އާ ލަފްޒު ހެދުމުގެ އުސޫލުތަކަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ޓްވީޓެއް ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި ދިވެހި ބަހުގެ އެކެޑަމީއަށް ޓެގްކުރައްވައި ޔުމްނާ މިރޭ ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވީ ލަފްޒު ހަދަންވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް ކަމަށާއި އާންމުންގެ ޚިޔާލާވެސް އެކުގައި ކަމަށެވެ.

“މިިކަމާ މި ގެންދަނީ ބަހުގެ އެކަޑަމީ އާ މަޝްވަރާ ކުރަމުން.” ޔުމްނާގެ ޓްވީޓްގައި ވިދާޅުވިއެވެ. މިފަދަ ޓްވީޓެއް ޔުމްނާ ކުރައްވާފައި މިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް ތަންތަނަށް ދިވެހިބަހުގެ އެކެޑަމީން ކިޔާފައިވާ ނަންތައް ކަމު ނުގޮސްގެން އާއްމުންގެ ފާޑުކިޔުންތައް އިތުރުވެ މީޑިއާތަކުގެ ފަލަ ސުރުޚީން ޖާގަ ހޯފާފައިވަނިކޮށެވެ.


ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް ތަންތަނަށް ކިޔުމަށް ހަދާފައިވާ ލަފުޒުތަކުގެ ތެރޭގައި ސިޑިބަރި އަށް ދުމުގެ އަސަރު ކުރާލެއް ކުޑަކުރުމަށް ހަދާފައިވާ “ސްމޯކް ސްޓޮޕް ލޮބީ” އަށް ކިޔާފައިވަނީ “ދުންމަތަ ލޮބީ” އެވެ. ސާފުކޮށްފައިވާ ތަކެތި ރައްކާކުރާ ތަނަކީ “އަރެސް ދޮވެބަހައްޓާ ކޮޓާރު” އެވެ. “ގެވެހިދާރީ ކޮޓަރި” އަކީ ދޮވެ ސާފުކުރާ އެއްޗެއްސާއި ބެޑްޝީޓު ފަދަ އެއްޗެހި ރައްކާކުރާ ތަނެވެ. ދެން ހުރީ “އަގީމު ސަރައްކާލި” ފަދަ ނަންތަކެވެ.

“އަގީމު ސަރައްކާލި” މި ނަމަކީ ޑޮކްޓަރެއްގެ ނަންކަމަށް ހީވާކަމަށް ބުނެ ގިނަ ބަޔަކު ޖޯކުޖަހަމުން ދާއިރު އެ ލަފުޒު ހަދާފައިވާ ގޮތުގެ ދިފާޢުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވަނީ “ސަރައްކާލި: މިއީ އައު ލަފުޒެއް ނޫން. ބޭނުންކުރަމުން އަންނަ އާންމު ލަފުޒެއް. އަޅުގަނޑުމެން ދިވެހިބަހާ ބީރައްޓެހީ. އިލްމީ ގޮތުން މާނަ ކުރުމުގައި ބަސް: މިއީ language ލަފުޒު: މިއީ word ސަލާހުއްދީން ވިދާޅުވަނީ “ބަހަކީ” މީހުން ހަދާ އެއްޗެއް ނޫނޭ. ލަފުޒެއްގެ ވާހަކައެއް ނޫން.” މިހެންނެވެ.

މި ފަހަކަށް އައިސް ދިވެހިބަހުގެ އެކެޑަމީން ފާސްކުރައްވައި އާއްމުކުރައްވަމުން ގެންދަވާ ބައެއް ލަފުޒުތަކަށް އާއްމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އިތުރުވެފައި ވާކަން ފާހަގަ ކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.