ދިވެހިބަހުގެ އެކެޑަމީން ފާސްކޮށް އާއްމުކުރަމުން އަންނަ އައު ލަފުޒުތައް، އާއްމުންގެ ސަމާލުކަމަށް ގެނައުމަށް މުނިއަވަސް އިން ވަރަށް ގިނަ ލިޔުންތައް ލިޔެވިފައި ހުންނާނެ އެވެ. ފައްސިކޮށް ލިޔެފައިވާ ލިޔުންތަކެވެ. ނަމަވެސް މިފަހަރު އަޅުގަނޑުގެ ގަލަމުގެ މިސްރާބު ފައްސިކޮށް ދުއްވަން އުޅެއުޅެވެސް ފައްސިކޮށް ނުދުވެ، ނައްސިކޮށް ދުވަން މަޖުބޫރު ކުރުވި ދެތިން ލަފުޒެއް މިހާރު މިވަނީ ފެންމަތިވެފައެވެ.
އާދެ، މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގައި ހުރި ބައެއް ބޯޑުތަކުން އެ ފެންނަ އައު ލަފުޒުތަކަކީ އައިޖީއެމް އެޗްގެ އެދިވަޑައި ގަތުމަކަށް ބަސްކޮމެޓީގެ ފަންނީ ކޮމެޓީން އެ ހޮސްޕިޓަލަށް ގޮސް އެތާ ތިބެ ކޮށްދިން މަސައްކަތެއްކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވެއެވެ. އެތާގައި ތިބެ އެމަސައްކަތް ކުރީ ކަމާބެހޭ ބޭފުޅުންގެ ލަފާފުޅު ވެސް ހޯދަމުން ކަމަށްވެސް ވިދާޅުވެއެވެ.
އެންމެ ބޮޑަށް ފާޑުކިޔަމުންދާ އެއް ލަފުޒު ހެދިގޮތް ދިފާޢު ކުރައްވަމުން އަޝްރަފް ޢަލީ ވިދާޅުވަނީ ސްޓެރައިލް ކޮރިޑޯއަށް ދިވެހި ލަފުޒެއް ހަދަން ބެލި އިރު އެ ލަފުޒަކީ އިނގިރޭސި ބަހުގެ ވެސް މުރައްކަބު ނުވަތަ އެކުވެގެންވާ ނަމެއް ކަމަށެވެ.
“ސްޓެރައިލްއާއި ކޮރިޑޯއާ އެކުވެގެން ހެދިފައި އޮތް ލަފުޒެކެވެ. އޭގެތެރެއިން ކޮރިޑޯގެ މަފުހޫމު އަދާކުރާ ލަފުޒެއް މުނިކާފައި ޒަމާނުއްސުރެ ދިވެހި ބަހުގައި އޮވެއެވެ. އެއީ “ސަރައްކާލި”އެވެ.”
“ސަންސުކްރިތު ޕާލީ ސިންގަޅަ ތަމަޅަ ބަސް ބެލުމަށް ފަހު އަރަބި ބަސް ބެލުމުން ސްޓެރައިލްގެ ބަދަދަލުގައި ޢަޤީމު ބޭނުން ކޮށްފައި ވާތީ ފެނުމުން އެ ލަފުޒު ދިވެހި އަޑުތަކަށާއި ފޮރޮޅުންތަކަށް ފައްތައިގެން އަގީމު ސަރައްކާލި ހެދީިއެވެ.
މި ލަފުޒު ހެދީ ދުނިޔޭގެ ކުރި އަރައިފައިވާ ބަސްބަހުގެ ބަސްވާރުން ވެސް ކަންކުރާ ހަމައިންނެވެ.” މިއީ އެބޭފުޅުން އުފެއްދެވި ލަފުޒުތަކުގެ ދިފާޢުގައި ހާމަކުރެއްވި ބައެއް ނުކުތާ ތަކެވެ.
މިއީ ‘އަގީމު ސަރައްކާލި’ މި ލަފުޒު ހެދިގޮތާމެދު އެބޭފުޅުން ވިދާޅުވާ ގޮތެވެ. ނަމަވެސް، ކިޔައިލަން ފަސޭހަ ނޫން، އިނގިރޭސި ލަފުޒަށް ވުރެން ދުލަށް ކޮށި، ސިކުނޑިއަށް ނަގައިގަންނަން ދަތި ލަފުޒެއް ބަލައިގަންނަން ތިބި ދިވެހީންނަށް އެކަން މިވަނީ ޤަބޫލުކުރެވޭ ކަމަކަށް ނުވެފައެވެ. އެ ލަފުޒުތަކަށް ޖޯކުޖެހުން ވައިގައި ހިފާފައިވަނީ ވެސް އެހެންވެ ކަމަށް ޤަބޫލުކުރެވެއެވެ.
