރެންވެސް ގުޅެން ބޭނުމީ. ވެދާނެ މިއީ ވަރަށް ހެއްވާ ޖަވާބަކަށްވެސް.” އެނދުން ތެދުވެ އިށީންނަމުން އަދްފާ ޖަވާބު ދިނެވެ. އޭނާ އިނީ ތަމްޙާންއާއި ހަތަރުކަޅި ހަމަކޮށްގެންނެވެ. ވަރަށް ސީރިއަސް ގޮތަކަށެވެ.

“އެއީކީ ހެއްވާ ކަމެއް ނޫން.” ތަމްޙާންގެ އަތް އުފުލާލައި، އަދްފާގެ ދަތްދޮޅި ކޮޅުގައި ފިރުމާލިއެވެ.

“ތޭންކްސް.” ވައި އަޑަކުން އަދްފާ ޝުކުރުއަދާކުރިއެވެ.

ތަމްޙާން ކުޑަކޮށް ބޯ އުފުލާލިއެވެ. މަޑުމަޑުން އޭނާގެ ތުންފަތް ގެންގޮސް އަދްފާގެ ތުންފަތުގައި ޖައްސާލިއެވެ. ތަމްޙާން ގެ އެ ހަރަކާތަށް އަދްފާވެސް އިޖާބަ ދިނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.