މުޅިރަށް އޮތީ ނިދާ މަރުވެފަ އެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. މާ ދުރުނޫން ހިސާބަކުން ސީލިންގް ފަންކާއެއް ކިރިކިރިލާ އަޑު އިވެއެވެ. ހަމަ އެކަކުވެސް ހޭލާ ނޫޅެނީއެވެ. ކުއްލިއަކަށް ކަންފަތުގައި ޖެހުނީ މާދުރުން އައިއަޑެކެވެ. އެއީ އިންޖީނެއްގެ އަޑެވެ. އެކަމު އެއީ ވަރަށްދުރެވެ. އެކަމު އެތާ ކޮންމެސް މީހަކު ހޭލާ އުޅެފާނެކަން ނޭގެއެވެ. މަޑުމަޑުން އެއަޑާއި ދިމާއަށް ހިނގައިގަނެވުނެވެ. ފުޅާ ހުރަސްމަގުތަކާއި ހަނިގޯޅިތަކެވެ، ބައެއްފަހަރަށް ދެގެ ދޭތެރޭންނެވެ. ފޯނާއި ކުޅެމުން ހިނގަމުން ދަނީ ކުރި ބަލަމުންނެއް ނޫނެވެ. އިންޖީނުގެ އަޑަށް ވިސްނައިގެންނެވެ. މިހެންދަނިކޮށް ކުއްލިއަކަށް ގޯޅިއެއްގެ މެދަށް އަހަރެން އެ ހުއްޓުވައިލީ ހައިރާންކުރުވަނިވި އަޑަކުންނެވެ. އެއީ އަންހެނަކު ގިސްލާއަޑެވެ. ފުހިފުހިފައެވެ. ގިސްލަގިސްލާފައެވެ. މިވާގޮތެއް ބަލަން ހިތް ބުނަން ފަށައިފިއެވެ.

ފޯނު ޖީބަށް ލުމަށްފަހު އަޑު އަންނަ ދިމާ ފާރުމަތިން ބޯދީ ބަލައިލީމެވެ. ފުދޭ ވަރަކަށް އަނދިރިއެވެ. މަގުމަތީ ޖަހާފައި ހުރި ހޮޅިދަނޑިން ކޮންމެވެސް ވަރަކަށް އަލި އެޅިފައި ވެއެވެ. އެ ފަނޑު އަލީގެ ތެރެއިން ތަނެއް ފެންނަވަރުވީ ވަރަށް ބަލައިގެންނެވެ. އަސްކަނިދަށުގައި ހުރި ޖޯލިފަތީގައި އެއިނީ އަންހެނެކެވެ. ރޯންއިން އަންހެނެކެވެ. އެކަމު އެރޮނީ ކީއްވެބާއެވެ!! އެގޭމީހަކަށް ކަމެއްވީ ބާއެވެ؟

މިފަދަ ގިނަ ސުވާލުތަކެއް ހިތަށް އަންނަން ފެށިއެވެ. މިހެން އޮއްވާ ސިއްސުވާލީ ޖެހިގެންހުރިގޭގެ ފެންމޯޓަރު ޖެހުނު އަޑަށެވެ. ފާރުގައި އަޅުވާލައިގެން އޮތް އަތް ފާރުން ނައްޓުވައިލައި ފުންމާލީމެވެ. އަވަސް އަވަހަށް ފޯނު ނަގައި ގަޑި ބަލައިލެވުނެވެ. 4:45ވީ އެވެ. ފަތިސް ނަމާދަށް މީހުން ތެދުވާން ފެށީއެވެ. ބާރަށް ހިނގާފައި ގެއާއި ދިމާއަށް ދާން ހިނގައިގަތީމެވެ. އަދިވެސް ސިކުނޑިތެރޭ އެނބުރެމުންދަނީ އެ ސުވާލު ތަކެވެ. އެ ދަންވަރުގަޑީގައި އެތާ އެ އަންހެންމީހާ ރޯން އިންނަން ޖެހުނު ސަބަބެއް އޮންނާނެތާއޭ ހިތަށް އަރަމުން ދިޔައެވެ.

ގެއަށް ދިޔަ މިސްރާބު ބަދަލުކޮށްލީ ފަތިސްނަމާދުގެ ބަންގީގެ އަޑެވެ. ނަމާދު ކޮށްލައިގެން ގެއަށް ގޮސް ޖައްސައިލިތަނާ އަނެއްކާވެސް އެ ޚިޔާލުތައް އަންނަންފެށިއެވެ. މިހެން އޮއްވައި ނިދުނީ ކިހައި އިރަކު ކަމެއްވެސް ނޭނގެއެވެ.

“ރޭގަނޑުހަތަރުދަމު ހޭލާއުޅެފަ ދުވާލުދާ ހަތަރުދަމު ނިދުން ނޫން ކަމެއް ނޯވޭ. އަޅެކީއްތަވާނީ އަތުންފައިންމަސައްކަތެއްކުރިއްޔާ!”

ކޮންމެ ދުވަހަކު ވެސް ހޭލެނީ މަންމަ އެތިވަރު ގޮވައިގަތުމުންނެވެ. މިހާރު އެބަސްތަކަކީ އިވިއިވި ބާވެފައިވާ ބަސްތަކެކެވެ. މަންމައަށް އެތިވަރުވެސް ގޮވޭނެތާއެވެ. ސުކޫލް ނިމުނުތާ ވެސް އަހަރުވަނީއެވެ. އަހަރެން ކުރާނީވެސް ވަކިން ކީއްހެއްޔެވެ؟ ލައްކަ ތަންތަނަށް ސިޓީވެސް ލެވިއްޖެއެވެ. ވަޒީފާގަނޑެއްވެސް ލިބުނީކީނޫން ވިއްޔާއެވެ.

ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ ސައިތަށްޓެއް ބޮވުނުކަން އެނގުނެވެ. ދުވަހުގެ މަސައްކަތްތައް މަންމަ ގެނެސް އޮއްސައިލީ ފުނިވަރަކަށެވެ. އެސްޓީއޯއިން ހަނޑޫ ބަސްތާއެއް ގަންނަން، ކޮއްކޮ ބަލައި ސުކޫލް ދޮށަށް ދާން، މާމަ ގެއިން ކާށިކޮޅެއް ގެންނަން، މިހެންގޮސް މުޅި ދުވަހަށް ވާވަރަށް މަސައްކަތް ދައްކައިލިއެވެ. ހޭވައްލާ ތައްޔާރެވެ. މަންމަ ވިއްޔާއެވެ. ކޮންމެދުވަހެއްގެވެސް އަހަރެންގެ ޝެޑިއުލް އޮންނާނީ މިކަހަލަގޮތަކަށެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.