ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް މުޖުތަމަޢުގެ އަޅައިލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. އެފަދަ ކުދިންގެ މުހުތާދުތައް ނުވަތަ ހިތުގެ އެދުންތައް ފުއްދައިދިނުމަށް ބައެއް ފަހަރަށް ‘ޗާޓުން ބޭރުން’ ވެސް ބައެއް ކަންކަން ކޮށްލުމަކީ މާބޮޑު މައްސަލައެއް ނޫނެވެ. ހަމަގައިމުވެސް އިންޑިޔާގެ ޗެންނާއީ ފުލުހުން އެކަން މިވަނީ ސާބިތުކޮށްދީފައެވެ. މިއީ2017 ވަނަ އަހަރު އިންޑިޔާގެ ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދި ޚަބަރެކެވެ.

“އަހަންނަކީ ފުލުހެއް.” އުމުރުން 19 އަހަރުގެ ސްޓެވިން މެތިއު ހެދި ބޮޑުވަމުން އައީ ތަސްބީޙައެއް ކިޔާހެން މިިހެން ކިޔަމުންނެވެ. އޭނާ ބަލަމުންދިޔަ ފިލްމުތަކުގެ އަސަރުގެ ސަބަބުންނާވެސް އެކުގައެވެ. ސްޓެވިން މެތިއު އަކީ ޑައުން ސިންޑްރަމް ހުންނަ ކުއްޖެކެވެ. ޑައުން ސިންޑްރަމް ހުންނަ ކުއްޖަކު ފުލުހަކަށް ވުމަކީ ކިތަންމެ ނާދިރު ކަމެއް ނަމަވެސް، ސްޓެވިންގެ މައިންބަފައިން ނިންމީ އެމީހުންގެ ދަރިފުޅުގެ ހުވަފެން އެންމެ ދުވަހަކަށް ނަމަވެސް ހަގީގަތަކަށް ހަދައިދިނުމަށެވެ.

ސަބް އިންސްޕެކްޓަރ ސްޓެވަން ތޯމަސް ޗެންނާއީ ޕޮލިސް ސްޓޭޝަނުގައި

ސްޓެވިންގެ އާއިލާއަކީ ޗެންނާއީ އަށް ނިސްބަތްވާ އާއިލާ އަކަސް މިހާރު އެމީހުން ދިރިއުޅެމުން ގެންދަނީ ގަތަރުގައެވެ. 2017 ވަނަ އަހަރު އެމީހުން ޗެންނާއީއަށް ކުރި ދަތުރެއްގައި ސްޓެވިންގެ ބައްޕަ ރަޖީވް ތޯމަސް ވަރަށް ތަފާތު ހުށައެޅުމެއް ފުލުހުންނަށް ހުށައެޅިއެވެ. ޗެންނާއީ ފުލުހުންގެ ކޮމިޝަނަރާ ބައްދަލުކޮށް އެދުނީ އެއްދުވަސް ވާންދެން އޭނާގެ ދަރިފުޅު ފުލުހުންގެ ޔުނިފޯމް ލައިގެން ފުލުހެއްގެ ގޮތުގައި ފުލުހުންގެ މަރުކަޒުގައި ހަރަކާތްތެރިވެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.

ރަޖީވް އާއި ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ

“ފުލުހުންނަށް އަހަރެންގެ ދަރިފުޅު ފޯރިހުންނަން ފެށީ އޭނާގެ ފޭވަރިޓް ތަރިން ކަމަށްވާ ޝްރޭޝް ގޯޕީ، ވިޖޭ ފަދަ އެހެން ތަރިން ފެންނަން ފެށުމުން. އެހެންވެ އަހަރެން ނިންމީ ޗެންނާއީ ފުލުހުންގެ ކޮމިޝަނަރަށް މެއިލްއަކުން ލިޔަން. އަހަރެން އެކަމަށް އެދުމުން އެމީހުން (ފުލުހުން) އަހަރެންގެ ދަރިފުޅުގެ ގައިން މިންތައް ނަގައިގެން ޔުނިފޯމެއް ފަހައިދިނީ ދެ ތަރިވެސް ޖަހާފަ ޔުނިފޯމު ތައްޔާރުކުރި.”

ބެލެނިވެރިއެއްގެ މި އާދަޔާޚިލާފު އެދުމަށް، ޗެންނާއި ފުލުހުންގެ ކޮމިޝަނަރު ވިންސެންޓް ޖަޔަރާޖް އާއި އިންސްޕެކްޓަރ ސޫރިޔާލިންގަމް އިޖާބަދިނީ ވަރަށް ފުރިހަމައަށެވެ. ފުލުހަކަށް ވާހިތުން އުޅޭ ސްޓެވިން ކައިރިއަށް ޒިޔާރަތްކޮށް ސްޓެވިންގެ ޚާއްޞަ ދުވަހަށް ވާންޖެހޭ ތައްޔާރީތަކުގައި އިސްވެ އުޅުނީ ފުލުހުންގެ ކޮމިޝަނަރާއި އިންސްޕެކްޓަރެވެ.