‘ސަރައްކާލި’ މިއީ ބޯދާ ލަފުޒެކެވެ. ދިވެހިން ބަސް މޮށުމުގައި ބޭނުން ނުކުރުމުގެ ސަބަބުން ވަޅުޖެހި، ހިރަފުހުން ރަޖާލެވިފައިވާ ލަފުޒެކެވެ. އެ ލަފުޒު އަލުން ނުދިރޭނެކަން މިއަދު މިވަނީ ސާބިތުވެފައެވެ. ސަރައްކާލި އާއި ދާދި އެއް މާނައެއްގައި މިހާރު އާއްމުކޮށް ބޭނުންކޮށް އުޅެނީ ގޯޅި އެވެ.
ސްމޯކް ސްޓޮޕް ލޮބީ އަށް ‘ދުންމަތަ ލޮބީ’ ކިޔުން ގޯހެއް ނޫނެވެ. ނަމަވެސް ކޮށިކަމެއް ނުވަތަ ކޮންމެވެސް ކަހަލަ އަޅައިގަންނަ ގޮތެއް ހުންނަހެން ހީވޭ ނޫންތޯއެވެ.
ދިވެހިބަހުގެ އެކެޑަމީން އުފަންކުރާ ހުރިހައި ލަފުޒު ތަކަށް އާއްމުން ޖޯކުޖަހައި ހަޖޫޖަހަމުން އަންނަތަނެއް ނުފެނެއެވެ. މިސާލަކަށް ދާދިފަހުން ބަހުގެ އެކެޑަމީން އާއްމުކުރެއްވި ‘ފައްސި- ޕޮޒިޓިވް’ އާއި ‘ނައްސި- ނެގެޓިވް’ އަށް ވެސް މިހާރު މިފެންނަވަރުގެ ފާޑުކިޔުންތަކެއް ކިޔާތީއެއް ނުފެނެއެވެ.
އަޅުގަނޑަކީ ދިވެހިބަހުގެ އެދުރެއް ނޫނެވެ. ބަހުގެ ޑިގިރީއެއް ނެތެވެ. ނަމަވެސް އައު ލަފުޒު އުފެއްދުމުގެ ފިކުރާއި ޚިޔާލު ހުންނާތީ އެކަމުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކޮށް، އަޅުގަނޑު ހުށައެޅި ދެ ލަފުޒެއްވެސް ވަނީ ފާސްކޮށް އާއްމުކޮށްފައެވެ. އާދެ، ‘ހޯމް ރިމެޑީ home remedy އަށް ގެވެށި ފަރުވާ’ އާއި ‘ޓޮލް toll އަށް އަރަދު’ މިއީ އެ ދެ ލަފުޒެވެ. މި ދެ ލަފުޒަށްވެސް ފާޑުކިޔުންތައް ނާދެއެކޭ ނުދަންނަވަމެވެ. ނަމަވެސް މިއީ އަޅުގަނޑު ހިތުން ކިޔައިލަން އެހޭ އުނދަގޫ ނޫން، އިނގިރޭސި ލަފުޒާއި ގުޅުންހުރި ދެ ލަފުޒެވެ.
ބަހުގެ އެކެޑަމީން އުފައްދަމުން ގެންދަވާ ގިނަ ލަފުޒުތައް އަޅުގަނޑަށް ކަމުދެއެވެ. ނަމަވެސް މިފަހުން ވުޖޫދުކޮށްފައިވާ ލަފުޒުތަކަށް އަޅުގަނޑުގެ ޟަމީރަކަށްވެސް އެއްބަހެއް ނުވެވުނެވެ. “ހުތުރު ލަފުޒުތަކެއް ރީތިވާނީ، ކަމުދާނީ ކިހިނަކުންތޯއޭ” ބުނެ އަޅުގަނޑުގެ ޟަމީރުވެސް ލައްކަ ވަރަކަށް ކުދި ކިޔަމުން އެބަގެންދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!