ކޮންމެއަކަސް ސްޓެވިން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެގެންދިޔަ ދުވަހު، ފުލުހުންގެ ޔުނިފޯމުގައި ސްޓެވިން ފުލުހުންގެ މަރުކަޒަށް ވަނުމާއެކު މާބޮނޑިތަކުން އޭނާއަށް މަރުހަބާ ކިޔެވެ. ވާނީވެސް އެހެންތާއެވެ. ފުލުހުންގެ އިދާރާއަށް ވަދެގެން އެހެރަ އަންނަނީ ސަބް އިންސްޕެކްޓަރ ސްޓެވިން ވިއްޔާ އެވެ.

ސަބް އިންސްޕެކްޓަރ ސްޓެވިން އަށް ޚާއްޞަ މޭޒަކާއި ވޯކީޓޯކީ އެއްވެސް ދެވުނެވެ. އޭނާ ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް އޮޅުންފިލުވައިދިނުމާއެކު ދެ ކޮންސްޓެބަލުންނާއެކުގައި ޕެޓްރޯލް ޑިއުޓީއަށް ފުލުހުންގެ ޖިޕުގައި މަގުމައްޗަށް ނިކުތެވެ. މިއީ ސްޓެވިން އަށް ލިބުނު އެންމެ އުފާވެރި ދުވަސް ހޭދަވި ގޮތުގެ ވަރަށް ކުރުކުރު ޚުލާސާއެކެވެ.

ސްޓެވިން ތަޢުލީމު ހާސިލްކުރަމުން އަންނަނީ އޭނާގެ މައިންބަފައިން ހިންގަމުން ގެންދާ ޚާއްްޞަ ސްކޫލެއްގައެވެ. އެއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އުނގަންނައިދޭ ޚާއްޞަ ސްކޫލެކެވެ. އެފަދަ ކުދިންނާއެކުގައި ވަގުތުތައް ހޭދަކުރާގޮތާމެދު ޑެކާން ކްރޮނިކަލް އަށް ސްޓެވިންގެ ބައްޕަ ބުނީ

“ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން، ބޭނުންވާ ފުރުޞަތުތައް އެކުދިންނަށް ފަހިކޮށްދީ އެކުދިންގެ ހިތުގެ އެދުން ޙާޞިލްކުރުމަށް މަގުފަހިކޮށްދިނުމަކީ އެފަދަކުދިންގެ މައިންބަފައިންނާއި މުޖުތަމަޢުތައް ކޮންމެހެންވެސް ދެނެގަންނަން ޖެހޭކަމެއް.”

ޑައުން ސިންޑްރަމް ހުންނަ ކޮންމެ ކުއްޖަކީ ސްޓެވިން ފަދަ ނަސީބުވެރިއަކަށް ނުވެދާނެ އެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގައި އުޅޭ މިފަދަ ކުދިންނާއި މީހުންނަށް އެ މުޖުތަމަޢުގެ ހުރިހައި ފަރުދުންގެ އެހީތެރިކަމާއި އޯގާތެރިކަން މިފަދަ ގޮތަކަށް ދިނުމަކީ ކޮންމެހެން ކުރާންޖެހޭ ކަމެއްކަމުގައި ދެކެމާތޯއެވެ. ސްޓެވިންގެ ހިތުގެ އެދުން ފުރިހަމަކޮށްދީގެން އެ ކުއްޖާއަށް ލިބިގެން އެދިޔައީ ކިހާ ބޮޑު އުފަލެއްތޯއެވެ.

ޑައުން ސިންޑްރަމް އަކީ ބައްޔެއް ނޫނެވެ. އަޅުގަނޑުމެންގެ ހަށިގަނޑު އުފެދިފައިވަނީ އެތައް މިލިޔަން ސެލްތަކަކުންނެވެ. މީގެން ކޮންމެ ސެލްއެއްގައި 46 “ކްރޮމޮސޯމްސް” ނަމަކަށް ކިޔާ މާއްދާއެއް ހިމެނެއެވެ. ޑައުން ސިންޑްރޮމް ހުރުމަށް މެދުވެރިވަނީ މި ކްރޮމޮސޯމްސް ހިމެނޭ ވަރު އިތުރު ވުމުންނެވެ. އެހެންކަމުން ޑައުން ސިންޑްރޮމް ހުންނަ ކުދިންގެ ސެލްތަކުގައި އެމާއްދާ ހިމެނޭ އަދަދު 47 އަށް އަރައެވެ. އެކަމުގެ ސަބަބުން ދަރިފުޅު ހެދި ބޮޑުވުމާއި، ސިފައަށާއި އަދި ތޫނުފިލިކަމަށް އަސަރުކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.